ކިރުއިލޮށި - 6

(13 ފެބުރުއަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" ޚައިރާދަކީ މިޒަމާނުގައި ނުލިބޭފަދަ އަޚުލާޤު ރަނގަޅު ކުއްޖެކެވެ. ދައްތަވަނީ ، އޭނާ ވަރަށް ރަނގަޅަށް ތަރުބިއްޔަތު ކޮށްފައެވެ. " ބަޝީރަތު ބުންޏެވެ.

ބަޝީރަތުގެ ވާހަކަތަކުން ފަރީދާގެ ރުޅިވެރިކަން ހައްތާދިޔައީ އިތުރު ވެގެންނެވެ. އެންމެ ފުރަތަމަ ކުރިކަމަކީ ، ބަޝީރަތުގެ ޖަޒުބާތުގައި އަޝްހަރު ޖައްސައި ، ނަފުސާނީގޮތުން އަޝްހަރު ބްލެކްމެއިލްކޮށް ، ބަޝީރަތުގެ ވާހަކަޔަށް ލެންބުންކަމުގައި ފަރީދާ ބުނަމުން ގެންދިޔައެވެ. ދެން ، ބަޝީރަތު ތި ހުއްޖަތްދައްކައި ސާބިތުކުރަމުން ގެންދަނީ ބަޝީރަތުގެ ނިންމުން ރަނގަޅު ކަމުގައެވެ. ބަޝީރަތަށްވާ ސާބަހެވެ. ފަރީދާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

" ރަނގަޅު ތަރުބިއްޔަތުގެ ވާހަކަ ދައްކާއިރު ، އަހަރެންގެ ދަރިފުޅު ތަޢުލީމު ޙާޞިލްކޮށްގެން އެހުރީ ދުނިޔޭގެ އެންމެ މޮޅު ޔުނިވަރސިޓީންނެވެ. ކިޔެވުމުގެ މުޅި ޙަޔާތުގައިވެސް ، ހޯދަމުން ގެންދިޔައީ ރަތްވަނަ ތަކެވެ. އެއީ އޭނާގެ ތޫނުފިލިކަމާއި ދެގޮތެއްނުވާ ހިތްވަރުގެ ނަތީޖާއެވެ. ބަޝީރަތު ތިއުޅެނީ ، ނުކިޔަވާހުރި އާދައިގެ ކުއްޖަކާ އަޝްހަރުގެ ކައިވެނި ކުރުވަން ހެއްޔެވެ ؟ އެދެމީހުންގެ ފެންވަރާއި ހަސަބާ ، ނަސަބު އެއްވަރު ހެއްޔެވެ ؟ ﷲ އަށްޓަކައި ކޮއްކޮއަކަށް ނުވެ ، ބައްޕަޔަކަށް ވެގެންހުރެ ވިސްނައިލަ ބަލާށެވެ ! ބަޝީރަތުގެ ތި ނިންމުމަކީ ، ވަރަށް ބޭ އިންސާފު  ނިންމުމެކެވެ. ފަރީދާ އޭނާގެ ކަންބޮޑުވުން ހާމަކުރަމުން ގެންދިޔައެވެ.

ފަރީދާގެ ވާހަކަތަކުން ބަޝީރަތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާގެ ނިންމުމަކީ އަޝްހަރަށްވެސް ގޯސް ނިންމުމެއް ނޫނެވެ. މައްސަލަޔަކީ ވިސްނުމުގެ ތަފާތެވެ. ޚައިރާދަކީ މަޢުޞޫމު ކުއްޖެކެވެ. ޅަ ކުއްޖެކެވެ. އޭނާއަކަށް އަދި ، ދުނިޔެއެއް ނުފެންނާނެއެވެ. އަހަރެމެންގެ ތެރޭގައި އުޅެންވީ ގޮތްތަކެއް ނުވިސްނޭނެއެވެ. އެކަހަލަ ކުދިންގެ އުޅުން ވަކިގޮތަކަށް ބަށްޓަން ކުރުން އެއީ ދާދި ފަސޭހަ ކަމެކެވެ. ފަރީދާ ބޭނުންވާ ގޮތަކަށް ޚައިރާދު ބަދަލު ކުރެވޭނެއެވެ. ބަޝީރަތު ޔަޤީންކުރާގޮތުގައި ، އަޝްހަރާ އެއްފެންވަރަކަށް އައުން އެއީ ޚައިރާދަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. އެކަމަކަށް އެހާ ގިނަދުވަހެއް ނުނަގާނެއެވެ.

