(23 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މަންމަގެ ގެއަށް އައިސް ވަނުމާ އެކު ފުރަތަމަ ވެސް އޭނާ ކުރިކަމަކީ ދަރިފުޅުގެ އެއްޗެހި އެއްކުރުމެވެ. އޭނާ ބޭނުންވަނީ އަވަހަށް ދާށެވެ. ޝެހެރޫޒް ހައްޔަރު ކުރިކަން އަދި އެނގޭނީ އަޙްސަނަށް އެކަންޏެވެ. އެކަމަކު މާ ލަސްތަކެއް ނުވެ އެހެން މީހުންނަށްވެސް އެނގިދާނެކަން އޭނާއަށް އެނގެއެވެ.
އެހެން މީހުންނަށް އެނގިގެން އޭނާއަށް މަލާމާތްކުރަން ފެށުމުގެ ކުރިން ދިއުމަކީ އެންމެ މޮޅުގޮތް ކަމުގައި އޭނާއަށް ފެނުނީއެވެ. އަދި އަނެއްކޮޅުން ޚާވަރާ ގުޅައިގެން، އޭނާގެ އެހީގައި ކަމެއް ކުރެވޭތޯ ބެލުމަކީވެސް އޭނާ ކުރަންޖެހިފައިވާ ކަމެކެވެ.
"އިރުއިރުކޮޅާ ގޮސްގޮސްފައި ތިޔަ އަންނަނީ ކޮންތަނަކުންތަ؟ ވެގެން އުޅޭ ކަމެއް ބުނެބަލަ." އޭނާ ދާން ތައްޔާރުވާން ފެށީމާ މަންމަ ޙައިރާންވެފައި އަހައިލިއެވެ.
"އެއްވެސް ކަމެއް ނުވޭ..." އޭނާ ކުޑަކޮށް ހާސްވިއެވެ. "އެއްވެސްކަމެއް ނުވޭ... އަހަރެން ގެއަށް ދަނީ."
"ދާން އުޅެނީ ގެއަކަށްނު؟ އެހެންވީމާ ހަވީރު ދާން މަޑުކޮށްލާ."
"ނޫނޭ. މަޑެއް ނުކުރެވޭނެ. ޝެހެރޫޒް ފަހަރެއްގައި ފޯނުވެސް ކޮށްފާނެ."
"އެއީ އެވަރުގެ ކަމެއްތަ؟ ދިމާ ނުވިއްޔާ ފަހުން ކުރާނެއެއްނު؟"
"އަހަރެން އެހެން ފަހަރަކުން އަންނާނަން." އޭނާ ދަރިފުޅު އުރައިގެން ނުކުމެއްޖެއެވެ.
ގެއަށް އައިސް އެންމެ ފުރަތަމަ ކުރި ކަމަކީ ޚާވަރަށް ފޯނު ކުރުމެވެ. ޚާވަރު ފޯނު ނެގުމާއެކު މިހައި ތަނަށް ކަންތައްތައް ހިނގައި ދިޔަ ގޮތުގެ ތަފްޞިލް އޭނާއަށް ދީފިއެވެ.
"ޚާވަރް. އަވަހަށް ކޮންމެވެސް ކަމެއް ކުރެވޭތޯ ބަލައިދީ. ޝެހެރޫޒް އައިފަހުން އެގާރަ ގަޑިއިރު ވެއްޖެ. އަހަރެން މިއުޅެނީ އޭނާޔާ ބައްދަލުވެސް ނުކުރެވިގެން."
"ހާސްނުވޭ! އަހަރެން ކޮންމެވެސް ކަމެއް ކުރެވޭތޯ އެބަ ބަލަން."
"ހަމައެކަނި ބަލަންވީއެއް ނޫން. ހަވީރު ވާންވާއިރަށް އޭނާ ގެއަށް ގެނެސްދޭން ވާނެ. ފައިސާގެ ފިކުރު ކުރާނެ ކަމެއް ނެތް. ބޭނުން ވަރަކަށް ފައިސާ ދޭން އަހަރެން މިހިރީ ތައްޔާރަށް."
"އެންމެ ރަނގަޅު. އަހަރެންގެ ފޯނަކަށް އިންތިޒާރުކުރޭ." އޭނާ ފޯނު ކަނޑައިލީމާ ޒާރާ ގޮނޑިއެއްގެ މައްޗަށް ވެއްޓިގަތެވެ.
ރޭ އޭނާ ނުވެސް ނިދައެވެ. ހެދުނުއްސުރެ އަދި އެއްވެސް އެއްޗެއް ނުކައެވެ. ނިންޖާއި، ބަނޑުހައިކަމުގެ ސަބަބުން އޭނާއަށް ލިބިފައިވަނީ ވަރަށް ބޮޑު ވަރުބަލިކަމެކެވެ. ހުރިހައި ކަމެއް ހަނދާން ނައްތައިލާފައި ރަޖާ ލައިގެން އޮށޯވެ ނިދަންވީއޭ އެތައް ފަހަރަކު އޭނާގެ ހިތަށް އެރިއެވެ. އެކަމުގެ އެހެން ހެދޭކަށް ނެތެވެ. ޝެހެރޫޒްގެ ސަބަބުން އޭނާއަށް ލިބިފައިވަނީ ވަރަށް ބޮޑު ހާސްކަމެކެވެ. އޭނާގެ ކުރިމަތީގައި ހުރިހައިވެސް އެއްޗަކީ ފައިސާއެވެ. އެއީ ހަގީގަތެކެވެ. އެހެންނަމަވެސް އޭނާ ޝެހެރޫޒް ދެކެ ލޯބިވެސް ވެއެވެ. ޝެހެރޫޒާ އިނުމާއެކު ވަގުތީ ގޮތުން ނަމަވެސް އޭނާގެ އަމިއްލަ އެދުންތައް ގުރުބާން ކުރިއެވެ. އެ ދުވަސްވަރު ވެސް ޝަހެރޫޒާ އިނދެވުމަކީ ކުރެވުނު ނުބައި ކަމެކޭ އޭނާގެ ހިތަށް ފަހަރެއްގައިވެސް ނާރައެވެ. އޭނާގެ އަމިއްލަ އެދުންތައް ކުއްލިއަކަށް ފިޔަ ފަޅައިގެން ނުކުތް އިރުވެސް އެކަހަލަ އެއްޗެކޭ ހިތަކަށް ނާރައެވެ.
