ސްކޭމްކޮށްގެން ފައިސާ ހޯދި މައްސަލަތަކެއްގަ ތިން މީހުން ހައްޔަރުކޮށްފި

ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ / ފެހިވިނަމާގެ، އަޒުހީމް ސަޢީދު (36އ) އާއި ޏ. ފުވައްމުލައް / ދޫޑިގަން.ގޯލްޑަންގޭޓް، ޢަލީ ޝަފާޒު (31އ) އާއި ސ. ހިތަދޫ / ކުޅިބަލާގެ، މުޙައްމަދު ޖުނައިދު (47އ) އެވެ.

މި ތިންމީހުންގެ ތެރެއިން އަޒުހީމް ސަޢީދު (36އ) ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 3500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މި މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ބަންދު މުއްދަތު ހަމަވާނީ 2026 އެޕްރީލް 27 ވަނަ ދުވަހުއެވެ.

ޢަލީ ޝަފާޒު (31އ) ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 4500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ބަންދު މުއްދަތު ހަމަވާނީ 2026 އެޕްރީލް 12 ވަނަ ދުވަހުއެވެ.

މުޙައްމަދު ޖުނައިދު (47އ) ހައްޔަރުކޮށްފައި ވަނީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29987 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ.

މި މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ބަންދު މުއްދަތު ހަމަވާނީ 2026 އެޕްރީލް 5 ވަނަ ދުވަހުއެވެ.

މި ތިން މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.