ފަރީދާވެސް އޭނާގެ ގޮތެއް ދުލެއް ނުކުރެއެވެ. ބަޝީރަތުގެ ބޮލަށް މައިމޫނާގެ ލޯބި ސަވާރުވެ ، މަގުއޮޅިފައިހުރިކަމަށް ފަރީދާ ނިންމިއެވެ. ބަޝީރަތުގެ ވިސްނުމަކީ ބައްޕަޔެއްގެ ވިސްނުމުން ވިސްނާ ނިންމުމެއް ނޫނެވެ. ދައްތަގެ ޖަޒުބާތުގައި ޖެހިފައިހުރި ކޮއްކޮއެއްގެ ވިސްނުމުގައި ބަޝީރު އެވަނީ މަގުއޮޅިފައިކަމުގައި ފަރީދާއަށް ފެނުނެވެ. ބަޝީރަތު ޤަބޫލު ކުރާ ގޮތުގައި ، ކަމެއް ނުވިސްނިގެން އެއުޅެނީ ބަޝީރަތަކަށް ނޫނެވެ. ފަރީދާއަށެވެ. އަދި އެއީ މާބޮޑު ކަންތައްގަނޑަކަށް ހަދަންވެގެން އުޅެނީ ފަރީދާއެވެ. އެ މައްސަލައިގާ ފަރީދާއާ ޒުވާބުކުރާކަށް ބަޝީރަތު ބޭނުމެއް ނޫނެވެ. އޭނާގެ ދައްތަ އެވަނީ މަރުގެ ތުންފަތްމަތީގައެވެ. އެޙާލަތުގައި ދައްތައާއި ޚައިރާދަށް އަޅާލައި އެހީވާނެ އެހެން އިންސާނަކު މިދުނިޔެއަކު ނެތެވެ. އެއީ މިދުނިޔެމަތިން ފުރިހަމަވާން ދައްތަ ބޭނުންވާ އެންމެ ފަހުގެ އެދުމެވެ.

" ދައްތަގެ މަޅީގައި ބަޝީރަތު ތިހުރީ ރަނގަޅަށް ޖެހިފައެވެ. މުޅި ޢުމުރުގައިވެސް ލާރިއެއް ދޭކަށް ނުބުނެއެވެ. އެކަމަކު މަރުވަމުން އެއެދެނީ ބަޝީރަތުގެ އެންމެ އަގުބޮޑު ރައުސްމާލަށެވެ. ބަޝީރަތުގެ ހަމައެކަނި ދަރީގެ ފުރާނައެވެ. އޭނާގެ މުރާދު އެ ޙާޞިލް ކޮށްލީ ކިހާ މަކަރުވެރި ގޮތަކަށް ހެއްޔެވެ ؟ " ފަރީދާ ބުންޏެވެ.

އެހިސާބުން ، ބަޝީރަތުގެ ކެތްތެރިކަން ކޮޅުންލިއެވެ. ފަރީދާގެ މޫނުމަތީ ޖެހުމަށް ބަޝީރަތުގެ އަތް އުފުލުނެވެ. އެހެނަސް އެއަތް ވަކި ހިސާބަކުން ހުއްޓުނެވެ. އަދި ރުޅިވެރިކަމާއެކު ފަރީދާއަށް އިންޒާރު ދިނެވެ.

