ކިރުއިލޮށި - 3

(2 ފެބުރުއަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޝްހަރާއި ސާރާއަށް ހޮސްޕިޓަލަށް ދެވުނުއިރު ، ފެނުނީ ވަރަށް އެހެންކަހަލަ މަންޒަރެކެވެ. އަޝްހަރުގެ ބައްޕަ ބަޝީރަތުހުރީ ، ޚައިރާދުގެ ގައިގާ ލޯބިން ބައްދާލައިގެން ، އޭނާއަށް ހިތްވަރު ދޭށެވެ. ޚައިރާދުގެ ނިތްކުރީގައި ބޮސްދީ ، ބޮލުގައި ފިރުމާލަމުން ، ބަޝީރަތު ދިޔައީ ޚައިރާދަށް ނަޞޭޙަތްދީ ހިތްވަރު ދެމުންނެވެ.

އަޝްހަރު ، ބަލިއެނދުގައި އޮތް އޭނާގެ ދައްތަޔަށް ސާރާ ތަޢާރުފް ކޮށްދިނުމާއެކު ، ސާރާ ސަލާމް ގޮވައިލިއެވެ. އަދި މައިމޫނާ ވަރަށްބަލި އަޑަކުން ސާރާގެ ސަލާމް ބަލައިގަނެ ، ހެޔޮދުޢާ ކުރިއެވެ. އަޝްހަރު ، ޚައިރާދާދިމާއަށް ބަލައިލާ ޙާލުކިހިނެއްތޯ ސުއާލު ކުރިއެވެ. ޚައިރާދުވެސް ޙާލު ރަނގަޅުކަމަށްބުނެ ހިތާމަވެރި އަޑަކުން ޖަވާބު ދިނެވެ. ސާރާ އަމިއްލަޔަށް ، އަޝްހަރުގެ ބެސްޓް ފްރެންޑޭ ބުނެ ޚައިރާދަށް އޭނާ ތަޢާރުފްވެ ، ގެނައި މާބޮނޑި ޚައިރާދަށް ދިއްކޮށްލިއެވެ. އެމީހުން އިށީނދެލުމަށް ތަންދައްކަމުން ޚައިރާދު އިށީނދެއިންތަނުން ތެދުވިއެވެ. އެހެންނަމަވެސް އަޝްހަރު އެކަން މަނާކުރިއެވެ. ކުޑައިރުކޮޅަކުން ގެޔަށް ދަނީއޭ ބުނެ ، ބަޝީރަތާއި އަޝްހަރާ އަދި ސާރާ ނުކުމެއެވެ.

އިތުރަށް ދެވޭނެ ފަރުވާއެއް ނެތުމާއެކު ، މައިމޫނާ މިހާރުވަނީ ، އޭނާގެ ޙަޔާތުގެ އެންމެ ފަހުދުވަސްތައް ޢާއިލާއާއެކު ހޭދަކޮށްލުން ރަނގަޅުކަމަށް ބުނެ ޑޮކްޓަރުންގެ ލަފަޔާއެކު ، ބަޝީރަތުގެ ގެޔަށް ބަދަލު ކުރެވިފައެވެ.

ޚައިރާދު ، މަންމަގެ ފައިމޮޑެދޭން އިނެވެ. އަދި ދެންހެވޭ ބުނީމާ ބޯލާކޮޅަށްޖެހިލައިގެން އިނދެ މަންމަގެ ބޯ މޮޑެދޭން ފެށްޓިއެވެ. އޭރު ، މައިމޫނާއަށް އުނދަގޫތަކެއް ވެގެން ، ދެފަރާތަށް ބޯ ހޫރަމުން ގެންދިޔައެވެ. އަދި ޚައިރާދަށް ގޮވައިލުމަށްފަހު ، ބޭބެއަށް ގޮވާލާފައި އައިސްދޭށޭ ބުނެދިނުމަށް އެދުނެވެ. އޭރު ގަޑިން މެންދަމު 1 ޖެހީއެވެ. ޚައިރާދު އިނީ ދަމުނަމާދަށް ތައްޔާރު ވެގެންނެވެ.  ޚައިރާދުވެސް ދަމުނަމާދު ކޮށްލައިގެން ޖައްސާލާނީއޭ ހިތާ މަންމަގާތު މަޑުކޮށްލައިގެން އިނީއެވެ. ބޭބެ މިހާރުއޮންނާނީ ނިދާފައެވެ. އެކަން މަންމަޔަށް ހަނދާންކޮށްދިންނަމަވެސް މައިމޫނާ ، ބޭބެއަށް ގޮވައިދޭން ޚައިރާދުގާތު އެދެމުން ގެންދިޔައެވެ.  އަދި މާގިނަ ބަހަނާ ނުދައްކައި ޚައިރާދުގާތު އެދުނުގޮތަށް ހަދައިދޭން އެދުނެވެ.

