17 ރަމަޟާން 2 ހ. - 13 މާރިޗު 624 މ. (ހުކުރު)
މިއަދަކީ ، އިސްލާމީ ތާރީޚުގައި ވަރަށް މުހިންމު ޙާދިސާއެއް ހިނގި ދުވަހެކެވެ. އިސްލާމުންނާއި ކާފަރުންނާ ދެމެދު ، ބޮޑު ކުރިމަތިލުމެއްގެ ގޮތުގައި ، އެންމެ ފުރަތަމަ ހިނގި ހަނގުރާމަ ފެށުނު ދުވަހެވެ. ހިޖްރީ ސަނަތުން ، ދެވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ ހުކުރު ދުވަހެވެ. މީލާދީން 624 ވަނައަހަރުގެ މާރިޗުމަހުގެ 13 ވަނަ ދުވަހެވެ. މިހަނގުރާމަ ހިނގީ ، ޤުރައިޝު ވަންހައަށް ނިސްބަތްވާ ، މައްކާގެ މުޝްރިކުންނާއި މަދީނާގައި ވަޒަންވެރިވެތިބި މުސްލިމުންނާ ދެމެދުގައެވެ. ހަނގުރާމައިގެ މައިދާނަކީ ، ޙިޖާޒު ކަރައިގެ ސުޢޫދީ ޢަރަބިއްޔާގެ ބަދުރު އެވެ ކިޔުނު ސަހަރެވެ. ކާފަރުންގެ ލަޝްކަރު އައީ މައްކާއިންނެވެ. މުސްލިމުންގެ ލަޝްކަރު އައީ މަދީނާއިންނެވެ. މުސްލިމުންގެ ލަޝްކަރުގެ ވެރިޔަކީ ، ކައުސާޙިބާ ، މުޙައްމަދު ޞައްލަﷲ ޢަލއިހި ވަސައްލަމައެވެ. ސަލާމްލެއްވި ޢަލީގެފާނާއި ޢުމަރުގެފާނާ އަދި ހަމްޒަތުގެފާނު ފަދަ ކުޅަދާނަ ފަހުލަވާނުން ، މުސްލިމުންގެ ލަޝްކަރުގައި ހިމެނިވަޑައިގަންނަވައެވެ. މުސްލިމުންގެ ލަޝްކަރުގެ ހަނގުރާމަވެރިންގެ ޢަދަދަކީ 313 އެވެ. އެއީ ، މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ، މުހާޖިރުންގެ 82 ބޭފުޅުންނާއި ، މަދީނާގެ މުސްލިމުންކަމުގައިވާ އަންޞާރިއްޔަ ބޭކަލުންކުރެ ، 231 ބޭކަލުންނެވެ. އެންމެ ބޮޑެތި ވަންހަތަކުން ، ޚަޒުރަޖު ވަންހައިގެ 170 ބޭކަލުންނާއި އަވްސް ވަންހައިގެ 61 ބޭކަލުން ، ޖުމްލަ 231 ބޭކަލުން މަދީނާއަށް ނިސްބަތްވެއެވެ. ކާފަރުންގެ ލަޝްކަރުގެ ވެރިޔަކީ ، އަބޫ ޖަހުލެވެ. ކާފަރުންގެ ލަޝްކަރުގައި 1000 ފަހުލަވާނުން ތިއްބެވެ. އިސްލާމުންގެ ލަޝްކަރުގައި އޮތީ 2 އަހަރާއި 70 ޖަމަލެވެ. ކާފަރުންގެ ލަޝްކަރުގައި 100 އަހާއި 170 ޖަމަލު އޮތެވެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި 700 އަހާއި 300 ޖަމަލެވެ. ސަވާރީއެއްނެތް ފަހުލަވާނެއް ނެތިއެވެ.