" ތިބުނި ވާހަކައެއްގެ އިތުރުން އެންމެ ބަހެއްވެސް މިކަމުގައި ފަރީދާ ނުބުނާށެވެ! އިތުރަށް އެންމެ އެއްޗެއް ބުނި ނަމަވެސް ، ތިއީ އަހަރެންގެ އަންހެނުންކަމާއި އަޝްހަރުގެ މަންމަކަން ހަނދާން ނައްތައިލާނަމެވެ. މިއީ އަހަރެންގެ ގެއެވެ. މި ގޭގެ ވެރިޔަކީ އަހަރެންނެވެ. މިގޭގައި އުޅޭނީ އަހަރެން ބޭނުންވާ ބަޔެކެވެ. އަހަރެންގެ ދައްތަ ހުންނާނީ މިގޭގައެވެ. ދައްތަގެ ދަރިފުޅު މިގޭގައި ހުންނާނީ އަހަރެންގެ ޅީދަރިފުޅަށް ވެގެންނެވެ. އަހަރެންގެ މި ނިންމުމާ ނުރުހޭނަމަ ހަމަ މިހާރު މިގެއިން ނުކުމެގެން ދާށެވެ ! އަހަރެންގެ އަނތްބެއްގެ ގޮތުގައި އަދި ޚައިރާދުގެ މައިދައިތަގެ ގޮތުގައި މިގޭގައި އިންނަން ބޭނުންނަމަ އިންނަންވީއެވެ. އަދި އަހަރެންނާއެކު ދައްތަ ގާތަށްގޮސް ، އަޝްހަރާއި ޚައިރާދުގެ ކައިވެންޏަށް ހިތުން ރުހުމުން ޤަބޫލުކަމުގައި ދައްތަގާތު ބުނަންވީއެވެ. މާދަމާއަށް އިރުއެރުމުގެ ކުރިން ފަރީދާ އެކަން ނުކޮށްފިނަމަ އަދި މިކައިވެންޏަށް އެއްވެސް ހުރަހެއް އެޅޭނެކަމެއް ކޮށްފިނަމަ ، އަހަރެން ފަރީދާ ވަރިކުރާނަމެވެ. " ބަޝީރަތުގެ އިންޒާރުގެ ބަސްތަކުން ފަރީދާ ވަގުތުން ހުއްޓުވިއެވެ.

ބަޝީރަތު ، ފަރީދާއަށް އިންޒާރުގެ ބަސްތަކުން ރައްދު ދިނުމަށްފަހު ، އަތުގައިހުރި ބާރެއްލާފައި ދޮރުލައްޕައި އެތަނުން ނުކުމެގެން ދިޔައެވެ. ފަރީދާ ހުރީ ހަދާނެގޮތް ބޮޑުވެފައެވެ. އިތުރަށް އެކަމުގައި ފަރީދާ ވިސްނާނެ އެއްވެސް ފުރުޞަތެއް އަދި ދައްކާނެ ވާހަކައަކަށް ، ބަޝީރަތު ޖާގައެއް ނުދިނެވެ. ފަރީދާއަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ އެކައިވެންޏަށް ، ރުހުމެވެ. ނުވަތަ ބަޝީރަތުގެ އަނތްބެއްގެ ޙައިޞިއްޔަތު ގެއްލުމެވެ. ކައިވެންޏަށް ނުރުހޭނަމަ ، ބަޝީރަތު ، އޭނާ ވަރިކުރާނެއެވެ. އެހިސާބުން ބަޝީރަތުގެ މުއްސަނދި ޙަޔާތުންވެސް އަދި އޭނާގެ ދަރިފުޅުގެ ޙަޔާތުންވެސް ދުރަށްދާން މަޖުބޫރު ވާނެއެވެ. އެ ދެގޮތުންކުރެ އެއްގޮތަކީވެސް ފަރީދާ ބޭނުން ގޮތެއްނޫނެވެ. ފަރީދާއަކަށް އެއްވެސް އިޚްތިޔާރެއް ލިބިގެންނެއް ނުވެއެވެ. އެއަށްވުރެ ، ބަޝީރަތުގެ އިންޒާރު ހަރުކަށިވެފައި ވަރުގަދައެވެ. އެތައް އިރެއްވަންދެން ، ފަރީދާ ގަބުވެފައި އިނެވެ.

ބަޝީރަތުގެ ވާހަކަތަކުން ، ވެގެން އުޅޭގޮތެއް އެހާބޮޑަކަށް ޚައިރާދަކަށް ސާފެއް ނުވިއެވެ. އެހެންކަމުން ބޮޑުބޭބެ އެދައްކަނީ ކޮންވާހަކައެއްތޯ މަންމަކުރެން އަހައެވެ. ބޭބެ އެދެއްކީ ، ބޭބެގެ ދަރިފުޅު އަޝްހަރުގެ ކައިވެނި ޚައިރާދާ ކުރެވޭ ވާހަކަ ކަމުގައި މައިމޫނާ ބުންޏެވެ.

