ދެކަފި - 85

(8 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫން ވަރަށް ހަމަޖެހިލައިގެން ހުރެ އޭނާއާއި ކަޝަފަށް ކޮފީ ހަދައިގެން ގެނެސް ޖައްސައިލައެވެ. ކަޝަފް ، ޒަރޫންއަށް ޝުކުރު އަދާކުރިއެވެ. ޒަރޫން އިސްވެ ، ކަޝަފްގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ވާހަކަ ދައްކަން ފެށިއެވެ. އުސާމާގެ މައްސަލައިގާ ރުޅިއާދެވުނު ނަމަވެސް އެއީ ކަޝަފްދެކެ ލޯބިވާވަރުން ޒަރޫނަށް ހެދުނު ގޯހެކެވެ. އެކަމަކު ، ސާރ އަބްރާރް ގާތު ކަޝަފް އެވާހަކަ ބުނެފާނެކަމަކަށް ޒަރޫން ހިތަކަށް ނާރައެވެ. ކަޝަފަށްވެސް އެކަމުގައި ހަދާނެގޮތް ބޮޑުވީއެވެ. ކުޑަކުދިން އުޅޭހެން އެއްވެސް ކަމަކާ ނުލައި ، އެއީ މާބޮޑުކަމަކަށް ހަދައިގެން ޒަރޫން އުޅެގަތީމަ ، ކަޝަފްގެ ހިތަށްވެސް ކުރި އަސަރުން ހަދާނެ ނުހަދާނެގޮތެއް ނޭނގުނީއެވެ. ކަޝަފް ހީކުރީ ، ސާރ އަބްރާރްގާތު އެވާހަކަ ބުނީމަ ޒަރޫންއަށް ނަސޭޙަތްދީގެން ހަމަޖެހުމެއް ލިބޭނެކަމަށެވެ.

ޒަރޫން ވާހަކަ ދައްކަމުންގެންދިޔައީ މަޑުމައިތިރިކަމާއެކުގައެވެ. އަމިއްލަ ދިރިއުޅުމާ ބެހޭ ވާހަކަ ސާރ އަބްރާރްގާތު ދެއްކީމަ އަބްރާރް ހީކުރާނީ ކީކޭ ހެއްޔެވެ ؟ ކުރެވޭ ނުކުރެވޭކަމެއް ނޭނގޭވަރަށް ޒަރޫންގެ ކަންތަކާ ހެދި ކަޝަފް ހާސްވީއެވެ. ނުބުނެ ހުންނަން ވިސްނުމުގެ ބަދަލުގައި ސާރ އަބްރާރާ ދިމާވީމަ އެވާހަކަ ، ކަޝަފަށް ދެއްކުނީއެވެ.

ކަންތައްތައް ހިނގައިދިޔަގޮތުން އިތުރު ޤަވާޢިދެއް ހަދަން އެބަޖެހޭކަމަށް ޒަރޫންއަށް ފެނުނެވެ. އެއީ ، އެދެމީހުންގެ މެދުގައި ޖެހޭ މައްސަލައެއް ، އެއްވެސް ޙާލެއްގައި އިތުރު މީހަކަށް ނުއެންގުމެވެ. އަދި އެކަމެއް އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެން ޙައްލު ކުރުމެވެ. ޙައްލު ނުކުރެވިއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ކަޝަފް އެކަމާ ކަންބޮޑުވިއެވެ. އެއީ ފަހުގެ ކަމެކޭ ބުނެ ޒަރޫން ހަމަޖައްސައިލިއެވެ. ދެމީހުންވެގެން ތަންކޮޅެއް ބޮޑަށް މަސައްކަތްކޮށް ، ޚިލާފުތައް ނައްތައިލާނީއެވެ. ދެމީހުން އެއްގަލަށް އަރައިގެން މަސައްކަތް ކޮށްފިނަމަ ދުނިޔޭގެ  އެއްވެސް މައްސަލައެއްވެސް ޙައްލުނުވެ ނުއޮންނާނެކަމަށް ބުނެ ، ޒަރޫން ކަޝަފަށް ހިތްވަރު ދެމުން ގެންދިޔައެވެ. ކަޝަފް އިނީ އިންތިހާއަށް ކަން ބޮޑުވެފައެވެ. ކަޝަފް ގެ ހިތަށް ހަމަޖެހުން ލިބޭނެ ހުރިހާ ގޮތެއް ހެދުން އެއީ މިވަގުތު ޒަރޫންއަށް ވަރަށް މުހިންމު ކަމެކެވެ.

