ކިރުއިލޮށި - 20

(28 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެހެންނަމަވެސް ވެރިޔަކަށް އެއްދުވަހެވެ. ވަގަކަށް ހާސް ދުވަހެވެ. ސާރާގެ މަކަރުވެރި ޙީލަތުގެ ބޭޒާރުން އޭނާގެ ދުނިޔެ އެކޮޅުކޮޅުން ޖެހިގެން ދާނެއެވެ. އެދުވަހަކުން ، އަޝްހަރެއްވެސް އޭނާއާ އެކީއެއް ނުހުންނާނެއެވެ. ދިރިހުރުމަށް ކުރާނެ އުއްމީދެއް ދުނިޔެއިން ފެނިގެންނެއް ނުދާނެއެވެ. ކުރި ބެދިފައިވާ ހަތަރު އަނގޮޅިއެއްގެ މެދުގައި ހުރެ ، ދުނިޔެއަށް ، އިސްޖަހައިލުން ނޫންގޮތެއް ސާރާއަކަށް ނުފެންނާނެއެވެ. މިއިންކަމެއްގެ އިޙްސާސް ކުރެވޭވަރަށްވުރެ ، ސާރާގެ ވިސްނުން ކޮށްޓެވެ. އަޝްހަރުގެ ލޯބީގައި ސާރާ ދީވާނާވެފައިވާލެއް ބޮޑުކަމުން ، އޭނާއަށްވަނީ ހެވާއި ނުބައި އޮޅިފައެވެ. ޚުދު އޭނާގެ އަމިއްލަ ހިތް ، އޭނާއަށްވަނީ އޮޅުވައިލާފައެވެ. ނުފިލާވަރަށް އޮޅިފައިވާ ދިގު ކަންވާރެއްފަދައިންނެވެ. އެހިސާބުން އޭގެ ބޭނުން ކެނޑުނީއެވެ. ސާރާއަށްވެސް އޭނާގެ މަކަރާއި ޙީލަތްނޫން އެހެން އެއްވެސް އެއްޗެއް ބޭނުމެއް ނުވެއެވެ. ސާރާ ، އޭނާގެ ދުނިޔެ ކާން ބޭނުންވަނީ މަކަރާ ޖަހައިގެންނެވެ. ހިތި ޒަހަރަކަށްވިޔަސް ، ފޮނިރަހަލާ އެއްޗެއްގެ ގޮތުގައި ކުޑަދުލަށް އޮޅުވައިލައިގެން ، ފޮނިއެއްޗެއްގެ ގޮތުގައި  އެއެއްޗެއް އަރުތެރެއިން ދިރުވައިލުމަކީ ސާރާއަށް ދާދި ފަސޭހަ ކަމެކެވެ. އެހެނީ ، މަކަރާއި ޙީލަތަކީ ، ސާރާގެ ތަބީޢަތުގައިވެސް އެންމެ ކުރީގައި އޮންނަ ސިފައެވެ. ސާރާގެ ދުނިޔެ އޭނާ ކަމުން އެގެންދަނީ މަކަރާ ޖަހައިގެންނެވެ.

މިންވަރަށް އީމާންނުވާ މީހުންނަކީ ، އެއާ ނުލައި ދިރިއުޅެން އުނދަގޫ ބަޔެކެވެ. ﷲ ގެ މަތިވެރި ، ނިމުމެއްނެތް ނިޢުމަތާއި ، ފުރިގެންވާ ރަޙުމަތް އެއީ ޝުކުރުކުރުން ޙައްޤު ދަރުމަކަން ، ސާރާއަށް ވިސްނައިގަންނާކަށް ނޭނގޭނެއެވެ.

އެކްސަސައިޒްކުރާ ކޮޓަރީގައި ހިމޭންވެލައިގެން ސާރާ އިށީނދެއިނެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ކަނޑުވައިލީ ޒަރީނާގެ އަޑަށެވެ. ޒަރީނާ ގާތަށް ހުރީ ރުޅި އައިއްސައެވެ. އެއީ ސާރާގެ ކައިވެންޏާ ބެހޭގޮތުން ، ޒަރީނާއާ ވާހަކަ ދައްކަން އަޝްހަރުގާތު ސާރާ ބުނުމާގުޅިގެންނެވެ.

ރޭގެ ގަޑިއެއްގައި އަޝްހަރު ، ޒަރީނާއަށް ފޯނުކުރިއެވެ. އަދި ވިސްނައިދެމުން ، ސާރާއަށް ކައިވެންޏަކަށް ބާރުނުއެޅުމަށް ބުނިކަމަށް ވެއެވެ. ސާރާ ، ކައިވެންޏެއްކުރަން ބޭނުންނޫނިއްޔާ އެކަމަށް ސާރާއަށް މަޖުބޫރުކޮށްގެން ނުވާނެކަމަށް ބުންޏެވެ.