" ޚައިރާދާ އަހަރެންގެ ކައިވެނިކޮށްދޭން ބޭބެގާތު ، މަންމަ އެދުނީ ހެއްޔެވެ ؟ " ހިތްހަމަ ނުޖެހިފައި އިނދެ ޚައިރާދު އޭނާގެ މަންމައާ ސުއާލު ކުރިއެވެ.

މައިމޫނާ ، ބަޝީރަތުގާތު ދެއްކީ ، ޚައިރާދުގެ ކައިވެނީގެ ވާހަކައެވެ. އަޝްހަރާ ، ޚައިރާދު ދެވުމުގެ ވާހަކަ ބުނީ ބަޝީރަތު އަމިއްލަޔަށެވެ. މައިމޫނާ އެކަމަކަށް ނޭދެއެވެ. އެރޭގެ ދަންވަރު ، ބަޝީރަތު އެހާ ކުއްލިގޮތަކަށް ގެނެސް މައިމޫނާ އެދެއްކީ އެވާހަކައެވެ. ޚައިރާދަށް އެކަން އެ އެނގުނީ މިހާރުއެވެ. މައިމޫނާގެ ޙާލަތާ ގުޅިގެން ބައެއް ވާހަކަޔަކީ ލަސްނުކޮށް ދައްކަންޖެހޭ ވާހަކަ ކަމުގައި މައިމޫނާ އޭނާގެ ދަރިފުޅަށް ވިސްނައިދިނެވެ. އޭނާގެ ފުރާނަ ކޮންމެ އިރަކުވެސް ހަށިގަނޑާ ވަކިވެދާނެއެވެ. މައިމޫނާ ދުނިޔެއިން ވަކުވުމުގެ ކުރިން ދެކެން ބޭނުންވާ ކަމެއް އެ ޙާޞިލްވަނީއެވެ. ކޮންމެ އިރަކު އޭނާ މަރުވެދިޔަޔަސް މިހާރަކު ހިތާމައެއް ، ކަންބޮޑުވުމެއްވެސް ނެތެވެ. ހަމައެކަނި އޮތް ކަންބޮޑުވުމަކީ ، ޚައިރާދު އެކަނިވާން ދުނިޔެ ދޫކޮށްފައި ދިއުމުގެ ނުތަނަވަސްކަމެވެ. އެކަނިމާއެކަނި އޭނާގެ ދަރިފުޅު ދުނިޔޭގައި އުޅޭނީ ކިހިނެއްކަމާމެދު ފިކުރުކޮށް މައިމޫނާގެ ހިތް ހަލާކުވާ ވަރުވިއެވެ. ޚައިރާދުގެ ކައިވެނި ޤަބޫލުކުރުން އެދި ބަޝީރަތު އެދުނުކަމާމެދު ﷲ އަށް ، މައިމޫނާ ޝުކުރުކޮށް ޙަމްދު ކުރެއެވެ. އެއީ މަދުމީހަކަށް މެނުވީ ނުލިބޭފަދަ ނަސީބެކެވެ. އެކަން ހަމަޖެހުމާ ގުޅިގެން މައިމޫނާގެ އެންމެ ފަހުނޭވާ ލާނީ ހިތްހަމަ ޖެހުމާއެކީގައެވެ. އެކަން އެހެންނުވެ ، ޚައިރާދު ދޫކޮށްފައި ދުނިޔެއިން ވަކިވެ ދިއުމަށްފަހު ، ކަށްވަޅުގައިވެސް މައިމޫނާއަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

