ކިރުއިލޮށި - 57

(18 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޝްހަރު އޭނާގެ ބޯ ފާރުގައި ތަޅައި ، އަމިއްލަ ނަފުސަށް އަނިޔާދެމުން ގެންދަނިކޮށް މަންމަގެ ކޮޓަރިން ، މަންމަ މީހަކާ ވާހަކަ ދައްކާ އަޑު އިވުނެވެ. ފަރީދާ ވާހަކާގައި ކައިސަރުގެ ނަން އާދެއެވެ. މަންމަގެ ކޮޓަރިއާ ކައިރިޔަށް ހަޝްހަރު ޖެހިލިއެވެ.

ކައިސަރު ކެތްތެރިވުމަށް ފަރީދާ ބުނަމުން ގެންދިޔައެވެ. ސާރާ ، އެކައިވެންޏަށް އެއްބަސްވާނެއެވެ. އެކަން ކޮށްދޭނީ ޚުދު ފަރީދާއެވެ. ކައިސަރު އެކަމާ ކަންބޮޑުވާނެކަމެއް ނެތެވެ. އޭނާ ހުރިހާކަމެއް ޙައްލުކޮށްދޭނެއެވެ. އަބަދު ފޯނުކޮށްގެން ކޮންމެ ދުވަހަކު އޭނާއަށް އިންޒާރު ނުދިނުމަށް ފަރީދާ ބުންޏެވެ.

" ދާށެވެ ! ތިބޭނުންވެގެން އުޅޭގޮތް ހަދާށެވެ ! އަޝްހަރުގާތު ހުރިހާ ވާހަކައެއް ކިޔައިދޭށެވެ ! ކައިސަރަށް ހީވަނީ ހެއްޔެވެ ؟ ކައިސަރުގެ ވާހަކަތައް އަޝްހަރު ޤަބޫލު ކުރާނެކަމަށް ހީވޭ ހެއްޔެވެ ؟ އަހަރެންނަށް ،  ތިކަހަލަ ބްލެކްމޭލް ކުރާމީހެއްގެ އެހީ ހޯދައިގެން މިހެދުނީ ގޯހެކެވެ. ތިޔައީ އެއްވެސް މީހެއްނޫނެވެ. އާދައިގެ ނިކަމެތި ބްލެކްމޭލަރެކެވެ. ތިހިސާބަށް އާދެވިފައި ތިހުރީ އަހަރެން ، ރިޝްވަތަށް ދިން ލާރިންނެވެ. " ފަރީދާ ، ކައިސަރުގެ ފޯނު ކަނޑައިލިއެވެ. އެއަށްފަހު އޭނާގެ އަމިއްލަ ނަފުސާ މުޚާތަބު ކުރިއެވެ.

މީގެ ހަތަރު އަހަރުކުރިން ، ހުރިހާކަމަކަށްވުރެ ބޮޑުގޯހެއް އޭނާއަށް ހެދުނެވެ. އެއީ ޚައިރާދުގެ ބަނޑުގައި ދަރިއެއް އޮތްކަން އެނގުމުން ، ކްލިނިކް ތެރެއިން އެކަން ހަމަޖައްސައި ދަރިފުޅުގެ ދުވަސް ދުއްވައިނުލާ ދޫކޮށްލުމެވެ. ކަންކަން ނިމިގެން އެދަނީ އޭނާ ބޭނުންވި ގޮތަކަށްނޫނެވެ. ހަރީމް ވިހައިގެން ޚައިރާދު އެނބުރި އެގެޔަށް އަންނާނެކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ ؟ ހަރީމް ދުނިޔެއަށް ނައިނަމަ ، ޚައިރާދު އެނބުރި އެގެޔަކަށް ނާންނާނެއެވެ. ފަރީދާގެ ވާހަކަ އެހިސާބުން ހުއްޓުނެވެ. އަޝްހަރުހުރީ ދަތްކުނޑި ވިކައިގެންނެވެ. އޭނާހުރީ އެތަނުން ސަލާމަތްވެގެން ، އެއަޑުތައް ނާހައި ދުރަށްދާނެގޮތެއް ނޭނގިފައެވެ.

