ދެކަފި - 53

(6 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފް މުރުތަޟާ ، މިސާލެއްގެ ގޮތުގައި ޒަރޫންގެ ތަޞައްވުރަށް އެއައި ގޮތަކާމެދު ، ޚުދު ޒަރޫންއަށްވެސް ޙައިރާންކަމެއް ލިބުނެވެ. އެއީވެސް އޭނާގެ ޑައިރީގައި ލިޔެލަން ރަންގަނޑެއްފަދަ އަގުހުރި ފިލާވަޅެކެވެ. އެއީ އެއްކަލަ ކަޝަފެވެ. ޔުނިވަރސިޓީގައި ކިޔަވަން އުޅުނުއިރު ، އޭނާ އިންތިހާއަށް ފޫހިވެ ރުޅިއެރި އަންހެން ކުއްޖާއެވެ. ދަޅަ ދައްކައިގެން ، ހައްލާލަން މަސައްކަތްކޮށް އެއްވެސް މިންވަރެއްގެ ކާމިޔާބެއް ޙާޞިލް ނުކުރެވުނު ހަމަ އެކަނި އަންހެން ކުއްޖާއެވެ. ޒަރޫންގެ ހިތުގެ އެއްކަނެއްގައި ކަޝަފްގެ ނަން ބިންވަޅު ނެގިފައި އޮތް ސަބަބަކީ އެއީ ބާވައެވެ. ފިރިހެންކުދިންނަށް ހައްލައިނުލެވޭ ، އެއްޗިއްސަށް ބޭނުންވެ ހިތް ނުކިޔާ ، ޕާޓީކުރަން އެއްގޮތަކަށްވެސް ބޭނުން ނުވާ ، ކިޔެވުމުގައި އެހާ ކާމިޔާބު މީހެއްގެ ގޮތުގައި ކަޝަފް ފާހަގަ ކުރެވެއެވެ. ހަމައެކަނި ޒަރޫންއަށް އެކަންޏެއް ނޫނެވެ. އެކީގައި ކިޔަވަން އުޅުނު ކުދިންނަށާއި ސާރ އަބްރާރަށްވެސް ކަޝަފް ވަރެއް ނެތެވެ. ކިޔަވަން އުޅުނު އިރު ، ކަޝަފް ކަމުނުދަނީ ހަމައެކަނި ޒަރޫން އަށާއި އަސްމަރާ އަށެވެ.

ޒަރޫންއަށް އޭރު ، ކަޝަފް ކަމުނުގޮސް ފޫހިވެފައި އޮތީ ، އޭނާ ބޭނުންގޮތަކަށް އެހެން އަންހެންކުދިންނެކޭ އެއްގޮތަށް ކަޝަފް ހައްލައި ނުލެވޭތީއެވެ. ކިޔެވުމުގައި އޭނާއާ ވާދަކޮށް ކުރި ހޯދާތީއެވެ. އަސްމަރާއަށް ކަޝަފް ނުގޮސްގެން އުޅުނީ ، ޒަރޫން ،ކަޝަފާ އަޅައިގަނެގެން އުޅޭތީއެވެ. އާދައިގެ ނިކަމެތި ޢާއިލާއަކުން އައިސް ޔުނިވަރސިޓީގައި އަސްމަރާމެންނާ އެއްވަރަށް ފައިހަމަ ކޮށްލައި ، އެހެން ހުރިހާ އަންހެން ކުދިންނަށްވުރެ ، ކިޔެވުމުގައި ކަޝަފަކީ ކާމިޔާބު ކުއްޖަކަށް ވީތީއެވެ. ދަރަޖައިގެ ގޮތުން ، ޔުނިވަރސިޓީއަކުން ކިޔަވަން ފުރުޞަތު ލިބޭވަރަށްވުރެ ދަށްވެ ފަޤީރު ވެފައި ، ހަމަ އެއާއެކު ، ކިޔެވުމުގައި އެންމެންނަށްވުރެ މޮޅުވީމަ އެވެ.