ބޮޑުބޭބެއާ މަންމަ އެވާހަކަ ދެއްކީތީ ، ޚައިރާދު އިނީ ހިތްހަމަ ނުޖެހިފައެވެ. އެހެންނަމަވެސް އޭނާގެ ނުރުހުމާއި ރުޅީގެ އަސަރު މިވަގުތު މަންމަޔަށް ދެއްކޭކަށް ނެތެވެ. ކުރެވުނުހާވެސް ކަމަކީ ، މަންމަ އެވާހަކަ ދެއްކީ ކީއްކުރަންތޯ ސުއާލުކޮށްލުމެވެ. މަންމަޔާ ނުލައި ޚައިރާދުވެސް ދުނިޔެ ދެކެން ޖެހޭނެއެވެ. މަންމަ ރަނގަޅު ވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެކަން އެގޮތަށް މިންވަރު ކުރައްވާފަ އޮތިއްޔާ ، މަންމަ ނެތްދުވަހެއްވެސް އައިސް ޚައިރާދަށް އެދުވަސްތައް ތަޙައްމަލު ކުރަންޖެހޭނެއެވެ. ޚައިރާދަށްޓަކައިވެސް މައިމޫނާ ރަނގަޅުވާން ޖެހެއެވެ. މަންމަޔާނުލައި އޭނާއަކަށް ދުނިޔެއަކު ނުއުޅެވޭނެއެވެ. ޚައިރާދުގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުން ދިޔައެވެ. މަންމަގެ ހިތްހަމަ ނުޖެހޭނެ އެއްވެސް ވާހަކައެއް ދައްކާކަށް ޚައިރާދު މިވަގުތު ބޭނުމެއް ނޫނެވެ. ބުނަން ބޭނުންވާ އެތައް ވާހަކައެއް އެބަހުއްޓެވެ. ކުރަން ބޭނުންވާ އެތައް ސުއާލުތަކެއްވެސް ޚައިރާދުގެ ހިތުގައި ފުނިޖެހިފައި އެބަހުއްޓެވެ. މަންމައަށް މިވަގުތު ބޭނުންވަނީ އަރާމެވެ. އެންމެ ފަހު ވަގުތުވެސް މަންމަގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަމެއް ނޫނީ ކުރާކަށް ޚައިރާދު ބޭނުމެއް ނޫނެވެ. މައިމޫނާ އިތުރު އެއްޗެކޭ ނުބުނެ ، ބާލީސްމަތީ އޭނާގެ ބޯ ހަމަޖައްސައިލިއެވެ.

އަނެއްކޮޅުން ސާރާއަށް ކުރިމަތިވެފައިވާ ނާއުއްމީދުގެ ހިތިއަސަރު ، އަދިވެސް ފިލައިގެންނެއް ނުދެއެވެ. އޭނާގެ ދުނިޔެ އެދަނީ ރޫޅި ބަރުބާދު ވެގެންނެވެ. ޓަކިޖަހާލާފައި ނޯކަރު އައިސް ، ސާރާގެ ކޮޓަރިޔަށް ވަނެވެ. އަދި ޒަރީނާ ، ނާސްތާކުރަން ސާރާގެ އިންތިޒާރުގައި އިންވާހަކަ ބުންޏެވެ. ސާރާ ރުޅި އައިސް ނޯކަރާ ދިމާއަށް އެއްޗެހި ކިޔައި ، ހަޅޭއްލަވައިގަތެވެ. ޓަކިޖަހާފައި ސާރާ ނުކުންނަންދެން ބޭރުގައި މަޑުނުކޮށް އޭނާ ކޮޓަރިޔަށް ވަނުން އެއީ ސާރާ ރުޅިއައި އެއްސަބަބެވެ. ކާންބޭނުންނުވާ ވާހަކަ މަންމަގާތު ބުނުމަށް ، ސާރާ ، ނޯކަރަށް އަމުރު ކުރިއެވެ. އަދި ނުކުމެގެން ދާށޭބުނެ ، ނޯކަރާ ދިމާއަށް އިތުރަށް ހަޅޭއްލަވައިގަތެވެ.

ކުޑައިރުކޮޅަކުން ޒަރީނާ އައިސް ސާރާގެ ކޮޓަރިޔަށް ވަނެވެ. ކޮޓަރިތެރެ އޮތީ ނޭކުރެންދޫ މީހުން ރޯދަވީއްލީމަ އޮންނަގޮތަށް ، އެއްޗެތިތައް އެތަން މިތަނަށް އުކާލެވިފައެވެ. ސާރާގެ ފޯނު އޮތީ އޮފް ކޮށްފައެވެ. ސާރާގެ ރައްޓެހިން ޒަރީނާއަށް ފޯނުކޮށް ، ސާރާ ކޮބައިތޯ ސުއާލުކުރަމުން ގެންދެއެވެ. ކީއްތޯ ވެގެން އުޅެނީ ބަލަންވެގެން ޒަރީނާ ، ސާރާއާ ސުއާލު ކުރިއެވެ. ވެގެން އުޅޭގޮތް މަންމަޔަށްވެސް އެނގޭނެކަމަށްބުނެ ، ސާރާ ރުޅިއަރައިގަނެ ހަޅޭއްލަވައިގަތެވެ.