ކަޝަފް ރުއިމުގެ ސަބަބުން ޒަރޫންއަށް ހުރީ ޙަޤީޤަތުގައިވެސް ވަރަށް އަސަރު ކޮށްފައެވެ. ޒަރޫން ހީކުރީ ކަޝަފް ރުއީ ބަލިވެ އިންކަން އެނގުމާ ގުޅިގެން ކަމަށެވެ. އެއީ ޒަރޫންއަށް ވަރަށް އުފާވެރި ކަމެކެވެ. އެހެންނަމަވެސް މަންމަޔަކަށް ވުމަކީ ވަރަށް ބޮޑު ޒިންމާ އެކެވެ. ހިމޭނުން އިނުމަށްފަހު ބޮލުގެ އިޝާރާތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަޝަފް ވާހަކަ ދައްކަން ފެށިއެވެ. އެ ޒިންމާ ކަޝަފަށް ނުއުފުއްލޭނެކަމަށް ބެލީ ހެއްޔޭ ބުނެ ޒަރޫން ސުއާލު އުފެއްދިއެވެ. ކަޝަފަށް ހަދާނެގޮތް ބޮޑުވީއެވެ.

ކަޝަފް އޭނާގެ ޑައިރީ ހިފައިގެން އިށީނެވެ. ޙަޔާތުގައި ދިމާވަމުންދާ ކަންކަން އޭނާ ފޮރުވަމުން ދަނީ އެފޮތުގައެވެ. ކަޝަފް ކަންބބޮޑުވީ ކީއްވެކަމާމެދު ، ޒަރޫންއަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟ އަހަރެންނަށް ކަންބޮޑުވެގެން ރޮވެންފެށީ ކީއްވެގެން ހެއްޔެވެ ؟ ޒަރޫން އަށް ކަޝަފްދޭ ޖަވާބު ޒަރޫންއަކަށް ނޭނގޭނެއެވެ. އަހަރެން ދުނިޔޭގައި ދިރިއުޅުނުގޮތް އެނގޭނީ އަހަރެންނަށެވެ. އެއީ އެހެންމީހަކަށް އެނގޭނެ ކަމެއް ނޫނެވެ. މުޅި ޢުމުރު ދުވަހު އަހަރެންގެ މަންމަޔާ އެކީ ، ދިރިއުޅުމަށް ކުރި ހަނގުރާމައިގެ ހިތިކަން އަދިވެސް އަހަރެންގެ ހިތަކުން ނުފިލައެވެ. އެ ހަނގުރާމައިގެ އުކުޅުތަކުން ލިބުނު ފިލާވަޅުގެ ބޭނުން މިއަދު އަހަރެންނަށް މިއޮތީ ޖެހިފައެވެ.

ޒަރޫންއަކީ ބައްޕަޔާ އެއްފަދަ މީހެއް ނޫނެވެ. އެކަން އެނގޭ އިރުވެސް ، އަހަރެންނަށް އެހާބޮޑު ހާސްކަމެއް މިލިބެނީ ކީއްވެ ހެއްޔެވެ ؟ މަޔަކަށް ވުމަށްފަހު އަންހެނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދާނެއެވެ. އަހަރެންނަކީ ކިޔަވައިގެން ހުރި މީހެކެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި އަންހެނެކެވެ. އެހެންނަމަވެސް ، އަންހެނަކަށް ވީތީ އުފުއްލަން ޖެހުނު ތަކުލީފާމެދު އަހަރެން ކަންބޮޑު ވެއެވެ.

