
މި ސަރުކާރަކީ ޒުވާނުންނަށް އަޅާލާ ސަރުކާރެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި މިއަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ "ރައްޔިތުންގެ އުދާސް" ގެ ނަމުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރުން ކުރާހާވެސް ކަމަކީ، ސަރުކާރުގެ ތެރޭގައި ތަޅާފޮޅާ ދެން ވެރިކަން ލިބެނީ ކާކަށްތޯ ބެލުން ކަމަށެވެ. އަދި އެންމެގިނަ ވޯޓު ލިބެނީ ކާކަށްތީ ބެލުން ކަމަށާއި އެހެންކަމެއް ނުކުރާ ކަމަށެވެ.
"ޒުވާނުން ތިބީ މަގުމަތީގަ. އަޅުގަނޑަށް އިއްޔެ އިވިގެން ދިޔައީ އެންމެފަހުން ހެދި ޑީޓޮކް ސެންޓަރު ބަންދުކުރި ވާހަކަ. އެހެންދިމާވީ ބޭސްނެތިގެން ކަމަށް މިވަނީ. ކީއްތޯ މިކުރެވެނީ." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ޒުވާނުންނަށްޓަކައި އެ ޕާޓީގައި ވިސްނުމެއް އެބައޮތް ކަމަށާއި ޒުވާނުންނާ ދޭތެރޭ ވިސްނަމުންދާ ކަމަށެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި ވަޒީފާ ނުލިބޭނެ ޒުވާނަކު ނުބަހައްޓާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.