އޭނާގެ ދިރިއުޅުމުގައި އެހިނގައިދޔަ ކަންކަމާއި މަންމަގެ އަނިޔާވެރިކަމާ ، އެހުރިހާ ޙަޤީޤަތަކާ ކުރިމަތިލުމުގެ ހިތްވަރެއް އަޝްހަރުގެ ގަޔަކު ނެތެވެ. ހަތަރު އަހަރު ކުރި ހިތާމަޔަށްފަހު ، ހަރީމްގެ ފަރާތުން އުފާވެރިކަމުގެ އުއްމީދުގެ ހުޅުކޮޅު ދިއްލުނު ވަގުތު ، ދެން އެކުރިމަތިވީ އަދި އެއަށްވުރެ މާބޮޑު ހިތާމައެކެވެ. އެހުރިހާ ކަމަކާ އޭނާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ ؟ ކުށްވެރިޔަކީ މަންމަ އެކަންޏެއްނޫނެވެ. އޭނާގެ ކުށް ، މަންމަޔަށްވުރެ ވަކި ކުޑައެއްނޫނެވެ. އޭނާގެ ލޯބިވާ ޚައިރާދަށް ބޭވަފާތެރިވީ ކައިސަރެވެ. ޚައިރާދުގެ އެއްވެސް ކުށެއްނެތެވެ. އަދިވެސް އެއީ ، ނިޔަނެތި ، ތެދުވެރި އަދި ޙިކުމަތްތެރި ، ކެތްތެރި އަންހެނެކެވެ. އޭނާގެ ދިރިއުޅުމުގައި ޚައިރާދު އެއުފުއްލި ވޭނާއި ތަކުލީފަކީ ، އަޝްހަރަށް ތަޙައްމަލު ކަންކަމެއްނޫނެވެ. އެހުރިހާކަމެއްގައިވެސް ކުށްވެރިޔަކީ އަޝްހަރެވެ. ޚައިރާދުގެ ކުރިމައްޗަށްގޮސް އޭނާ އިސް އުފުލައިލާނީ ކޮން މޫނަކައިގެން ހެއްޔެވެ ؟ އަޝްހަރާއި އަޝްހަރުގެ މަންމަޔަށް އާދޭސްކޮށް ރޮއެ ދެފައިގާ ހިފާފައި ، އެދުވަހު ޚައިރާދު އެދެއްކި ވާހަކަތައް އަޑުއެހިނަމަ ، މިދުވަހެއް ނާންނާނެއެވެ.

އަޝްހަރު ގެއިން ނުކުމެގެން ކާރަށް އަރައި ދުއްވައިލިއެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ކާރު ހުއްޓާލައި ބޭރަށް ނުކުތެވެ. ހިނގާލާފައިގޮސް އެތާހުރި ފަލަ ، ދަނގަޑު ހޮޅިތަކެއްގެ ތެރެޔަށް ވަނެވެ. ގުދުވެލައި އެހޮޅިތަކުގައި ބޯ ޖައްސައިލިއެވެ. އޭނާހުރީ ކުރެވޭ ނުކުރެވޭކަމެއް ނޭނގޭ ޙާލެއްގައެވެ. ހިތާމައާއި ރުޅި އެކުވެގެން އޭނާގެ ހިތާއި ސިކުނޑި ވަނީ ހަމައިން ނެއްޓިފައެވެ. އަޝްހަރުގެ ބައްޕަ ، މަރުމަތީ އޭނާއަށް ކުރި ވަޞިއްޔަތެއް އަޑުއިވިގެންދިޔައެވެ.