ޒަރޫންވެސް އިނީ އޭނާގެ ޑައިރީ ލިޔުމަށް ލެޕްޓޮޕް ހިފައިގެން ޖައްސާލައިގެންނެވެ. މި ކުރިމަތިވީ ދިރިއުޅުމުގެ އާ ދަތުރެކެވެ. އިޙްސާސް ކުރެވެމުންދަނީ ޢަޖައިބެއްފަދަ އަސަރު ތަކެކެވެ. އެއީ އަތުވެދާނެކަމަށް ބެލެވިފައިނެތް ކަމެކެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އެކަމަކުވެސް ކަންބޮޑުވުން ވެސް އެބަ އޮތެވެ. އެންމެ ޢަޖައިބުވީ ބަލިވެ އިނުމާގުޅިގެން ކަޝަފަށް ލިބުނު ކަންބޮޑު ވުމެވެ. ކަޝަފް އެހާ ކަންބޮޑުވީ ކީއްވެ ބާވައެވެ ؟ ކަޝަފަކީ އަމިއްލަ ނަފުސަށް އިތުބާރު ކުރާ ހަރުދަނާ އަދި ހިތްވަރުގަދަ އަންހެނެކެވެ.

ކަޝަފް ބަލިވެ އިނުމުގެ ޚަބަރުން ޒަރޫންމެންގެ ގޭގެ އުފާވެރިކަންވެސް އިންތިހާއަށް ދިޔައެވެ. އެ ޚަބަރު ޣަޒާލާއަށް ދިނީ ޒަރޫންއެވެ. އެ އުފާވެރި ޚަބަރު ޒަރޫންގެ ފަރާތުން ލިބުމާއެކު ، ޣަޒާލާ ވަގުތުން ކަޝަފަށް ފޯނުކުރިއެވެ. ޖުނައިދަށް ލިބިފައިވާ އުފާވެރިކަންވެސް އެހާ ބޮޑެވެ. އަދި އޭނާގެ ފަރާތުންވެސް ކަޝަފަށް މަރުޙަބާ ކިޔުމަށް ޖުނައިދު އެދުނެވެ. ޖުނައިދު އަމިއްލަޔަށް ގުޅާފައި މަރުޙަބާ ކިޔުމަށް ޣަޒާލާ އެދުނެވެ. ޖުނައިދާވެސް ކަޝަފް ވާހަކަ ނުދައްކަނީކީ ނޫންވިއްޔާއެވެ. އެދުވަސްކޮޅު ވަކިން ގިނައިން ޖުނައިދާ ކަޝަފް އާ ދެބަފައިން ވާހަކަ ދައްކާކަމަށް ވެއެވެ. ޣަޒާލާވެސް ކަޝަފް މަތިން ވަރަށް ހަނދާން ވެއެވެ. ކަޝަފްގާތަށް ގޮސް ، އިސްލާމްއާބާދުގައި މަޑުކޮށްލުމަށްވެސް ޣަޒާލާ އެބަ ވިސްނައެވެ. ކަޝަފާއި ޒަރޫން އޮފީހަށް ދިޔައިމަ ގޭގައި އެކަނި މަޑުކޮށްލަން ޖެހުނު ނަމަވެސް ޣާޒާލާ ހުރީ ކަޝަފްގާތަށް ދާން ބޭނުން ވެފައެވެ. ޖުނައިދުވެސް ހެނދުނު އޮފީހަށް ދާގޮތަށް އަންނަނީ ރޭވެ އަނދިރިވާ ފަހުންނެވެ. ގޭގައި މީހަކު އިންނަކަމެއް ހަނދާނެއް ނުވެއެވެ. އެހެންވީމާ އިސްލާމްއާބާދެކޭ ކަރާޗީއެކޭ ޣަޒާލާއަށް މާބޮޑު ތަފާތަކަށް ނުވާނެއެވެ. ޣާޒާލާއަށްޓަކައި ކޮންމެވެސް ވަގުތުކޮޅެއް ޖުނައިދު ހުސްކޮށްލަ ދިނުމަކީ ޣަޒާލާ މިހާރު އެދޭ ކަމެކެވެ. ކުރިން އެ ދެމަފިރިންނަށް އުޅެވިފައިވަނީ އެކަހަލަ ކަންކަމަށް ވިސްނައިގެންނެއް ނޫނެވެ. ދިރިއުޅުނީ އެމީހެއްގެ ދުނިޔޭގައި އެމީހެކެވެ. އަނެކާއާމެދު ވިސްނައިލެވިފައެއް ނުވެއެވެ.

