( 29 އެޕްރީލް 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ޒުބާއަށް އެނގިފައި އޮތްގޮތުގައި ، ޒުބާގެ ކިޔެވުމަށް ކުރިހާ ޚަރަދެއްކުރީ ބޮޑުދައިތަ ، ސިތާރާއެވެ. އެހެންނަމަވެސް ، ސަމީރުމަނާކޮށްފައި އޮތްނަމަވެސް ، އެ ޙަޤީޤަތް ބުނަންޖެހޭ ވަޤުތު އައިއްސިކަމަށް ބަލައި ، ޒުބާގެ ކިޔެވުމަށް ޚަރަދުކުރީ ޒުބާގެ ބައްޕަކަން ، ސިތާރާ ، ޒުބާއަށް ސާފުކޮށްދިނެވެ.
ސައިމްގެ ހިތުގައި ޒުބާގެ މައްޗަށް އުފެދިފައި އޮތް ލޯބި އަދިވެސް ކުރިން އޮތްގޮތަށް އޮތްކަން ކާފަޔަށްވެސް ، ސައިމް ސާފުކޮށްދިނެވެ. އެވާހަކަ ޒުބާގާތު ބުނެބުނެ އޭނާ ވަރުބަލި ވެއްޖެއެވެ. ސައިމްގެ ހިތަށް ތަސައްލީއެއް ލިބޭނެ ކުޑަވެސް އިޝާރާތެއް ޒުބާގެ ފަރާތަކުން ނުފެނެއެވެ. ކާފަޔަށް ފެނުނުގޮތުގައި އެއީ ، ނުވާނެކަމެއްނޫނެވެ. އެކުއްޖާގެ ހިތުގައިވެސް ސައިމްގެ މައްޗަށް ކުރިންވެސް އުފެދިފައި އޮތް ލޯބި ހަމަ އެގޮތުގައި އޮވެދާނެއެވެ. އެކުއްޖާ އޭނާއަށް ފެނިއްޖެކަމުގައި ސައިމް ބުންޏެވެ. ސައިމް އެދައްކަނީ ކޮންކުއްޖެއްގެ ވާހަކަ ކަމެއް ހާރޫނަކަށް ނޭނގެއެވެ. އެތައް ދުވަހެއް ވަންދެން އޭނާއާ ދުރުގައި ، އޭނާއަށް ފިލައިގެން އުޅުނު އެކުއްޖާ އޭނާއަށް ފެނިއްޖެއެވެ. އެ ޚަބަރު ލިބުމާއެކީ ، ހާރޫނު ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. ސައިމްގެ މަންމަ އޭނާގާތަށް ސައިމް ފޮނުވީ ، އެހުރިހާ ވާހަކައެއް ކިޔައިދީފައި ، ޒުބާގެ ހަނދާންތައް ސައިމްގެ ހިތުން ފުހެލެވޭނެ ގޮތަކަށް ސައިމްގެ ދިރިއުޅުން ބައްޓަންކޮށްދިނުން އެދިއެވެ. އެކަމަކު ، ސައިމްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައި ވަޤުތު ، އެކުއްޖާއާ ސައިމްއާ އަލުން ދިމާވުމުން ، ސައިމްގެ ދިރިއުޅުމަށް އަންނަމުންދިޔަ ބަދަލު ހާރޫނަށްވެސް ފާހަގަ ކުރެވެމުން ދިޔައެވެ. ރަނގަޅަކަށް ކަނީކީ ނޫނެވެ. ހަމަޔަކަށް ނުނިދައެވެ. ސައިމް ކުރަމުން ގެންދާ މަސައްކަތަށްވެސް ކުރިން ދެމުންއައި ވަރަށް ފަރުވާތެރިކަމެއް ނުދެވެއެވެ. ހާރޫނު ކުރިހާ މަސައްކަތެއް ފެނަށް ވެގެން ދިޔައީއެވެ. ހާރޫނާ އޭނާގެ އަންހެންދަރިފުޅު ޙަވާލުކުރި މަސައްކަތަކީ ، އެ އަންހެންކުއްޖާގެ ހަނދާންތަކުން ، ސައިމް ދުރުކޮށްދިނުމެވެ. އެކަން ، ހާރޫނު ކުރިއެވެ. އެކަމަކު ، މިއަދު އަލުން އާދެވިފައި އެއޮތީ ކުރީގެ ޙާލަތަށެވެ. ސައިމްގެ ކަންކަން ބަދަލުވެގެން އެދިޔައީ ، ކާފަގާތަށް ސައިމް އައިއިރު އޮތް ނާޒުކު ޙާލަތަށެވެ.