" އަޝްހަރެވެ ! އަހަރެންގެ ދަރިފުޅު އަޝްހަރަކީ ، ދައްތަގެ ދަރިފުޅު ޚައިރާދު އުފަލުގައި ބަހައްޓާނެ މީހެއްކަމުގައި އަހަރެންގެ ދައްތައަށް ، އެދައްތަގެ މަރުމަތީ އަހަރެން ވަޢުދުވީމެވެ. "

ހަމައެއާއެކު އަޝްހަރަށް އާދޭސްކުރަމުން ، ޚައިރާދު އޭނާގެ ދެފައިގާ ހިފައި ގޮވައިލި ގޮވައިލުމެއްގެ އަޑުވެސް އިވުނެވެ.

" އަޝްހަރެވެ ! އަހަރެންނާ ދިމާއަށް ބަލައިލާ ، އަހަރެން މިދައްކާ ވާހަކައިގެ އަޑުއަހައިލަ ބަލާށެވެ ! އަހަރެން މީ އެކަހަލަ މީހެއްނޫންކަން އަޝްހަރަށް ރަނގަޅަށް އެނގޭނެއެވެ. އަހަރެންނަކީ އަޝްހަރުގެ މީހެކެވެ. އަހަރެން ، އަޝްހަރުދެކެ އިންތިހާއަށް ލޯބި ވެއެވެ. "

އެކިދިމާއިން ، ބައްޕައާއި ޚައިރާދުގެ އަޑު އައިސް އަޝްހަރު ވަށައިލިއެވެ. ޚައިރާދާ ދިމާއަށް އޭނާގޮވި ބޭއަދަބީ ބަސްތައް އޭނާގެ ކަންފަތްދޮށުގައި ގުގުމަން ފެށިއެވެ. އަޝްހަރު ، ހިތް ހަލާކުވެގެންގޮސް ، އަޑުން އަޑުނަގާ ރޯން ފެށްޓިއެވެ. އަދި ދަގަނޑު ހޮޅިތަކުގައި ބޯ ތަޅަން ފެށިއެވެ. އެންމެފަހުން ގައިން ވާގިދޫވެ ހުރިތަނަށް އަޝްހަރު ތިރިވިއެވެ.

ސާރާގެ ޚަބަރެއްނުވެގެން ، ޒަރީނާގޮސް ސާރާގެ ކޮޓަރީގެ ދޮރުހުޅުވާލައިފާ ވަނެވެ. ސާރާއޮތީ އެނދުމަތީ ހަމަޖެހިލައިގެންނެވެ. އެނދު ކައިރިޔަށް ގޮސް ޒަރީނާ ރަނގަޅަށް ބަލައިލިއެވެ. ސާރާއަށް އެއޮތީ ކޮންމެވެސް ކަމެއްވެފައެވެ. އެނދުމަތީގައި ލޭތަކެއްވެސް ހުށްޓެވެ. ސާރާއަށް ގޮވާލަމުން އޭނާގެ މޫނު އަނބުރައިލިއެވެ. އެވަގުތު ޒަރީނާގެ އަތްދަނޑިމައްޗަށް ސާރާ ދެމުނެވެ. އެއީ ސާރާގެ ފުރާނަނެތް މަސްގަނޑެވެ. ޒަރީނާއަށް ހަޅޭއްލަވައިގަނެވުނެވެ. އަދި އަޑުގެ ނެތްތަނަށް ރޮއިގަތެވެ. ގޭގައި އުޅޭ ނޯކަރުންނަށް ގޮވަމުން ގެންދިޔައެވެ. މިދުނިޔެ ދޫކޮށް ސާރާ އެދިޔައީ ޒަރީނާ އެކަނިވެރި ކޮށްލާފައެވެ. ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ ؟