ޣަޒާލާގެ ވާހަކައިން ޖުނައިދަށް ލިބުނު ޙައިރާންކަމުގައި ، ޣަޒާލާ އެބުނި ވާހަކަޔަކަށް ވިސްނުމުގައި ޣަޒާލާއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ޣާޒާލާއަށް ވިސްނޭ ގޮތުގައި އެއީ ޖުނައިދަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ޣަޒާލާ އޭނާގެ މަސައްކަތާ ދުރުހެލިވަނީތޯ ޖުނައިދު ސުއާލު ކުރިއެވެ. ޣަޒާލާގެ ވިސްނުން ބަދަލުވީއެވެ. ޣާޒާލާ މިހާރު ބޭނުންވަނީ އޭނާ ކަންކަމަށް އިސްކަންދޭ ތަރުތީބު ބަދަލު ކުރުމަށެވެ. ޖުނައިދަށާއި ގޭގެ ކަންކަމަށް ، މަސައްކަތަށްވުރެ ބޮޑަށް އިސްކަން ދިނުމަށެވެ. އެއީ ކީއްވެތޯ ޖުނައިދު ކުރި ސުއާލު ނުކުރުމަށް ޣަޒާލާ އެދުނެވެ. އެއީ ޖަވާބުދޭން ޣަޒާލާއަށް ވަރަށް އުނދަގޫ ސުއާލެކެވެ. އެކަމުގައި އެތައްބަޔަކު ، ޚާއްޞަކޮށް އޭނާގެ ދެދަރިން ހިމެނޭ ކަމެކެވެ. އެކުދިންގެ ވިސްނުމުންނާއި އޭނާއާ އެކުދިން ކޮށްފައިވާ ސުއާލުތަކުން އުފެދިގެން އައި ބަދަލެކެވެ.

ކަޝަފް ބަލިވެއިންކަން އެނގުމާއެކު ، ރާފިޢާއަށް ލިބިގެންދިޔަ އުފާ ބަންޑުން ވިއެވެ. އުފަލުންގޮސް އެތައް އިރެއްވަންދެން ރޯން އިނެވެ. އަދި ވަގުތުން ދަތުރު ހަދައިގެން ކަޝަފްގާތަށް ، އިސްލާމްއާބާދަށް އައެވެ. މަންމަޔަށް ލިބުނު އުފާވެރިކަމުގެ ހައްދެއް ނެތްކަމަށް ކަޝަފްގާތު ބުނެއެވެ. ބައްޕަޔަށް އެނގުނަސް އެހާ އުފާވާނެކަމަށް ރާފިޢާ ބުންޏެވެ. މަންމަގެ އެވާހަކައިން ކަޝަފްގެ މޫނުމައްޗަށް ބަދަލު އައެވެ. އަދި ، އެވާހަކަ ބައްޕަގާތު ބުނީ ކީއްވެތޯ ކަޝަފް ސުއާލު ކުރިއެވެ. މަންމައަކީ ކާކުކަން ކަޝަފަށް އެނގެއެވެ. އެއްވެސް މީހަކާމެދު ، އެއްވެސްކަމެއްގައި ހިތްބަރެއް ނުކުރާނެއެވެ. އެއީ ކަޝަފްގެ ބައްޕައެވެ. އެއީ ވަރަށް އުފާވެރި ޚަބަރެކެވެ. އުފާވެރި ޚަބަރަކީ އެކަމާ ގުޅިފައިވާ މީސްމީހުންނާ ޙިއްޞާ ކުރަންޖެހޭ ކަމެއްކަމަށް ރާފިޢާ ނިންމައެވެ. އެކަމަކު ކަޝަފް ދެކޭގޮތުގައި އެކަހަލަ އުފާވެރި ޚަބަރަކީ ، އެމީހުން ހިތްހަމަޖެހޭ މީހުންނާ ޙިއްޞާ ކުރަން ޖެހޭނެ އެއްޗެކެވެ. ބައްޕަގާތު އެވާހަކަ ބުނެގެން ކަޝަފް އިނީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ.

