ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިންޑިޔާއަށް ވަޑައިގަންނަވަނީ

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓ-ޒަރްދާރީ

އަންނަ މޭ މަހު އިންޑިޔާގެ ގޯއާގައި އޮންނަ ޝެންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ-ޒަރްދާރީ އިންޑިޔާއަށް ވަޑައިގަންނަވާނެކަން ޕާކިސްތާނުން ހާމަކުރައްވައިފިއެވެ. މި ދަތުރުފުޅު ވެގެންދާނީ ފާއިތުވި 12 އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރަކު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

"އިންޑިޔާގެ ގޯއާގައި 2023 މޭމަހުގެ 4 އިން 5 އަށް ބާއްވާ ޝެންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ކައުންސިލް އޮފް ފޮރިން މިނިސްޓާސް (އެސްސީއޯ ސީއެފެއެމް) ގެ ބައްދަލުވުގައި ބައިވެރިވާ ޕާކިސްތާނުގެ ވަފުދުގެ ވެރިއަކަށް ހުންނަވާނީ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ-ޒަރްދާރީ." ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މުމްތާޒް ޒަހްރާ ބަލޯޗް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރަކު އެންމެ ފަހުން އިންޑިޔާއަށް ވަޑައިގެންފައި ވަނީ 2011 ވަނަ އަހަރުއެވެ. އެފަހަރު އިންޑިޔާއަށް ވަޑައިގެންފައި ވަނީ އޭރުގެ ޚާރިޖީ ވަޒީރު ހީނާ ރައްބާނީއެވެ. އަދި ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކުވެސް އިންޑިޔާއަށް އެންމެ ފަހުން ވަޑައިގެންފައި ވަނީ 2016 ވަނަ އަހަރުއެވެ. އެ ފަހަރު އިންޑީއަށް ވަޑައިގެންފައި ވަނީ ފޮރިން ސެކްރެޓަރީ އައިޒާޒް ޗައުދަރީއެވެ.

"އެސްސީއޯ ސީއެފްއެމްގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ބައިވެރިވަޑައިގަންނަވަނީ އެސްސީއޯ ސީއެފްއެމްގެ މިހާރުގެ ޗެއާ ޑރ. އެސް. ޖައިޝަންކަރުގެ ދައުވަތަކަށް." ތަރުޖަމާނު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިންޑިޔާއަށް ވަޑައިގަތުމަކީ ދެގައުމުގެ ގުޅުން ރަނގަޅުކުރުމަށް ލިބޭ ފުރުސަތަކަށް ވާއިރު، ފާއިތުވި އަހަރުތަކުގައި ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ބައިނަލްއަގުވާމީ ގުޅުންތައް ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ ހުމާ ބަޤާއީ ދެކެވަޑައިގަންނަވަނީ ޚާރިޖީ ވަޒީރުގެ ދަތުރުފުޅަކީ "އީޖާބީ" ފިޔަވަޅެއް ކަމުގައެވެ.

"އަހަރުތަކެއް ވަންދެން އަހަރުމެން މިތިބީ ކަޝްމީރު މައްސަލައިގެ ރަހީނުންނަށް ވެފައި. މިކަމުން ގެއްލުންވާ ބަޔަކީ ދެގައުމުގެ (އިންޑިޔާއާއި ޕާކިސްތާނުގެ) އާއްމުން." ހުމާ ބަޤާއީ ވިދާޅުވިއެވެ.

އިނގިރޭސިންގެ ދަށުން އިންޑިޔާ މިނިވަންވެ އެގައުމު ދަބައިވެ މިހާރުގެ އިންޑިޔާއާއި ޕާކިސްތާނު އުފެދުނުއިރު، ކަޝްމީރު ލިބެންވީ ބަޔަކާ މެދު އޮތީ ދެބަސްވުން އުފެދިފައެވެ. އިންޑިޔާއިން ކަޝްމީރަކީ އެގައުމާ ވަކިނުކުރެވޭނޭ އެގައުމުގެ ބައެއް ކަމަށް ދެކޭއިރު، ޕާކިސްތާނުން ބުނަނީ ކަޝްމީރަކީ ޕާކިސްތާނަށް ލިބެންޖެހޭ ބައެއް ކަމުގައެވެ. އަމަލީ ގޮތުން ބަލާއިރު ކަޝްމީރު ދެބައިވެފައި އޮތްއިރު، ދެގައުން ވެސް ދަނީ ކަޝްމީރުގެ ބައެއް ކޮންޓުރޯލުކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.