"ހަމަ އެކަނި ޚާވަރަށް ބުރަވެގެން ހުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެއެވެ. އަމިއްލައަށްވެސް ކަމެއް ކުރެވޭތޯ ބަލަންވާނެއެވެ."
މިހެން ހިތަށް އެރުމާއެކު ދަރިފުޅާ ދިމާއަށް ބަލައިލުމަށްފަހު ގޮސް ވަނީ ބަދިގެއަށެވެ. ވަރަށް ބަނޑުހައިގެންފައި ހުރިނަމަވެސް ކާ ހިތެއް ނުވެއެވެ. އޭނާ ކޮފީތަށްޓެއް ގިރައިގެން ބަދިގެ ތެރޭގައި ހުރެގެން ބޮއިލިއެވެ. އަދި އެއް ތަށި ގިރައިގެން ނުކުމެގެން އަތުވެއްޖެއެވެ. މި ހުރިހައި ކަމެއް ކުރި އިރު އޭނާ ދިޔައީ ވިސްނަމުންނެވެ. އެހެންނަމަވެސް ހަދާނޭ ގޮތެއް އޭނާގެ ހިތަކަށް ނުވަނެވެ. ވިސްނި ވަރަކަށް ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. ޚާވަރް ފޯނުކުރީ ރޭގަނޑުއެވެ. އޭރު އޭނާ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ފޯނާ ހަމައަށް އާދެވުނީ ވެސް ވަރަށް އުނދަގުލުންނެވެ.
"ފަހަރި... ވަރަށް ބޮޑަށް މާފުކުރޭ. މައްސަލަ އޮތީ ވަރަށް ހޫނުކޮށް."
"ކިހނެއްވީ؟" އޭނާއަށް ވަރަށް ބާރަށް އަހައިލެވުނެވެ.
"ފުރަތަމަ މައްސަލައަކީ އެސްޕީގެ މައްސަލަ. އެއީ އެހެން މީހުންނާ ތަފާތު މީހެއް. އޭނާ ހުރީ އެއްވެސް ކަހަލަ ހުށަހެޅުމެއް ގަބޫލުކުރާ ކަހަލަ ގޮތަކަށް ނޫން. އަނެއްކޮޅުން ޝެހެރޫޒްވެސް އޮތީ މައްސަލަ ބޮޑުވާ ގޮތް ހަދައިފައި."
"ޝެހެރޫޒް ކީއްކުރީ؟"
"އޭނާ އޮތީ ހެރޮއިން ފޮށި ގެނައިކަމަށް އިއުތިރާފުވެފައި." ކުޑައިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު ޚާވަރް އަނެއްކާވެސް ބުންޏެވެ. "އޭނާޔާ ބައްދަލު ވެއްޖެއްޔާ، މަޅިއެއްގައި ޖެހޭ ކަހަލަ ވާހަކައެއް ނުދައްކާށޭ ބުނާތި."
"ޔާރައްބީ..." ރިސީވަރު ހިފަހައްޓައިގެން ހުންނާނޭ ވަރެއް އޭނާގެ ގަޔަކު ނެތެވެ. މަޑުމަޑުން ރިސީވަރު އަތުން ދޫވާން ފަށައިފިއެވެ. އޭނާ ގޮނޑިއެއްގެ މައްޗަށް ވެއްޓިގެންފިއެވެ.
"އަޙްސަން." އޭނާއަށް ބާރަށް ބުނެލެވުނެވެ.
އޭނާ މޮޔަ ވާން ކައިރިވީ ކަހަލައެވެ. އަޙްސަނަކީ އޭނާގެ ކުރިމަތީގައި އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ. އޭނާ އެ ހުރިހައި ކަމެއް އެކުރަނީ ބަދަލު ހިފުމުގެ ގޮތުންނެވެ. ހުރިހައި އިލްޒާމެއް އަޙްސަންގެ ބޮލުގައި އެޅުވުމާއެކު އޭނާ ރުޅި ގަދަވެގެން ދިޔައެވެ. ގޭގެ ރަނގަބީލުގެ އަޑު އިވެއެވެ. އެކަމަކު ދޮރު ހުޅުވާން ދާހައި ހިތްވަރެއް ވެސް އޭނާގެ ގަޔަކުނެތެވެ. ރަނގަބީލުގެ އަޑު އެތައް އިރަކު އިވިފައި އެންމެ ފަހުން ކެނޑިއްޖެއެވެ.
"ޒާރާ..." އެ އިވުނީ އަޙްސަންގެ އަޑެވެ. އޭނާ އެހެން އޮވެފައި ލޯ ހުޅުވައި ބަލައިލިއެވެ. އޭރު އަޙްސަން ވަދެގެން އަންނަނީއެވެ.
"އަހަރެން ރަނގަބީލު ޖަހާތާ ކޮން އިރެއް. މިހާރު މިއައީ ފާރު މަތީން އަރައިގެން." އޭނާ ވަރަށް ފުންކޮށް ޒާރާއާ ދިމާއަށް ބަލައިލިއެވެ. "ނިދަނީތަ؟"
"އެސްޕީ އަޙްސަން ކަމާލް." އޭނާ ދަތްކުނޑި ވިކައިލިއެވެ. "ތިޔަ ގޮތަށް އަހަރެންގެ ގެއަށް ވަނުމުގެ ހުއްދަ ކަލެއަށް ދިނީ ކާކު؟"
"މިއީ އަޚުލާގީ ކުށެއްކަން އަހަންނަށް އެނގޭ." ޒާރާގެ ރާގުގައި ހުރިގޮތް ފާހަގަ ނުކުރާން މަސައްކަތް ކުރަމުން އަޙްސަން ބުނެލިއެވެ.