އެވާހަކަ ދޫކޮށްލަމާހޭ ބުނެ ޑޮކްޓަރ ބުނީ ކީކޭތޯ ރާފިޢާ ސުއާލު ކުރިއެވެ. ހުރިހާކަމެއްވެސް ރަނގަޅު ދޯއެވެ ؟

" ހުރިހާ ކަމެއްވެސް އިރާދަ ކުރެއްވިއްޔާ ރަނގަޅެވެ. ޑޮކްޓަރ ބުނީ އެއްމާބަނޑު ދެބެން ކަމަށެވެ " ހިނިތުންވެލައިގެން އިނދެ ކަޝަފް ޖަވާބު ދިނެވެ.

ރާފިޢާއަށް ލިބުނު އުފާވެރިކަމުން އޭނާއަށްވީގޮތްވެސް ނޭނގުނެވެ. ބޯންއިން ސައިތަށިވެސް އަތުން ދޫނުވީ ކިރިޔާއެވެ. ސައިތަށި މޭޒުމަތީ ބަހައްޓައި ، އުފަލުންގޮސް ކަޝަފް އޭނާގެ ގަޔާ ގާތް ކޮށްލައި ކަޝަފްގެ ނިތްކުރީގައި އެތައް ފަހަރަކު ބޮސްދިނެވެ. އަދި އެއްބުރުން ކަޝަފްގެ ދިރިއުޅުން ފުރިހަމަވީކަމަށް ބުންޏެވެ. އެއީ ، ލިބިފައިވާ އުފާވެރިކަމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދިޔަ ޚަބަރެކެވެ.

" ފުރިހަމަ ނުވެއްޖިއްޔާ ވާނީ ކިހިނެއް ހެއްޔެވެ ؟ ފަހަރެއްގައި ދެވައްތަރުގެ ދެކުދިންނަށް ނުވެދާނެ ނޫން ހެއްޔެވެ ؟ ދެ އަންހެން ކުދިންނަށްވެސް ވެދާނެއެވެ. " ކަޝަފް ބުންޏެވެ.

ރާފިޢާ ދިޔައީ ސިއްސައިގެންނެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް ކަޝަފް ގާތު ބުންޏެވެ. ﷲ އަށް ދުޢާކޮށް އޮތް އެންމެ ރަނގަޅަކަށް މިންވަރުކޮށްދެއްވުމަށް ދެންނެވީމާ ރަނގަޅުވާނެއެވެ. އެއްވެސް އިންސާނަކަށް ، އެކަލާނގެ ދެރަގޮތެއް އިރާދައެއް ނުކުރައްވާނެއެވެ. އަދި އުފަލުގައި އަބަދުވެސް ހުންނާށެވެ. ރާފިޢާގެ އިޙްސާސްތައް ކަޝަފަށް ހާމަކުރިއެވެ.

