(6 ފެބުރުއަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
" ބޮޑުދައިތަ ނިޔާވުމުން ، ޚައިރާދު ވަރަށް އެކަނިވެރިވާނެކަމަށް ބައްޕަ ބުނެފިއެވެ. އެކަމާބެހޭގޮތުން ބޮޑުދައިތަގާތު ދައްކާފައިވާ ވާހަކައެއް ބައްޕަ ، މިއަދު އަހަރެންގާތު ބުނެފިއެވެ. ބައްޕަ ބޭނުންވަނީ ، އަހަރެން ޚައިރާދާ އިންނާށެވެ. " ޒަރޫން ބުންޏެވެ.
އެވާހަކަ އަޑުއިވިފައި ސާރާގެ ދެލޯބޮޑުވެގެން ދިޔައެވެ. އަދި ބައްޕަގެ ވާހަކަޔަށް އަޝްހަރު ނޫނެކޭ ނުބުނަން ހެއްޔޭ ބުނެ ސާރާ ކުއްލިޔަކަށް ސުއާލު ކުރިއެވެ. އަޝްހަރަށް އެކަން މަނާކުރުމުގެ ހިތްވަރު ނުލިބުނުވާހަކަ ބުންޏެވެ. އެއީ އޭނާ ބަލައި ބޮޑުކުރި ބައްޕައެވެ. ބައްޕަގެ އެ އެދުމަށް އާނއެކޭވެސް އަދި ނޫނެކޭވެސް އަޝްހަރަށް ނުބުނެވުނުކަމުގައި ސާރާގާތު ބުންޏެވެ. ބައްޕަގެ ލޮލުން ފައިބަމުންދިޔަ ކަރުނައިގެ ކުރިމަތީގައި އެކަމަށް ނޫނެކޭ ބުނާނެ ހިތްވަރެއް އޭނާއަށް ނުލިބުނީއެވެ.
" ބައްޕަގެ ލޮލުން ކަރުނަފޭބީމާ އޭގެ ބަދަލުގައި މާދަމާ އަޝްހަރު ، ޚައިރާދާ ކައިވެނިކުރަންވީ ހެއްޔެވެ ؟ ވަގުތުން އެކަމަށް އިންކާރު ނުކުރީ ކީއްވެ ހެއްޔެވެ ؟ އެގޮތަށް ޚައިރާދާ ، އަޝްހަރު ކައިވެނިކުރާނީ ކިހިނެއް ހެއްޔެވެ ؟ އެހެން އަންހެންކުއްޖަކާ އަޝްހަރު ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ ؟" ސާރާ ރުޅިވެރިކަމާއެކު ސުއާލު ކުރިއެވެ. އަދި ނީނދެވިގެން ކޮޅަށް ތެދުވެ ކޮންޓްރޯލެއް ނެތި ، އަޝްހަރާ ވާހަކަ ދައްކަމުން އަޑުގަދަކޮށްލިއެވެ.
ސާރާގެ މިޒާޖު ކޮންޓްރޯލުން ނެއްޓުނެވެ. އަދި ފަހަތަށް އެނބުރުނެވެ. އަޝްހަރު އިނީ ޙައިރާންވެފައެވެ. އެވާހަކަތަކަށް އިދިކީލި ގޮތަކަށް އެހާ ރުޅިވެރިކަމާއެކު ސާރާ ވާހަކަ ދައްކާތީއެވެ. އަދި ޙައިރާންވެފައި އިނދެ ސާރާއަށް ގޮވައިލިއެވެ.
" އަޝްހަރަށް އެއްވެސް އެއްޗެއް ނުވިސްނޭނެއެވެ. އަޝްހަރަކީ ހަމައެކަނި އަހަރެންގެ ބެސްޓް ފްރެންޑެއްނޫނެވެ. އަހަރެންގެ ހުރިހާ އެއްޗަކީވެސް އަޝްހަރެވެ. އަޝްހަރަށް އަހަރެންނަކީ އެހާ މުހިންމު މީހެއްނޫނެވެ. ކުޑައިރުއްސުރެ އަހަރެން އަޝްހަރު ދަންނަމެވެ. އަހަރެންނަށް އަޝްހަރަކީ ވަރަށް މުހިންމު އިންސާނެކެވެ. އަހަރެން އަޝްހަރުދެކެ އިންތިހާއަށް ލޯބި ވެއެވެ. " ހިތުގައި ޖެހިފައިހުރި ސާރާ ފަހަތަށް އެނބުރި ، އެތަނުން ނުކުމެގެން ދިޔައެވެ.