"އެކަމަކު ޒާރާ ދޮރު ނުހުޅުވީމާ އަހަރެން ހާސްވީ. މިތަނަށް އައުމުގެ ކުރީން އަހަރެން ފޯނުވެސް ކުރިން."
އެ ވަގުތު އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ރިސީވަރަށެވެ.
"އައްދޭ ރިސީވަރު މިއޮތީ ނަގާފައެއްނު؟ ކިހިނެއްވީ؟ ހުރިހައި ގުޅުމެއް ކަނޑާލައިގެން ތިޔަ އުޅެނީ ކީއްވެގެން؟"
"އެއީ ކަލެއަކާ ބެހޭ ކަމެއް ނޫން. އަހަރެން ގުޅުން ކަނޑައިލިޔަސް ގުޅުން އުފެއްދިޔަސް ކަލެއަކާ ނުބެހެވޭނެ. ހަމަ މިހާރު މިގެއިން ނުކުމެގެން ދޭ. އެންމެ ސިކުންތަކުވެސް މިގޭގައި ހުރެގެން ނުވާނެ."
"ފުރަތަމަ އަހަރެންގެ ވާހަކަ އަޑު އަހާބަލަ."
"ކަލޭގެ ވާހަކަ އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން. މި ގެއިން ނުކުމެގެންދޭ. ކަލޭ ދެކޭކަށްވެސް އަހަރެން ބޭނުމެއް ނޫން." އޭނާ މޮޔައެއްހެން އައިސް އަޙްސަންގެ އަތުގައި ހިފައި ދަމައި ބޭރަށް ގެންދާން ފަށައިފިއެވެ. ފެންޑާއާ ހަމައަށް އާދެވުނީމާ އަޙްސަން ގަދަ ހަދައިލިއެވެ.
"މޮޔަވީތަ؟" އަޙްސަން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
ޒާރާ އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ.
"އާނ އަހަރެން މޮޔަވީ. އަހަރެން މޮޔަ ކުރީ ކަލޭ. އަހަރެންގެ އުއްމީދުތައް ފުރިހަމަ ވާތަން ފެނުމަކީ ކަލޭގެ ހިތަކަށް ކުޅަދާނަ ކަމަކަށް ނުވީ."
"އަމިއްލަ ކުށް ގަބޫލުކުރުމުގެ ބަދަލުގައި ހުރިހައި އިލްޒާމެއް އަހަރެންގެ ބޮލުގައި އަޅުވަނީތަ؟"
"އަހަރެން އެއްވެސް ކުށެއް ނުކުރަން." އަދިވެސް އޭނާ ކުށް ގަބޫލު ކުރާކަށް ނޫޅެއެވެ.
"ހިނގައި ދިޔަ އެއްވެސް ކަމަކާ އަހަރެން ދެރައެއް ނުވޭ. އަހަރެން ލައްވައި ކުށަށް އިއުތިރާފް ކުރުވަން ކަލޭ މަސައްކަތް ކުރަނީ ކީއްވެގެން؟ ސިޑިން އެރުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫންކަން ކަލެއަށް އެނގޭނެ. އަހަރެން ބޭނުން ވަނީ ފުންމައިގެންގޮސް އެންމެ މަތީގައި ޖެހުން. އަހަރެންގެ ޚިޔާލު ބަދަލު ކުރުވަން މަސައްކަތް ކުރަން ކަލޭ ތިޔައީ ކާކު؟" އޭނާ ކުޑަ އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކާން ފެށިއެވެ. "އަޙްސަން ކަމާލް... ބުނަންތަ؟ ކަލެއަކަށްވެސް އަހަރެންގެ މަގަށް ހުރަސް އަޅައިގެން މާގިނަ ދުވަހަކު ނުހުރެވޭނެ. ކަލޭ ދުރަށް ލުމުގެ ބާރު އަހަންނަށް ވަނީ ލިބިފައި."
"އަހަރެން ދުރަށްލުމުގެ ބާރު އެއް ދުވަސްވަރެއްގައި ކަލެއަށް އޮތް ޒާރާ އަހްމަދު." އޭނާ ބާރަށް ބުނެލިއެވެ. "އެ ދުވަސްވަރު އަހަރެން ބަލަމުން އައީ ކަލޭގެ އެދުންތަކަކީ މައުސޫމު އާދައެއްކަމަށް. އެ ދުވަސްވަރު އަހަރެން ކަލޭ ދެކެ ލޯބިވީ އެހެންވެގެން. ކަލޭގެ ކޮންމެ އެދުމަކީ އެ ދުވަސްވަރު އަހަރެންގެ މައްޗަށް އަންނަ ހުކުމެއް ކަހަލަ ކަމެއް. އެކަމަކު މިއަދު މައުސޫމުކަމުގެ ނިވަލުގައި އޮތް ކަލޭގެ އަސްލު ސިފަ ފެނިފައި އަހަރެން ބިރުވެސް ގަނޭ. ޒާރާ! ކަލެއަކީ ހަމަ ނަފްރަތުކުރުން ހައްގު މީހެއް. ބޮޑެތި ގާނޫނީ ކުށްކޮށްފައި ތިޔަ އުޅެނީ ބޯ ދަމައިގަންނަން ވެގެން. މިހާރު އަހަރެން މި ގެއަށް މިއައީ ކަލޭގެ ބޮޑުބޭބެގެ ދަރިއަކަށް އަހަރެން ވާތީ ކަލޭ ބޭނުންވާ ގޮތެއް އަހާލަންވެގެން."
ޒާރާ އިރުކޮޅަކު ވިސްނާލަން ހުރެފައި ބުންޏެވެ. "އަހަރެން ބޭނުންވަނީ ކަލެޔާއެކު ވިޔަފާރި ކުރަން."
"ކޮން ކަހަލަ ވިޔަފާރިއެއް؟"
"އަހަރެން ކަލޭ ބުނިވަރަކަށް ފައިސާ ދޭނަން. ޝެހެރޫޒް މައްސަލަ މި ހިސާބުން ނިންމައިލާ."
