ތުރުކީއާއީ މިސްރާއި ދެމެދު ގުޅުން ކެނޑިފައި އޮންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް، ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާންއާއި، މިސްރުގެ ރައީސު ޢަބްދުލްފައްތާޙް ސީސީ ވަރަށް އަވަހަށް ބައްދަލުކުރައްވާނެކަމުގައި ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދް ޖާވޭޝްއޮގްލޫ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ މިސްރުގެ ވެރިރަށް ޤާހިރާގައި މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީއާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ. "އަހަރުމެން ބޭނުންވަނީ ދެގައުމުގެ ގުޅުން އެންމެ މަތީ ފެންވަރުގައި އަލުން ގާއިމްކުރަން." ޖާވޭޝްއޮގްލޯ ވިދާޅުވިއެވެ.
ދެ ގައުމުގެ ރައީސުން ބައްދަލުކުރައްވާނެ ވަކި ދުވަހެއް ހާމަނުކުރެއްވި ނަމަވެސް، ޖާވޭޝްއޮގްލޫ ވިދާޅުވިގޮތުގައި ދެ ބޭފުޅުން ބައްދަލުކުރައްވާނީ އަންނަ މޭ މަހު 14 ގައި ތުރުކީގައި ބާއްވާ ރިޔާސީ އިންތިޚާބަށްފަހުއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު އިއްޔެ ރަސްމީ ދަތުރުފުޅެއްގައި ޤާހިރާއަށް ވަޑައިގެން މިސްރުގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަކީ 11 އަހަރަށް ފަހު ދެ ގައުމުގެ ޚާރިޖީ ވަޒީރުން ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. ޖާވޭޝްއޮގްލޫ މިސްރަށް ވަޑައިގަތީ އެގައުމުގެ ޚާރިޖީ ވަޒީރު ޝުކްރީގެ ދައުވަތަކަށެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވަމުން ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ފެބުރުވަރީ މަހު އެގައުމަށް އައި ބިންހެލުންތަކަށް ފަހު ކުރިމަތިވި ދަތި ހާލުގައި މިސްރުން ވީ އެހީ ތުރުކީން ހަނދާންނައްތާނުލާނެއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރަހައްދުގެ ހަމަޖެހުމަށްޓަކައި ދެ ގައުމު ގާތުން މަސައްކަތްކުރަންޖެހެއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނީ ސަރައްދީ މައްސަލަތައްވެސް ހިމަނައިގެންނެވެ.
ދެ ގައުމުގެ ސިޔާސީ ގުޅުން ކެނޑިފައި އޮތްނަމަވެސް ވިޔަފާރީގެ ގުޅުން ކެނޑިފައި ނުވެއެވެ. 2007 ވަނަ ދެ ގައުމުގެ ދެމެދުގައި 4 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވިފައިވާ އިރު، 2022 ވަނަ އަހަރު މިއަދަދު ވަނީ 11 ބިލިއަން ޑޮލަރަށް އަރާފައެވެ.
ތުރުކީން މިސްރާއެކު އޮތް ގުޅުން ކަނޑާލާފައި ވަނީ 2013 ވަނަ އަހަރު މިސްރުގެ ރައީސުކަމުގައި ހުންނެވި ޑރ. މުޙައްމަދު މުރްސީގެ ވެރިކަން އަސްކަރީ އިންލާބަކުން ވައްޓާލައި ޢަބްދުލްފައްތާޙް ސީސީ ވެރިކަމަށް ގަތުމުންނެވެ. ތުރުކީއަކީ ރައީސު މުރްސީއަށް އެންމެ ބޮޑަށް ތާއީދުކުރި އެއް ގައުމެވެ.