އުސާމާވެސް އެބުނީ ރަނގަޅު ވާހަކަ އެކެވެ. އަސްމަރާ އާއެކު ، ކަޝަފް އަޅުވައިކިޔަންވީ ކީއްވެ ހެއްޔެވެ ؟ އެއީ ހާސްބައި ތަފާތު ދެމީހުންނެވެ. ޒަރޫންގެ ހިތުގައި ކުރިން އޮތް ނަފުރަތާއެކުވެސް ، އޭނާގެ ވިސްނުމަށް ކަޝަފް އައީ ، ކަޝަފްއާ ދޭތެރޭ ހިތުގައި ޚާއްޞަކަމެއް ދެވިގެން ، ޒަރޫން ހިތްއެދޭ ކަހަލަ މީހަކަށް ވެގެން ބާވައެވެ. އެކަމަކު އުސާމާ އެބުނީ ހަމަ ރަނގަޅު ވާހަކަ އެކެވެ. ޒަރޫން އެހުރީ ހަދާނެގޮތެއް ނޭނގި މަގު އޮޅިފައެވެ. ބިންނަންވީ މަލެއް ވަކި ނުކުރެވޭވަރަށް ، ލޯބީގެ ބަގީޗާގައި މަގު ގެއްލިފައެވެ. ޒަރޫންގެ ލޮލުން ނިދީގެ އަސަރު ފެންނަމުންގޮސް ލޯމެރެންދެން ، އޭނާގެންދިޔައީ ހިތަށް އަރައި ފައިބަމުންދިޔަ އިޙްސާސްތައް އޭނާގެ ޑައިރީގައި ނަކަލު ކުރަމުންނެވެ.

------------------------

ކަރާޗީން ، ލާހޯރަށް ކަޝަފް ބަދަލުވެއްޖެ އެވެ. ކަރާޗީއާ އަޅާ ބަލާއިރު ލާހޯރަކީ ، ކަރާޗީގެ ދެބައިކޮށްފަ އެއްބަޔަށްވުރެވެސް ކުޑަ ތަނެކެވެ. މީހުންވެސް މަދެވެ. އެހެންނަމަވެސް ، ޕާޖިސްތާނުގެ މި ދެސިޓީން މޮޅު ސިޓީއަކީ ކޮބައިތޯ ކުރެވޭ ސުއާލަކީ ޕާކިސްތާން އުފެދުނީއްސުރެ ހިނގަމުން އައިސްފައިވާ ބަޙުސެކެވެ. ކަރާޗީއަކީ ކާރޫބާރޫ ބޮޑު ، އާބާދީ ބޮޑު ، އިޤތިޞާދީ ޙަރަކާތްތައް ގިނަ ، ކެއުމުގެ ކަންތައްތަކަށް ޚާއްޞަ ސިޓީއެކެވެ. ލާހޯރަކީ ، ކުރިއަރަމުން އަންނަ ، މުއްސަނދި ސަގާފަތެއް އޮތް ، މުއްސަނދިން އުފެދެމުން އަދި ތަންވެސް ތަރައްޤީ ވަމުން އަންނަ ޤުދުރަތީ ގޮތުން ރީތި ސިޓީ އެކެވެ.

ކަޝަފް ހޯދީ ވަރަށް ކުޑަ ގެޔެކެވެ. ބަގީޗާއެއް ލާފައި އޮންނަ ދެކޮޓަރީގެ ކުޑަ ކުޑަ ގެޔެކެވެ. އެއީ އޭނާގެ އަމިއްލަ މަސައްކަތުން ، އޭނާގެ ބޯހިޔާވަހިކަން ހޯދުމުގައި ދުނިޔެ އޭނާއަށް ދައްކައިދިން ތަނެވެ. ކުޑަދުވަސްކޮޅެއް ވީތަނާ ރާފިޢާވެސް ކަޝަފް ދެކޭހިތުން ނުހުރެވިގެން ލާހޯރަށް އައެވެ. ކަޝަފް ގެ ގެ ފެނިފައި ރާފިޢާ ވަރަށް ހިތްހަމަ ޖެހުނެވެ. ޝެހްނީލާވެސް މަންމަ އާއެކީ ލާހޯރަށް އަންނާނެކަމަށް އޮތީ ކަޝަފްގާތު ބުނެފައެވެ. ޝެހްނީލާ ބޭނުންވަނީ ހަފުތާގެ ކޮންމެ ބަންދެއްގައިވެސް ކަޝަފް ގާތަށް ލާހޯރަށް އައުމަށެވެ. އެކަމަކު ، ކިޔެވުމުގެ ބުރަކަމުން ރާފިޢާ އޭނާ ތަންތަނަށް ދިއުން އޮންނަނީ ހުއްޓުވާފައެވެ.

