(16 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
" ތިއުޅެނީ ދިރިއުޅުން ބަރުބާދު ކޮށްލާށެވެ ! ތިޔައީ އަހަރެންގެ ހުރި ހަމައެކަނި ފުރާނައެވެ. " ޒަރީނާ ބުންޏެވެ.
ޒަރީނާގާތަށް ހުރީ ކޮންމެވެސް ވަރަކަށް ރުޅި އައިސްފައެވެ. ސާރާއަކީ އޭނާއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އެދަރިފުޅުގެ ދިރިއުޅުން އެގޮތަށް ބަރުބާދުވެގެންދާން ދޫކޮށްލުމަކީ ، ޒަރީނާއަށް ކުރެވޭނެކަމެއްނޫނެވެ.
" އަހަރެންގެ ދިރިއުޅުން އަޝްހަރާނުލާވެސް އޮންނާނީ ބަރުބާދުވެފައެވެ. އަދި އަޝްހަރާއެކުވެސް ބަރުބާދު ވާނެއެވެ. އެހެންވީމާ އަޝްހަރާއެކުގައި ހުރެ އަހަރެންގެ ދިރިއުޅުން ބަރުބާދުވެގެންދިއުން މާ ރަނގަޅެވެ. އަހަރެން އަޝްހަރުދެކެ ވަރަށް ލޯބި ވެއެވެ. އަހަރެން ދުވަހަކުވެސް ، އޭނާ ދޫކޮށެއްނުލާނަމެވެ. " ސާރާ ދެލޯ ބޮޑުކޮށްގެން ، ރުޅިއައިސްހުރެ ، މަންމަޔާ ދިމާއަށް ބުންޏެވެ.
އަޝްހަރު އައިސް ކެއުމާބެހޭގޮތުން ސާރާއާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާ ކެއްކި އެއްޗެތިން ފަހަރަކު އެއްޗެއް ދިއްކޮށް އަޝްހަރަށް ކާންދެމުން ގެންދިޔައެވެ. އެތަން ބަލަން ، ކަންބޮޑުވެފައި މޭޒުގެ ކޮޅުގައި ޒަރީނާ އިށީނދެލައިގެން އިނެވެ. ޒަރީނާއަކަށް އެއްވެސްއެއްޗެއް ނުކެވުނެވެ. ސާރާ އެދެއްކި ވާހަކަތަކުން ޒަރީނާއިނީ ކަންބޮޑުވެފައެވެ. އޭނާގެ ދަރިފުޅުގެ ގޮތްދޫނުކުރުމާއި ބަސްނޭހުމުގެ ސަބަބުން ނުކުމެދާނެ ހިތި ނަތީޖާއަކާމެދު ވިސްނައިލުމުން ، ދުވަހަކުވެސް ކަންބޮޑުނުވާވަރަށް ޒަރީނާގެ ސިކުނޑިވަނީ ހާސްވެފައެވެ. ސާރާއާއި އަޝްހަރު ، މަޖާކޮށް ވާހަކަ ދައްކަމުން ގެންދިޔައިރު ، ޒަރީނާގެ މޫނުމަތިން ފާޅުވާންހުރި ހާސްކަން އަޝްހަރު ދެނެގަތެވެ. އަދި އެހާމަޑުން އެއިންނަނީ ކީއްވެގެންތޯ ސުއާލުކުރިއެވެ. ޒަރީނާ ހީލުމަށްފަހު ، ކާހިތްނުވާތީ މަޑުން އިނީކަމަށާއި އަޝްހަރާއި ސާރާގެ ވާހަކަތައް އަޑުއަހަން އިނީކަމުގައި ބުންޏެވެ.