ޒުބާ އޭނާއާ ބައްދަލުކޮށްލަ ދިނުމަށް ސައިމް އެދުމުން އެކަމަށް ޒުބާ އިންކާރު ކުރިއެވެ. އެއީ މިހާރު ކުރީގެ ޒުބާއެއް ނޫނެވެ. ޒުބާ އޭނާއާ ބައްދަލު ނުކޮށްފިނަމަ ، ބަލިމީހެއްކަމަށް ހެދިގެން ، ޒުބާ މަސައްކަތްކުރާ ހަސްފަތާލަށް ދާނެކަމަށް ސައިމް ބުންޏެވެ. އެއީ ކުރީގެ ސައިމެވެ. ބުނާކަމެއް ބުނާގޮތަކަށް ކުރާ ސައިމެވެ. މިހާރުވެސް އެ ދެމީހުންގެ ދިރިއުޅުމުގައި ދެމީހުންނަށްވެސް އެތައް ގެއްލުންތަކެއް ލިބިއްޖެކަމަށާއި އެކަކުވެސް އިތުރު ގެއްލުމެއްގެ ތެރެޔަށް ނުދިއުމަކީ ރަނގަޅުގޮތްކަމުގައި ޒުބާ ބުނަމުން ގެންދިޔައެވެ.
ޒުބާއަށް ސައިމްދެކެ ލޯބި ވެވުނު ހަނދާނެއް ނެތެވެ. އެހެންނަމަވެސް ، ޒުބާއާ ބައްދަލުކޮށްފައި ، އެކަން ޒުބާއަށްހަނދާން ކޮށްދޭނެކަމަށް ސައިމް ބުންޏެވެ. އިތުރު ވާހަކަ ނުދައްކާ ޒުބާ ފޯނު ކަނޑައިލިއެވެ.
ސައިމް ބުނިގޮތަށް ބަލިމީހަކަށް ހެދިގެން ޒުބާއަށް ދެއްކުމަށްޓަކައި ، ޒުބާ މަސައްކަތްކުރާ ހަސްފަތާލަށް ދިޔައެވެ. ސައިމް އެދިޔައީ ، ޒުބާދެކިލުމަށާއި ޒުބާއާ ވާޙަކަ ދެއްކުމަށްކަމުގައި ސައިމް ބުންޏެވެ. އެހެނަސް ، ޒުބާއަށް ސައިމް ހެދިގޮތުން ސައިމްއަކީ ، އޭނާއަށް ހެޔޮއެދޭމީހެއްކަމަށް ބަލާނެ ފުރުޞަތެއް ނެތެވެ. ވެރިވެހި އޮތް ވާރޭ ތެރެޔަށް އެ އަނދިރި ރޭގެ ދަންވަރު ހޫރާލައި ، ސައިމްގެ ދިރިއުޅުމުން ޒުބާ ނެރެލުމުން ، ޒުބާއަށް ކުރި އަސަރާއި ހިތަށް ލިބުނު ބިރުވެރިކަން އަދިވެސް ޒުބާގެ ހިތުން ފިލައިގެންނެއް ނުދެއެވެ. އެހުރިހާ ކަމެއް އެހެން އޮތް އިރުވެސް ، އެކަންކަން ހަނދާން ނައްތާލައި ، ދާނިޔަލްބޭބެ ސައިމްއަށް އަނިޔާކުރީމަ ، ސައިމްއަށް ގޮވާލަން ޒުބާ ދިޔައެވެ. ސައިމް އޭނާދެކެ ރުޅި އަންނަ ކަމަށް ބުނެ ، ގަދަކަމުން ސައިމްގެ މަންމަ އެތަނުން ޒުބާ ނެރެލިއެވެ. ސައިމްއާ ބައްދަލުކުރުން މަނާ ކުރިއެވެ.