"ތިޔައީ ވާނޭ ކަމެއް ނޫން."
"އެއީ ކަލޭގެ އިޚުތިޔާރުގައި އޮތް ކަމެއް."
"އަހަރެންގެ އިޚުތިޔާރުގައި އޮތްނަމަ ވިޔަފާރިއެއް ހިންގާކަށް ކަލެއަކަށް ނުޖެހުނީސް."
"ދޮގު."
"އަހަރެންގެ ވާހަކަ ކަލޭ ގަބޫލު ނުކުރާނެކަން އަހަންނަށް އެނގޭ. އެހެންވީމާ އަހަރެން މިއައީ ކަލޭ ބަލައި. ޝެހެރޫޒާ ބައްދަލުކުރަން ހިނގާ."
"ތިޔައީ ހަމަ ތެދެއްތަ؟ އަހަންނަށް ޝެހެރޫޒާ ބައްދަލުކުރުމުގެ ފުރުސަތު ދޭނަންތަ؟" އޭނާ ޔަގީންކަމެއް ނެތް ގޮތެއްގައި އަހައިލިއެވެ.
"އާނ... އަހަރެން މިއައީ ކަލޭ ގޮވައިގެން ފިލާކަށް ނޫން."
"ދަރިފުޅަށް ހަދާނީ ކިހިނެއް؟"
"ދަރިފުޅު ގޮވައިގެން ހިނގާ. އަހަރެން ދަރިފުޅު ގޮވައިގެން ހުންނާނަން."
ޒާރާ ގޭތެރެއަށް ވަންނާން ހިނގައިގަތުމުން އަޙްސަން ބުނެލިއެވެ.
"ރީތިވެގެން ނުކުންނާތި... އެހެން ނޫނީ އަހަރެން ޒާރާގެ ގައިގައި ތަޅައިގަތީއޭ ވެސް ޝެހެރޫޒަށް ހީވެދާނެ." ކަލެއޭ ކިޔައިގެން ވާހަކަ ދެއްކި ރާގު މިހާރު ބަދަލު ވެއްޖެއެވެ.
އޭނާ އަޑު އިވުނުކަމަށް ނުހަދައި ވަދެގެން ހިނގައްޖެއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ޒާރާ ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެއްޖެއެވެ. އޭނާ ފެނުނީމާ އަޙްސަން ތެދުވެއްޖެއެވެ.
"އަހަންނަށް ކުރެވޭނެހައިވެސް ކަމަކީ ބައްދަލު ކުރަން ދީފައި އޮންނަ ވަގުތު ދިގުކޮށް ދިނުން. ޒާރާ ބޭނުން އިރެއް ވާންދެން ޝެހެރޫޒާ ވާހަކަ ދައްކާން ހުރެވިދާނެ."
އަޙްސަން އެންމެ ފުރަތަމަ އޭނާ ގޮވައިގެން ގޮސް ވަނީ އޭނާގެ އޮފީހަށެވެ. ދެން ގޮސް ޒާރާގެ ދަރިފުޅު އުރައިލިއެވެ. އަދި ބައްދަލުކުރާ ކޮޓަރިއަށް ދާށޭ ޒާރާ ގާތު ބުނެފިއެވެ.
ޒާރާ ހިނގައިގެންފިއެވެ. ޝެހެރޫޒްގެ ކުރިމައްޗަށް ދާން އޭނާ މިއަދު ކޮންމެވެސް ވަރަކަށް ޖެހިލުންވެއެވެ. ދެތިން މިނެޓު އިރު ތެރޭގައި އޭނާ ސަލާމަތްކުރާނަމޭ ކިޔައިގެން ދެއްކި ވާހަކަ ތާކުންތާކު ނުޖެހުނީތީ އޭނާ ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރަކީ ފައިސާކަމަށް އޭނާ އޮތީ ބުނެފައެވެ. އެކަމަކު އެބާރު ލިބިފައި އޮތުމާ އެކުވެސް އޭނާއަކަށް އެއްވެސް ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ.
ޝެހެރޫޒް އިސް އުފުލައި ބަލައިލިއެވެ. އޭނާ ލޮލުން އެއްވެސް ކަހަލަ ޝަކުވާއެއްގެ އަސަރެއް ނުފެނެއެވެ. އޭނާ މަޑުމަޑުން ހިނިތުންވެލިއެވެ.
"ޒާރާ... އާދޭ." ދޮރުމަތީގައި އޭނާ ހުއްޓިގެން ހުރީމާ ޝެހެރޫޒް ބުނެލިއެވެ. އޭނާ މަޑުމަޑުން އައިސް ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
"އަހަރެން ހައްޔަރު ކުރީމާ ވަރަށް ހާސްވެގެން އުޅޭނެކަން އަހަންނަށް އެނގޭ. ރޯނެކަންވެސް އެނގޭ." އޭނާގެ ރަތް ދެ ލޮލަށް ބަލައިލާފައި ޝެހެރޫޒް އެހެން ބުނީމާ ޒާރާއަށް ރޮވިއްޖެއެވެ.
"ޒާރާ... ނުރޮއި." އޭނާ ބުނެލިއެވެ.
"ޝެހެރޫޒް... އަހްސަން އެއީ ރަނގަޅު މީހެއް ނޫން."
"އަހްސަނޭ؟" އޭނާ ހައިރާންވެފައި ޒާރާއާ ދިމާއަށް ބަލައިލިއެވެ. "އަހްސަން ކީއްކުރީ؟"
"ޝެހެރޫޒްގެ މައްސަލަ ބޮޑުކުރީ އޭނާ. އޭނާ ބޭނުންނަމަ މައްސަލަ ނިންމައިލެވުނީސް."
"މައްސަލަ ބޮޑު ކުރީ އަޙްސަނޭ ޒާރާ ގާތު ބުނީ ކާކު؟"
"އަހަންނަށް އެނގުނީ... އޭނާ އަހަރެން ދެއްކި އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރި. ބުނި އެއްވެސް ކަމެއް ކޮށެއް ނުދިން. އޭނާ ބުނީ އޭނާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތޭ."