ކަންބޮޑުވެފައިހުރެ ، އެހެންގޮތެއްނެތިގެން ބޭބެއަށް ގޮވައިލުމަށްޓަކައި ، ޚައިރާދު ނުކުތެވެ. އެހެންނަމަވެސް ޚައިރާދަކީ އެގެޔަށް އައު މީހެކެވެ. ކޮޓަރިތައް ވަކިކުރާކަށް ނޭނގެއެވެ. ޓަކިޖަހާނީ ކޮން ދޮރެއްގައިކަން ނޭނގިހުރެ ކޮރިޑޯތެރެއިން ޚައިރާދު ހިނގަމުން ގެންދަނިކޮށް އަޝްހަރާ ދިމާވިއެވެ. އަދި ބޭބެއަށް ގޮވައިލަދޭން މަންމަ އެދޭތީ ބޭބެގެ ކޮޓަރިހުންނަނީ ކޮންތާކުތޯ ޚައިރާދު ސުއާލު ކުރިއެވެ. ޚައިރާދުގެ ކަންބޮޑުވުން ފެނިފައި ، މަންމަގާތަށް ދާށޭ އަޝްހަރު ބުންޏެވެ. އަދި ބައްޕަގާތު އެވާހަކަ ބުނެ ބައްޕަ ފޮނުވައިދޭނެކަމަށްވެސް ބުންޏެވެ.

ބަޝީރަތު ، ނިދާހެދުމުގައިހުރެ އަވަސް އަރުވައިލާފައި މައިމޫނާގާތަށް އައެވެ. ބަޝީރަތު އައުމާއެކު ، މައިމޫނާ ޚައިރާދަށް ގޮވާލައި ، ޚައިރާދު ބޭރުގައި މަޑުކޮށްލުމަށް ބުނެ ކޮޓަރިން ބޭރަށް ނެރުނެވެ. އަދި ބަޝީރަތު އޭނާގެ ގާތަށް އައިސް އިށީނދެލުމަށް މައިމޫނާ އެދުނެވެ. އަދި ވަރަށްބަލި އަޑަކުން މައިމޫނާ ވާހަކަދައްކަން ފެށްޓިއެވެ.

" ކޮއްކޯއެވެ ! އަހަރެމެންނަކީ ވަރަށް ނިކަމެތި ބަޔެކެވެ. ކޮއްކޮ ނޫނީ އަހަރެމެންގެ ޢާއިލާގެ އެއްވެސް މީހަކު ނެތެވެ. އަހަރެންގެ ދިރިހުރުމާމެދު އެއްވެސް ޔަޤީންކަމެއް އަހަރެންނަކަށް ނެތެވެ. އެހާ ގިނަދުވަހު ދިރިހުންނާނެކަމެއް ނޭނގެއެވެ. " މައިމޫނާ ރޮމުން ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

" ތިކަހަލަ ވާހަކަ ނުދައްކާށެވެ ! އިރާދަކުރެއްވިއްޔާ ދައްތަ ރަނގަޅުވާނެއެވެ. " ބަޝީރަތު ބުންޏެވެ.