ސައިމްއަށް އެހުރިހާކަމެއް ވިއެވެ. ޒުބާދެކެ ރުޅިވެސް އައެވެ. ހިތުގައި ނަފްރަތުވެސް އުފެދުނެވެ. އެކަމަކު ، މިއަދުވެސް ، ސައިމްގެ ހިތުގައިވަނީ ޒުބާގެ ލޯތްބެވެ. އެ ލޯބި ހަނދާން ނައްތައިލެވޭތޯ ، ސައިމްވެސް ލައްކަ މަސައްކަތް ކުރިއެވެ. އެކަމަކު ، އޭނާއަކަށް އެކަމެއް ނުވިއެވެ. ސައިމްގެ ވާހަކަވެސް ރަނގަޅެވެ. ޒުބާވެސް އެ ދައްކަނީ ހަމަ ރަނގަޅު ވާހަކަ ތަކެކެވެ. ޒުބާގެ ލޮލުން ކަރުނަ ފާއްދާލީމަ ، އެތަނުގައި އިނުން ރަނގަޅުނޫންކަމަށް ބަލައި ، އޭނާ ބަލިމީހުންބަލާ ކޮޓަރިން ޒުބާ ނުކުމެގެން ދިޔައެވެ. އޭރުވެސް ، ސައިމް ގެންދިޔައީ އޭނާގެ ޙަޔާތަށް ޒުބާ އަންނަންޖެހޭކަމަށް ބުނަމުން ، ޒުބާއަށް އާދޭސް ކުރަމުންނެވެ.
ސައިމްގެ ކިބައިން ސަލާމަތްވުމަށްޓަކައި ފިޔަވަޅެއް އަޅަންޖެހޭކަމަށް ޒުބާއަށް ފެނުނެވެ. އެދުވަހު އޭނާ ގެޔަށް ދިޔައީ ، ހަފުތާއެއްގެ ޗުއްޓީއެއް ނަގައިގެންނެވެ. ގެޔަށްގޮސް ، އިސްލާމްއާބާދަށް ، ބައްޕަމެންގާތަށް ދާން ބޭނުންވާކަމަށް ސިތާރާގާތު ޒުބާ ބުންޏެވެ. އެދަވަހުން އެދުވަހަށް ޒުބާ އިސްލާމްއާބާދަށް ނައްޓައިލިއެވެ. ޒުބާ އިސްލާމްއާބާދަށް ދާކަން ، ސިތާރާއާއި ސީމާބާ ދެމައިންނޫން އެހެން މީހަކަށް ނާންގައެވެ. ސީމާބްހުރީ ، ޒުބާދާތީ ހިތްނުތަނަވަސް ވެފައެވެ. ސައިމްއާމެދު އޭނާގެ ޅަ ހިތުގައި އުފެދެމުންދާ އިޙްސާސްތައް ޙިއްޞާކޮށްލަންހުރީވެސް ހަމައެކަނި ޒުބާއެވެ. މަންމަގާތުގައި އެކަހަލަ ވާހަކައެއް ނުދެއްކޭނެއެވެ. އެކަމާ ނައްޓައިގެން ޒުބާ ކާރަށް އެރިއިރުވެސް ، ސަލާމްކޮށްލަންވެސް ސީމާބެއް ނާދެއެވެ.