ޒަރޫން އޮފީހުން ނުކުންނަން ތައްޔާރުވި ތަނާ އަސްމަރާ ފޯނުކޮށްފައި ކޮފީއަކަށް ދާން އެދުނެވެ. އެހެންނަމަވެސް ، ކަޝަފްއާއެކު ތާކަށް ދާން އެބަ އޮތޭ އެހެންފަހަރަކުންނޭ ބުނެ ޒަރޫން އެކަމުން ސަލާމަތް ވެއެވެ.

ޒަރޫން އޮފީހުން އަންނަމުން އައީ ރަތް ފިނިފެންމަލުގެ މާބޮނޑިއެއް ހިފައިގެންނެވެ. ކަޝަފާ ސަލާމް ކޮށްލުމަށްފަހު ، ކަޝަފަށް ، އެމާބޮނޑި ދިއްކޮށްލިއެވެ. ކަޝަފްގެ މޫނު މަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ކުރިން ކަޝަފަށް ޒަރޫން ދެމުން ގެންދިޔައީ އެންމެ މަލެކެވެ. މިއަދު މިއޮތީ ރީތި މާބޮޑިއެކެވެ. ކަޝަފް ހީކޮށްގެން ހުރީ މުޅި ޢުމުރުގައިވެސް ޒަރޫން އޭނާއަށް ގެނެސްދޭނީ އެންމެ މަލެއް ކަމުގައެވެ. އެކަމަކު މިހާރު ކުރިޔާ ތަފާތެވެ. ކަޝަފާއެކު މިހާރު އެހެންބަޔަކު އެބަ އުޅެއެވެ. އެކަމުގައި ޒަރޫންގެ ޙިއްޞާއެއްވެސް އެބައޮތެވެ. އެތަނުން އެއްމަލަކީ ، އޭނާގެ ލޯބި އަންހެނުންނަށެވެ. ޒަރޫންގެ ދިރިއުޅުމުގެ އެންމެ އަގުހުރި ބަހާއެވެ. ކަޝަފް ބަލިވެއިނުމަކީ އެހާ ފަސޭހައިން ޒަރޫންއަށް ޤަބޫލު ކުރެވުނު ކަމެއް ނޫނެވެ. އެއީ ދޮގަކަށްވެސް ވެދާނެއެވެ. ކަޝަފް ހިނިތުންވަމުން ޒަރޫންއާ ސަމާސާ ކޮށްލިއެވެ. ދެމީހުން ވަރަށް ލޯބިން ވާހަކަ ދައްކައިލާ ހީ ސަމާސާ ކޮށްލުމަށްފަހު ، ސައިތަށްޓެއް ހަދަން ކަޝަފް ބަދިގެ ތެރެޔަށް ވަނެވެ.

ޒަރޫން ގޭތެރޭގައި އެނބުރެމުންދަނިކޮށް އެދުވަހު ޕޯސްޓުން އައި ސިޓީތަކެއް މޭޒުމަތީ ހުއްޓައި އެސިޓީތައް ބަލަން ފެށިއެވެ. އޭގެ ތެރެއިން އެއްސިޓީއަކަށް ޒަރޫންގެ ލޯ ސީދާވިއެވެ. ބޭރުގައި އެޑްރެސް ކުރެވިފައި އޮތީ ކަޝަފަށެވެ. އެއީ އުސާމާގެ ކައިވެނި ޕާޓީއަށް ކަޝަފާއި ޒަރޫންއަށް ފޮނުވާފައި އޮތް ދަޢުވަތު ކާޑެވެ. އެކަން ޒަރޫންއަށް އެނގުނީ އެސިޓީއުރަ ކަނޑައިގެން ބަލައިލީމައެވެ. ކާޑު ރަނގަޅަށް ނުކިޔި އުޅެނިކޮށް ކަޝަފް އަންނަތަން ފެނުމާއެކު ، އަވަސް އަވަހަށް ސިޓީއުރައިގެ ތެރެޔަށް ކާޑުލައި ނުކިޔާކަމަށް ހަދައި ބޭއްވިއެވެ.