އަހަރެންގެ ވާހަކަ އަޑުއަހާލަ ބަލާށޭ ގޮވަމުން ، އަޝްހަރު ސާރާގެ ފަހަތުން އައެވެ. ސާރާ މަޑުކޮށްނުލައި ރޮމުން ރޮމުން އޮފީހުން ނުކުމެގެން ދިޔައެވެ. އަޝްހަރު ހުރީ ހަދާނެގޮތް ބޮޑުވެފައެވެ. އަޝްހަރާއި ސާރާ ކިތަންމެ ގާތްކޮށް އުޅުނަސް އަދި ބެސްޓް ފްރެންޑުން ކަމަށްވިޔަސް ، އަޝްހަރު ، ސާރާއާ ދޭތެރޭ އެނަޒަރަކުން ނުދެކެއެވެ. އަދި ސާރާ އޭނާދެކެ ލޯބިވާކަމެއްވެސް އަޝްހަރަކަށް މީގެކުރިން އެނގިފައެއް ނެތެވެ.
ސާރާ އޮފީހުން ނުކުމެގެން އެދިޔަ ގޮތުން އަޝްހަރަކަށްވެސް ނުހުރެވުނެވެ. ސާރާގެ ގެޔަށް އަޝްހަރު ދިޔައެވެ. ސާރާ ، ސިޓިންރޫމްގައި ، ދެރަވެފައި އެކަނި އިނެވެ. އަޝްހަރު ގޮސް ސާރާގާތުގައި އިށީނދެލިއެވެ. އަދި ސާރާއާ ވާހަކަ ދައްކަން ފެށްޓިއެވެ. އަސްހަރު އެތައް ވާހަކައެއް ދެއްކިއިރުވެސް ސާރާއިނީ ހިމޭނުން އަނގައިން ނުބުނެއެވެ. އެހެންނޫނީ ސާރާ އޮފީހުން ނުކުންނާނީ އަޝްހަރުގާތު ބުނެލާފައެވެ. އަޝްހަރު ކުރި އެއްވެސް ކޯލަކަށްވެސް ސާރާ ޖަވާބެއް ނުދެއެވެ.
" ސާރާއެވެ ! ބައްޕަގެ ވާހަކައިން އަހަރެންނަށް ލިބުނު ޝޮކަށްވުރެ ، ސާރާ ތިދިން ޝޮކް މާ ބޮޑެވެ. އަހަރެމެންނަކީ ބެސްޓް ފްރެންޑުންނެވެ. ގާތް ރައްޓެހި ރަޙުމަތްތެރިކަމުގެ ގުޅުމެއްނޫން އެހެން ނަޒަރަކުން ސާރާއާމެދު ދުވަހަކުވެސް ނުވިސްނަމެވެ. " އަޝްހަރު ބުންޏެވެ.
" ކުރިން ނުވިސްނިޔަސް ދެން ، ވިސްނާށެވެ ! ޚައިރާދާމެދުވެސް އަޝްހަރު ކުރިޔަކުން އެއްވެސް ނަޒަރަކުން ނުވިސްނަމެއް ނޫން ހެއްޔެވެ ؟ އަހަރެންނަކީ ޤަބޫލު ނުކުރެވޭނެ މީހެއް ނޫނެވެ. އަހަރެންނަށް ހީކުރެވުނީ އަހަރެންނަކީ އަޝްހަރާ އެއްފެންވަރަކުން އަޝްހަރާ އެންމެ ބޮޑަށް ގުޅޭނެ މީހެއްކަމަށެވެ. އެކަމަކު ، އަހަރެންގެ ބަދަލުގައި އެ ޖާހިލު އަންހެންކުއްޖާ ، އަޝްހަރާ މާބޮޑަށް ގުޅޭކަން މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ. " ސާރާ ރުޅިއައިސް ރަތްވެގެން އިނދެ އަޝްހަރާދިމާއަށް އެއްޗެހިކިޔަމުން ގެންދިޔައެވެ.
