ނަފްސާނީ ޞިއްޙަތާ ގުޅޭ ޚިދުމަތްތަކާ ބެހޭ ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން މި ޚިދުމަތްތައް ލިބޭނެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރަންޖެހޭ ކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރައީސް މިހެން ވިދާޅުވީ، ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމަށް ގޮވާލާ އެމްއެންޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަތުމަށް އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕާޓީގެ ރައީސް ނާޒިމް މިދާޅުވީ ހުށަހެޅިފައި މިވާ މައްސަލައަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައެވެ.
އެގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އާބާދީގެ ކޮންމެ 8 މީހަކުން އެކަކީ ނަފްސާނީ ބަލި ތަޙައްމަލުކުރަމުންދާ މީހެއް ކަމަށާއި ދިވެހިރާއްޖޭގެ އާބާދީގެ ކޮންމެ 4 މީހަކުން އަކަކީ ނަފްސާނީ ކޮންމެވެސް މައްސަލައަކަށް ފަރުވާ ހޯދައިފައިވާ ފަރާތެއް ކަމުގައެވެ.
ސަރުކާރުން ނަފްސާނީ ޞިއްޙަތާ ގުޅޭ ގޮތުން ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ފާހަގަކުރެއްވީ ސަރުކާރުން އެކަށީގެންވާ ސިޔާސަތެއް އޮވެގެން މަސައްކަތް ކުރާ ތަނެއް ނުފެންނަ ކަމަށާއި، ވަށާޖެހޭ ސިޔާސަތުތަކެއް އޮވެގެން މަސައްކަތްކުރެވޭ ތަނެއްވެސް ނުފެންނަ ކަމުގައެވެ. އަދި ފެނިގެން މިދިޔައީ މިސަރުކާރުން އެކަމަށް ކުއްލި ހައްލެއްގެ ގޮތުގައި ނަފްސާނީ ސިއްހަތާ ގުޅޭ ސެންޓަރެއް ހުޅުވައިގެން މަސައްކަތް ކުރަމުން ދާތަން ކަމުގައެވެ. ނަމަވެސް، ހަގީގަތަކީ މިއީ ދިވެހި ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުން އޮތް ކަމެއް ކަމުގަޔާއި، މިއީ ދާއިމީ ހައްލެއް ހޯދަން ޖެހޭކަން ކަމެއް ކަމުގައެވެ.
ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ނަފްސާނީ މައްސަލަތަކަށް ސަރުކާރުން ދޭ ސަމާލުކަން ކުޑަ ކަމުގައެވެ. އެގޮތުން ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އިންޕޭޝަންޓް ކެއަރ ޔުނިޓެއް ގާއިމު ކުރެވިފައި ނެތް ކަމަށާއި ދާއިމީ ފަރުވާ ދިނުމަށް ޑޮކްޓަރެއް ވެސް އެތަނުގައި ނެތް ކަމަށެވެ.
ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ މި ބޮޑު މައްސަލައަށް ފުރިހަމަ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، މި ޤަރާރުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އަދިވެސް މިކަމާ ގުޅޭ އެންމެހާ ކަމެއް ހިމަނައި، ދިވެހިރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ލުއި ގޮތެއްގައި ލިބޭނެ ނިޒާމެއްގެ ގޮތުގައި ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.