ބަދުރުހަނގުރާމައިން ދަސްކުރަންވީ ފިލާވަޅުތައް
އަލްޣަޒުވަތަކީ ، ރަސޫލު ޞައްލާﷲ ޢަލައިހި ވަސައްލަމައިގެ ވެރިކަމުގައި މުސްލިމުންކުރާ ހަމގުރާމަޔަށް ދެވިފައިވާ ނަމެކެވެ. ރަސޫލު ޞައްލަﷲ ޢަލއިހި ވަސައްލަމަ އިސްވެ ހުންނަވާ 29 ހަނގުރާމައެއް މުސްލިމުން ކޮށްފައި ވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހަނގުރާމަޔަކީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، މައްކާއިން މަދީނާއަށް ހިޖުރަކުރެއްވިތާ ، އެންމެ ދެއަހަރުގެ ތެރޭގައި ކުރެވުނު ، ބަދުރު ހަނގުރާމައެވެ. މި ހަނގުރާމަވެގެންދިޔައީ އިސްލާމްދީނަށް މީސްތަކުންގެ ހިތްކިޔައި ، ދީން ފެތުރިގެން ދިއުމަށް ހުޅުވުނު މަގަކަށެވެ. ޖަހާލަތުގެ އަނދިރީގައި ތިބި އެތައްބަޔަކު އިސްލާމްދީން އިޚްތިޔާރުކޮށް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބައިޢަތު ހިފަމުން ގެންދިޔައެވެ. ވަރަށްގިނަ ޞަޙާބީންނާއި ، މުސްލިމުންގެ ފުރަތަމަ ތިން ޚަލީފާއިން ކަމުގައިވާ ، ސައްޔިދުނާ އަބޫބަކުރުގެފާނާއި ޢުމަރުގެފާނު އަދި ޢަލީގެފާނު ބައިވެރިވެވަޑައިގަތެވެ. ތިންވަނަ ޚަލީފާ ، އުޘްމާނުބްނު ޢައްފާން ، ބަދްރު ހަނގުރާމައިގާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އެންމެ ފުރަތަމަ ޙަމަލާ ބަދަލު ކުރެވުނީ ، ޢަރަބި އާދަކާދައިގާ އޮންނަގޮތަށް ، ފަހުލަވާނުން ވަކިވަކިންނެވެ. ކާފަރުންގެ ތެރެއިން ނަންއަރާހުރި ދެތިން ފަހުލަވާނުން މަރުވިތަނާ ކާފަރުންގެ ލަޝްކަރަށް ލޮޅުން އެރިއެވެ. އަދި އެންމެން އެއްފަހަރާ ޙަމަލާދޭން ފެށްޓިއެވެ. ހަނގުރާމަ ހިނގަމުންދިޔައިރު ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، މުސްލިމުންނަށް އެހަނގުރާމައިން ކާމިޔާބު ދެއްވުންއެދި ދުޢާ ކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި ، ކީރިތި ޤުރުއާނުގެ އާލްޢިމްރާން ސޫރަތުގެ 125 ވަނައާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ، ވަޙީ ކުރައްވައި އަންގަވާފައި ވެއެވެ.
بَلَىۤ إِن تَصْبِرُواْ وَتَتَّقُواْ وَيَأْتُوكُمْ مِّنْ فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُمْ بِخَمْسَةِ آلاۤفٍ مِّنَ ٱلْمَلاۤئِكَةِ مُسَوِّمِينَ
" ނޫނެކެވެ ! ( ފުދޭނެއެވެ. ) ތިޔަބައިމީހުން ކެތްތެރިވެ ، ( ﷲ އަށް ބިރުވެތިވެ ، ރައްކާތެރިވާނަމަ ، އަދި ތިޔަބައިމީހުންނާ ހަމަޔަށް އެއުރެން ، ( އެބަހީ : މުޝްރިކުން ) ހަމަ ކުއްލިޔަކަށް އަންނަނަމަ ، ފާހަގަކުރައްވާފައިވާ ފަސްހާސް މަލާއިކަތުން ( ފޮނުއްވައިގެން ) ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ، ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. "
ބަދުރު ހަނގުރާމައިން މުސްލިމުން ޙާޞިލްކުރަންޖެހޭ ޢިބްރަތްތަކުގެ ތެރޭގައި ވަރަށްގިނަ ކަންކަން ހިމެނެއެވެ. އެންމެ މުހިންމު ކަމަކަށް ، މުސްލިމުންނަށް ދަސްވިކަމަކީ ، ގަދަކީރިތިވަންތަ ﷲ އަށްވުރެ މަތިވެރި އެހެން ފަރާތެއް ނުވާކަމާއި ، އަދި އެކަލާނގެޔާ އެއްފަދަ އެހެންފަރާތެއް ނުވާނެކަމާއި ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ކަށަވަރުކަމެވެ. މިވަރުގަދަ ޢަޤީދާއަކީ ، އިސްލާމްދީނުގެ ކުރީކޮޅު ، ޖާހިލިއްޔަ ސިކުނޑިއެއްގައި ހަރުލައްވައި އީމާންތެރިކަން ހަރުދަނާކުރުމަށް އުނދަގޫ ކަމަކަށް ވެއެވެ. އެހެންނަމަވެސް ، ދިންނަވައި ނަޞީބު ލިބުން އިރާދަކުރައްވައިފި ބަޔަކަށް ، ﷲ ގެ ރަޙުމަތްފުޅު ބޮޑުވެގެން ވެއެވެ.
