ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީން ހާއްސަ ހަފްލާއެއް ބާއްވައިފި

ފޮޓޯ: ދުވަސް

ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ ކުނޫޒް ގައި ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރ އާއިޝަތު ނަހުލާ އެވެ.

މި ހަފްލާގައި އެކިއެކި  ދާއިރާތަކުން ރާއްޖޭގައި ފާހަގަކޮށްލެވޭ ކަނބަލުން ބައިވެރިވެފައިވެއެވެ. އަދި މީގެތެރެއިން ބައެއް ބޭފުޅުން ވަނީ، އެފަރާތްތައް ހާއްސަވާ ދާއިރާތަކުން އަންހެނުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ހަފްލާގެ ބައިވެރިންނާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން، އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޑރ. ނަޒްމާ ހަމީދު ވަނީ، އަންހެނުންނަށް އާންމުކޮށް ދިމާވާ އެކިއެކި ސިއްހީ މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތުދީ، މިފަދަ ކަންކަމަށް ހޭލުންތެރިކުރުވައި އަދި ޖަލްސާއަށް ވަޑައިގެންނެވި ކަނބަލުންގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.

މީގެއިތުރުން ޑައިރެކްޓަރ ނެވިގޭޝަން އެންޑް އެއާޑްރޯމްސް ފާތިމަތް ރަމީޒާވެސް މި ޖަލްސާގައި ބައިވެރިވެ، އޭވިއޭޝަން ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި، މިދާއިރާގައި ކުރެވުނު ތަޖުރިބާތައް ހިއްސާކުރައްވާފައި ވެއެވެ.

މިއީ ސިޔާސީ މަސައްކަތެއް ނޫންކަން ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ މިއީ އަންހެނުންގެ މުހިންމުކަން ހާމަކުރުމަށް ބޭއްވި ހަފްލާއެއް ކަމަށެވެ. އަދި އަންހެނުން ކަމަކަށް ކުރިމަތިލާނަމަ ވަރަށް ދުއްތުރާތަކާއި ކުރިމަތިވާ ކަމަށެވެ.

އެހެންނަމަވެސް، ގޮތްދޫނުކުރައްވާ، ފޯރިިއާއެކު ނިކުންނަވައިފިނަމަ ކާމިޔާބުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބައެއް އަންހެން ކަނބަލުން ކަންކަމާއި ކުރިމަތިލާއިރު، އެހީވާނެ ފަރާތްތައް ވަރަށް މަދު. އަޅުގަނޑުމެން އަންހެނުން، އަންހެނުންގެ ފަހަތުުގައި ތިބެން ހިނގާ. އަޅުގަނޑުމެން އަންހެނުންގެ އަދަދު މާ ގިނަ. ކަންކަމުގައި އަޑު އުފުލަން ނުކެރި ނުހުރޭ. މީހަކު ކުރާ ކަމަކަށް ބެލުމެއް ނެތި، ކުރާ ފުރައްސާރައަކަށް ބެލުމެއްނެރި ކުރިޔަށް ހިންގަވާ" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރ ނަހުލާ ވަނީ، ކޮންމެ ފިކުރެއްގެ ބަޔަކުކަމުގައި ވިޔަސް އަދި ކޮންމެ އެންޖީއޯއެއްވިއަސް، ކޮންމެ މުއައްސަސާއެއްވިއަސް، އަންހެނުން ކުރިއަރުވައި، ބާރުވެރިކުރުވުމަށް ކުރާ ކަންކަމުގައި އެއްބާރުލުންދެއްވުމަށް އެންމެހާ ކަނބަލުންގެ ކިބައިން އެދިލައްވާފަ އެވެ.

 

އެކިއެކި އުމުފުރާގެ ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވި މި ހަފްލާ ނިންމާލާފައިވަނީ އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން ތައްރާރުކުރި ކޭކު ފެޅުމަކުން ނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.