ޗައިނާގެ އާ މިސައިލާއި މަނަވަރާއެކު އިންޑިޔާއާ އެއްހަމައެއްގައި ޕާކިސްތާނަށް ވާދަކުރެވޭނެ: ތަޖުރިބާކާރުން

ޗައިނާއިން ޕާކިސްތާނަށް ވައްކައި 2021 ވަނަ އަހަރު އެގައުމުގެ ކަނޑުގެ ސިފައިންނަށް ދިނުމަށް ނިންމާފައިވާ ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދޭ މިސައިލުގެ ސަބަބުން އިންޑިޔާއާއި ވާދަކުރުމުގެ ގާބިލުކަން ޕާކިސްތާނަށް ލިބިގެންދާނެކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

އަޑުގެ ސްޕީޑަށް ވުރެ ތިންގުނަ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ސީއެމް-302 މަރުކާގެ މިސައިލް ހަރުކުރެވޭނީ ޕާކިސްތާނުގެ ކަނޑުގެ ސިފައިންނަށް ދިނުމަށް މިހާރު ޗައިނާގައި ބަންނަމުންދާ 054 ގެ ޒަމާނީ ދެ މަނަވަރުގައެވެ.

054 ގެ މަނަވަރުތަކަކީ ދިގުރާސްތާ މިސައިލް ހަރުކުރެވިފައިވާ، އެންމެ ފަހުގެ ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ގާބިލުކަން ލިބިފައިވާ، ކަނޑުގެ ހުރިހާ ވައްތަރެއްގެ ހަނގުރާމައަކަށް ފެތޭ މަނަވަރެކެވެ. މި ދެ މަނަވަރު ބަންނަން ފެށުމުގެ ރަސްމިއްޔާތު ވަނީ ފާއިތުވި ޑިސެންބަރު މަހު ޗައިނާގެ ހުޑޯންގ ޒޮންހުވާ ބޯޓުޔާޑުގައި ބާއްވާފައެވެ.

އިންޑިޔާގެ ކަނޑުގެ ސިފައިންގެ އޮފިސަރުންނާ، އެގައުމުގެ އަސްކަރީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ސީއެމް-302 މިސައިލް ޕާކިސްތާނަށް ލިބުމަކީ އިންޑިޔާގެ ކަނޑުގެ ބާރަށް ޕާކިސްތާނުގެ މައްޗަށް ލިބިފައި އޮތް ކުރިއެރުން ނެތި، ކަނޑުގެ ބާރުގެ ތިލަފަތް ހަމަވެގެންދާނެ ކަމެއް ކަމުގައެވެ.

2005 ވަނަ އަހަރު އިންޑިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުގައި ބޭނުންކުރަން ފަށާފައިވާ ބްރާހާމޮސް މިސައިލްގެ ސަބަބުން އިންޑިޔާ ސިފައިންގެ ގާބިލުކަން ޕާކިސްތާނުގެ ސިފައިންނަށްވުރެ އިތުރުވެގެން ގޮސްފައި ވެއެވެ. ނަމަވެސް ޕާކިސްތާނުގެ ކަނޑުގެ ސިފައިންނަށް ސީއެމް-302 މަރުކާގެ މިސައިލް ލިބުމާއެކު ބާރުގެ ތިލަފަތް ހަމަހަމަވެގެންދާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ދެކުނު އޭޝިޔާގެ ވާދަވެރި ދެގައުމު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނަކީ ނިއުކުލިޔާ ދެބާރުކަން ފާހަގަކޮށްލަން ޖެހެއެވެ. އިންޑިޔާ 1974 ވަނަ އަހަރު ނިއުކުލިޔާ ގާބިލުކަން ހޯދާފައިވާ އިރު ޕާކިސްތާނުން ވަނީ 1980 ވަނަ އަހަރު ނިއުކުލިޔާ ހަތިޔާރު އުފައްދާފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.