ފަރީދާ ، ގޭތެރެޔަށް ނުކުމެ އަޝްހަރު ހޯދަމުން ގެންދިޔައެވެ. ދިމާވާ ކޮންމެ ނޯކަރަކުކުރެން އަޝްހަރު ދުށިންތޯ އަހަމުންނެވެ. އެއިން އެއްވެސް މީހަކު ، އަޝްހަރު ދުށްކަމަކަށް ނުވިއެވެ. އަޝްހަރުގެ ރައްޓެހިންކުރެ އެކިމީހުންނަށް ފޯނުކޮށް އެއްވެސް މީހެއްގެ ފަރާތަކުންވެސް އަޝްހަރުގެ ޚަބަރެއް ނުވިއެވެ. އެންމެފަހުން ޒަރީނާއަށް ގުޅިއެވެ. ޒަރީނާ އޭރުއިނީ ސާރާގެ ފޮޓޯއެއްނަގައި އެފޮޓޯއަށް ބަލަހައްޓައިގެން ކަރުނަ އަޅައަޅައެވެ. އޭނާގެ ދުނިޔެ އެހިސާބުން އެއްކޮށް އެއޮތީ ނިމިފައެވެ. އެހެން އިންދާ ފަރީދާގެ ފޯނެއް އައެވެ. ސާރާ މަރުވިކަން ފަރީދާގާތުވެސް ޒަރީނާއެއް ނުބުނެއެވެ. ޒަރީނާ އެފޯނު ނެގިއެވެ.

ޒަރީނާ ފޯނުނެގުމާއެކު ފަރީދާ ވާހަކަ ދައްކަން ފެށްޓިއެވެ. ފަރީދާ އެއުޅެނީ ، އަޝްހަރު ހެނދުނު ގެއިން ނުކުތްގޮތަށް ނައިސްގެންނެވެ. ފަރީދާ ފޯނުކުރީ ، ޒަރީނާމެންގެޔަށް އަޝްހަރު ދިޔަތޯ ބަލައިލާން ވެގެންނެވެ. ސާރާއަށް ގޮވައިލާން ފަރީދާ އެދުނެވެ. ސާރާއާ އެވާހަކަ ދައްކައިލާން އޭނާ ބޭނުމެވެ.

ސާރާ ނެތްކަމުގައި ރޮމުން ރޮމުން ޒަރީނާ ބުންޏެވެ. ސާރާ ނެތޭ ބުނަނީ ކީއްވެގެންތޯ ފަރީދާ ސުއާލުކުރިއެވެ. އަދި ، ސާރާއާ އެންމެ ދެމިނެޓަށް ވާހަކަ ދައްކައިލިޔަދޭން އެދުނެވެ.

ސާރާ މަރުވެއްޖެއެވެ. ރޮމުން އެހެނަސް ރުޅިވެރިކަމާއެކު ޒަރީނާ ބުންޏެވެ.

ޒަރީނާ ސާމާސާ ނުކުރުމަށް ފަރީދާ ބުންޏެވެ. އަދި އޭނާ އެހުރީ ވަރަށް ކަންބޮޑުވެފައި ކަމަށާއި ސާރާއާ ވާހަކަ ދައްކަން ގިނައިރެއް ނުކުރާނެކަމަށް ފަރީދާ ބުންޏެވެ.

" އަހަރެންގެ ދަރިފުޅު މަރުވެއްޖެއެވެ. ކުރީ ދުވަހު ކައިސަރުގެ ކައިވެނީގެ ހުށަހެޅުން ހިފައިގެން އައިސް ދިޔަގޮތަށް ، ސާރާއާވެސް އަހަރެންނާވެސް ފަރީދާ ނުގުޅަމެއް ނޫންހެއްޔެވެ ؟ އަހަރެމެންގެ ހާލު ބަލައެއް ނުލަމެއްނޫން ހެއްޔެވެ ؟ އަހަރެންގެ ދަރިފުޅު މަރައިލީ ފަރީދާއެވެ. އަހަރެންގެ ދަރިފުޅު އަހަރެންނާ ވަކިކޮށްލީ ފަރީދާއެވެ. ފަރީދާގެ ރޭވުމުގައި ، ހުރިހާ ގެއްލުމެއް މިލިބުނީ އަހަރެންނަށެވެ. ފަރީދާގެ ބަހަށް ހެއްލި ، ފަރީދާއާ ބައިވެރިވެގެން ޚައިރާދަށް ދިން އަނިޔާގެ ބަދަލު މިލިބުނީ އަހަރެންނަށެވެ. އަހަރެން ، ފަރީދާއަށް ބަދު ދުޢާއެއް ނުކުރާނަމެވެ. އެކަމަކު އަހަރެންނާއި އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދު ކޮށްލި މީހަކީ ފަރީދާއެވެ. އަހަރެންނަށް މިލިބޭ ހިތާމަ ، ފަރީދާއަށްވެސް ލިބޭނެއެވެ. ހިތާމައާއި ހިތްދަތިކަމުން ފަރީދާ މޮޔަވާނެއެވެ. ފަރީދާއަށްވެސް ހުރިހާ އެއްޗެއް ގެއްލޭނެއެވެ. ނިކަން ބަލަން ހުންނާށެވެ ! " ރޮމުން ރޮމުން ޒަރީނާ ވާހަކަ ދެއްކިއެވެ.