" އެއީ ރަނގަޅުވާހަކައެއް ނޫންހެއްޔެވެ ؟ އަހަރެން އަޝްހަރު ނޫންމީހަކާ ކައިވެނި ކުރަން ނެތިއްޔާ ، އަހަރެން މީހަކާ ދެވަން މަޖުބޫރުކުރުމުގެ އެއްވެސް ޙައްޤެއް ، އެއްވެސްމީހަކަށް ލިބިގެންނެއް ނުވެއެވެ. " ސާރާ ބުންޏެވެ.

އަޝްހަރު އެހުރީ ކައިވެނިކޮށްގެންކަމުގައި ޒަރީނާ ހަނދާންކޮށްދިނެވެ. އަދި ރަޙުމަތްތެރިކަން އެބާއްވަނީ ސާރާ އާ އެކުގައެވެ. އަޝްހަރުގެ ކައިވެންޏަށް އޭނާ އެހުންނަނީ އުފަލުންނެވެ. އަޝްހަރުގެ ލަދެއްވެސް ނެތްކަމުގައި ޒަރީނާ ބުންޏެވެ. ސާރާ ކައިވެނިކުރާނީ ކާކާ ކަމާއި އަދި ކައިވެނިކުރާނީ ކޮންއިރަކުންކަން ބުނެދޭން އަޝްހަރު އެއީ ކާކު ހެއްޔެވެ. އަޝްހަރު އެވާހަކަތައް ދެއްކިއިރު ، އޭނާއާ ދިމާއަށް އެއްޗެހިގޮވައިގަންނާނަމޭ ހިތަށްއެރިކަމަށް ޒަރީނާ ބުންޏެވެ. އަދި ، ސާރާގެ ދިރިއުޅުމުގައި އަޝްހަރު ގެންގުޅެންވީ ކީއްކުރަންތޯ އަހައި ސާރާއާ ދިމާއަށް އެއްޗެހިކިޔައިގަތެވެ.

" އަޝްހަރު  އެއީ އަހަރެންގެ ޙަޔާތުގެ އެންމެ މުހިންމު އިންސާނާއެވެ. އެހެންވީމަ އަހަރެންގެ ޙަޔާތެއް ، އަޝްހަރާނުލައި ފުރިހަމައެއް ނުވާނެއެވެ. ސަބަބު އެނގިއްޖެދޯއެވެ މަންމާއެވެ ! އަހަރެންގެ ލޯބިވަނީ އަޝްހަރު ދެކެއެވެ. އެހެން އެއްވެސް މީހަކު ދެކެ އަހަރެން ލޯތްބެއް ނުވާނަމެވެ. ބަޝީރަތުގެ ބަހަށް ހެއްލި ، އަޝްހަރަށް އެހުރީ ނުބައި ފިޔަވަޅެއް އެޅިފައެވެ. އަޝްހަރު އެފިޔަވަޅުމަތިން ދުރަށްލައި ، އަހަރެންގެ ޙަޔާތަށް ގެނައުމަކީ އަހަރެންގެ މަޤްޞަދެވެ. އަހަރެންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވާން ބޭނުން ނެތިއްޔާ ، އެންމެ ދެރަވެގެން އަހަރެންގެ މަގަށް ހުރަސް ނުއަޅާ މަޑުން ހުންނާށެވެ ! " ސާރާ އޭނާގެ މަންމައާ ދިމާއަށް ބުންޏެވެ.

ސަރާގެ ވާހަކަ ނިންމައިލާފަ އޮފީހަށްދާން ލަސްވެއޭ ބުނެ ނުކުމެގެން ހިނގައްޖެއެވެ.

ސާރާ ނުކުމެގެންދިޔައީ ، އޮފީހަކަށްނޫނެވެ. އޭނާ ދިޔައީ އަޝްހަރުމެންގެޔަށެވެ. އެގެޔަށްގޮސް ޚައިރާދާ ބައްދަލުކުރިއެވެ. އަދި ފަސްމިނިޓެއްހައިއިރު ، ވާހަކަ ދައްކާލަން ، ގޯތިތެރޭ ބަގީޗާ ތެރޭގައި ބޭރުގައި މަޑުކޮށްލަން ސާރާ އެދުނެވެ. ސާރާގެ އެދުމުގެ މަތިން ޚައިރާދު ބަގީޗާ ތެރޭމަޑުކޮށްލުމަށް ސާރާއާއެކު ނުކުތެވެ.