ޒުބާގެ ހިތުތެރެޔަށް ސައިމް ބޭނުންވާ ވިސްނުން ވެއްދުމަށްޓަކައި ، ސީމާބްގެ ބޭނުން ހިފުމަށް ސައިމް ނިންމިއެވެ. ފަރުބަދަމަތީގައި ހުންނަ ރެސްޓޯރެންޓަކަށް ސީމާބަށް ދަޢުވަތުދީގެން ގެންދިޔައެވެ. އެ ބައްދަލުވުމަށް ދަޢުވަތުދިނީ ސައިމެވެ. ސައިމްގެ ވާހަކައިގައި ޒުބާގެ ނަންގަނެވުނު ހިނދު ، ޒުބާ އޭނާގެ މައިންބަފައިންގާތަށް ، އިސްލާމްއާބާދަށް ހިނގައްޖެކަމުގައި ސީމާބް ބުންޏެވެ. ސައިމް ރޭވިރޭވުން ރޫޅިގެން ދިޔައީއެވެ. އަންގައިވެސް ނުލާ ޒުބާ އެ ދިޔައީއެވެ. ސީމާބަށް ހީވިގޮތުގައި ، އެހާ ދުރުގައި ޕާކިސްތާނުގެ ކަޝްމީރާވީ ފަރާތުގައި އޮންނަ މަރީ ކަހަލަ ރީތި މާޙައުލަކަށް ، ސައިމް އޭނާ އެ ގެނައީ ސައިމްގެ ހިތުގައިވެސް އޭނާގެ މައްޗަށް އިޙްސާސްތަކެއް އޮވެގެންނެވެ. އެއީ ލޯތްބާ ބެހޭ ވާހަކައެއް ދައްކައިލުމަށް އެންމެ އެކަށީގެންވާ ތަނެވެ. އޭނާގެ ހިތުގައި ލޯތްބެއް އުފެދޭހެން ހީވާކަމަށާއި ، ސައިމްގެ ހިތުގައި ކުއްޖަކާމެދު ލޯތްބެއް އުފެދިފައި އޮތްތޯ ސީމާބް ސުއާލު ކުރިއެވެ. ކުއްލިޔަކަށް ސައިމްގެ ފޯނުނަގައި ، އޭނާ ދާން އެބަ ޖެހޭކަމަށް ބުނެ ތެދުވެގެން ހިނގައިގަތެވެ. ސީމާބްގެ ސުއާލަށް ޖަވާޞެއްދޭށޭ ބުނެބުނެ އޮއްވައެވެ.
ޒުބާ ރަށަށްދިޔަކަން ހާރޫނަށް އެނގުނީ ސައިމްގެ ފަރާތުންނެވެ. ހާރޫނަށްވެސް އަންގައިނުލާ ، ޒުބާ ކުއްލިޔަކަށް ފުރައިގެން އެދިޔައީ ސައިމްގެ އުނދަގޫ ބޮޑުވެގެންކަން ހާރޫނަށް އެނގުނެވެ. ޒުބާއަށް އުނދަގޫ ނުކުރުމަށް ކުރިންވެސް ހާރޫނު އޮތީ ސައިމްގާތު ބުނެފައެވެ. އެއީ މިހާރު ޑޮކްޓަރެކެވެ. ކުރީގެ ޒުބާއެއްނޫނެވެ. އެކަން ސައިމްއަށްވެސް އެނގެއެވެ. ދެންވެސް ޒުބާއަށް އެއްވެސް މިންވަރަކަށް އުނދަގޫ ނުކުރުމަށް ހާރޫނު އެދުނެވެ. ސައިމްގެ މަންމަޔާ ވާހަކަ ދައްކައިގެން އެކަން ޙައްލުކޮށްދޭނެކަމަށް ހާރޫނު ބުންޏެވެ. އެހެނަސް ، އެއީ އެއްގޮތަކަށް ކާފަކޮށްގެންވާނެ ކަމެއްނޫންކަމަށް ސައިމް ބުންޏެވެ. މަންމަޔާ އެވާހަކަ ދައްކައިފިނަމަ ވަޤުތުން އެކަމާ އިންކާރު ކުރާނެއެވެ. އެކަމުގައި މަންމަމެން އޮތީ ލައްކަ ސަކަރާތް ޖަހާފައެވެ.