ޝެހްނީލާ ، މަންމައާއެކު އައިނަމަ ކަޝަފް ވަރަށް އުފާ ވީހެވެ. އޭރަށް ހަފުތާ ބަންދު ނިންމާފައި ދެވިދާނެއެވެ. އެކަމަކު ، ޝެހްނީލާ އަދިވެސް އުޅެނީ ކުޑަކުދިން އުޅޭ ގޮތަށެވެ. ހަފުތާ ބަންދުގައި ކަޝަފް ދެކެން އައިސް ، އެނބުރި ކަރާޗީއަށް ނުގޮސް މަޑުވެސް ކޮށްފާނެއެވެ.

" ދަރިފުޅާއެވެ ! ބައްޕަ ވަރަށް ސަލާމް ބުންޏެވެ. ދަރިފުޅުގެ ވާހަކަ ، ބައްޕަ ވަރަށް އަހައެވެ. " ރާފިޢާ ބުންޏެވެ. ކަޝަފް ވަކި އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.

" މަންމަޔާއެކީ އަންނަންވެސް އުޅުނެވެ. ޙައްމާދުވެސް އަންނަންވެގެން ވަރަށް މަސައްކަތް ކުރިއެވެ. ޙައްމާދު ހުރީ ، ދަރިފުޅަށް ސަރުކާރުން ދިން ގެ ދެކެލުމަށް ވަރަށް ބޭނުން ވެފައެވެ. " ރާފިޢާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ކަޝަފް ، އަނގައިން ނުބުނެ އެއިނީ އެމީހުންގެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. އެމީހުން އުޅޭނެ ގޮތަކަށް އުޅެފާނެއެވެ. ކަޝަފްމެން މިވީހާތަނަށްވެސް ދިރިއުޅުމާ ހަނގުރާމަ ކުރަމުން އައީ އެމީހުންނާ ނުލައެވެ. ކަޝަފްގެ އަމިއްލަ ފައިމައްޗަށް ތެދުވެވުނީމަ ، މިހާރު ދެން ދަރިފުޅުވެގެން އުޅުމަކީ ކަޝަފް ބޭނުންވާ ގޮތެއް ނޫނެވެ. އެއީ އަމިއްލަ އެދުން ބޮޑު މީހުންގެ ޢަމަލު ހުންނަ ގޮތެވެ. ބައްޕަޔާއި ދޮންމަންމަޔަކީ އަބަދުވެސް ކަޝަފްމެންނަށް ހަމަޔަށް ނޭވާލެވެންވެސް ހިތް ނޭދޭ ބަޔެކެވެ.  ޙައްމާދަކީ ދޮންމަންމަގެ ޖާސޫސެވެ.

ބައްޕަޔަށް މާފުކޮށްދިނުމަށް ، ރާފިޢާ ، ކަޝަފަށް ގޮވާލާފައި ބުނެއެވެ. އެހިސާބުން ކަޝަފް އޭނާގެ މަންމައާ ކުރީ  ސުއާލެކެވެ.

" މަންމަ ، ބައްޕަޔަށް މާފު ކޮށްފިން ހެއްޔެވެ ؟ " ކަޝަފް އޭނާގެ މަންމަކުރެން އެހިއެވެ. އެސުއާލަށް ރާފިޢާ އާނއެކޭ ބުނެ ޖަވާބު ދެއެވެ.