ގޭގެ އެންމެން ރަނގަޅުތޯ ޒަރީނާ ސުއާލުކުރިއެވެ. ޚާއްޞަކޮށް ، ޚައިރާދު ރަނގަޅުތޯ އެހިއެވެ. އަދި އަޝްހަރު އަންނަމުން ޚައިރާދު ނުގެންނަނީ ކީއްވެތޯއާއި ރޭގަނޑުގެ ކެއުމަކަށް ޚައިރާދު ގެންނަމާހޭ ބުންޏެވެ. ޚައިރާދުގެ ވާހަކަ އައުމުން އަޝްހަރު ، ސާރާއަށް ބަލައިލިއެވެ. އަދި ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ. އެކަމަށް އެއްބަސް ނުވުމަށް ސާރާގެ ބޮލުން އިޝާރާތް ކޮށްލިތަން ޒަރީނާއަށް ފެނުނެވެ. ކާއެއްޗެތި ތަންކޮޅެއް ކުޅިކަމަށާއި އޭނާކާލަން އެހެން ކޮންމެވެސް އެއްޗެއް ހަދާލަން ދާނަމޭބުނެ ، ޒަރީނާ އެތަނުން ދެއެވެ. އަޝްހަރު އައުމުން ، ކޮންމެވެސް މައްސަލައެއް އެބައުޅޭކަން އޭނާއަށް އިޙުސާސް ވިއެވެ. ސާރާގެ މޫނުމަތިންވެސް ހާސްކަން ފެނުނެވެ. އެއީ ކަމަކަށް ނުހަދާ ، އަޝްހަރު ވާހަކަ ދައްކަން ފެށްޓިއެވެ. އެހެންނަމަވެސް ، ސާރާ ވާހައެއް ނުދެއްކިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވި ނުތަނަވަސްކަމުގެ އަސަރު އަދިވެސް ފިލައިގެންނެއް ނުދެއެވެ. ސާރާ އެއިނީ މަންމަގެ ވާހަކަތަކުން އިންތިހާއަށް ރުޅި އައިއްސައެވެ. އެކަން ، އަޝްހަރުގެ ކުރިމަތީގައި ފާޅުކުރަން އުނދަގޫވެފައެވެ.
އަޝްހަރު ގެޔަށް ދިޔައިރު ޚައިރާދު އިނީ އެނދަށް އަރައި ފޮތެއް ހިފައިގެން އެއްޗެއް ލިޔާށެވެ. އަޝްހަރުވެސް ، ލެޕްޓޮޕްހިފައިގެން އެނދުމަތީ ޖައްސައިލިއެވެ. ފާޑެއްގެ ހިނިތުންވުމަކާއެކު ، ޚައިރާދަށް އިރުއިރުކޮޅުން ބަލައިލައެވެ. އަދި އެންމެފަހުން ، ވަރަށްގިނައިރުވަންދެން ޚައިރާދުގެ މޫނަށް ބަލަހައްޓައިގެން ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ. އިރުކޮޅަކުން ތެދުވެ ، ބޮކި ނިއްވައިލުމަށްފަހު ، ނިދަން އޮށޯވެ ، ގައިމަތީ ރަޖާގަނޑު އަޅައިލިއެވެ. ޚައިރާދު ފުންމާނޭވާއެއްލައި ، އަޝްހަރާދިމާއަށް ދެފަހަރަކު ބަލައިލުމަށްފަހު ، ނިދަން އޮށޯވެއްޖެއެވެ.
*************************
ހެނދުނު ހެނދުނާ ބަޝީރަތު ބޭރުގައި އުޅެމުން ޚައިރާދަށް ފޯނުކުރިއެވެ. ޚައިރާދަށް ކިރިޔާވެސް ހަމަޖެހުމެއްލިބެނީ އޭނާގެ ބޮޑުބޭބެ ދޭ ހިތްވަރުންނެވެ. އޭނާގެ ހިތާމަތަކަށް މިހާރުވަނީ ކޮންމެވެސް މިންވަރެއްގެ ލުޔެއްލިބިފައެވެ. ފެންގަނޑަށް މަސްދިރޭފަދައިން މިހާރު ޚައިރާދުވެސް އެއަންނަނީ އެގެޔަށް ދިރެމުންނެވެ. ގޭގެ ބައެއްކަންކަމުގައި މަސްޣޫލުވެ އުޅެންވެސް ފަށައިފިއެވެ. އެހެންނަމަވެސް ، އޭނާގެ މުސްތަޤްބަލް ކުރަހާލަދޭނެ ތަޞްވީރެއް އޭނާގެ ހިތަކަށް އަދިވެސް ސާފެއްނޫނެވެ. މަންމަ ނިޔާވުމުގެ ފުންހިތާމަތަކުން އަރައިގަނެވުނަސް ، ދިރިއުޅުމުގެ އިމްތިޙާނުގައި އޭނާ އެގެންދަނީ އަދިވެސް ހަނގުރާމަ ކުރަމުންނެވެ.