"އެއީ ތެދެއް. މިހާރަކު އޭނާއަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް."
"އެއީ ދޮގު."
"ޒާރާ އަޙްސަނާ މެދު ތިޔަ ކަހަލަ ކުށްހީ ނުކުރޭ." އޭނާ ޒާރާގެ ވާހަކަ މެދުކަނޑައިލިއެވެ. "މިއީ އަހަރެން އަމިއްލައަށް ލިބިގަތް އަދަބެއް."
"އަމިއްލައަށޭ!؟" ޒާރާއަކަށް ނުވިސްނުނެވެ.
"އާނ ޒާރާ." ކުޑައިރުކޮޅަކަށް ހިމޭނުން ހުރުމަށްފަހު ޝެހެރޫޒް ވާހަކަ ދައްކާން ފެށިއެވެ. "އަހަރެން ފުރަތަމަ ދަތުރު ކުރިއިރު ހުރީ ވަރަށް ބިރުން. މައްސަލަ ނުޖެހޭނެ ބާވައޭ ވަރަށް ގިނައިން ހިތަށް އެރި. އެކަމަކު އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. ފައިސާ ހިފައިގެން ގެއަށް އާދެވުނީމާ ވަރަށް ބޮޑަށް އުފާވި. ގޭގެ ހުރިހައި މައްސަލައެއް ހަމަ ޖެހުނީއޭ ހިތަށް އެރި. އެކަމަކު ފައިސާގައި އަތްލާން މަންމަ އިންކާރު ކުރީމާ އަހަރެންގެ ހުރިހައި އުފަލެއް ވެއްޔާ މޮޑެވިގެން ދިޔައީ. މަންމަ އަހަރެން ގެއިންވެސް ނެރެލީ. މަންމަގެ ރުޅީގެ ސަބަބުން އަހަރެންގެ ހިތުގެ ހަމަޖެހުން ނެތިގެން ހިނގައްޖެ. އަހަރެން ކުރީ ނުބައި ކަމެކޭ ހިތަށް އަރާން ފަށައިފި. ތެދަށް ބުނާ ނަމަ އެއްވެސް ބުރައަކާ ނުލައި ލިބުނު ފައިސާގެ މައްޗަށް އަހަރެންގެ ހިތުގައި ނަފްރަތު އުފެދިއްޖެ. ފައިސާތައް ކަނޑަށް އަޅައިލާނަމޭ އެތައް ފަހަރަކު ހިތަށް އެރި. އެކަމަކު ޢާއިލާގައި ހުރީ އަހަރެން އެކަންޏެއް ނޫން. އަނެއްކޮޅުން ޒާރާގެ އުފަލަށްވެސް އަހަރެން ބަލަން ޖެހޭ. އެހެންވީމާ ގެއެއް ގަތީ. އެއަށްފަހު އަހަރެން އުޅެން ޖެހުނީ އަދި މާބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި. ކިރިޔާވެސް އުފަލެއް ލިބެނީ ޒާރާ އުފަލުން ހުންނަތަން ފެނުނީމާ. އަހަރެން ހީކޮށްގެން ހުރީ އަހަންނަށް ލިބޭ މުސާރައިން ދެ މީހުންގެ ދިރިއުޅުމުގެ ކަންތައްތައް ރަނގަޅަށް ހަމަޖައްސައި ލެވިދާނޭކަމަށް. އެކަމަކު އެހެނެއް ނުވި. އަހަރެން ޒާރާ ކުށްވެރި ކުރަނީއޭ އެއްގޮތަކަށްވެސް ހީނުކުރާތި. ގޭގެ ޚަރަދުތައް ހުރީ އަހަރެންގެ އަތް ފޯރާ ވަރަށް ވުރެ މާ މަތީގައި. ޒާރާއަށް ޝަކުވާކުރުމުގެ ފުރުސަތު ލިބުނީ އެހެންވެގެން. އަހަރެން ދެވަނަ ފަހަރަށް ދަތުރު ކުރާން ކަނޑައެޅީ ޒާރާގެ ޝަކުވާތައް ހުއްޓުވާން ވެގެން... އަހަރެން ކުރަނީ ނުބައި ކަމެއްކަން އެނގޭ. އެހެންވީމާ ދެން ދުވަހަކު ވެސް މި ކަހަލަ ކަމެއް ނުކުރާނަމޭ މިއީ އެންމެ ފަހު ފަހަރޭ ހިތުގައި އޮތް." ޝެހެރޫޒް ހިމޭން ވެލިއެވެ.
އިރުކޮޅަކު އެހެން ހުރެފައި އަނެއްކާވެސް ވާހަކަ ދައްކާން ފެށިއެވެ.
"މިފަހަރު އަހަރެން އެއްގޮތަކަށްވެސް ބިރެއް ނުގަނޭ. ކުރީން ތަޖުރިބާ ކުރެވިފައި އޮތް ކަމަކަށްވާތީ ބިރު ނުގަތީކަމަށް ވެދާނެ... އެ ރަށުގައި އެއްވެސް ކަހަލަ މައްސަލައެއް ދިމައެއް ނުވޭ. އެނބުރި އައި މަގުމަތީގައި އެ ރަށުން ބަޔަކާ ދިމާވެގެން އެމީހުން މަސައްކަތެއް ހަވާލުކުރީ. އެ މީހުންވެސް ދިނީ ދަބަހެއް. އަހަރެން ކުރަން ޖެހޭ ކަމަކީ އެ ދަބަސް ގެނެސް މިރަށުގެ މީހަކާ ހަވާލުކުރުން. އަހަރެން ނައިރޯބީން ޒާރާއަށް ފޯނު ކުރިއިރުވެސް އަހަރެން ހުރީ ހަމަޖެހިގެން. އެއްވެސް ކަހަލަ ހާސްކަމެއް ނެތް. ފޯނުކޮށްފައި އަހަރެން ނުކުތް އިރު ބޭރުގައި މެދު އުމުރުގެ އަންހެނަކު އިން. އޭނާގެ ކައިރީގައި ކުޑަ ފިރިހެން ކުއްޖަކު ހުރި. އެ ކުއްޖާގެ ހާލު ވަރަށް ދެރަ. އެ މަންޒަރު ފެނިފައި އަހަރެން ގޮސް އެ އަންހެންމީހާޔާ ވާހަކަ ދައްކައިލިން. އެ މީހާ ބުނީ ދަރިފުޅަށް ހުރީ ހެރޮއިން ބޭނުންކުރުމުގެ އާދަ ހިފިފައޭ. އެހެންވީމާ ދަރިފުޅު ގޮވައިގެން ބޭހަށް ދަނީއޭ އެ މީހާ ބުނި.