ކަންތައްތައް ދަނީ ކިހިނެއްތޯ ޚައިރާދުކުރެން ސާރާ އެހިއެވެ. އަދި ގެއިން ބޭރަށް ނުކުމެލައި ދުނިޔެތެރެޔަށް ލޯހުޅުވުމުގެ މުހިންމުކަން ސާރާ ފާހަގަ ކުރިއެވެ. އެހެންނޫނީ މިޒަމާނުގައި ، އަންހެނުންނަށް އަންހެނުންގެ ދަރަޖައިގާ ނުތިބެވޭނެކަމުގައި ސާރާ ބުންޏެވެ. އަމްދުން ، ގޭގައި ހަތަރުދަމު މަސައްކަތްކުރަން އަވަދިނެތިއުޅޭ އަންހެނުންނާ އަޝްހަރު ގަޔާނުވާނެކަންވެސް ސާރާ ހާމަކުރިއެވެ. އެވާހަކަތަކަކީ ، ޚައިރާދު އެހާ މުހިންމުކަންދޭ ކަމެއްނޫނެވެ. އަޝްހަރަށް ކަމުދާޏެ ކަންކަން ޚައިރާދު އެއަންނަނީ މަޑުމަޑުން ދަސްކުރަމުންނެވެ. އެއީ ކޮންމެހެން އެހެންމީހަކު ، ޚައިރާދަށް ކިޔައިދޭންޖެހޭނެ ވާހަކަތަކެއްކަމަކަށް ޚައިރާދު ނުދެކެއެވެ.

ސާރާ އެއައީ ވަރަށް މުހިންމު ވާހަކައެއް ދައްކަންކަމުގައި ޚައިރާދުގާތު ، އޭނާ ބުނެއެވެ. ފޯނުން އެވާހަކަ ބުނުމުގެ ބަދަލުގައި ، ގެޔަށް އައިސް ޚައިރާދާ ބައްދަލުކޮށްލާފައި ބުނުން ރަނގަޅުކަމަށް ފެނުނީއެވެ.

އަޝްހަރާއި ޚައިރާދު އިއްޔެ ، ބޭރަށްދާން އުޅެނިކޮށް ، އަޝްހަރަށް އޭނާ ފޯނުކުރީމާ ، ޚައިރާދު ދޫކޮށްލާފައި އޭނާގާތަށް އަޝްހަރު އައުން އެއީ ، ޚައިރާދަށް މައްސަލަޔަކަށް ވެދާނެތީ ،އޭނާ ކަންބޮޑުވީކަމުގައި ސާރާ ބުންޏެވެ.

ޚައިރާދަށް އެއީ މައްސަލައެއްނޫންކަމުގައި އޭނާ ބުންޏެވެ. ރަޙުމަތްތެރިކަމުގެ ޙައްޤުގައި އެވަރުކަމެއް އެއީ މައްސަލަޔަކަށް ވެގެން ނުވާނެކަމުގައި ޚައިރާދު ބުންޏެވެ. ސާރާއަކީ އަޝްހަރުގެ ރަޙުމަތްތެރިޔެކެވެ. ޚައިރާދަކީ އަޝްހަރުގެ އަނބިމީހާއެވެ. އެ ތިންމީހުންގެ ގުޅުން ޤާއިމްވެ އޮންނަންޖެހޭނީ އެކުއެކީ އޮއެދެމޭ ކޯރެއްގެ މިސާލުގައިކަމުގައި ޚައިރާދު ބުންޏެވެ.