އަފްޝީން އޭ ކިޔާކުއްޖަކު ޚައިރާދާ ބައްދަލުކޮށްލުމަށް ބޭރުގައި އެބަހުރިކަމަށް ޚާދިމާއަކު އައިސް ބުންޏެވެ. އަފްޝީންގެ ނަން އިވުމާއެކު ، ޚައިރާދު ދުއްވައިގަތެވެ. އެއީ ކުޑައިރުއްސުރެ އޭނާއާއެކު ކިޔަވަން އުޅުނު އަވަށްޓެރި ރަޙުމަތްތެރިޔެކެވެ. ޚައިރާދު ފެނުމާއެކު ، އަފްޝީން އައިސް ބައްދައިލިއެވެ. އަދި އެކަކު އަނެކަކަށް ޙާލުއަޙުވާލު އޮޅުންފިލުވައި ހެދިއެވެ. އަފްޝީންއިނީ ޚައިރާދު ކައިވެންޏެއްކުރިއިރުވެސް އަންގާނުލީތީ ހިތްހަމަނުޖެހިފައެވެ. ޚައިރާދު މީހަކާއިންވާހަކަ ، އަފްޝީންގާތުބުނީ ބަތޫލާ ޚާލާ އާންޓީއެވެ.
" އަފްޝީންއެވެ ! އެކަހަލަ ކައިވެނި ކުރެވޭނީ ވައިރޯޅިޔަށްވެސް ސިއްރުންނެވެ. " ޚައިރާދުގެ މޫނުމަތިން މޮޅިވެރިކަން ފާޅުވިއެވެ.
އެކައިވެންޏާމެދު ޚައިރާދު އުފާނުވަނީތޯ އަފްޝީން ސުއާލުކުރިއެވެ. އަދި އެކަހަލަ ވާހަކައެއް ޚައިރާދު އެބުނީ ކީއްވެތޯ އެހިއެވެ. އަފްޝީންގާތު ދައްކަން ، ޚައިރާދު ބޭނުންވާ އެތައްވާހަކައެއް އެބަހުއްޓެވެ. އެހުރިހާ ވާހަކަތަކެއް އޭނާގެ ރަޙުމަތްތެރިޔާގާތު ، އެކަހަލަ ވަގުތެއްގައި ބުނާނީ ކިހިނެއް ހެއްޔެވެ ؟ ޚައިރާދުގެ ކައިވެނީގެ ވާހަކަ އަހާފައި އަފްޝީންހުރީ ވަރަށް އުފަލުންނެވެ. އެ އުފާވެރިކަން އަފްޝީނުގެ މޫނުމަތިން މިހާރުވެސް ފެންނަން އެބަހުށްޓެވެ. އެވާހަކަ ކޮންމެވެސް ވަރަކަށް ދައްކައިލުމަކީ މުހިންމު ކަމެއްކަމުގައި ޚައިރާދު ނިންމިއެވެ.
" ޚިޔާލެއް ފިކުރެއްނެތް ފިރިޔެއް އަދި ނަރަކައެއްފަދަ މިގެ ، ގަދަކަމުން ކުރެވުނު އެކައިވެނި އެއީ ، އުފާވެރިކަމުގެ ވަސްވެސް ހިމެނޭފަދަ ކަންކަމެއްނޫނެވެ. އެއީ ކުޑަވެސް އުފާވެރިކަމެއް ހިތަށް ގެނެސްދޭ ކަންކަމެއްނޫނެވެ. " ޚައިރާދު ބުންޏެވެ.