ޒުބާ ގެޔަށް ވަނުމާއެކީ ، ފުރަތަމަވެސް ފެނުނީ އޭނާގެ ބައްޕައެވެ. ދެބަފައިންނަށްވެސް އެކަކުއަނެކަކާ ދިމާލަށް މަޑުމަޑުން ހިނގައި ގަނެވުނެވެ. ޒުބާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ދެބަފައިން ބައްދަލުވުމާއެކީ ، ދެބަފައިންވެސް ދެއަތް އުފުލާލައި މަޢާފަށް އެދުމާއެކު ބައްދައިގަތެވެ. އެއީ ތިން އަހަރުވަންދެން ، އެ ދެބަފައިންވެސް އިންތިޒާރުކުރި ވަޤުތެކެވެ. ސަމީރުގެ ހިތް އުފަލުންގޮސް ފޮޅުނެވެ. ޗޯކީދާރު ގޭތެރެޔަށް ވަދެ ، ޒުބާ އައިވާހަކަ އެންމެންގާތު ބުނުމާއެކީ ، ކޮންމެ މީހަކުވެސް ޒުބާއާ ބައްދަލުވުމަށް އަވަސްވެގަތެވެ. ސަމީނާވެސް މަޑުމަޑުން ޒުބާއާ ގާތަށް ޖެހެމުން ދިޔައެވެ. ޒުބާވެސް ބައްޕަގެ ގައިން ދޫކޮށްލައި މަންމަޔާ ދިމާލަށް ހިނގައިގަތެވެ. ދެމައިންވެސް އެކަކު އަނެކަކަށް ބައްދާލައި ބޮސްދެމުން ގެންދިޔައެވެ. ވީ އުފަލުން ސަމީރުވެސް ޒުބާއާއި ސަމީނާގާތަށް އައިސް އެދެމައިންގެ ލޯބީގެ އެ އުފަލުގައި ބައިވެރިވެ ، ސަމީނާއާއި ސަމީރާ ދެމަފިރިން ޒުބާގެ ގައިގައި ބައްދާލައި ބޮސްދެމުން ގެންދިޔައެވެ. ޒުބާގެ އިސްއުފުލާލައި ، އޭނާއަކީ މިހާރު ޑޮކްޓަރ ޒުބާ ސަމީރު ކަމުގައި ފަޚުރުވެރިކަމާއެކީ ބުނެލިއެވެ. އޭނާ އެވަނީ ބައްޕަގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދީފައެވެ. ދާނިޔަލް ދޮރު ހުޅުވައިލިތަނުން ޒުބާ ފެނިފައި ދޮރުލައްޕައިލިއެވެ. އެކަން ، ޒުބާއަށް އެނގުނެވެ. އެއީ ކަމެއްނޫނޭ ބުނެ ޒުބާ އޭނާގެ މަންމައާއި ބައްޕަޔާ ދިމާލަށް ހިނިތުން ވެލިއެވެ.