އަޝްހަރު އެއުޅެނީ ވަކި މީހަކު އިޚްތިޔާރު ކޮށްގެންނެއް ނޫނެވެ. ވަކި ކުއްޖަކާމެދު އޭނާގެ ހިތުގައި ޝަޢުޤުވެރިކަމެއް އުފެދިގެންނެއްވެސް ނޫނެވެ. އަދި ، ވަކިމީހަކާ ކައިވެނި ކުރަންވެގެންނެއްވެސް ނޫނެވެ. އަޝްހަރު ހަމައެކަނި އެކުރިކަމަކީ ، މިއަދު ހެނދުނު އޭނާގާތު ބައްޕަ ބުނިވާހަކައެއް ސާރާގާތު ބުނެލީއެވެ. އަޝްހަރު އަދި ވަކިގޮތެއް ނިންމީއަކީ ނޫނެވެ. އެވާހަކަ ބުނެލިކަމަށްޓަކައި އެކަމާ ، ސާރާ އެހާ ރުޅިގަދަވުމުގެ ބޭނުމެއް ނެތެވެ. އަޝްހަރުވެސް ހިތްހަމަ ނުޖެހިފައި އިނދެ އަޑުގަދަކޮށް ސާރާއާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އަޝްހަރު ޤަބޫލުކުރާ ގޮތުގައި ސާރާއަކީ އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިޔެކެވެ. އޭގެ ބޭރުން ސާރާއާމެދު އޭނާ އެއްވެސް ވަރަކަށް ނުވިސްނައެވެ. އެކަހަލަ އެއްވެސް އިޙްސާސެއް އަޝްހަރުގެ ހިތުގައި ސާރާއާމެދު އުފެދިފައެއް ނުވެއެވެ. ސާރާގެ ހިތުގައި އަޝްހަރާމެދު އެބާވަތުގެ އިޙްސާސެއް އޮތްކަމަށް ވަންޏާ އެކަން ހާމަކޮށްލިނަމަ ކިހާ ރަނގަޅު ހެއްޔެވެ ؟ އަޝްހަރާއި ސާރާއާ ދެމެދު ޚިޔާލުކޮށް މަޝްވަރާ ނުކުރެވޭ އެއްވެސް ކަމެއް ނުވެއެވެ. އެވާހަކަވެސް ސާރާ ނުބުނެ ހުރީ ކީއްވެގެން ހެއްޔެވެ ؟
" އަހަރެމެން ކިތަންމެ ގާތްކޮށް ވާހަކަ ދައްކާ ހެދިޔަސް ، އަހަރެމެންގެ ގުޅުން ކިތަންމެ ގާތްނަމަވެސް އަހަރެންނަކީވެސް އަންހެނެކެވެ. އަހަރެމެން ، ފިރިހެންކުދިންގެ ފަރާތުން ޢިޝާރާތެއް ލިބެން ބޭނުންވާނެއެވެ. އެ އުއްމީދަކީ އަހަރެން އެކަނިކުރާ އުއްމީދެއް ނޫނެވެ. މަންމައާއި ފަރީދާ ދައްތަވެސް އެތިބީ އަހަރެމެން ދެމީހުން ކައިވެނީގެ ގުޅުމަކުން ގުޅުމަށް އެދިއެދިއެވެ. އެމީހުން އެތިބެނީ . އެހާ ގާތް ދެއެކުވެރިންނަށްވީމަ ، ކޮންމެވެސް ދުވަހަކުން އަހަރެމެން ކައިވެނިކުރާނެކަމަށް ބަލައިގެންނެވެ. " ސާރާގެ ހަޅޭއްލުން ކުރެއް ނުކުރެއެވެ.
އަޝްހަރުވެސް ސާރާގެ ހިތަށް އުނދަގޫވާނެކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ. އެއްވެސް ވާހަކަޔަކުން ސާރާ ހިތްދަތިވާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ، ޢިޝްޤީ ލޯތްބެއްގެ އެއްވެސް އިޙްސާސެއް ، އަޝްހަރުގެ ހިތުގައި ސާރާގެ މައްޗަކަށް އެއްވެސް އިރެއްގައި ، އެއްވެސް މިންވަރަކަށް އުފެދިފައެއް ނުވެއެވެ. އެކަން ސާރާގެ ހިތުގައި ސާފުކޮށް ، އަޝްހަރަށް އިތުބާރުކުރުމަށް އަޝްހަރު އެދުނެވެ.
" އަޝްހަރު ، އަހަރެން ދެރަވާނެކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ތިއުޅެނީ ، ޚައިރާދާ ކައިވެނި ކުރާށެވެ. " ސާރާ ހަޅޭއްލަވައިގަތެވެ.