" ދަރިފުޅާއެވެ ! ޙާލަތު ދެނެގަނެ ، ދިމާވާކަންކަމަށް އަމިއްލަ ނަފްސުދެކެ ރުޅި ނުއަންނާށެވެ ! ދަރިފުޅުގެ ހިތުގައި އަޅާނެ ވޭން މަންމަޔަށްވެސް އިޙްސާސް ކުރެވެއެވެ. އެކަމަކުވެސް ، ދަރިފުޅު ކެތްތެރިވެ ، ތިދިމާވި ކަންތަކާ ވިސްނުންތެރިކަމާއެކު ކުރިމަތިލާށެވެ ! ފަހުން ދެރަވާން ޖެހޭނެ އެއްވެސް ކަމެއް ނުކުރާށެވެ ! ނުކައި ނުބޮއެ އުޅުނީމަ ގެއްލުންވާނީ ދަރިފުޅުގެ އަމިއްލަ ހަށިގަނޑަށެވެ. އެހެން މީހަކަށްނޫނެވެ. " ޒަރީނާ އޭނާގެ ދަރިފުޅަށް ނަޞޭޙަތް ދިނެވެ.

ސާރާ އަށް މަންމަ ދެއްކި އެއްވެސް ވާހަކައެއްގެ އަޑެއް ނީވުނެވެ. މޫނު ކުނިކޮށްފައި ހުރެ ، ނުކުމެގެންދާން ހިނގައިގަތެވެ. ކުޑައިރުކޮޅަކަށް ބޭރަށް ގޮސްލަނީ ބުންޏެވެ. ނުވެސް ކައިތޯ ޒަރީނާ ކުރި ސުއާލަށް ސާރާ ޖަވާބެއް ނުދެއެވެ.

ސާރާ އެދިޔަގޮތަށް ދިޔައީ އަޝްހަރުގެ ގެޔަށެވެ. ގެޔަށްވަދެ ކާރު ޕާކުކޮށްލިތަނާ ނޯކަރަކު އައެވެ. ޚައިރާދު އެބައުޅޭތޯ ސާރާ ސުއާލު ކުރިއެވެ. ސާރާ އެތެރެޔަށް އައުމަށް ނޯކަރު އެދުނީމަ އޭނާއާ ދިމާއަށްވެސް ލަވައިގަތީ ހަޅޭކެވެ. ބުނިކަމެއް ބުނިގޮތަކަށް ކުރާށޭ އަދި ޚައިރާދަށް ގޮވާށޭ ބުނެއެވެ. ކުޑައިރުކޮޅަކުން ޚައިރާދު ނުކުތެވެ. އަދި ސާރާ އަންނަތަން ފެނުމުން ، ސަލާމް ގޮވާލައި ތިމަންނަޔާ ބައްދަލުކުރަން އައީ ސާރާތޯ ސުއާލު ކުރިއެވެ. އަދި ގޭތެރެޔަށް ވަނުމަށް ސާރާގާތު ބުންޏެވެ.

" ކަލޭ ތިއުޅެނީ އަޝްހަރާ ކައިވެނިކުރަން ދޯއެވެ ! ޚައިރާދެވެ ! ފިޔައިގާ ނެތް ބާރުން އުދުހެން ނުއުޅޭށެވެ ! ނެތްފެންވަރުން ހުވަފެން ނުދެކޭށެވެ ! ވަރަބިނދި ފަތްކޮޅު ފައިބާނެއެވެ. " ރުޅިއައިސްފައިހުރެ ސާރާ ބުންޏެވެ.

ސާރާ އެދައްކާ ވާހަކަޔަށް ދޭނީ ކޮން ޖަވާބެއްކަމެއް ޚައިރާދަކަށް ނޭނގުނެވެ. ތި ދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ ސާރާ ކުރެން އެއްސެވެ.