ޒުބާ ދެން އަވަސްވެގަތީ ، ރޮޝްނާއާއި ނޫރުއާ ދެމައިންނާ ބައްދަލުކޮށްލުމަށް މަތީ ބުރިޔަށް އެރުމަށެވެ. އެކަމަކު ، އޭރު ރޮޝްނާ އައީ ބާރަށް ސިޑިން ފައިބަމުންނެވެ. ރޮޝްނާ އިނީ ދެވަނަ ކުއްޖާއަށް ބަލިވެއެވެ. ސިޑިން އެހާ ބާރަށް ނުފޭބުމަށް ޒުބާ ގޮވަމުންދިޔަ އަޑެއް ރޮޝްނާއަކަށް ނީވުނެވެ. ސިޑީގެ އެންމެ ފަހު ފަތްގަނޑު މަތީ އަޅައިގެންފައި ރޮޝްނާ ވެއްޓި ޚަބަރު ހުސްވިއެވެ. އެވަޤުތު ދާނިޔަލް އައިސް ޒުބާއާ ދިމާލަށް އެއްޗެތި ކިޔައިގަތެވެ. ގެޔަށް އެޅި ފިޔަވަޅާއެކީ ބަދުނަޞީބު ހިފައިގެން އައިކަމަށް ބުނެ ، ޒުބާ ދެރަކޮށްލިއެވެ. ދާނިޔަލްގެ އެ ޢަމަލު ސަމީރަކަށް ޤަބޫލެއް ނުކުރެވުނެވެ. ޚުދު ، ދާނިޔަލްގެ ބައްޕަވެސް ދާނިޔަލްއާ ދިމާލަށް އެއްޗެތި ކިޔައިގަތެވެ.
" ދާނިޔަލް ބޭބޭއެވެ ! އަހަރެން މީ ކުރީގެ ޒުބާއެއް ނޫނެވެ. އަހަރެންނަކީ މިހާރު ޑޮކްޓަރެކެވެ. އަހަރެން ރޮޝްނާއަށް އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނަމެވެ. އެއީ ، ދާނިޔަލް ބޭބެގެ އަނތްބަކަށްވުމުގެ ކުރިން ، އަހަރެންނާ އެއްބަނޑެއްގައި އޮތް އަހަރެންގެ ލޯބިވާ ، އެއްބަނޑު އެއްބަފާ ދައްތައެވެ. އަހަރެންނަށް ކަމެއް ކޮށްދެންޏާ އަވަހަށް އެމްބިއުލެންސަކަށް ގުޅައި ދޭށެވެ ! އެންމެ މުހިންމީ ، ވީ އެންމެ އަވަހަކަށް ، ރޮޝްނާ ހަސްފަތާލަށް ގެންދިއުމެވެ. " ޒުބާ ބުންޏެވެ.
ހޮސްޕިޓަލަށް ގެންދެވުމާއެކީ ، ރޮޝްނާ ސިޒޭރިއަން ހަދަންޖެހޭކަމަށް ބުންޏެވެ. ބަނޑަށް ހަތްމަސް ވެފައި އޮތުމާއެކީ ، ދަރިފުޅު ސަލާމަތް ކުރެވެން އޮތީ އޮޕަރޭޝަން ކޮށްގެންކަމަށް ޑޮކްޓަރުން ބުންޏެވެ. ރޮޝްނާއާއި ރޮޝްނާގެ ދަރިފުޅަށް އެއްވެސް ގެއްލުމެއްވިޔަކަ ނުދޭނެކަމަށް ޒުބާ ވަޢުދު ވިއެވެ. އޭނާއަކީ ޑޮކްޓަރެކެވެ. ރޮޝްނާގެ ސިޒޭރިއަން ހަދާއިރު ، ތިއޭޓަރގައި ރޮޝްނާގާތު ހުރުމުގެ ހުއްދަ ، ޒުބާ އޮތީ ހޯދާފައެވެ. ދާނިޔަލް މަޑުމަޑުން ޒުބާއާ ގާތަށް ޖެހިލައި މަޢާފު އެދުމާއެކީ ، ޒުބާއަށް ޝުކުރު އަދާކޮށް ، ޒުބާގެ ގައިގައި ބައްދައިލާ ، ނިތްކުރީގައި ބޮސްދިނެވެ.
ރޮޝްނާގެ އޮޕަރޭޝަން ކާމިޔާބެވެ. ދެމައިންގެ ޙާލުވެސް ރަނގަޅެވެ. ކުރިން ރޮޝްނާއަށް ލިބުނީ އަންހެންކުއްޖެކެވެ. މިފަހަރު ފިރިހެން ކުއްޖެކެވެ. އެއީ ، ރޮޝްނާއާއި ދާނިޔަލްވެސް އެދޭ ގޮތެވެ. ރޮޝްނާ ވިހޭ ޚަބަރު ސީމާބުގެ ފަރާތުން ސައިމްއަށް ލިބުމާއެކީ ޒުބާއާއި ގުޅައި މަރުޙަބާ ކިޔެވެ. ޒުބާގެ ޖަވާބަކަށްވީ ކުރީގެވެސް ޖަވާބެވެ. އޭނާއާ އަޅައިގަނެގެން ނުއުޅުމަށެވެ.