ސާރާއަށް އޭނާގެ ނިންމުން ވިސްނައި ދެވޭތޯ އަޝްހަރު ވަރަށް މަސައްކަތް ކުރިއެވެ. ޚައިރާދާ ކައިވެނިކުރާކަށް އޭނާއެއް އަދިއެއް ނުނިންމައެވެ. އޭނާ އެއުޅެނީ ޚައިރާދާ ކައިވެނި ކުރާކަށް ނޫނެވެ. އަޝްހަރަށް އެހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ސާރާ އާ އޭނާ ޙިއްޞާ ކުރަންބޭނުންވަނީ އެވާހަކައެވެ. އެކަމަކު އެވާހަކަ ސާރާގާތު ބުނެލިތަނުން ، އެޓޮމް ބޮމެއް ގޮވިހެން އެދެމީހުން އެތިބީ ޒުވާބެއްގެ ތެރޭގައި ތާށިވެފައެވެ. ކައިވެނިކުރަން ވިސްނުމުގެ ބަދަލުގައި ، ޚައިރާދަކީ ތިމާގެ ކުއްޖެއްނަމަވެސް ، ރައްޓެހި ކުއްޖެއްވެސް ނޫނެވެ. އެއްވެސް މިންވަރަކަށް ދަންނަ ކުއްޖެއްވެސް ނޫނެވެ. ބައްޕަ އޭނާގެ ކިބައިން އެކަމަށް އެދުނީމަ ، ކުއްލިޔަކަށް އޭނާއަކަށް އެކަމަށް އިންކާރެއް ނުކުރެވޭނެއެވެ.
ސާރާ ރުޅިއައިސް ތުރުތުރުލައިގެންފައި ކޮޅަށް ތެދުވެ އަޝްހަރާ ދިމާއަށް އިހަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ.
" ނޫރު ރިޒާގެ އަންހެންދަރިފުޅާ ކައިވެނި ކުރާށޭ ، މާދަމާވެސް ބައްޕަ ބުނެފިއްޔާ އެކަން އަޝްހަރު ކުރަންވީ ހެއްޔެވެ ؟ އެ ޖާހިލު އަންހެން ކުއްޖާއަށް އަޝްހަރު ރަނގަޅަށް ބަލައިލިން ހެއްޔެވެ ؟ އަޝްހަރާ އޭނާއާ ދެމެދު އުޑާއި ބިމާހާ ތަފާތު އެބަހުއްޓެވެ. އެއީ ވަރަށް ސާފުކޮށް އެނގޭ ކަމެކެވެ. އެކުއްޖާއަކީ އަޝްހަރާ އެކަށީގެންވާ ކުއްޖެއް ނޫނެވެ. އަޝްހަރުގެ ބައްޕަ ، އެ ގަމާރާ އިންނަން އަޝްހަރުގެ ކިބައިން އެދުނީތީވެސް އަހަރެން މިހުރީ ޢަޖައިބު ވެފައެވެ. "
ސާރާ ޒުވާބު ކުރަމުން ގެންދިޔައެވެ. އޭނާގެ ނަފްސުގެ ކޮންޓްރޯލް ވަނީ ގެއްލިފައެވެ. އަޝްހަރު އިނީ ސާރާ އެގޮވަމުން ގެންދިޔަ އެއްޗެހީގެ އަޑު އަހާފައި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކަހަލަ ގަމާރު އަންހެނަކާ ފިރިހެނުން އިންނާނީ ދެމީހުން ހިތާވެގެންކަމުގައި ސާރާ ބުންޏެވެ. އެކަން ސާރާ ޤަބޫލު ކުރެއެވެ. އެކަމަކު ، އަޝްހަރު އެކުއްޖާއާ އިނުމަކީ ސާރާއަށް ކުރެވޭ ބޭއިންސާފެއްކަމުގައި ، ސާރާ ދެކެއެވެ. އަދި އެއީ ، އަޝްހަރަށްވެސް ކުރެވޭ ބޭއިންސާފެކެވެ.
" ތާކުން ފެންނަހާ ކުއްޖަކު އަޝްހަރުގެ ކުރިމައްޗަށް ގެނެސް ، އެއީ އަޝްހަރާ އެއްފެންވަރުގެ ކުއްޖެއް ނޫންނަމަވެސް ، އެކުއްޖާއާ އިންނާށޭ ބުނުމަކީ އިންސާފެއް ހެއްޔެވެ ؟ " ސާރާގެ ރުޅިގަނޑު ހައްތާ ދިޔައީ ގަދަވަމުންނެވެ.