" ނޫނެކެވެ ! އަހަރެން އެހާ ގިނަދުވަހަކު ދިރިއެއް ނުހުންނާނެއެވެ. އަހަރެންގެ ދެލޯފަދަ ދަރިފުޅު ޚައިރާދާމެދު ވަރަށް ކަންބޮޑު ވެއެވެ. ކޮއްކޮއަކީ ޚައިރާދުގެ ބޮޑުބޭބެއެވެ. އަހަރެންގެ ފަރާތުން ހުރި ހަމައެކަނި މީހާއެވެ. ބައްޕަ ފަރާތުގެ ތިމާގެ މީހަކު ނެތެވެ. އޭނާއަކަށް އަދި ދުނިޔެއެއް ނުފެންނާނެއެވެ. އަހަރެން މަރުވުމަށްފަހު އެކުއްޖާފުޅަށް ވާނެގޮތެއް ނޭނގެއެވެ. އަހަރެން ދިރިހުއްޓާ ޚައިރާދުގެ ކައިވެނި ކުރެވުމަކީ އަހަރެންގެ އެންމެ ފަހުގެ އެދުމެވެ. ފަހުނޭވާ ނުލެވެނިސް އެކަން ފުރިހަމަވާން އަހަރެން ބޭނުމެވެ. އަހަރެންގެ އެންމެ ފަހު ނޭވާ ހަށިގަނޑުން އުފުރިގެންދާން ފަސޭހަވާނީ އެތަން ފެނުމަށްފަހު މިދުނިޔެއާ ވަކިވެއްޖެ ހިނދެއްގައެވެ. އެހެންނޫނީ ކަށްވަޅުގައިވެސް އަހަރެންގެ ހިތާމައިގެ ކެކުޅުމަށް ނިމުމެއް ނުވާނެއެވެ. ޚައިރާދާ ކައިވެނި ކުރާނެ ރަނގަޅު ކުއްޖަކު ، ކޮއްކޮ ހޯދައިދޭށެވެ.  އަހަރެންގެ މި ތަކުލީފު ލުއިކޮށްލަ ދޭށެވެ. އަހަރެންގެ މަރަކީ ، ފަސޭހަ މަރެއްކަމުގައި ހަދައިދޭށެވެ. އާދޭސްކޮށްފައި ބުނަމެވެ. " މައިމޫނާގެ ގިސްލުމާއި ރުއިން އިތުރު ވިއެވެ.

" އެކަމާ ދައްތަ ކަންބޮޑު ނުވާށެވެ ! އަހަރެންގެ އަޝްހަރާ ، ޚައިރާދުގެ ކައިވެނި ކޮށްދޭނަމެވެ. އެއީ ވަރަށް ގުޅޭނެ ދެކުދިންނެވެ. " އެއްވެސް ޚިޔާލެއް ވިސްނުމެއްނެތި ، ބަޝީރަތު އޭނާގެ ދައްތައަށް ވަޢުދު ވިއެވެ.

" އަޝްހަރު ހެއްޔެވެ ؟ " މައިމޫނާ ކުޑަކޮށް ތެދުވެލެވޭތޯ މަސައްކަތް ކުރިއެވެ. މައިމޫނާއަކަށް ، ބަޝީރަތުގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. ދެވަނަ ފަހަރަށްވެސް ބަޝީރަތާ އެ ސުއާލު ކުރިއެވެ.

" އާނއެކެވެ ! އަޝްހަރާއެވެ. އަޝްހަރާއި ޚައިރާދު ކައިވެނިކުރަން ދައްތަ ޤަބޫލު ހެއްޔެވެ ؟ " ބަޝީރަތު ބުންޏެވެ.