ކަޝަފް އައިސް އިށީންތަނުން ފުރަތަމަވެސް އަޅައިގަތީ އެސިޓީއުރައިގައެވެ. ސިޓީއުރަޔަށް ބަލައިލިއިރު އެއޮތީ ކަނޑާފައެވެ. އެކާޑު ކެނޑީ ޒަރޫންތޯ ކަޝަފް ސުއާލު ކުރިއެވެ. ޒަރޫން ނޭނގޭކަމަށް ހަދާފައި ، އޮޅުމަކުން އެސިޓީއުރަ ކެނޑުނީކަމަށް ބުންޏެވެ. އަދި އަނެއްދުވަހު ހެނދުނު ކަޝަފް ޑޮކްޓަރަށް ދާން އޮތްކަން ހަނދާން ކޮށްދިނެވެ. މަންމަވެސް އެކުގައި ގޮވައިގެން ދާނީއޭ ބުނެ ، ރޭގަނޑު ކައިގެން ގެޔަށް އަންނަމާހޭ ކަޝަފްކުރެން އެހިއެވެ. ކަޝަފް އެކަމަށް އެއްބަސް ވިއެވެ. ސައިތަޝި ބޮއެ ނިމިގެން ކަޝަފް ބަދިގެތެރެޔަށް ގޮސް ހުއްޓިލިއެވެ. އޭނާއަށް އެޑްރެސް ކުރެވިފައި އޮތް ކާޑު ޒަރޫންއަށް ކެނޑުން އެއީ އިއްތިފާޤަކުން ވީކަމެއް ބާވައޭ ކަޝަފްގެ ހިތަށް އެރިއެވެ. ނޫނީ ކަނޑައެޅިގެން އެނގިހުރެ ކަނޑައިލީ ނޫންބާވައެވެ. އެނގިހުރެ ކެނޑިނަމަ އެއީ ކީއްވެގެން ހެއްޔެވެ ؟ ކަޝަފްގެ ހިތުގައި ޝައްކާއި ވަހުމުގެ ރާޅުބާންޏެއް އުފެދިގެން ދިޔައެވެ.

ހެނދުނު ރާފިޢާއަށް ހޭލެވުނީ ވަރަށް ލަހުންނެވެ. ތެދުވެގެން ތިރިޔަށް އައިއިރު ، ސިޓިންރޫމުގައި އިށީނދެލައިގެން ކަޝަފް އިނެވެ. އަދި އޭނާއަށް ގޮވައިލނުލީތީ ޝަކުވާ ކުރަމުން ކަޝަފްގެ ބޮލުގައްޔާއި މޫނުގައި ފިރުމައިލިއެވެ. ޒަރޫން އެރޭގެނައި މާބޮނޑި ރާފިޢާއަށް ފެނުމާއެކު އޭގެ ރީތިކަމަށް ތަޢުރީފްކޮށް ، ކާކު ގެނައި އެއްޗެއްތޯ ސުއާލު ކުރިއެވެ. އެއީ ޒަރޫން ރޭގައި އޮފީހުން ގެޔަށް އަންނަމުން ގެނައި މާބޮނޑިއެއްކަމުގައި ކަޝަފް ބުންޏެވެ. ރާފިޢާގެ މޫނުމައްޗަށް އުފާވެރިކަން އައެވެ.

" ހާދަހާ ރީތި މާތަކެކެވެ. ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކި ބަލާށެވެ ! " ރާފިޢާ ބުންޏެވެ.

" އާނއެކެވެ ! ރީތި މާތަކެކެވެ. އެކަމަކު އޭގައި ކަށިވެސް އެބަ ހުއްޓެވެ. " ކަޝަފް އެބުނި މާނަފުން ވާހަކަ ނޭނގޭކަމަށް ހަދާފައި ތިމަންނަޔަކަށް އެއަކުން ކަށްޓެއް ނުފެނެޔޭ ރާފިޢާ ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.