ކޮވިޑް-19 ގެ ވަބާގައި 2021 ގެ ނިޔަލަށް ދުނިޔޭގެ ކަންކޮޅުތަކުން 14.9 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވައިލި ރިޕޯޓަކުން ދައްކައިފިއެވެ. މިއީ މި ވަބާއާ ބެހޭގޮޮތުން މިހާތަނަށް އެކުލަވައިލި އެންމެ ޝާމިލު ރިޕޯޓެވެ.
މީގެ ކުރިން، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ދުނިޔޭގެ ގައުމުތަކުން ޑަބްލިޔުއެޗްއޯއަަށް ރިޕޯޓުކޮށްފައިވާ ރަސްމީ އަދަދުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި ކޮވިޑް-19 ޖެހިގެން ދުނިޔެއިން މަރުވެފައި ވަނީ 5.4 މިލިއަނަށްވުރެ ތަންކޮޅެއް އިތުރު އަދަދެކެވެ.
ޑަބްލިޔުއެޗްއޯގެ އާ ރިޕޯޓުގައި ކޮވިޑް-19 ގައި މަރުވި ކަަމަށް ބަލާފައިވާ މީހުންގެ ތެރޭގައި ސީދާ އެބަލީގައި މަރުވި މީހުންގެ އިތުރަށް، ބަލީގެ އަސަރު ނުސީދާ ގޮތުގައި ކޮށްގެން މަރުވެފައިވާ މީހުންވެސް ހިމަނާފައި ވެއެވެ. އެއީ، ކޮވިޑް-19 ގެ ބިޔަ ރާޅުގައި ސިއްހީ ޚިދުމަތްތަކަށް ބާރު ބޮޑުވެގެން ދިޔަ ދަނޑިވަޅު ސިއްހީ ފަރުވާ ނުލިބި އެހެން ބަލިތަކުގައި މަރުވި މީހުން ފަަަދަ މީހުންނެވެ.
މީގެ އިތުރަށް ބައެއް ގައުމުތަކުގައި މަރުތައް ގުނުން އެެންެމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވިފައި ނުވާތީ، ކުރިން ނުގުނިވާ މަރުތައްވެސް މީގެ ތެރޭގައި ހިމަނާފައި ވެއެވެ. ބައެއް ހިސާބުތަކުގައި 10 މަރުގެ ތެރޭން 6 މަރު ވަނީ ނުގުނި ގޮސްފައެވެ.
ރިިޕޯޓުގައި ޚާއްސަކޮށް ފާހަގަކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން އިންޑިޔާގައި މަރުވި މީހުން އިންޑިޔާގެ ރަސްމީ އަދަދުތަކަށްވުރެ 10 ވަރަކަށް ގުނަ އިތުރެވެ. ރިޕޯޓުގައި ވާގޮތުން ޖަނަވަރީ 2020 އިން ޑިސެންބަރު 2021 ގެ ނިޔަަލަށް ކޮވިޑް-19 ޖެހިގެން އިންޑިޔާއިން 4.7 މިލިއަނެއްހާ މީހުން މަރުވެފައި ވެއެވެ. އިންޑިޔާގެ ރަސްމީ އަދަދުތައް ދައްކާގޮތުން މި މުއްދަތުގައި އިންޑިޔާއިން މަރުވެފައި ވަނީ 4 ލައްކަ 80 ހާސް މީހުންނެވެ.
މި ރިޕޯޓުގެ ކުރިން، މިނިވަން އެހެން ބައެެއް ފަރާތްތަކުންވެސް ވަނީ އިންޑިޔާއިން ހާމަކުރި އަދަދާ މެދު ސުވާލު އުފައްދާފައެވެ. އެއީ، ޚަބަރުތަކުން ފެނުނު ގޮތުގައި އެ ދުވަސްވަރު އިންޑިޔާގައި މަރުވެގެން އަންދާލި އަދި ވަޅުލި މީހުންގެ އަދަދު އެތައް ގުނަ އިތުރުވާނެކަމަށް ލަފާކުރެވޭތީއެވެ.
އިންޑިޔާއިން ވަނީ މަރުވި މީހުންެގެ އަދަދު ހޯދުމުގައި ޑަބްލިޔުުއެޗްއޯގެ ރިޕޯޓުގައި ބޭނުންކޮށްފައިވާ ގޮތް ގަބޫލުނުކުރާ ކަމަށް ބުނެފައެވެ.
ބައިނަލް އަގުވާމީ ތަޖުރިބާކާރުންެގެ ޕެނަލަކުން އެކުލަވާލާފައިވާ ޑަބްލިޔުއެޗްއޯގެ ރިޕޯޓު އެކުލަވާލުމުގައި ތަފާސް ހިސާބު އެއްކޮށް ތަހުލީލުކުރުމެ އެންމެ ފަހުގެ އުޞޫލުތައް ވަނީ ބޭނުންކޮށްފައެވެ.
މި ރިޕޯޓ އެކުލަވާލުމުގައި އިސްކޮށް ހުންނެވީ ޑަބްލިޔުއެޗްއޯގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް ފޯ ޑާޓާ، އެނެލަޓިކްސް އެންޑް ޑިލިވަރީ ފޯ އިމްޕެކްޓް ސަމީރާ އަސްމާއެވެ.