ދުނިޔޭގެ %70 މީހުންނަށް ވެކްސިން ނުޖެހެނީސް ކޮވިޑް-19 ކޮންޓުރޯލު ނުކުރެވޭނެ: ޑަބްލިޔުއެޗްއޯ

ދުނިޔޭގެ ގިނަ ގައުމުތަކެެއްގައި އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމަކަށް އަންނާނީ މަދުވެގެން ދުނިޔޭގެ %70 މީހުންނަށް ވެކްސިން ޖެހިގެން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޔޫރަޕްގެ ޑިރެކްޓަރު ހާންޒް ކުލޫގޭ ވިދާޅުވެއްޖެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ޔޫރަޕުގައި ވެކްސިން ޖެހުން ކުރިއަށް ދަނީ މާ މަޑުންނެވެ.
ކުލޫގޭ ވަނީ ގައުމުތަކާއި އެގައުމުތަކުގެ ރައްޔިތުން ކޮވިޑް-19 އާމެދު ފަރުވާކުޑަ ނުކުރުމަށް ގަޮވައިލައްވާފައެވެ. "ކޮވިޑް-19 ގެ ވަބާ ނިމުނީކަމަށް ހީނުކުރޭ." އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިއެެވެ.
"މި ވަބާ ނިމުމަކަށް އަންނާނީ އަހަރުމެންނަށް މަދުވެގެން %70 މީހުންނަށް ވެކްސިން ޖެހުނު ދުވަހަކުން." ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ވިދާޅުވިއެވެ.
ޑަބްލިޔުއެޗްއޯގެ ޔޫރަޕް ސަރަހައްދުގައި ހިމެނޭ 53 ގައުމު (އޭގެ ތެރޭގައި މެދުތެރޭ އޭޝިޔާގެ ބައެއް ގައުމުތައްވެސް ހިމެނޭ) ގައި ކޮވިޑް-19 ވެކްސިން އަދި ޖެހިފައިވަނީ އާބާދީ %26 އަށެވެ. އޭއެފްޕީގެ ހޯދުންތަކުން ދައްކާގޮތުގައި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތަކުގައި އާބާދީގެ %36.6 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ %16.9 މީހުންނެވެ.
ކުލޫގޭ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ވައިރަސްގެ އާވައްތަރުތައް ފެތުރޭ މިންވަރު އަވަސްވުމެވެ.
"މިސާލަކަށް އަހަރުމެންނަށް އެނގޭ ބީ.1617 (އިންޑިއަން ވޭރިއަންޓް) ފެތުރޭ މިންވަރު ބީ.117 (ބްރިޓިޝް ވޭރިއަންޓް) އަށްވުރެ އަވަސްކަން." އޭނާ ވިދާޅުވިއެވެ. ޑަބްލިޔުއެޗްއޯ ޔޫރަޕްސަރަހައްދުގެ 53 ގައުމުގެ ތެރޭން 27 ގައުމަކުން ވައިރަސްގެ އާ ވައްތަރު (އިންޑިއަން ވޭރިއަންޓް) ވަނީ ފެނިފައެވެ.
ކުލޫގޭ އެވިދާޅުވާ މިންވަރަށް ދުނިޔޭގެ އާބާދީއަށް ވެކްސިން ޖެހުމަކީ ކައިރި މުސްތަގުބަލެއްގައި ކުރެވޭނެ ކަމެއް ކަމުގައި ނުބެލެވެއެެވެ. ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަދި ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމު އިންޑިޔާގައި އަދި ވެކްސިން ޖެހިފައިވަނީ އާބާދީގެ އެންމެ %3 އަށް ކަމުގައި ވާއިރު، އެފްރިކާގެ ގައުމުތަކުގެ މީހުންނަށް ބޭނުންކުރެވިފައި ވަނީ ދުނިޔޭގައި މިހާތަނަށް ޖެހި ވެކްސިންގެ އެންމެ %2 އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.