މައިމޫނާއަށް ލިބުނު ޙައިރާންކަން އިތުރުވެ ، ލޮލުން ފައިބަމުންދިޔަ ކަރުނަތައް އޮލަވިއެވެ. އެއަށްވުރެ ރަނގަޅު ބައިވެރިޔަކު ޚައިރާދަށް ނުލިބޭނެކަން މައިމޫނާ ޤަބޫލު ކުރެއެވެ. އޭނާ ، ބަޝީރަތަށް ޝުކުރު އަދާކުރާނީ ކޮންގޮތަކުން ހެއްޔެވެ ؟ މައިމޫނާގެ މިލާފައިވާ މޫނުމައްޗަށް ހިނިތުންވުން އައެވެ. އަދި އެތައް ފަހަރަކު ބަޝީރަތަށް ޝުކުރު އަދާކުރިއެވެ. އެހެންނަމަވެސް ، އެކަމާ އަޝްހަރާއި ފަރީދާ ރުހޭނެކަމާކެދު މައިމޫނާއަށް ޝައްކުވިއެވެ. އެއީ އެއް ޢާއިލާއެއްނަމަވެސް ، ދިރިއުޅުމުގެ ފެންވަރާއި ޚިޔާލުގެ ތަފާތު ބޮޑުވުމުގެ ސަބަބުންނެވެ. ޚުދު ބަޝީރަތު ، އެދެމައިންނާ ވާހަކަ ދައްކައި ، އެކަމަށް އާނބަސް ހޯދާނެކަމުގައި ބަޝީރަތު ވަޢުދު ވިއެވެ. އަދި ވީ އެންމެ އަވަހަކަށް ކައިވެނިކުރާ ތާރީޚު ނިންމަމާ ހިނގާށޭ ބަޝީރަތު ބުންޏެވެ. މައިމޫނާއިނީ ހުވަފެނެއްފަދަ ޢާލަމީ ދުނިޔެއެއްގައެވެ. އެހުރިހާ ވާހަކަތަކެއް ޤަބޫލުކުރަން އަދިވެސް އޭނާ އެއިނީ ދަތިވެފައެވެ. އެއީ ހުވަފެނެއް ނޫންބާވައޭ ހިތަށް އަރަ އަރައެވެ. އިރު އިރުކޮޅުން ގައިގާ އަތްކާއްތާލައެވެ. ހުވަފެނެއް ނޫންކަން ޔަޤީން ކުރުމަށްޓަކައެވެ. މައިމޫނާ އޭނާގެ މަރުމަތި ފަސޭހަވެއްޖެކަމުގައި ބުނަމުން ، ﷲ އަށް ޙަމްދުކޮށް ޝަހާދަތް ކިޔަމުން އެނދުގައި ހަމަޖެހިލިއެވެ.

      ފަތިހު ހޭލައިގެން އަޝްހަރު ޖޮގިންއަށްގޮސް އައިސް ބަގީޗާތެރޭ އުޅެނިކޮށް ، ބަޝީރަތަށް އަޝްހަރުގެ ކުރިމައްޗަށް އާދެވެއެވެ. ޖޮގިންގ ނިމިގެން އައީދޯއޭ ބުނެ ، އަތުގައި އޮތް ނޫސް ހިފައިގެން ، ކަންބޮޑުވެފައިހުރެ އެތާހުރި އެނދެއްގައި ޖައްސައިލިއެވެ. ބައްޕަގެ މޫނުމަތިން ފެނުނު ކަންބޮޑުވުމާއި ، އިސްދަށަށް ޖަހާލައިގެން ބައްޕަ އިންތަން ފެނުމުން އަޝްހަރު މަޑުމަޑުން އައިސް ބައްޕަ ކުރިމަތީ ހުއްޓިލައި ހުރިހާކަމެއް ރަނގަޅުތޯ ސުއާލު ކުރިއެވެ. އަދި އޭނާގާތު ވާހަކައެއް ބުނަން ބައްޕަ ބޭނުންވެފައި އިނީތޯ އަހައިލިއެވެ. އަޝްހަރުގާތު ބުނަންވެފައި އޮތީ ވަރަށްބޮޑު ވާހަކައެކެވެ. މިއީ އެވާހަކަ ބުނަން އެންމެ މުނާސަބު ވަގުތުތޯ ، ބަޝީރަތު އޭނާގެ އަމިއްލަ ނަފުސާ ސުއާލު ކުރިއެވެ. އެއީ ކޮންމެ އިރަކުން ނަމަވެސް އޭނާއަށް އަޝްހަރުގާތު ދައްކަން ޖެހިފައި އޮތް ވާހަކައެކެވެ. އެހެންގޮތެއް އޭނާއަކަށް ނެތެވެ. ދައްތަގާތު ވެފައިވާ ވަޢުދު ފުއްދުމަށް އެވަގުތު އޭނާއަށް ވަނީ މަޖުބޫރު ވެފައެވެ.