ހުރިހައި ބަދަލެއް އައި ވަގުތަކީ އެއީ. އަހަންނަށް އިހްސާސް ކުރެވުނު ގޮތުގައި އެކުއްޖާއަށް ޖެހިފައިވާ ހާލުގެ ޒިންމާދާރަކީ އަހަރެން. އަހަރެން ގެންދިޔަ ހެރޮއިންގެ ބައެއް އެކުއްޖާގެ ނާރުތަކުގައި ހުރިކަމަށް ވުން އެކަށީގެންވެއެއްނު؟ ރަށަށް އައި އިރުވެސް ހިތެއް ހަމައެއްނުޖެހޭ. ކުށްކުރެވުމުގެ އިހްސާސް މާބޮޑަށް ކުރެވޭން ފެށީ. ރަށަށް އައިސް ފޭބުމާއެކު އަހަރެންގެ ޒަމީރު އަހަންނަށް މަލާމާތް ކުރާން ފަށައިފި. ވަށައިގެން ދުވެ އުޅުނު ކުޑަކުދިން ފެނުނީމާ ހިތަށް ކުރި އަސަރެއް ބަޔާންކުރަންވެސް ދަތި. އަހަރެންގެ އަތުގައި ހުރީ އެ ކުދިންގެ މަރުގެ ސާމާނުކަން އެނގުނީމާ ހިނގައެއްވެސް ނުގަނެވުނު. އެ ކުދިންގެ ތެރޭގައި އަހަރެންގެ ދަރިފުޅު ފަހުން ހިމެނުން އެކަށީގެންވެއޭ ހިތަށް އެރި. އެ ކުދިންގެ މައިންނަށް އުފުލާންޖެހޭ ވޭނާއި ހިތާމައިގެ ޒިންމާ އެޅެނީ އަހަރެންގެ ބޮލުގައި. އެ މައިންގެ ތެރޭގައި ޒާރާވެސް ހިމެނުން އެކަށީގެންވޭ. އެހެންވީމާ އަހަރެން ކަނޑައެޅީ އަވަހަށް ފުލުހުންނާ ހަވާލު ވެގަންނާން. އެ ޚިޔާލު ކުރެވުމާއެކު އަހަރެން ދަބަސް ހިފައިގެން ސީދާ އައީ މިތަނަށް. އަހަރެން ދެރައެއްވެސް ނުވޭ. ގެއްލުމެއް ވެއްޖެއެކޭ ހިތަކަށް ނާރާ. މިހާރު އަހަރެން މި ހުންނަނީ ވަރަށް ބޮޑަށް ހަމަޖެހިފައި. ހިތަކު އެއްވެސް މިލައެއް ދިލައެއް ނެތް." އޭނާ ވާހަކަ ހުއްޓައިލާފައި ޒާރާއާ ދިމާއަށް ބަލައިލިއެވެ.
"އަޙްސަން ދެކެ ޒާރާ ރުޅި އައިސްގެން ތިޔަ އުޅެނީ އެއްވެސް ސަބަބެއް އޮވެގެންނެއް ނޫން. އޭނާ އަހަންނަށް ވަރަށް ހެޔޮ. މި ތާނގައި އަޙްސަން އުޅޭނޭ ކަމެއް އަހަންނަކަށް ކުރީން އެނގިފައެއް ނެތް. އަހަރެން މި ތަނަން އައީ ގެޔާ ކައިރީގައި ހުރި ތަނަކަށް ވާތީ، ޒާރާއަށް އަހަންނާ ބައްދަލު ކުރާން އަންނާން ފަސޭހަވާނެތީ. އަޙްސަން ހުއްޓަސް ނުވަތަ އެހެން މީހަކު ހުއްޓަސް އަންނާނޭ މާ ބޮޑު ބަދަލެއް ނޯންނާނެ. އަހަރެން އައީ ކުށަށް އިއުތިރާފް ވާން. ކޮންމެ މީހަކު ހުއްޓަސް އެކަން އަހަރެން ކުރީމުސް. އަހަރެން އަޙްސަންގެ ކުރިމަތީގައި ކުށަށް އިއުތިރާފް ވީމާ ފުރަތަމަ އޭނާ ގަބޫލެއް ނުކުރި. އޭނާ އަހަންނަށް މަޝްވަރާ ދިނީ އެހެން ފުލުސް އޮފީހަކަށް ދާން. އޭނާ ބުނީ ސަލާމަތްވާން ފަސޭހާވާ ކަހަލަ ތަނަކަށް ދާށޭ. އޭނާ ބުނީ ކިތަންމެ ތިމާގެ މީހަކަށް ވިޔަސް އޭނާގެ ދަށުގައި ހައްޔަރުވެއްޖެ ނަމަ ނާޖާއިޒު ލުއިތަކެއް ދޭން މަސައްކަތް ނުކުރާނަމޭ. އެހެންވީމާ އަހަރެން މިތަނަށް އައި އައުމަކީ ވަރަށް ދެރަ ކަމެކޭވެސް އޭނާ ބުނި. އެކަމަކު އަހަރެން އެކަހަލަ އެއްވެސް ކަމަކާ ފިކުރެއް ނުކުރަން. އަހަރެން މިތަނަށް އައީ އަދަބު ލިބިގަންނާން."