ފާއިޤާ ބައްޕަޔާ ބައްދަލުކޮށްލައި ސައިމްގެ ކަންތައްތައް ހުރިނެތްގޮތެއް ބަލައިލުމަށް ކަރާޗީއަށް އައެވެ. ފާއިޤާ އައިތަނުން ތިމަންން މިދަނީ އިސްލާމްއާބާދަށޭ ބުނެ ސައިމް ގެއިން ނައްޓއިލިއެވެ. ފާއިޤާ ހީކުރީ އެއީ ސަމާސާއަކަށް ސައިމް ބުނި ވާހަކައެއް ކަމަށެވެ. ބޭރަށްދާންވެގެން ބަހަނާއެއް ދެއްކީ ކަމަށެވެ. އެކަމަކު ، އަޞްލުގައިވެސް ސައިމް ދިޔައީ ރޭލު ސްޓޭޝަނަށްގޮސް ޓިކެޓެއް ނަގައިގެން އިސްލާމް އާބާދަށެވެ. ފާއިޤާއަށް އެގެއިން ސީމާބާ ބައްދަލުވިއެވެ. ސީމާބަކީ ބައްޕަޔާ އެހާ ގާތްކުއްޖަކަށްވާއިރު ، އެއީ ކޮންކުއްޖެއްކަން ނޭނގިގެން ފާޢިޤާގެ ހަނދާނަށް ކޮންމެވެސް ގޮތަކުން އެކުއްޖާ އާދޭތޯ ވިސްނަމުން ދިޔައެވެ. ލަފާކޮށްލާފައި އެއީ ސީމާބްތޯ ފާއިޤާ އެހިއެވެ. އޭނާގެ ލަފާ ސީދާވިއެވެ. ފާއިޤާވެސް އެއީ ސައިމްގ މަންމަގެ ގޮތުގައި ތަޢާރުފް ވެލިއެވެ. ސައިމްގެ މަންމަ އެހާ ޅަވާނެކަމަކަށް ސީމާބަށް ހީކުރެވިފައެއް ނެތެވެ. ކާފަ އެާ މުސްކުޅިއިރު ، ކާފަގެ އެހާ ޅަ ދަރިޔަކު ހުންނާނެކަމަށް އެއްވެސް މީހަކު ހިއެއް ނުކުރާނެއެވެ. ސައިމްގެ މަންމަ ހީވަނީ ސައިމްގެ ދައްތައެއްހެން ކަމަށް ބުނެ ސީމާބް ސަމާސާ ކޮށްލިއެވެ. އަދި ސައިމް ކޮބައިތޯ ސުއާލު ކޮށްލިއެވެ. ސައިމް ހަމަ ދެންމެ އެދިޔައީ ބޭރަށްކަމުގައި ފާއިޤާ ބުންޏެވެ.
ރޮޝްނާ ގެޔަށް ބެނެވިއްޖެއެވެ. ރޮޝްނާއާއި ބޭބީ ގެންގުޅެވެނީ ޑރ. ޒުބާގެ އިރުޝާދާއި ލަފާގެ ދަށުންނެވެ. ވީހާގިނަ ވަޤުތެއް ރޮޝްނާއާއެކީ ހޭދަ ކުރެވޭތޯ ޒުބާވެސް ބަލަމުން ގެންދިޔައެވެ. އޭނާޣެ ދައްތަޔާ އެކަނިންތިބެ ވާހަކަ ދައްކައި ނުލާތާ މިހާރު ތިންއަހަރު ވީއެވެ.