" އަހަރެން އަޝްހަރުދެކެ އިންތިހާއަށް ލޯބި ވެއެވެ. އަޝްހަރުގެ ދިރިއުޅުން ބަރުބާދުވެގެންދާން އަހަރެން ދޫކޮށެއް ނުލާނަމެވެ. އެއްވެސް ޙާލެއްގައި އަޝްހަރާއި ޚައިރާދުގެ ކައިވެނިވިޔަކަ ނުދޭނަމެވެ. ކައިވެނި ކުރެވުނަސް ދިރިއުޅުނަކަ ނުދޭނަމަވެ. " ސާރާ ބުންޏެވެ.
ރުޅިއައިސް ފުފިފައިހުރެ ، ސާރާ އެތަނުން ނުކުމެގެން ދިޔައެވެ. އަޝްހަރު އޭނާގެ އަތުގައި ހިފުމުންވެސް ފޮޅުވައިލިއެވެ. އަޝްހަރު އޭނާއަށް ގޮވިޔަސް އަޅައެއް ނުލިއެވެ. އަޝްހަރުގެ ސިކުނޑި ގޮވާވަރު ވިއެވެ. ބައްޕަގެ ވާހަކަތަކުން އެހާ ބޮޑަށް ސިކުނޑި ހާސްވެފައި އިންދާ ، ސާރާ އެދެއްކި ވާހަކަތަކުން ، އޭނާގެ ސިކުނޑި އިތުރަށް ހާސްވެގެން ދިޔައެވެ. ކުޑައިރުކޮޅަކު އެތާ މަޑުކޮށްލުމަށްފަހު ، ގެޔަށް ދިއުމަށްޓަކައި އެގެއިން ނުކުތެވެ.
އަޝްހަރު ގެޔަށް އައިގޮތަށް އައިސް ، ނުވެސްކައި ، ބަގީޗާގެ ތެރޭގައި ހުއްޓާ އެތަނަށް ފަރީދާއަށް އާދެވެއެވެ. އޮފީސް ހެދުމުގައި އަޝްހަރު ހުރިތަން ފެނިފައި ކީއްވެފައިތޯ ތިހުރީ އަހައި ފަރީދާ ސުއާލު ކުރިއެވެ. ބައްޕަ ހެނދުނު ދެއްކި ވާހަކައަކުންނާއި ސާރާ އެރޭ ދެއްކި ވާހަކަތަކުން ކަންބޮޑުވެފައި ކަމުގައި އަޝްހަރު ބުންޏެވެ. ސާރާއަށް ވީ ކިހިނެއްތޯ ފަރީދާ ސުއާލުކުރިއެވެ. އަދި ދެމައިން އައިސް އެތާހުރި ގޮނޑިއެއްގައި އިށީނދެލިއެވެ.
" އަހަރެންނަކަށް ނޭނގެއެވެ. ސާރާއާމެދު އަހަރެން ދުށީ ގާތް ރައްޓެއްސެއްގެ ގޮތުގައެވެ. އެހެން އެއްވެސް ނަޒަރަކުން ސާރާއާމެދު އަހަރެންނެއް ނުވިސްނަމެވެ. އެކަމަކު މިއަދު ........ އަހަރެންދެކެ ލޯބިވާ ވާހަކަ ބުނެފިއެވެ. ސާރާގެ ވާހަކަތަކުން އަހަރެންނަށް ލިބުނީ ޝޮކެކެވެ. " މަންމައާ ދިމާއަށް ބަލައިލަމުން އަޝްހަރު ބުންޏެވެ.
" ބަޝީރަތަށް އެހުރީ ކިހިނެއްވެފައި ހެއްޔެވެ ؟ ދައްތަގެ ހަމްދަރުދީއަށްޓަކައި ދަރިފުޅު ޤުރުބާންކުރުމުގެ ވިސްނުން އެއައީ ކޮންގޮތަކުން ހެއްޔެވެ ؟ ޚައިރާދުގެ ވާހަކަ ބައްޕަ ބުނުމުން ، މަންމަޔަށްވެސް ލިބުނީ ވަރަށްބޮޑު ޝޮކެކެވެ. އެއީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ ؟ " ފަރީދާވެސް އަޝްހަރާ ބައިވެރިވިއެވެ.