އޭނާ މާނޭވައެއް ލިއެވެ. އޭނާގެ ވާހަކަ އެ ހިސާބުން ނިމުނީއެވެ. ދައްކާނޭ އިތުރު ވާހަކައެއްނެތެވެ.
"އަހަރެން ސަލާމަތް ކުރާން ޒާރާ ވަރަށް ބޮޑަށް މަސައްކަތް ކުރާކަން އަހަންނަށް އޮތީ އެނގިފައި. އެއީ ބޭކާރު ކަމެއް. އެކަން ހުއްޓައިލާ. އަހަރެން ބޭނުންވަނީ އަދަބު ލިބިގަންނާން."
"ޒާރާ." އަހްސަން ދޮރުގައި ޓަކި ޖަހައިލިއެވެ. އަދި އެތެރެއަށް ވަންނަމުން ބުނެލިއެވެ. "އަހަންނަކަށް ދެނެއް މި ކުއްޖާފުޅު އޮބަހައްޓައިގެނެއް ނުހުރެވޭނެ. އަހަންނަށް ހީވަނީ މާބޮޑަށް ބަނޑުހައިވީހެން."
"އަސްތާ." ޝެހެރޫޒް ކުއްލިއަކަށް ތެދުވެއްޖެއެވެ. "މިއީ އަހަރެންގެ ދަރިފުޅުތަ؟"
"ކަށަވަރެއްނު؟ މިއީ ހަމަ ޝެހެރޫޒްގެ ދަރިފުޅު." އަޙްސަން އެ ކުޑަދަރިފުޅު ޝެހެރޫޒްގެ އަތަށް ދެމުން ބުނެލިއެވެ. ދެން އޭނާ ބަލައިލީ ޒާރާއާ ދިމާއަށެވެ. ޒާރާ އިސްޖަހައިލައިގެން އިނީއެވެ. ފުރަތަމަ ބަލައިލުމާއެކުވެސް އެ އިނީ ލަދުންކަން ވަރަށް ރަނގަޅަށް އެނގެއެވެ.
"ޝެހެރޫޒް ވަރަށް މޮޅެވެ." އަޙްސަން ހިތާ ހިތާ ކިޔައިލިއެވެ. "މި އަންހެންކުއްޖާއަށް ހެޔޮ ގޮތް ވިސްނައިދެވޭތޯ އަހަރެން އެތައް ދުވަހަކު މަސައްކަތް ކޮށްފީމެވެ. އެކަމެއް ނުވިއެވެ. ޝެހެރޫޒް އެންމެ ފަނަރަ ވަރަކަށް މިނިޓުގެ ތެރޭގައި އޭނާ ހަމަޔަކަށް އަޅުވައިލައިފިއެވެ."
"އަޙްސަން... ޒާރާއާ ބައްދަލުކޮށް ވާހަކަ ދައްކައިލާނޭ ފުރުސަތު ހޯދައި ދިނީތީ ޝުކުރު އަދާކުރަން." ޝެހެރޫޒް ދަރިފުޅު ޒާރާއާ ހަވާލުކުރަމުން ބުނެލިއެވެ. "ދެން އޮތީ އެންމެ އެދުމެއް. ޒާރާގެ ޙާލު ބަލައި ދޭތި."
"ތިޔަ ކަމާ ފިކުރު ނުކުރޭ. އޭނާގެ ޙާލު ބެލުމަކީ އަހަރެންގެ ވާޖިބެއް. އަހަންނާ އޭނާޔާ ތިން ގުޅުމެއް އޮވޭ. ހަތަރުވަނަ..." ޒާރާ ލޮލުން ކަރުނަ ފައިބާތަން ފެނުނީމާ އަޙްސަން ބުނާން އުޅުނު އެއްޗެއް ނުބުނެ ހިނިތުންވެލިއެވެ.
ޒާރާ ޝެހެރޫޒާ ސަލާން ކޮށްލައިފައި އަޙްސަނާ އެކު ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެއްޖެއެވެ.
އެނބުރި ގެއަށް ދިޔަ މަގުމަތީގައި ޒާރާ އަނގަޔަކުން ނުބުނެއެވެ. އަޙްސަންވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ގޭދޮށަށް ފޭބުމަށްފަހު ޒާރާ އަޙްސަނާ ދިމާ އަށް ބަލައިލިއެވެ.
"ދަމުން މަންމަމެން ގެއަށް ވަދެ ޝެހެރޫޒްގެ..." އޭނާއަކަށް އިތުރަކަށް ވާހަކަ އެއް ނުދެއްކުނެވެ.
ދޮރާށި ހުޅުވާފައި އެތެރެއަށް ވަދެއްޖެއެވެ. ދޮރާށި ލެއްޕުނު ފަހުން އެތައް އިރެއް ވީއިރުވެސް އަހްސަން ބަލަހައްޓައިގެން އިނެވެ.
* * *
ކުރީ ދުވަސް ހޭދަވެގެން ދިޔައީ ޝެހެރޫޒްގެ އިންތިޒާރުގައެވެ. މިއަދުގެ ބޮޑު ބައެއް ހޭދަވެގެން ދިޔައީ ދުނިޔޭގައި ލައްވައިފައިވާ އެންމެ ބޮޑު ބާރުކަމުގައި އޭނާ ދެކޭ ފައިސާގައި ބާރު ހުރި ވަރެއް ބެލުމުގައެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އޭނާ ކަހަލަ އެހެން އިންސާނުން ގަންނާށެވެ. އެކަމަކު އޭނާއަށް ވަނީ އެ ކަމުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އޭނާއަށް ފެނިފައިވަނީ އަޒުމް ވަރުގަދަ ބައެކެވެ. ފައިސާއާއި ބާރުގެ ކުރިމަތީގައި އިސްޖަހައި ނުލާ މީހުންނެވެ. އެރޭގެ ހަތަރު ދަން ވޭތުވެގެން ދިޔައީ އަމިއްލަ ނަފްސަށް މަލާމާތްކުރުމުގައެވެ.