ޚައިރާދު އެކަމުގައި ، ހިތުގައި އެއްޗެއް ނުލައި ސާރާގެ މައްޗަށް ހިތްބަރުކަމެއް ނުބޭއްވޭތީ ސާރާ އުފާކުރިއެވެ. އަދި އޭނާއާ އަޝްހަރުގެ ގުޅުމުގެ ވާހަކައިން ކުރިޔަށް ގެންދިޔައެވެ. ސާރާއާއި އަޝްހަރަކީ ، ތުއްތު އިރުއްސުރެ ޤާއިމްވެފައި އޮތް ޒަމާންވީ ގުޅުމެކެވެ. ދެމީހުންނަކީ ދެޖިންސުގެ ދެމީހުންނަމަވެސް ، ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ. އަޝްހަރުގެ ހިތުގައި ސާރާއަށް ނާންގައި އެއްވެސް އެއްޗެއް ސިއްރުކޮށްފައެއް ނުބާއްވާނެއެވެ. ދުވަހަކުވެސް ދެމީހުންގެ މެދުގައި ، ކުޑަވެސް މައްސަލައެއް ޖެހިފައެއް ނެތެވެ. އެއީ ދެހަށިގަނޑެއްގައިވާ އެއްފުރާނައެއްފަދަ ގާތް ދެރަޙުމަތްތެރިންނެވެ. ފަހަރެއްގައި ކަމެއްކުރެވޭގޮތަކުން ރަޙުމަތްތެރިކަމުގެ ޙައްދުން ބޭރުވާފަދަކަމެއް ، ދެމީހުންކުރެ މީހަކަށް ކުރެވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެކަންކަމާ ސާރާ ކަންބޮޑުނުވުމަށް ޚައިރާދު ބުންޏެވެ. ސާރާއާއި އަޝްހަރުގެ ރަޙުމަތްތެރިކަމުގެ ގުޅުމަކީ ޚައިރާދަށް ނޭނގިއޮތް ގުޅުމެއްނޫނެވެ. އެހެންނަމަވެސް ، ސާރާ އައިސް އެއިނީ ، ޚައިރާދުގެ ހިތަށް ވަސްވާސް ވައްދައި ، އެގުޅުމުގައި ސާރާގެ ހިތުގައި ފޮރުވިފައި އޮތަތީ ، ޚައިރާދަށް ނޭނގިއޮތް އެއްޗެއް އިތުރަށް ފަސްލައި ފޮރުވުމަށެވެ. ޚައިރާދުގެ މަޢުޞޫމިއްޔަތުކަމުގެ ނާޖާއިޒް ފައިދާ ، ސާރާ ނިކަން ރަނގަޅަށް ނެގިއެވެ. ޚައިރާދުގެ ހިތުގައި ސާރާގެ މައްޗަށް އެއްވެސް މިންވަރެއްގެ ޝައްކުކަމެއް ނެތެވެ. ސާރާއަކީ ހެޔޮލަފާ ކުއްޖެކެވެ. އަޝްހަރުދެކެ ލޯބިވިނަމަވެސް ، އަޝްހަރުގެވެސް އަދި ޚައިރާދުގެވެސް ގާތް ރަޙުމަތްތެރިޔަކަށްވެހުރެ ، ޚައިރާދާއި އަޝްހަރުގެ ދިރިއުޅުމަށް ނޭދެވޭ އަސަރެއް ފޯރާނެ އެއްވެސްކަމެއް ސާރާއެއް ނުކުރާނެއެވެ. ޚައިރާދަށް ޝުކުރު އަދާކުރުމަށްފަހު ، ސާރާ އޮފީހަށްދާން ނުކުތެވެ.

އަޝްހަރަށް ކޮފީއެއް ގެނެސްދިނުމަށްފަހު ، ޚައިރާދު ދުރުގައި އިށީނދެ މަޑުކޮށްލިއެވެ. ޚައިރާދު މިހާރު އިސްވެ ، އަޝްހަރާ ވާޙަކަ ދައްކަންވެސް ފަށައިފިއެވެ. ކޮފީ ރަނގަޅުތޯ އަހައި ، ޚައިރާދުގެ ހިތުގައިވާ އެހެންވާހަކައެއް އަޝްހަރުގާތު ބުނެވޭތޯ ޚައިރާދު މަސައްކަތް ކުރަމުންގެންދިޔައެވެ. އެހެންނަމަވެސް ، އެވާހަކައިގެ ބާވަތުން ބުނާނީތޯ ނުބުނާނިތޯ ، އޭނާގެ އަމިއްލަ ހިތާ ސުއާލުކުރަން އިނެވެ. އެތަން ފެނި އަޝްހަރަށް އެކަން ފާހަގަ ކުރެވުނެވެ. އަދި ކިހިނެއްވީތޯ ސުއާލު ކުރިއެވެ.

ޚައިރާދަށް އެވާހަކަ ބުނާނެ ފުރުޞަތު ، ހުޅުވައިލަދިނީ އަޝްހަރެވެ. އެހެންކަމުން ، ޚައިރާދު އޭނާގެ ވާހަކަ ފެށްޓިއެވެ.

" މިއަދު ސާރާ ގެޔަށް އައެވެ. އޭނާއައީ އިއްޔެ އެހިނގިކަންތަކާބެހޭގޮތުން ، އަހަރެމެންނަށް އެކުގައި ބޭރަށް ނުދެވުނީތީ އަހަރެންގެ ކިބައިން ނަޢާފަށް އެދުމަށެވެ. " ޚައިރާދު ބުންޏެވެ.