" އަހަރެންނަކަށްވެސް ނޭނގެއެވެ. ޚައިރާދުމެންނަކީ ، މުޅިންތަފާތު ބަޔެކެވެ. އެއީ ކާކުކަން އަހަރެން ނުވެސް ދަންނަމެވެ. އެވަރުގެމީހަކާ އަހަރެން އިންނާނީ ކިހިނެއް ހެއްޔެވެ ؟ އަހަރެމެންގެ ވިސްނުމާ އެމީހުންގެ ވިސްނުމާ ހާސްބައި ތަފާތު ވާނެއެވެ. " އަޝްހަރު ބުންޏެވެ.
އަޝްހަރުވެސްހުރީ ، ޚައިރާދާ ކައިވެނިކުރަން ޖެހުނީމަ އެކަމާ ކަންބޮޑުވެފައެވެ. އެކަންކުރަން ބޭނުމެއް ނުވެއެވެ. ހަމައެއާއެކު ސާރާއާ ކައިވެނިކުރާކަށްވެސް އަޝްހަރު އަދި ބޭނުމެއް ނުވެއެވެ. އަޝްހަރުގެ ވިސްނުންހުރިގޮތް އެނގުނީމަ ، ފަރީދާއަށް އާ ހިތްވަރެއް ލިބުނެވެ. ޚައިރާދާ އޭނާގެ ކައިވެނި ނުކުރެވޭނެ ގޮތްތަކެއް ރޭވުމަށް މަގުފަހިވެގެން ދިޔައެވެ. އެހެންނަމަވެސް ފަރީދާ އެކަންކުރަން ޖެހޭނީ ވަރަށް ވިސްނައިގެންނެވެ. ބަޝީރަތު ކިތަންމެ ރުޅިއަޔަސް ، ފަރީދާގެ މައްސަލައެއް ނެތެވެ. ސާރާއާ އަޝްހަރު ދެވޭނީ ، އަޝްހަރު ބޭނުންވާގޮތަކަށް ، މިވަގުތު ކަންތައްތައް ކޮށް ، އޭނާގެކޮޅަށް އަޝްހަރު ލަންބުވާލައިގެންނެވެ.
" ސާރާއާމެދު ، އަޝްހަރު އެއްވެސް ވަރަކަށް ޝަޢުޤުވެރިކަމެއް ނެތީ ހެއްޔެވެ ؟ " ވަރަށް ވިސްނާފައި އަޝްހަރުގެ ސިކުނޑިއާ ކުޅެލުމުގެ ބޭނުމުގައި ، ފަރީދާ ސުއާލު ކުރިއެވެ.
ޚައިރާދާ އަޅާ ބަލާއިރު ، އަޝްހަރުގެ ހިތް އޮތީ ސާރާގެ މައްޗަށެވެ. ދެމީހުންގެ ތެރެއިން އަޝްހަރު ނަގާނީ ސާރާއެވެ. ޚައިރާދަކީ އޭނާއަށް އިއްޔެ ފެނުނު މީހެކެވެ. ސާރާއަކީ ކުޑައިރުއްސުރެ އޭނާއާއެކީ އުޅެމުން އަންނަ އޭނާ ރަނގަޅަށް ދަންނަ މީހެކެވެ. އެކަމަކުވެސް ، ސާރާއަކީ ހަމައެކަނި އޭނާގެ ގާތް ރައްޓެއްސެކެވެ. އެއަށްވުރެ އިތުރު ކަމެއް އަޝްހަރުގެ ހިތުގައި ސާރާގެ މައްޗަކަށް ނެތެވެ. ސާރާގެ ހިތުގައި އޭނާގެ މައްޗަށް ލޯތްބެއް އެ އުފެދުނީ ، އޭނާއަށް ކޮންވާހަކައެއް ދެކެވިގެންކަމެއް ނޭނގެއެވެ.
" ތެދަށް ބުނާ ކަމަށް ވަންޏާ ، އެއީ ހަމައެކަނި ސާރާގެ އެކަނި އުއްމީދެއްނޫނެވެ. އަހަރެންނާއި ޒަރީނާވެސް ، ސާރާއާއި އަޝްހަރުގެ ކައިވެނިކޮށްދޭން މިތިބީ ބޭނުންވެފައެވެ. އެކަން ކުރާނެ ރަނގަޅު ވަގުތަކަށް ބަލަބަލައެވެ. އެހެންތިއްބާ މިއައި ތޫފާނެއް ދޯއެވެ ! " ފަރީދާ ބުންޏެވެ.
(ނުނިމޭ)
ފަރީދާ މޮޅު ވާހަކަ ނުދައްކާ،
Kureege vaahaka hen mivaahakaves vv reethi thafaathu
vvv.reethi