ޚައިރާދުގެ ކައިވެނި ކުރެވުނީ ގަދަކަމުންކަމެއް އަފްޝީނަކަށް ނޭނގެއެވެ. އެފަދަކަމެއް ، ޚައިރާދުގެ މަންމަ ކޮށްފާނެކަމަކަށްވެސް އަފްޝީނަށް ހީކުރެވިފައެއް ނެތެވެ. މައިމޫނާ ، އޭނާގެ ދަރިފުޅު ބަލަމުންގެންދިޔައީ ވަރަށް ލޯބިންނެވެ. މަންމަގެ އެއްވެސް ޝަކުވާއެއްކުރާކަށް ޚައިރާދު ބޭނުމެއްނޫނެވެ. އެހެނަސް ، މަންމަ ދުނިޔެ ދޫކޮށްފައި އެދިޔައީ ޚައިރާދު ، ކަށިކުނބުރު ޖަންގައްޔަކަށް ދޫކޮށްލާފައިކަމުގައި ބުންޏެވެ. އެންމެފަހު ވަގުތު ، މަންމަޔަށް އެކުރެވުނީ ރަނގަޅުކަމެއްނޫނެވެ. އޭނާގެ ފިރިމީހާއަކީ ، އޭނާއާ އެކަށީގެންވާވަރަށްވުރެ މަތީގައި ހުރިމީހެކެވެ. އޭނާއާ އެއް މާޙާއުލެއްގައި ނޭވާލާންވެސް އެކަށީގެންވާ ވަރަށްވުރެ މަތީ މީހެކެވެ. އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމަކީ އެއީނޫންހެއްޔެވެ ؟ އަމިއްލަ ނަފްސުގެ އަގު ތިމާގެ ކުރިމަތީ ވެއްޓި އަގެއްނެތް އިންސާނެއްގެ ދަރަޖައަށް ތިމާދިއުމަށްވުރެ ބޮޑު ވޭނެއް އޮންނާނެ ހެއްޔެވެ ؟
އަޝްހަރުގެ ދިރިއުޅުމުގެ ތެރެޔަށް ޚައިރާދު ކޮއްޕައިލެވުނީ ގަދަކަމުންނެވެ. އަނތްބެއްގެ ނަޒަރުން އެންމެ ފަހަރަކުވެސް އޭނާއާ ދިމާއަށް ، އެފިރިހެނާ ބަލައިލާފައެއް ނުވެއެވެ. ކައިވެނިވީތާ މިހާރު ތިންހަތަރުމަސް ވީއެވެ. ފަތިހުއްސުރެ އިރުއޮއްސެންދެން ، އިރުއޮއްސުނީއްސުރެ އިރުއަރަންދެން ، ޚައިރާދު އުޅެމުން އެގެންދަނީ އޭނާއަށް ބޭނުންނުވާ އިންސާނަކާ އެކީގައެވެ. އޭނާގެ ބޭނުމެއް ނެތް ގެޔެއްގައެވެ. އޭނާއަކީ ބޭނުމެއްހުރިމީހެއްކަމުގައި ނުބެލެވޭ ގެޔެއްގެ ހަތަރުފާރު ތެރޭގައެވެ. އެފިރިހެނާ ޚައިރާދާ ކައިވެނިކުރީ ، އޭނާގެ ބައްޕަގެ އާދޭހަށެވެ. އޭނާގެ ހިތް އެއްވެސް ވަރަކަށް އެކަމަށް އެދިގެންނެއްނޫނެވެ. އަޝްހަރަށް ޚައިރާދު ފެންނަނީ ބާކީމީހެއްގެ ގޮތުގައެވެ. އޭނާގެލޮލުން ފާޅުވާން ހުންނަނީ ފޫއްސާއި ނަފުރަތެވެ. އެއީ ޚައިރާދަށް ފެނި ތަޖުރިބާ ކުރެވިފައިހުރި ކަންކަމެވެ. އޭނާގެ ހިތަށް ވައްދާ ވަހުމެއްނޫނެވެ. ޙަޤީޤަތަކީ އެއީއެވެ. ޚައިރާދު އޭނާގެ އެކުވެރިޔާއަށް ކުރުގޮތަކަށް އޭނާގެ ވާހަކަ ކިޔައިދިނެވެ.
ޚައިރާދުގެ ލޮލުން ފާއްދަމުންދިޔަ ކަރުނަތައް އަފްޝީން ފުހެލަދިނެވެ. އަދި ، ޚައިރާދަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަން އޭނާއަށް ޔަޤީންވާކަމުގައި ބުންޏެވެ. އެހެނީ ، ޚައިރާދަކީ އޭނާ ރަނގަޅަށް ދަންނަ ކުއްޖެކެވެ. ހެޔޮކަމުންގޮސް ، ޚައިރާދުގެ ނާޖާއިޒް ފައިދާ ނަގާވަރަށް މީހުންނަށް ހެޔޮވާނެއެވެ. ޚައިރާދުގެ އަޞްލު އެނގޭ އެއްވެސް މީހަކު ޚައިރާދާމެދު ނުނިޔަތެއް ނުލާނެއެވެ. ޙަޤީޤަތުގައި އަޝްހަރަކީ ވަރަށް ނަޞީބުގަދަ މީހެކެވެ. ޚައިރާދު ފަދަ އަންހެންކުއްޖަކު ، އަޝްހަރަށް ލިބުމަކީ ރަޙުމަތެކެވެ. ޚައިރާދަކީ ކިހާވަރެއްގެ ކާކުކަން އަޝްހަރަށް އެނގެމުންދާވަރަކަށް ، ޚައިރާދާއި އަޝްހަރުގެ ގުޅުން ރަނގަޅުވަމުންދާނެކަން އަފްޝީނަށް އެނގެއެވެ. ޚައިރާދު ހަމަޖައްސައި ލެވޭތޯ އަފްޝީނު އެތައްވާހަކައެއް ދައްކައި އޭނާގެ ބޮލުގައި ފިރުމަމުން ، ނަޞޭޙަތްދީ ހިތްވަރު އާކޮށްދިނެވެ.
