ޕާކިސްތާނާމެދު އިންޑިޔާގެ ރާގު ބަދަލުވެއްޖެ

ކަޝްމީރުގެ އިންޑިޔާ ޕާކިސްތާނުގެ ދަށުގައިވާ ދެފަޅި ވަކިކުރާ ވަގުތީ ސަރަހައްދީ ރޮނގު، 'ލައިން އޮފް ކޮންޓްރޯލް'

ކަޝްމީރުގެ އިންޑިޔާ ފަޅީގެ ޕުލްވާމާގައި މި ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި ފުލުހުންގެ 44 މީހުން މަރާލުމާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމާއި، "ޝަހީދުންގެ ގުރުބާނީ ބޭކާރު ގޮތުގައި" ދިޔަނުދޭނެ ކަމުގެ އިންޒާރު ދިނެވެ. އަދި ޕާކިސްތާނާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން ސިފައިންނަށް ދީފައިވާ ކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިއެވެ.

އިންޑިޔާގެ އިންޒާރުތަކަށް ޕާކިސްތާނުން ދިނީ ވަރުގަދަ ރައްދެކެވެ. ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ އިންޑިޔާއިން ހަމަލާއެއް ދީފިނަމަ އިންޑިޔާ ސިއްސުވާލާ ވަރުގެ ރައްދެއް ދޭނެ ކަމުގައެވެ.

ހަމަލާއަށް 10 ދުވަސްވެފައިވާ އިރު، އިންޑިޔާގެ ރާގު މިވަނީ ބަދަލުވާން ފަށާފައެވެ. އިންޑިޔާގެ އޮންލައިން ނޫހަކުން ބުނާ ގޮތުގައި ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއެކު ބޭއްވެވި ވާހަކަތަކަށް ފަހު ބޮޑުވަޒީރު މޯދީ ވަނީ "ރަނގަޅު އަވަށްޓެރިކަމުގެ ގުޅުން ދެމެހެއްޓުމުގެ މުހިއްމު" ކަމާއި، އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ހުރިހާ މައްސަލަތަކެއް ހިމެނޭހެން ވާހަކަތައް ފެށުމުގެ މުހިއްމު" ކަމުގެ ވާހަކަ ދައްކަވާފައެވެ.

"އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އެތައް ހަނގުރާމައެއް ކުރެވިއްޖެ ކަމަށް އަޅުގަނޑު އަހަރެން އިމްރާން ޚާނަށް ދެންނެވިން. އަހަރެން ދެންނެވިން ހިނގާށޭ އަހަރުމެން ފަގީރުކަމާ ލިޔަންކިޔަން ނުދަތުމާ ހަނގުރާމަކުރަން." އިއްޔެ ރާޖަސްތާނުގައި އޮތް އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

އަނެއްކޮޅުން، ދެގައުގެ މައްސަލަ އިތުރަށް ހޫނުކޮށް ހަނގުރާމައަކާ ހަމައަށް ނުދިއުމަށް އެމެރިކާއިން އިންޑިޔާއަށް ފިއްތަމުން ދިއުމަކީވެސް މޯދީގެ ރާގު ބަދަލުވުމުގެ އެއް ސަބަބުކަމުގައި އެ ނޫހުން ބުނެއެވެ.

އިންޑިޔާގެ ރާގު ބަދަލުވެފައިވާ އިރު ޕާކިސްތާނުން ވެސް ވަނީ ކަޝްމީރުގައި އިންޑިޔާއާ ހަނގުރާމަކުރާ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައެވެ. އެ ގޮތުން ޕާކިސްތާނުން ވަނީ އިންޑިޔާއިން އެންމެ ބޮޑު އެއް ޓެރަރިސްޓު ކަމަށް ދެކޭ ހާފިޒު މުޙައްމަދު ސައީދުގެ ޖަމާއަތް، ޖަމާޢަތުއް ދައުވާއާއި އެޖަމާއަތާއި ގުޅިފައިވާ ހިލޭ އެހީދޭ ފައުންޑޭޝަނެއްކަމަށްވާ ފަލާހެ އިންސާނިއްޔަތު ފައުންޑޭޝަންގެ މަސައްކަތްތައް ހުއްޓުވައި އެ ދެތަނުގެ އޮފީސްތައް ބަންދުކޮށްފައެވެ.

މީގެ އިތުރަށް ޕާކިސްތާނުންވަނީ ޕުލްވާނާ ހަމަލާގެ ފަހަތުގައިވާ ޖައިޝެ މުޙައްމަދުން ބަހާވަލްޕޫރުގައި ހިންގާ މަދްރަސަތުއް ސާބިރުއާއި އެ މަދަރުސާއާއި ގުޅިފައިވާ ޖާއިމު މަސްޖިދު ސުބްހާނަﷲ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ދެގައުމުގެ ދެމުގައި އޮތް ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކުޑަވެފައި ވާއިރު، ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ ހިންދޫ މެންބަރަކުވެސް ވަނީ މި ނުތަނަވަސްކަން އިތުރަށް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރައްވާފައެވެ. ހިންދޫންގެ އެންމެ ބޮޑު ދީނީ އެއްވުން، ކުންބް މޭލާގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އިންޑިޔާއަށް ވަޑައިގެން އުޅުއްވާ ރަމޭޝް ކުމާރު ވަންކްވާނީ ވަނި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ކުޑަ ވަގުތުކޮޅަކަށް ބައްދަލުކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރެވޭނެ ގޮތަކާމެދު އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާއެކު މަޝްވަރާކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.