" ނޭނގޭ ކަމަށް ނުހަދާށެވެ ! އަޝްހަރެއް ޚައިރާދާ ކައިވެނިކުރާކަށް ބޭނުމެއްނޫނެވެ. ކައިވެންޏަށް އެއްބަސްވީ ، ބަޝީރަތު ބޭބެގެ އާދޭހަށް ނޫނެކޭ ބުނަން ނުކެރި މަޖުބޫރު ވެގެންނެވެ. ޚައިރާދަށް އެންމެ ރަނގަޅުގޮތަކަށްވާނީ ، ޚުދު ޚައިރާދު ތި ކައިވެންޏަށް އިންކާރުކޮށް ، ތިމާގެ ފެންވަރުން މީހަކު ހޯދައިގެން ކައިވެނި ކުރުމެވެ. އަޝްހަރަކާ ޚައިރާދު އެކަށީގެންނެއް ނުވެއެވެ. ތިކަހަލަ އާދައިގެ ކުއްޖަކާ ދިމާއަށް އަޝްހަރު ބަލައިވެސް ނުލާނެއެވެ. ތިކަހަލަ ކުދިން އަޝްހަރުގެ ރަޙުމަތްތެރިޔަކަށްވެސް ޤާބިލެއް ނޫނެވެ. އަދި ކައިވެނިކުރާނީ ކިހިނެއް ހެއްޔެވެ ؟ އަޝްހަރުގެ މަޑުމައިތިރިކަމާއި ހަމަހިމޭންކަން އެއީ ކައިވެންޏަށް ޤަބޫލުވަނީ ކަމަށް ނުބަލާށެވެ ! އަޝްހަރާ އަދި ޚައިރާދާ އުޑާއި ބިމާހާ ތަފާތެވެ. ބިންމަތީހުރެ ، އުޑަށް ހިތް ނުފޮނުވާށެވެ. ބަޝީރަތު ބޭބެގެ ކޮއްކޮއެއްގެ ޙައިޞިއްޔަތު ފިޔަވައި ޚައިރާދުގެ އެއްވެސް އަގެއް ނެތެވެ. އެހެންވީމާ އެގުޅުމަށް ނޫނެކޭ ބުނާށެވެ ! އެނގިއްޖެ ހެއްޔެވެ ؟  " ދެލޯބޮޑުކޮށް ރުޅިއައިސް ރަތްވެފައިހުރެ ސާރާ ، ޚައިރާދާ ދިމާއަށް އެއްޗެހި ގޮވުމަށްފަހު ނުކުމެގެން ދިޔައެވެ.

ސާރާ އެހުރިހާ އެތިވަރެއް ގޮވިއިރުވެސް ، ޚައިރާދުހުރީ އަނގައިން ބުނަންވެސް ނޭނގިފައެވެ. ސާރާއަކީ ކާކުކަމެއް ޚައިރާދަކަށް ނޭނގެއެވެ. އަދި ސާރާ އައިސް އޭނާގާތު އެވާހަކަތައް އެދައްކަނީ ކޮން ޙައިޞިއްޔަތަކުން ކީއްވެގެންކަމެއްވެސް ޚައިރާދަކަށް ނޭނގެއެވެ. ބޮޑުބޭބެގެ ނިންމުމަށް ހުރަސް އެޅުމަށްޓަކައި ސާރާ އައިސް ޚައިރާދާ ދިމާއަށް ހެއްދެވި ނުހެއްދެވިޔަށް ގޮވާނެކަމަށް ޚިޔާލުވެސް ކޮށްލެވިފައެއް ނެތެވެ. ސާރާއާ މީގެކުރިން ޚައިރާދާ ދިމާވީ އެންމެ ފަހަރަކުއެވެ. އެއީ މަންމަޔަށް ގޮވާލަން މާބޮނޑިއެއް ހިފައިގެން ސާރާ ކުރި ޒިޔާރަތެއްގައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ބަޝީރަތު ތިގޮތުގާ ހިފަހައްޓާ އަންހެންދުޅާނުވާތި! ވާހަކަ
    ހަމަ ހަބޭސް ވަރަށްރީތި، މިހެންވީމައޭ ފާރޫގުގެ ވާހަކަ
    ނޭވާހޮޅިޔަށް އެޅިފާއޮތަސް ކިޔެނީ ޝުކުރިއްޔާ ފާރޫގު
    އަޙުމަދު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.