ރައީސު އެރްދޮޣާން ޔޫއޭއީއަށް ވަޑައިގެންފި

ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން އިއްޔެ އަބޫދާބީއަށް ވަޑައިގަތުމުން އަބޫދާބީގެ ވަލީއަހުދު މުޙައްމަދު ބިން ޒާޔިދު އާލްނަހްޔާން އޭނާއަށް މަރުހަބާދަންނަވަނީ

ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފިއެވެ. އެރްދޮޣާން ދިހަ އަހަރަށް ފަހު އަބޫދާބީއަށް ވަޑައިގަތުމުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް ވަނީ މަގުފަހިވެގެން ގޮސްފައެވެ.

ސައޫދީ އަރަބިއްޔާ އިސްވެ އޮވެ އަރަބި ހަތަރު ގައުމަކުން (އޭގެ ތެރޭގައި ޔޫއޭއީވެސް ހިމެނޭ) 2017 ވަނަ އަހަރު ޤަޠަރު ހިސާރުކުރުމުން ރައީސު އެރްދޮޣާން ޤަޠަރަށް ތާއީދުުކުރެއްވުމާ ގުޅިގެން އެ ގައުމުތަކާ ތުރުކީއާ ދެމެދު ގުޅުން ގޯސްވެގެން ގޮސްފައި ވެއެވެ. އެެހެންނަމަވެސް، ފާއިތުވި އަހަރު އެ ހިސާރު ނިމުމަކަށް އައިސް އެ ގައުމުތަކުން ޤަޠަރާ އަރުން ގުޅުން ގާއިމުކުރުމާއެކު ތުރުކީއާ އެގައުމުތަކާ ދެމެދު އޮތް ގުޅުން ވަނީ ރަނގަޅުވެގެން ގޮސްފައެވެ.

ފާއިތުވި ނޮވެންބަރު މަހު އަބޫދާބީގެ ވަލީއަހުދު މުޙައްމަދު ބިން ޒާޔިދު އާލްނަހްޔާން ވަނީ ތުރުކީއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

ރައީސު އެރްދޮޣާން އިއްޔެ އަބޫދާބީއަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވީ މުޙައްމަދު ބިން ޒާޔިދާއި ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބު މަންޞޫރު ބިން ޒާޔިދު އާލްނަހްޔާންއެވެ.

ޔޫއޭއީގެ އިސްވެރިންނާއެކު ރައީސު އެރްދޮޣާން ކުރެއްވި ރަސްމީ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ތުރުކީގެ ރަސްމީ ޚަބަރުފަތުރާ އެޖެންސީ އަނަޑޯލޫއިން ބުނި ގޮތުގައި އިއްެޔެގެ ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައިމުން ވަނީ 13 އެއްބަސްވުމެެއްގައި ސޮއިކޮށްފައެވެ. އޭގެތޭރޭގައި އަސްކަރީ ސިނާއަތް، ސިއްހަތު، މޫސުމަށް އަންނަ ބަދަލުތައް، ޓެކްނޮލޮޖީ، ވިޔަފާރި، އިގްތިސާދު، ސަގާފަތް، ދަނޑުވެރިކަން، ޒުވާނުން، ދަތުރުފަތުރު، ކާރިސާތަކާ ކުރިމަތިލުން އަދި މުވާސަލާތާ ބެހޭ އެއްބަސްވުންތައް ހިމެނެއެވެ.

ތުރުކީއާ ޔޫއޭއީއާ ދެމެދު ރަސްމީ ވާހަކަތައް ކުރިއަށް ދަނީ

ރައީސު އެެރްދޮޣާން އިއްޔެ ޔޫއޭއީއަށް ފުރާވަޑައިގަތުމުގެ ކުރިން އޭނާވަނީ ސަރަަހައްދުގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

"ގަލްފު ސަހަރައްދުގައި ވާ އަހަރުމެނެްގެ އަޚު ގައުމުތަކުގެ ރައްކާތެރިކަމަކީ އަހަރުމެންގެ ރައްކާތެރިކަމާ ވަކި އެއްޗެއް ކަމަށް އަހަރުމެން ނުދެކެން." އިސްތަންބޫލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސު އެރްދޮޣާން ވިދާޅުވިއެވެ.

"އަަަަހަރުމެން ބޭނުންވަނީ ގުޅުންތައް އޮންނަން ޖެހޭ މިންވަަރަށް ގެންދިއުމުގައި ދުވެލި މަޑުނުކޮށް ކުރިއަށް ދާން. އަަހަރެންގެ މި ދަތުރުގައި ޔޫއޭއީ އަހަރުމެންނާއެކު އޮތް ރަހްމަތްތެރިކަމާ އަޚުވަންތަކަމުގެ ގުޅުން ކުރިއަށް އޮތް 50 އަހަރަށް ބައްޓަންވެގެންދާ ފަދަ ފިޔަވަޅުތައް އަހަރުމެން އަޅާނަން." ތުރުކީގެ ރައީސު ވިދާޅުވިއެވެ.

ޔޫއޭއީއާ ތުރުކީއާ ދެމެދު ކުރެވޭ ވިޔަފާރީގެ އަގު މިހާރު 8 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައި ވާއިރު، ތުރުކީ ކުންފުނިތަކުން މަސައްކަތުގެ ކޮންޓްރެކްޓްގައި އެންމެ ގިނަ އަދަދަކަށް ސޮއިކުރާ 10 ގައުމުގެ ތެރޭގައި ޔޫއޭއީ ހިމެނެއެވެ.

ރައީސު އެރްދޮޣާން ހާމަކުރެއްވި ގޮތުގައި ތުރުކީގެ އިމާރާތްކުރާ ކުންފުނިތަކުން މިހާތަނަށް 13 ބިލިއަން ޑޮލަރުގެ އަަގުހުރި 141 މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.