ޚައިރާދު ބުނީ ކީކޭތޯ ބެލުމަށް އަޝްހަރުވެސް ބޭނުންވިއެވެ. ޚައިރާދުގެކޮޅަށް އަޝްހަރު ލެނބެމުންދާކަން ، އެހައި އަވަހަށް ޚައިރާދަށް އަންގާކަށް ، އަޝްހަރު ބޭނުމެއްނޫނެވެ. ސާރާގެ ސުއާލަށް ޚައިރާދު ދިނީ ކޮން ޖަވާބެއްތޯ އަޝްހަރު އެހިއެވެ. ޚައިރާދު ބުނީ އެކަމާއެހާ ކަންބޮޑުނުވާކަމަށް ކަމުގައި ޚައިރާދު ބުންޏެވެ. އެހެންނޫނަސް ، ދެރަޙުމަތްތެރިންގެ މެދަށް ލެވޭ ފަރުދާއަކަށްވާކަށް ޚައިރާދު ބޭނުމެއްނޫނެވެ. ފަރުދާއެއް ހުންނަންޏާ ދާއިމީކޮށް އެފަރުދާ ލެވެންވީއެވެ. އެހެންނޫނީ ، އެދެމީހުންގެ މެދަށް އެއްވެސް އެއްޗެއް ލެވިގެންނުވާނެއެވެ. ސާރާއަކީ ރަނގަޅު ކުއްޖެއްކަމަށް ޚައިރާދުވެސް ޤަބޫލު ކުރެއެވެ.

ސާރާއަކީ ރަނގަޅު ކުއްޖެއްކަމަށް އަޝްހަރުވެސް ބުންޏެވެ. އެހެނަސް ، ތަންކޮޅެއްއަވަހަށް އަސަރުކޮށްފައި ޖަޒުބާތީކަން އެހައި ބޮޑުވާނެކަމަށްވެސް ބުންޏެވެ. ސާރާއަކީ ކަންކަން ތަޙާއްމަލުކުރުމުގައި އުނިކަމެއް ހުންނަ މީހެކެވެ. ހިތްބަލިވާނެއެވެ. އެކަމަކު އެހާ ހިތްވެޔޮވެސް ވާނެއެވެ. ރަނގަޅުމަގަކުން ، ސާރާއާއި ޚައިރާދުގެ ގުޅުން ބަދަހިވަމުންދާނެކަމުގެ އުއްމީދުގައި އެކަމަށްޓަކައި އަޝްހަރު އުފާކުރިއެވެ. ފަރިދާގެ އަނެއްފަރާތުގެ ނެރުމަތީ ނަގަމުންދާ ގޮށްރާޅުތަކުގެ ހަމަބޮލިކަމާއި ނުރައްކާތެރިކަމުގެ ކުޑަވެސް އިޙްސާސެއް ، އަޝްހަރަކަށްވެސް އަދި ޚައިރާދަކަށްވެސް ލިބިފައެއް ނެތެވެ.

އަޝްހަރު ހަވީރުވީތަނާ ، އޮފީސްނިންމާލައިފައި ގެޔަށްދާން ނުކުތެވެ. މަންމަ ގުޅާފަ ގެޔަށް ގެންގޮސްލަދޭން އެދިފަވެސް އޮތުމާއެކުގައެވެ. މަންމަގެ އޮފީހަށްގޮސް މަންމަގެ ކުރިމަތީހުރި ގޮނޑީގައި އަޝްހަރު އިށީނެވެ. މިހާރު މާއަވަހަށް ގެޔަށްދާ ދުވަސްވަރެކޭ ބުނެ އަޝްހަރާ ، ފަރީދާ ސަމާސާ ކޮށްލިއެވެ. އަދި ޚައިރާދުވެސް އެކަމާ އުފާކުރާނެކަމަށް ބުންޏެވެ. ފަރީދާއަށް އޭނާގެ ދަރިފުޅާ ، އަމިއްލަ ސުއާލެއްކޮށްލަން ފުރުޞަތަކަށް ބަލަބަލާ ހުންނަތާ ލައްކަ ދުވަސްވެއްޖެއެވެ. ގޭތެރެއިން އެފަދަ ފުރުޞަތެއް ހޯދުން އެއީ އެހާ ފަސޭހަކަމެއްނޫނެވެ. ހަމަޖެހިލައިގެން އެވާހަކަ ކުރިޔަކަށް ނުގެންދެވޭނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ދުވާލަކު ބައެއް ކިޔަންލިބެންޏާ ކިޔަންލިބޭ ތަން
    ކޮޅު ކުރަސް ފުއްދާލައިގެން ޝުކުރުކޮށްގެން ހުން
    ނާނީ
    ެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.