ބުނާނެ އެއްޗެއް ނޭނގި ، އާގަމަވެފައި ފަރީދާ ހުށްޓެވެ. އޭނާއަށް ބުނެވޭނީވެސް ކޮން އެއްޗެއް ހެއްޔެވެ ؟

ޒަރީނާގެ ވާހަކަތަކުން ފަރީދާގެ ހިތަށް ބިރުވެރިކަން ވަނެވެ. ގޭގަ އުޅޭ ނޯކަރުންނަށް ފަހަރަކު މީހެއްގެ ނަމުން ގޮވަމުން ބޭރަށް ނުކުތެވެ. ފުރަތަމަ އޭނާގާތަށް އައީ ގާޑެކެވެ. އަޝްހަރު ދިޔައީ ކޮންތާކަށްތޯ ގާޑުކުރެން އެހިއެވެ. އަޝްހަރު ދާ ނުދާތަނެއް ގާޑުންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ ؟  ގޭގެ ވެރިންގާތު އެހާވަރު އަހައިލުންވެސް އެއީ އެމީހުންނަށް މަނާ ކަމެކެވެ. އެހެންނަމަވެސް ، އަޝްހަރުގެ ބޮލުން ލޭފައިބާ ކަމަށާއި ސާހިބުމީހާހުރީ ވަރަށް ކަންބޮޑުވެފައިކަމަށް ގާޑް ބުންޏެވެ.

ފަރީދާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހައްތާވެސް މިއިވެނީ ކަންބޮޑުވެގެން ހާސްވާންޖެހޭ ވާހަކައެވެ. އަޝްހަރުގެ ފޯނަށް އަނެއްކާވެސް ފަރީދާ ގުޅިއެވެ. މިފަހަރު ރިންގވާއަޑު އިވިއްޖެއެވެ. އެކަމަކު އެއަޑު އެއިވެނީ އަޝްހަރުގެ ކޮޓަރިންނެވެ. ފަރީދާ އަވަސްއަވަހަށް ގޮސް ކޮޓަރިތެރެ ބަލައިލިއެވެ. އަޝްހަރެއް ނެތެވެ. އަޝްހަރު އެދިޔައީ އޭނާގެ ފޯނުވެސް ބާއްވާފައެވެ. ފޯނުއޮތީ ބިންމަތީގައެވެ. ފޯނުގެ ދަށުގައި ކަރުދާސްގަނޑެއްވެސް އޮތެވެ. އެކަރުދާސްގަނޑު ނަގައި އެއީ ކޮންއެއްޗެއްތޯ ފަރީދާ ބަލައިލިއެވެ. އެއީ ޚައިރާދު އަޝްހަރަށް ލިޔުނު ސިޓީއެވެ. އެޙާދިސާގެ ހުރިހާވާހަކައެއް އެސިޓީގައި ލިޔެފައި އޮތެވެ. ފަރީދާގެ ވާހަކަވެސް އޮތެވެ. ފަރީދާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔައެވެ. ދެއަތް ތުރުތުރުލާން ފެށްޓިއެވެ. ސިޓީ ކިޔަންފެށިތަނާ ބޮލަށް އެނބުރުން އަރަން ފަށައިފިއެވެ. އެހެންނަމަވެސް ގަދަކަމުން ނަމަވެސް އެސިޓީ ކިޔައިލަން ފަރީދާ ބޭނުންވިއެވެ. ދެން ކުރިމަތިވެދާނެ ކަމަކަށް ތައްޔާރު ވާން އެނގޭނީވެސް އެސިޓީގައި އޮތް އެއްޗެއް އެނގިގެންނެވެ. އެކަމަކު ، އަޝްހަރުގެ ކުރިމަތީގައި ފަރީދާ މުޅިން ބޭޒާރުވެ ނިމިއްޖެއެވެ. އެއީ ޚައިރާދުގެ ސިޓީއެކެވެ. އެސިޓީގެ ބާރު ވަރަށް ގަދަވާނެއެވެ. އެސިޓީގައި އެހުރީ ހިލަހިތެއްގެ ވެރިޔަކަށްވެސް އަސަރުނުކޮށް ނުހުންނާނެ ކަހަލަ ވާހަކަ ތަކެކެވެ. ސިޓީކިޔައި މުޅިން ނުނިމެނިސް ، ފަރީދާ ހުރިތަނަށް ތިރިވިއެވެ.

