އަހަރުތަކަކަށް ފަހު ތުރުކީން މިސްރު އަދި ސައޫދީ އަރަބިއްޔާއާއި ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްތަކެއް

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ތުރުކީ ރައީސު އެރްދޮޣާން 2017 ވަނަ އަހަރު ބައްދަލުކުރައްވަނީ

މިސްރާއި ތުރުކީގެ ގުޅުން ގޯސްވެފައި އޮންނަތާ ގާތްގަނޑަކަށް 8 އަހަރު ފަހުން އެ ގުޅުން ރަނގަޅުކޮށް އާދައިގެ ހާލަތަށް ގެނައުމުގެ މަސައްކަތް ދެ ގައުމުން ފަށައިފިއެވެ.

ތުރުކީއާއި މިސްރުގެ ގުޅުން ފުރަތަމަ ގޯސްވާ ފެށީ މިސްރުގެ ރައީސުކަމުގައި ހުންނެވި މުޙައްމަދު މުރްސީގެ ވެރިކަން އިންގިލާބަކުން ބަދަލުކޮށް މިހާރުގެ ރައީސު އަބްދުލް ފައްތާޙް ސީސީ ވެރިކަމާ ހަވާލުވެވަޑައިގަތް ހިސާބުންނެވެ. ތުރުކީއަކީ މުރްސީއަށް އެންމެ ބޮޑަށް ތާއީދުކުރި ގައުމެވެ.

ދެ ގައުމުގެ ގުޅުން ދެން ގޯސްވީ ޤަޠަރު ހިސާރުކުރުމުގައި ސައޫދީ އަރަބިއްޔާއެކު މިސްރުން ބައިވެރިވުމުންނެވެ. ތުރުކީން ތާއީދުކުރީ ޤަޠަރަށެވެ.

ދެގައުމުގެ އިސް އޮފިޝަލުންގެ މެދުގައި މަޝްވަރާތައް ފަށާފައި ވާއިރު، ތުރުކީގެ ޑިޕްލޮމެޓިކް ދާއިރާގެ އިސް ބޭފުޅުންގެ ވަފުދެއް ދަނީ މިސްރަށް ޒިޔާރަތްކުރަމުންނެވެ. ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޖާވޭޝްއޮގްލޫ ވިދާޅުވިގޮތުގައި މަޝްވަރާތައް ކުރިއަށް ދާނީ ޚާރިޖީ ވަޒީރުންގެ ނާއިބުންގެ ފެންވަރުގައެވެ.

ތުރުކީއާ ގުޅުން ގޯސްވެފައިވާ އަނެއް އަރަބި ގައުމަކި ސައޫދީ އަރަބިއްޔާއެވެ. ޣައްޒާގައި ވެރިކަންކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) ޖަމާއަތަށް ތުރުކީން ތާއީދުކުރުމާ، ޤަޠަރު ހިސާރުކުރުމުން ތުރުކީން ޤަޠަރަށް ތާއީދުކުރުމުންނެވެ. އަދި މިގުޅުން އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސައޫދީ ނޫސްވެރިޔާ ޖަމާލް ޚާޝުޤްޖީ މަރާލި މައްސަލައަށް ފަހުގައެވެ.

ޤަޠަރު ހިސާރު އުވާލައި ސައޫދީ-ޤަޠަރު ގުޅުންވެސް އާދައިގެ ހާލަތަށް ބަދަލުވުމާ ގުޅިގެން ތުރުކީއާ ގުޅުން ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ތުރުކީގެ ރައީސު ރަޖަބް ޠައްޔިބު އެރްދޮޣާން ވަނީ އިއްޔެގެ ވަގުތެއްގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް ފޯނުން ގުޅުއްވައި ދެގައުމުގެ ގުޅުން ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުގައި ތުރުކީއާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ހިންގުމުގެ އިތުރަށް، ސައޫދީ ސަރުކާރުން ނުރަސްމީ ގޮތުގައި ތުރުކީގެ މުދާ ސައޫދީއަށް އެތެރެކުރުން ހުއްޓުވުގެ ސަބަބުން ތުރުކީން ސައޫދީ އަރަބިއްޔާއަށް އެތެރެކުރާ މުދާ %93 ދަށަށް ގޮސްފައި ވަނިކޮށް މިއަހަރު މިވަނީ އެކަންވެސް ރަނގަޅުވާން ފަށާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.