" އާނއެކެވެ ! ދަރިފުޅާއެވެ ! ވަރަށްބޮޑޫ ވާހަކައެއް ދައްކަންވެފައި އެބަ އޮތެވެ. އިށީންނާށެވެ ! " ކުރިމަތީގައިހުރި ގޮނޑި ދައްކާލަމުން ބަޝީރަތު ބުންޏެވެ.

އަޝްހަރު ޙައިރާންވެފައި ހުރެ އެ ގޮނޑީގައި އިށީނދެލިއެވެ. އަޝްހަރު އިށީނުމާއެކު ބަޝީރަތު އޭނާގެ އެއްއަތް  އަޝްހަރާ ދިމާއަށް ދިއްކޮށްލިއެވެ. ހިނިތުންވެލައިގެން އިނދެ ބައްޕަގެ އަތްމަތީ އަޝްހަރުގެ އަތް ބޭއްވިއެވެ. ބަޝީރަތުވެސް އޭނާގެ އަނެއް އަތް އަޝްހަރުގެ އަތްމަތީގައި ބޭއްވިއެވެ.

" ދަރިފުޅާއެވެ ! ބައްޕަ ދަރިފުޅުގާތު ކަމަކު ކިޔައިފިއްޔާ އެކަމެއް ދަރިފުޅު ކޮށްދޭނަން ހެއްޔެވެ ؟ " ބަޝީރަތު ބުންޏެވެ.

" އަޝްހަރު ހިނިތުންވެލައިގެން އިނދެ ބައްޕަގެ ތަކުލީފުތައް އޭނާގެ ލޮލުން ދެނެގަނެ ، އާނއެކޭ ބުނުމަށްޓަކައި ، އޭނާގެ އަނެއް އަތް ބައްޕަގެ އަތްމަތީ ބޭއްވިއެވެ.

" ދަރިފުޅާއެވެ ! ޚައިރާދާ ކައިވެނި ކުރާށެވެ ! އިންސާނާގެ ޙަޔާތުގައި ވަރަށްގިނަ އުއްމީދުތަކާއި ބޭނުންވާ ކަންކަން ހުންނާނެކަން ބައްޕަޔަށް އެނގެއެވެ. ދަރިފުޅުގެ ޙަޔާތުގައިވެސް އުއްމީދުތަކެއް ހުންނާނެއެވެ. ބޭނުންވާ ގޮތްތަކަކާއި ކަންތައްތަކެއް ހުންނާނެއެވެ. ބައްޕަޔަށް މިއެދެވެނީ ދަރިފުޅުގެ ޙަޔާތުގެ އެހުރިހާކަމެއް ދޫކޮށްލުމަށްކަން ބައްޕަޔަށް އެނގެއެވެ. ބައްޕަޔަށް މިއެދެވެނީ ، ދަރިފުޅުގެ ޙަޔާތުގެ ނާޖާއިޒް ޤުރުބާނީއަކަށްކަން ވަރަށް ރަނގަޅަށް އެނގެއެވެ. ބައްޕަގެ ހުރި ހަމައެކަނި ދަރިޔަކީ ތިޔައީއެވެ. އިތުރު އެއްވެސް މީހަކު ނެތެވެ. އެކަމަކު ދަރިފުޅާއެވެ ! ބައްޕަ މިކަމަށް މިއެދެނީ ވަރަށްބޮޑު މަޖުބޫރީ ޙާލަތެއްގައެވެ. ބައްޕަގެ ހަމައެކަނި ހުރި ދައްތަ މަރުވަނީއެވެ. މުޅި ޢުމުރުގައިވެސް ، ދައްތަ ، ބައްޕަގާތު އެއްވެސް ކަމަކު ނޭދެއެވެ. ދިރިއުޅުމުގައި ފުރަތަމަ އަދި އެންމެ ފަހުގެ ކަމެއްގެ ގޮތުގައި ކަމެއް ކޮށްދޭން ދައްތަ ވަނީ ބައްޕަގެ ކިބައިން އެދިފައެވެ. ދައްތަ މަރުވުމުގެ ކުރިން އެބޭނުން ފުއްދައި ނުދެވިއްޖެނަމަ ، ބައްޕަގެ ނަފުސަށް މަޢާފެއް ނުކުރެވޭނެއެވެ. ދައްތަ އެދުނީ ޚައިރާދާ ދެވާނެ ރަނގަޅު ކުއްޖަކު ހޯދައިދޭށެވެ. ދަރިފުޅަށްވުރެ ރަނގަޅު އެހެން ކުއްޖަކު ބައްޕަޔަކަށް ނުފެނެއެވެ. " ބަޝީރަތު ކިޔައިދެމުން ގެންދިޔައެވެ.