**********************
ސާރާ ކޮފީތަށްޓެއް ހިފައިގެން ކޮޓަރިޔަށްދާން ސިޑިން އަރައަރާ ހުއްޓާ ޒަރީނާ އޭނާއަށް ގޮވައިލުމުން ހުއްޓި މަންމަޔާ ދިމާއަށް އެނބުރުނެވެ. ސާރާ މިއަދު އޮފީހަށް ނުދިޔައީ ކީއްވެތޯ ސުއާލުކުރިއެވެ. ޠަބީޢަތް ބަދަލުވެގެން އުޅެނީ އަނެއްކާ ކޮންކަމެއް ވެގެންތޯ އެހިއެވެ. ސާރާގެ މައްސަލަޔަކީ ، މަންމަގެ ހިތަށް އައިމަ އެއެއްޗެއް ވިސްނައިލުމެއްނެތި ދުލުން ބޭރުކޮށްލުމެވެ. ރޭގަ އަޝްހަރު ކާން އައިތަނުން ޚައިރާދުގެ ވާހަކަ ، ޒަރީނާ ދެއްކީމަ އެހުންނަނީ އެކަމާ ފޫހިވެފައެވެ. ޚައިރާދުގެ ވާހަކަ ދެއްކީމަ އަޝްހަރު ހިތްހަމަ ނުޖެހޭކަން މަންމަޔަށް ނުވިސްނޭތީ އެކަމާ ރުޅިއައިއްސައެވެ. އަޝްހަރު އެރޭ އެގެއިން ނުކުމެގެން ދިޔައީ ، ސާރާއާއި އޭނާއާ ބައްދަލުކުރުމަކީ ، މަންމަ ހިތްހަމަނުޖެހޭކަމެއްކަން އެނގިއްޖެކަމުގައި ބުނެފައެވެ. މަންމަ ބޭނުންވެގެން އުޅެނީ ކޮންކަމެއް ހެއްޔެވެ ؟
ޒަރީނާ ބޭނުންވަނީ ، ސާރާއަށް ހުރިހާ ހެޔޮގޮތްތަކެއް މިންވަރު ކުރެއްވުމެވެ. ޒަރީނާގެ ދިރިއުޅުމުގައި ހުރިހާވެސް އެއްޗަކީ ސާރާއެވެ. އޭނާ ދިރި އެ ހުންނަނީ ސާރާއަށްޓަކައެވެ. ސާރާ ގޯސްމަގަކުންދާތަން ބަލަން ހުރުމަކީ އޭނާއަށް ކުރެވޭނެ ކަމެއްނޫނެވެ. ސާރާއަށް އުފާވެރި ދިރިއުޅުމެއް ލިބުމަކީ ދެދުނިޔޭގައިވެސް ޒަރީނާ އެދޭނެ އެންމެ ބޮޑު އެދުމެވެ. ޒަރީނާ މަސައްކަތްކުރަމުން އެގެންދަނީ ، ސާރާ ދަތުރު ކުރަމުން އެ ގެންދާ ގޯސްމަގުން ދިއުން ހުއްޓުވުމަށެވެ.
" މަންމާއެވެ ! އަހަރެންނަށް ހެވެއް އެދޭކަމަށް ވަންޏާ އަހަރެން މިހާރު ކުރަމުން މިގެންދާ މަސައްކަތް ކުރިޔަދޭށެވެ ! އެކަން ހުއްޓުވުމަށް ނުވިސްނާށެވެ ! އަހަރެން މިކުރާކަމެއްގެ ހުރަހަކަށް މަންމަ ނުވާށެވެ ! " ސާރާ ބުންޏެވެ.
(ނުނިމޭ)
Vvv.reethi
Varah reethi