އަޝްހަރުގެ ގެއިން ނުކުމެގެން ޚައިރާދު ދިޔައީ ހައިދަރުއާބާދުގައި ހުންނަ އޭނާއާއި އޭނާގެ މަންމަގެ ގެއަށެވެ. ޚާލާ ދިރިއުޅޭ ގެޔަށެވެ. ޚައިރާދު ގެޔަށް އައިފަހުން އަދި އެއްފަހަރުވެސް އޭނާގެ އަރުތެރެޔަކަށް ކާއެއްޗެއް ނުލައެވެ. ޚާލާ ހިތްވަރުދީ ނަޞޭޙަތްދީގެންވެސް ޚައިރާދަކަށް ނުކެވުނެވެ. އޭނާ ތަޙައްމަލު ކުރަމުން އެގެންދަނީ އޭނާގެ ދަރިފުޅު އޭނާގާތު ފެންނަން ނެތުމުގެ ހިތާމައެވެ. ހަރީމާ ނުލައި ޚައިރާދަކަށް ނޭވާއެއް ނުލެވޭނެއެވެ. ޚާލާ އޮތީ އެކަން ކުރިންވެސް ޚައިރާދަށް ހަނދާން ކޮށްދީފައެވެ. ޚައިރާދު ކުރަން އެއުޅެނީ ގޯސްކަމެއްކަން ވިސްނައިދީފައެވެ. އެކަމަކު ޚާލާ ދައްތަ ދެއްކި އެއްވެސް ވާހަކައެއް ޚައިރާދެއް ނޭހިއެވެ. ނަތީޖާ އޭނާގެ ކުރިމަތިން މިހާރު އެ ފެންނަނީއެވެ. ޚައިރާދު އެއިނީ އެކަނިވެރި ވެފައެވެ. އޭނާގެ ހިތް އޮތީ ހަރީމާއެކު ކަރާޗީގައެވެ. ހަރީމަކީ އޭނާގެ ޠަބީޢަތުގައިވެސް ކާން ވަރަށް ބޮޑާހާކާ ކުއްޖެކެވެ. ހަރީމަށް ކާންދިނުމަކީ އަޝްހަރަށްވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ހުރިހާކަމެއް ކޮށްދެމުން އައީ ޚައިރާދެވެ.