ބައްޕަގެ ލޮލުން ފާއްދަމުން ދިޔަ ކަރުނަތަކާއި ވެފައިއިން ދެރައާއި ކަންބޮޑުވުމުގެ އަސަރު ، އަޝްހަރަށް ކުރިލެއް ބޮޑުކަމުން ، އޭނާއިނީ ބުނާނެ އެއްޗެއްވެސް ނޭނގި ދެބުމަ ގޮށްޖަހައިގެންނެވެ. އޭނާގާތު ދުވަހަކުވެސް ، ބައްޕަ ކަމަކު އެދިފައެއް ނުވެއެވެ. އޭނާގެ ހުރިހާ ބޭނުންތަކެއް އުފަލާއެކު ވަނީ ފުރިހަމަ ކޮށްދީފައެވެ. އަޝްހަރަށް ބޭނުންވި އެއްވެސްކަމެއް ނުކޮށްދީއެއް ނުވެއެވެ.

" ބައްޕާއެވެ ! އަހަރެން ކައިވެންޏަކާމެދު އަދި އެއްވެސް ވަރަކަށް ނުވިސްނަމެވެ. " ބުނާނެ އެއްޗެއް ނޭނގި ، ޙާއިރާންކަމާއެކު ، ދެރަވެފައި އިން އަޝްހަރު ބުންޏެވެ.

" މިހާރު ޖަވާބެއް ދޭނެކަމެއް ނެތެވެ. މިކަމާމެދު ވިސްނަން ވަގުތުކޮޅެއް ނަގާށެވެ. ރަނގަޅަށް ވިސްނާފައި ދަރިފުޅު ބޭނުންގޮތަކަށް ނިންމާށެވެ. މިއީ ބައްޕަގެ ވަރަށްބޮޑު އެދުމެކެވެ. ބައްޕަގެ މި ތަކުލީފާމެދު ފުންކޮށް ވިސްނާށެވެ. ބައްޕަޔަށް މިކަމުގައި ، ދަރިފުޅު އެހީވާނެކަމަށް އުއްމީދު ކުރަމެވެ. " ބަޝީރަތު ބުންޏެވެ.

އަޝްހަރުގެ އަތް ބައްޕަގެ އަތުތެރެއިން މަޑުމަޑުން ދޫވެގެން ދިޔައެވެ. އަތް ދަމައިގަންނާކަށް ނުކެރުނެވެ. އެހެންނަމަވެސް ، އަޝްހަރު އިނީ ހަދާނެގޮތް ބޮޑުވެފައެވެ. ދެރަވެފައެވެ. ކަންބޮޑުވެފައެވެ. މަޑުމަޑުން ތެދުވެގެން ގޭތެރެޔަށް ވަނެވެ. ބަޝީރަތު އޭނާގެ ލޮލުން ފައްދާލާފައި ހުރި ކަރުނަތައް ފުހެލިއެވެ.