ދެވަނަ ފިލާވަޅަކީ ، ﷲ ގެ ޙަޟުރަތަށް ދެންނެވޭ ދުޢާއަކީ އިޖާބަކުރައްވާނެ އެއްޗެއްކަން ޔަޤީންކޮށްގެން ހުރެ ހިތުގެ އަޑިން ދެންނެވޭ ދެންނެވުމަކަށް ވުމެވެ.
ތިންވަނަ ފިލާވަޅަކީ ، ކެތްތެރިވުމާއި ، އެއްބައެއް ވަންތަކަން އިސްކޮށް ، ވެރިންނަށް ކިޔަމަންކަން އަދާކުރުމުގެ މުހިންމު ކަން ދެނެގަތުމެވެ. ވެރިންގެ ލަފަޔާއި އިރުޝާދަކީ ، ތިމާމެންގެ މިއަދާއި މާދަމާގެ އުއްމީދުކަމުގައި ޤަބޫލު ކުރުމެވެ.
ހަތަރުވަނަ ފިލާވަޅަކީ ، ދެބަސްވިޔަސް އަދި އެއްބަހެއްގައިވިޔަސް ، ކަންކަން ނިންމުމުގައި މަޝްވަރާގެ އުޞޫލު އިޚްތިޔާރުކުރުމުގެ މުހިންމުކަމެވެ. ވެރިމީހާއަކީ ހުރިހާކަމެއް އެނގޭނެ މީހެއްނޫންކަން ޤަބޫލުކޮށް ، އެހެންމީހުންގެ ލަފާ ހޯދުމެވެ.
ފަސްވަނަ ފިލާވަޅަކީ ، ކޮންމެކަމެއްވެސް ހިނގާނީ ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރުކުރައްވާފައިވާ ގޮތެއްގެމަތިންކަން ޤަބޫލުކޮށް ، އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަން ޤަބޫލުކުރުމެވެ. ކޮންމެ ދެރައެއްގެ ފަހަތުގައި ރަނގަޅެއް އޮންނާނެ ކަމެވެ. އިންސާނާ ބޭނުންވާ ނުވަތަ ރާވާގޮތް ނޫން އެހެން ގޮތަކަށް ކަމެއް ހިނގައްޖެނަމަ ، އެއީ އެއްވެސް އިންސާނެއްގެ ބާރު ހިނގާނެ ކަމެއްނޫންކަން ޤަބޫލުކުރަން ޖެހެއެވެ. ހުރިހާކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.
ހަވަނަ ފިލާވަޅަކީ ، އިޢުތިޤާދުގެ ކަށަވަރުކަން ދެމެހެއްޓުމެވެ. ކީރިތި ޤުރުއާނާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވެ ، އެއާ އެއްގޮތަށް ޢަމަލުތައް ސީދާކުރުމަށް މަސައްކަތް ކުރުމެވެ. އިންސާނިއްޔަތަށް އެންމެ ފައިދާހުރި ޙުކުމްތައް އައިސްފައިވަނީ ، ކީރިތި ޤުރުއާނުގައެވެ.
ހަތްވަނަ ފިލާވަޅަކީ ، ﷲ ގެ ޙަޟުރަތުން ޙައްޤަށް ނަޞްރުލިބޭނެކަމުގެ ކަށަވަރުކަމެވެ. އެއީ ﷲ ވަޢުދުވެވޮޑިގެންފައިވާ ކަމެކެވެ. މިހުރިހާކަންކަމަކީވެސް ، އިސްލާމްދީން ފެށިގެންއައި ދުވަސްވަރަށްވެސް ވަރަށް މުހިންމު ފިލާވަޅުތަކެކެވެ.