ޚާލާގެ އަންހެންދަރިފުޅު އައިސް ޚައިރާދަށް ގޮވާލައި ، އަޝްހަރު އައިސް ބޭރުގައި ހުރިވާހަކަ ބުންޏެވެ. އަޝްހަރު އެހާ އަވަހަށް އައިވާހަކަ އިވުމުން ، ޚައިރާދު ދިޔައީ ސިއްސައިގެންނެވެ. އޭނާ ކަރާޗީން އައީ ހުރިހާކަމެއް ނިންމާފައެވެ. އަނބުރާ އެރަށަށް ދާގޮތަކަށް ނޫނެވެ. އޭނާ އައީ ، އަޝްހަރަށް ހުރިހާ އެއްޗެއް ސާފުކޮށްދީފައެވެ. އަނެއްކާ ހަރީމަށް ކަމެއްވީ ބާވައެވެ. ފުންމައިގެން ތެދުވެ ޚައިރާދު ދުއްވައިގަތެވެ. ދުވަމުން ދުވަމުން ސިޑިން ފައިބައިގެން އައިއިރު އޭނާ ސިޑިމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. ސިޑިން ރަނގަޅަށް ނުފޭބެނިސް ހަރީމް ރަނގަޅުތޯ ޚައިރާދަށް ސުއާލު ކުރެވުނެވެ.

އަޝްހަރު އެއައީ ހަރީމާ ބެހޭ ކަމެއްގައެވެ. ޚައިރާދު ހާސްވެގެން ގޮސް ހަރީމަށް ވީ ކިހިނެއްތޯ ސުއާލު ކުރިއެވެ. އޭނާއައީ ހަރީމް ، އަޝްހަރާ ޙަވާލުކޮށްފައެވެ. އަޝްހަރަށް ބަރޯސާ ކޮށްފައެވެ.

ހަރީމް ރަނގަޅު ކަމަށާއި ދަރިފުޅަށް އެއްވެސްކަމެއް ނުވާކަމުގައި އަޝްހަރު ބުންޏެވެ. އެކަމަކު ހަރީމް ނުކާކަމަށާއި މަންމައަށް ގޮވަމުން ރޯން ފަށްޓާގޮތަށް ހުއްޓާނުލާކަމަށް އަޝްހަރު ބުންޏެވެ.

އަޝްހަރުހުރީ ވަރަށް ކަންބޮޑުވެފައެވެ. އެކަން އޭނާގެ މޫނުމަތިން ފާޅުވެއެވެ. އޭނާ ހުރީ އިސްއުފުލައިލަން ނުކެރި ، ޚައިރާދުގެ ކުރިމައްޗަށް އަންނަން ބިރުންނެވެ. އޭނާ ޚައިރާދުގެ ކުރިމައްޗަށް އައިސް އެ ހުއްޓުނީ ކުށްވެރިއެއްގެ ގޮތުގައެވެ.

ހަރީމަށް ކާންދޭންޖެހޭނީ ހައްލައިލައިގެންނެވެ. އެހެންނޫނީ ގަދަކަމުންނެވެ. ޚައިރާދަކަށް ނުހުރެވުނެވެ. އަޝްހަރާއެކު އޭނާ ކަރާޗީއަށް ދާނީކަމަށް ބުނެ ، އެހުރިގޮތަށް ވިސްނުމެއް ފިކުރެއް ނެތި ކާރަށް އަރަން ހިނގައިގަތެވެ. އަޝްހަރުވެސް ޚައިރާދުގެ ފަހަތުން ގޮސް ކާރަށް އެރިއެވެ. ޚައިރާދު ގެންނަން މާބޮޑު މަސައްކަތެއްކުރާކަށް އަޝްހަރަކަށް ނުޖެހުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. الحمد لله ވަރަށްރީތި! ވަރަށް ޝައުގުވެރި!
    އިބާރާތްތަކަށް ވިސްނަމުން ކިޔަމުންދަ ިިިނކޮށް
    މިއަދަށް ކަނޑައެޅިފާވާހިސާބަށް ނިމުނީ!
    މިވާހަކަ ފޮތްވިއްކާ ފިހާރަތަކުން ގަންނަން
    ލިބޭގޮތް ވެއްޖެއްޔާ ވަރަށް ރަނގަޅުވާނެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.