އެދުވަހު އަޝްހަރު އޮފީހަށްގޮސް ކުރަންހުރި މަސައްކަތަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާގެ ސިކުނޑިވަނީ ހާސްވެފައެވެ. ދެއަތުން ބޮލުގައި އަތްއަޅައިގެން ހަދާނެގޮތް ބޮޑުވެފައި އިނެވެ. އޮފީހަށް ދާން ތައްޔާރުވެގެން ޖޫސްތަށްޓެއް ބޯން ބަދިގެޔަށް ވަދެ ހުއްޓައި ޚައިރާދު އައިސް ބަދިގެޔަށް ވަނެވެ. އަދި އޭނާއަށް ސަލާމް ގޮވައިލިއެވެ. އެވަގުތު ފުން ނަޒަރަކުން ޚައިރާދާ ދިމާއަށް ބަލައިލެވުނެވެ. އެއީ ޚައިރާދާ ދިމާއަށް އޭނާ ވިސްނުމުގެ ނަޒަރަކުން ބަލައިލި ފުރަތަމަ ފަހަރެވެ. ޚައިރާދަކީ ނިޔަނެތި އަދަބުވެރި ކުއްޖެކެވެ. އެންމެންނަށްވެސް އިޙްތިރާމް ކުރެއެވެ. ބޮޑުދައިތަ މައިމޫނާގައި ހުރި ރަނގަޅު އެތައް ސިފައެއް ޚައިރާދަށް ވަނީ ލިބިފައެވެ. ޒަމާނީ ހެދުން ނޭޅިޔަސް ، ޕާކިސްތާން ހެދުމުގައި ހުންނައިރު ، އެއީ ހުތުރު ކުއްޖެއް ނޫނެވެ. އަބަދުވެސް ހުންނަނީ ދޮޕައްޓާއިން ބޯ ނިވައިކޮށްގެންނެވެ.

އަޝްހަރަށް އެދިމާވި ކުއްލި ކަންތަކާމެދު ހާސްވެ ، އެކަމަށް ވިސްނައިލަން ދެލޯމަރާލައިގެން ގޮނޑީގައި ހަމަޖެހިލައިގެން އިންދާ ދޮރުހުޅުވާލާފައި އެވަނީ ސާރާއެވެ. ޢަޞުރަށް އިރުތިރިވެ ، ދެފަހަރަށް ގެނެސްއިން އަންހެނެއްހެން ، އަޝްހަރުގެ ދެބުމަގޮށްޖަހައިގެން އިންތަން ފެނިފައި ، ކިހިނެއްވީތޯ ސާރާ ސުއާލު ކުރިއެވެ. އަޝްހަރު އެއިނީ ކޮންމެވެސް ކަމަކާ ހާސްވެފައިކަން ސާރާ ދެނެގަތެވެ. ކުޑައިރުއްސުރެ ، ސާރާއާއި އަޝްހަރަކީ ވަރަށްގިނައިން އެކުގައި އުޅެފައިވާ ދެމީހުންނެވެ. އަޝްހަރުގެ ކޮންމެ ޙަރަކާތެއްވެސް ސާރާއަށް އެނގެއެވެ. މިޒާޖަށް އަންނަ ބަދަލު ދެނެގަނެއެވެ.  އަޝްހަރާ ކައިވެނި ކުރުމުގެ އުއްމީދު ، މަންމައާއި ފަރީދާ ދައްތަ އާކޮށްދިންފަހުން ، އަޝްހަރުގެ ހުރިހާ ކަމަކަށް ސާރާގެ ޝަޢުޤުވެރިކަންވަނީ އިތުރުވެފައެވެ. ކައިވެންޏަކާ ހަމަޔަށް ދާއިރު ދަސްކުރަންވީ ހުރިހާކަމެއް ސާރާދަނީ ދަސްކުރަމުންނެވެ. އެދެމީހުންގެ ކައިވެނިވާން އެހާ ގިނަދުވަހެއް ދެނެއް ނުއޮންނާނެއެވެ. އަޝްހަރު އެހުރީ މީހަކާ އިންނަ ވަރަށް ތަޞައްރަފު ފުދި ބޮޑުވެފައެވެ. ސާރާ އެހުރީ ފިރިފުރާވަރަށް އަޅާފައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.