އެރޭ ފާއިތުވެގޮސް އިރު އެރި އިރު އޭނާ ހުރީ މުޅިން އައު މީހަކަށްވެފައެވެ. އެދުންތަކުގެ ދުނިޔެއިން ވަކިވެ ހަމަ ބިމަށް ފޭބުނީމާ އޭނާއަށް އިހުސާސް ކުރެވުނު ގޮތުގައި އޭނާ އައީ އޭނާ ދެކެ ވަރަށް ލޯބިވާ ބަޔަކު ދޫކޮށްލާފައިކަމުގައެވެ. އޭނާގެ އެދުންތައް ފުރިހަމަކޮށްދިނުމަށްޓަކައި އެ މީހުންގެ އަމިއްލަ އެދުންތައް ގުރުބާންކޮށްލީ ކިތައް ފަހަރު ހެއްޔެވެ؟ މަންމަގެ ގެއިން ނުކުމެގެން ގޮސް އޭނާއަށް ވަދެވުނީ ހަމަ އެކަހަލަ އެހެން މަންމައެއްގެ ގެއަށެވެ. އެގެއިން އޭނާއަށް ލިބެމުން ދިޔަ ލޯތްބާއި، ގަދަރާއި، އިހްތިރާމްގެ އަގު ވަޒަން ކުރެވޭން ފެށީ މިހާރުއެވެ.
"އަހަރެން އެގެއަށް ގޮސް އަލުން ދިރިއުޅުމެއް ފަށާނީއެވެ." އޭނާގެ ހިތަށް އެރިއެވެ. "އެ ގޭގައި އުޅޭ މީހުންނަކީ އަހަރެންގެ ހުރިހައި ކުށެއް މާފުކޮށް ހަނދާން ނައްތައިލާފައި އަލުން އަހަރެން ބަލައިގަންނަވަރުގެ ރަނގަޅު ބައެއްކަން އަހަންނަށް އެނގެއެވެ."
އޭނާ ޝެހެރޫޒްގެ ގެއިން އައިއިރު ގެނައި އެއްޗެހި އެއްކޮށް ދަބަހަކަށް އަޅާން ފަށައިފިއެވެ.
"އަހަރެން ޝެހެރޫޒް ދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ. އަހަރެންގެ އެދުންތަކަށް ވުރެވެސް ބޮޑަށެވެ." އޭނާ އަނެއްކާވެސް ވިސްނާން ފަށައިފިއެވެ. "އަހަރެންގެ އެދުންތަކާއި ޝެހެރޫޒްގެ ރަނގަޅު ސިފަތައް އަޅައި ބެލީމާ އަހަންނަށް އެނގުނީ ޝެހެރޫޒްގެ ރަނގަޅު ސިފަތަކުގެ ކޮޅަށް މާބޮޑަށް ބުރަވެފައިވާކަމެވެ. އަހަރެންގެ އެދުންތަކުގެ އަސަރުވެސް ވަނީ ފިލައިގެން ގޮސްފައެވެ."
އޭނާ ދާން ތައްޔާރުވީތަނާ އަޙްސަނާއި ޒާރާގެ މަންމައާއި ބައްޕަ އަތުވެއްޖެއެވެ. އަޙްސަން އެ މީހުން ގާތު ބުނީ ކީކޭ ކަމެއް ނޭނގެއެވެ. އޭނާ ފުރަތަމަވެސް ބަލައިލީ އެ ދެ މީހުންގެ ލޮލުގައި އޭނާއަށްޓަކައި މަލާމާތުގެ އަސަރެއް ހުރިތޯއެވެ. އެކަމަކު އެކަހަލަ އެއްވެސް އަސަރެއް ނުފެނުނެވެ. މަންމަ އައިސް އޭނާޔާ އޮޅުލައިގަތެވެ. އަދި ކެތްތެރިވާށޭ ބުނެ ނަސޭހަތް ދޭން ފަށައިފިއެވެ. ބައްޕަވެސް އައިސް އޭނާއަށް ހިތްވަރު ދޭން ފެށީއެވެ. "މަންމަޔާ އެކު ގެއަށް ހިނގާ." މަންމަ ބުނެލިއެވެ.
"ނޫނޭ މަންމާ! އަހަރެން މިދަނީ ޝެހެރޫޒްގެ މަންމަ ކައިރިއަށް. އެ މީހުންނަށް އަހަރެންގެ ބޭނުމެއް އޮންނާނޭ ކަމެއް ބުނާކަށް ނޭނގޭ. އެކަމަކު އަހަރެން ބޭނުން ވަނީ އެމީހުންނާ އެކީގައި އުޅެން. ޝެހެރޫޒާއި މެހެރޫޒް ކަހަލަ ހެޔޮ ލަފާ ކުދީން ތަރުބިއްޔަތުވީ ކަހަލަ ރަނގަޅު މާހަވްލެއްގައި އަހަރެންގެ ދަރިފުޅަށް ތަރުބިއްޔަތު ލިބުމަކީ އަހަރެންގެ އެދުން. އެހެންވެއްޖެ ނަމަ އަހަރެންގެ ދަރިފުޅަކީ ލޯ މަރައިލާފައި އަމިއްލަ އެދުންތައް ފުއްދާން ދުއްވައިގަންނަ ކުއްޖަކަށް ނުވާނެ. އެ ކަހަލަ ފިޔަވަޅެއް އެޅުމުގެ ކުރީން ހެޔޮ ގޮތަކީ ކޮބައިތޯ އަހަރެންގެ ދަރިފުޅު ބަލާނެ."
އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. އަޙްސަން އޭނާޔާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ހިތަށް އެރިއެވެ. މިހާރަކު ޒާރާއަކަށް އެހީތެރިއެއްގެ ބޭނުމެއްނެތެވެ. އޭނާ އެ ދަތުރު ފަށަނީ ހެޔޮމަގުންނެވެ. ދެނެއް މަގު އޮޅިގެނެއް ނުދާނެއެވެ.
(ނިމުނީ)
haadha reecy v.ibraiytheri ehaame kuru vaahakaeh Abdhulla naeem ibraahim shukuran