ކޮވިޑް-19 ޖައްސާ ވައިރަސް އަދިވެސް ދަނީ ނުރައްކާތެރި ގޮތަކަށް ބަދަލުވަމުން ކަމާއި، ވަކި ގޮތަކަށް 'ހަމަޖެހުމުގެ' ކުރިން އެ ވައިރަސް އިތުރަށް ނުރައްކާތެރިވުމުގެ ފުރުސަތު އަދި އެބައޮތް ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިންޒާރުދީފިއެވެ.
ކޮވިޑް-19 އަށް ޓެސްޓުކުރުން މިހާރު މަދުވެފައި ވާއިރުވެސް ފާއިތުވި 28 ދުވަހު ދުނިޔޭގެ އެކި ހިސާބުގައި 3 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެބަލީގައި 23 ހާސް މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓު ޑަބްލިޔުއެޗްއޯއަށް ލިބިފައި ވެއެވެ.
ޑަބްލިޔުއެޗްއޭ ހެލްތު އެމަޖެންސީސް ޕްރޮގްރާމްގެ ޑިރެކްޓަރ ޑރ. މައިކަލް ރަޔާން ވިދާޅުވި ގޮތުގައި، ކުރިޔާ އަޅައިބަލާއިރު، އަދަދުތައް މަދު ނަމަވެސް "މަރުވަމުން އެދަނީ ގިނަ އަދަދެއްގެ ބައެކެވެ. އަދި އަދި ބަލިޖެހެމުން އެދަނީ ގިނަ ބަޔަކަށެވެ."
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ނޭވާލާ ނިޒާމުގެ ބަލިތަކަކީ ވަބާއެއްގެ ގޮތުގައި އޮވެފައި، ވަކި ހިސާބެއްގައި އާއްމުކޮށް ޖެހޭ ބައްޔަކަށް ފަސޭހައި ބަދަލުވާ ބަލިތަކެއް ނޫނެވެ. އަދި ކިއެއްތަ އެފަދަ ބަލިތަކަކީ ހަރަކާތްތެރިކަން ކުޑަވެފައި އޮތުމަށް ފަހު އަނެއްކާވެސް ބާރަށް ފެތުރިގަތުމުގެ ގާބިލުކަން ލިބިފައިވާ ބަލިތަކެކެވެ. ކޮވިޑް-19 އަކީވެސް މިފަދަ ބައްޔެކެވެ.
"އަހަރުމެންނަށް ވަބާއެއްގެ ސުވިޗު އޮފްކޮށްނުލެވޭނެ." ޑރ. ރަޔާން ވިދާޅުވިއެވެ.
"ކުރިއަށް އޮތީ އަޑިގުޑަން މަގެން ކަމަށް މިހާރު ބޮޑަށް ލަފާކުރެވެނީ." އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.
ޑަބްލިޔުއެޗްއޯގެ ކޮވިޑް-19 އާ ބެހޭ އެމަޖެންސީ ކޮމިޓީ ކޮންމެ 3 މަހަކުން އެއް ފަހަރު ބައްދަލުކުރާއިރު، ކޮމިޓީގެ ބައްދަލުވުމެއް ދެން އޮތީ އަން މޭ މަހުގައެވެ. ކޮވިޑް-19 ދުނިޔޭގެ އާއްމު ސިއްހަތަށް ހުރި ނުރައްކަލެއް ކަމުގައި މިހާރުވެސް ބެލެވޭތޯ އެ ކޮމިޓީން ނިންމާނެއެވެ.
ކޮވިޑް-19 އަކީ ދުނިޔޭގެ އާއްމު ސިއްހަތަށް ހުރި ނުރައްކަލެއް ކަމުގައި ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ 30 ޖަނަވަރީ 2020 ގައެވެ. ނަމަވެސް އެއީ އާލަމީ ވަބާއެއް ކަމަށް އދ.ގެ ސެކްރެޓަރީ ޖެެނެރަލް އިއުލާންކުރެއްވީ އެއަހަރުގެ މާރިޗު މަހުގައެވެ.
ޑރ. މައިކަލް ރަޔާން ފާހަގަކުރެއްވި ގޮތުގައި ކޮވިޑް-19 ދެން ނައްތާނުލެވޭނެއެވެ. އަދި އިންފުުލުއެންޒާ ފަދައިން، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި އެބަލި ދެމި އޮންނާނެއެވެ.