ސައިމްއަކީ މިހާރު ވަރަށް މަޝްހޫރު ލަވަކިޔުންތެރިއެއްކަމަށާއި ސައިމްއާ ދިމާނުވޭތޯ ރޮޝްނާ ސުއާލު ކުރިއެވެ. ސައިމްއާ ދިމާވިކަމަށް ހެދޭކަށް ޒުބާ ބޭނުމެއް ނުވިއެވެ. މަޝްހޫރު ލަވަކިޔުންތެރިޔެއްކަން އެނގޭކަމަށާއި ސައިމްއާ ދިމާނުވާކަމަށް ޒުބާ ބުނުމާއެކީ ، ކައިވެންޏެއްކުރަން ނުވިސްނަންތޯ ރޮޝްނާ ސުއާލު ކުރިއެވެ. ރޮޝްނާގެ ވަރަށް ގިނަ ސުއާލުތައް ހުންނާނެކަން ޒުބާއަށް އެނގެއެވެ. އެވާހަކަތައް ދައްކާކަށް ޒުބާ ބޭނުމެއްނޫނެވެ. ޒުބާގެ ފޯނު ރިންގވުމާއެކީ ބަލައިލިއިރު އެއީ ސައިމްއެވެ. ސައިމް ޒުބާއ ވާހަކަ ދައްކަން އުޅޭކަން ގޭގެ އެއްވެސްމީހަކަށް އެނގޭކަށް ޒުބާ ނޭދެއެވެ. އެހެންކަމުން ފޯނު ކަނޑައިނުލާ ޓެރަސްމައްޗަށް އަރައި ފޯނު ނެގިއެވެ.
" އަހަރެންވެސް މިއައީ އިސްލާމްއާބާދަށެވެ. ކުރިން އަހަރެމެން އެންމެ ގިނައިން ބައްދަލުކުރާ ތަނަށް ހަވީރު ފަހެއްޖަހާއިރު އަންނާށެވެ ! ނައިއްސިއްޔާ ދެންލިބޭ ހިތާމަވެރި ޚަބަރަކަށް އިންތިޒާރު ކުރާށެވެ ! " ސައިމް ، މާގިނަ ވާހަކައެއް ނުދައްކައެވެ.
ސައިމް ބުނިތަނަށް ޒުބާ ދިޔައެވެ. ސައިމް ބޭނުންވީ ހުރިހާކަމެއް ހަނދާން ނައްތާލާފައި ، އެމީހުން އަލުން އާ ފެށުމަކުން ފެށުމަށެވެ. ޒުބާއަށް ފެންނަ ގޮތުގައި ފަށާކަށް އާކަމެއް ނެތެވެ. އެދެމީހުންގެ ބާބު އެއޮތީ ނިމިފައެވެ. އިތުރަށް ލިޔާނެ އެއްޗެއްވެސް އަދި އެޅޭނެ ފިޔަވަޅެއްވެސް ނެތެވެ. އޭނާއަށް ސައިމްގެ ފަރާތުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. މުޅިންވެސް ލިބުނީ ތަކްލީފެވެ. ޢާއިލާއަށްވެސް ސައިމްގެ ފަރާތުން ލިބުނީ ތަކްލީފެވެ. ތިން އަހަރުވަންދެން ޒުބާގެ މައިންބަފައިންނާ ދުރުގައި އުޅެންޖެހުން އެކަނިވެސް އެއީ ވަރަށްބޮޑު ތަކްލީފެކެވެ. އޭނާއާ އޭނާގެ ލޯބިވާ އެންމެންނާ ގުޅުން ކެނޑިގެން ދިޔައީ ، ސައިމް އެބުނާ ލޯތްބާ ހެދިއެވެ. އެވަރުގެކަމެއް އަލުން ފަށާކަށް ޒުބާ ބޭނުމެއްނޫނެވެ. ( ނުނިމޭ )


ވ.ރީތި ޝުކުރަން