އެވާނީ ބައްޕަގެ ގޮތްކުޑަކަމުން ، މަންމަގެ ކިބައިން މާފަށް އެދުނީ ކަމަށެވެ. ދަތިޙާލުގައި އުޅޭއިރު ދުޝްމަނުންނަށް ވެފައި ، ޙާލަތު ރަނގަޅުވީމަ ހެޔޮކަން ދައްކާ އިންސާނުންނަށް ، ކަޝަފް ނަފުރަތު ކުރެއެވެ. ކަޝަފް އެންމެ ހިތްހަމަޖެހޭ މީހުންނަކީ ނިކަމެތި ޙާލުގައި އުޅޭއިރު ދުޝްމަނުންނަށް ވެފައި ، ޙާލަތު ރަނގަޅުވުމުންވެސް ، އެ ރުޅިވެރިކަން ދޫކޮށްނުލާ މީހުންނެވެ.

ކަޝަފް އެހާ މޮޅަށް ކިޔަވައި އެހާ ރަނގަޅު ވަޒީފާއެއް ލިބި ، އަމިއްލަ ފައިމައްޗަށް ތެދުވެވުނު އިރުވެސް ، ކަޝަފްގެ އަމިއްލަ ގޮތްތަކަށް އެއްވެސް ބަދަލެއް ، ކުރިއެރުމެއް ނައިސް ހުރިކަން ރާފިޢާ ފާހަގަ ކުރިއެވެ. އިންސާނުންނަކީ ޙާލާތާ ގުޅިގެން ވިސްނުން ބަދަލުވާ ބަޔެކެވެ. އިންސާނާ އޭނާގެ ޙާލާތު ބަދަލުކުރުމަށް ބުރަ މަސައްކަތް ކުރަނީ އެސަބަބަށްޓަކައި ކަމުގައިވެސް ވެދާނެއެވެ. އޭރަށް އެމީހަކާ މެދު އެހެންމީހުންދެކޭގޮތް ބަދަލުވެގެން ދާނެއެވެ. ކޮންމެ ގޮތެއްވިޔަސް ، ކަޝަފް އޭނާގެ ބައްޕަޔަށް މާފެއް ނުކުރާނެއެވެ. ކަޝަފްގެ ހިތުގައި އޭނާގެ ބައްޕަޔަށް އެއްވެސް ޢިއްޒަތެއް ނެތެވެ.

ކަޝަފްމެންގެ ދިރިއުޅުމުގައި މުރުތަޟާގެ އެއްވެސް ދައުރެއް ނެތްކަން އަދި އޭނާގެ އެއްވެސް އެހީތެރިކަމެއް ނުވާކަން ، ޚުދު މުރުތަޟާއަށްވެސް އެނގެއެވެ. އަދި މުރުތަޟާގެ އަންހެންދަރިންގެ މަތިވެރި ކާމިޔާބީގައި އޭނާގެ އެއްވެސް ޙިއްޞާއެއް ނެތްކަންވެސް އެނގެއެވެ. އެއީ ބައްޕަޔެއްގެ ހިތުން ޤަބޫލުކުރަންޖެހުމުން ތަކުލީފު ލިބޭނެ ، އުނދަގޫ ކަމެކެވެ. ލަދުވެތިވާން މަޖުބޫރު ޙާލަތެކެވެ. ފަހަރެއްގައި އެއީ މުރުތަޟާ ، އޭނާގެ ދަރިންނަށް އަޅައިނުލުމުގެ ޝަޒާކަމަށްވެސް ވެދާނެއެވެ. ބައްޕަ ކޮށްފައިވާ ކަންކަމަށް އެއްވެސް ޝަޒާއެއް ދޭކަށް ކަޝަފްގެ ވިސްނުމެއްގައެއް ނެތެވެ. ބައްޕަ އެއީ ކަޝަފްގެ ދިރިއުޅުމުގައި އޮތް ޙިއްޞާއެއް ނޫނެވެ. ކަޝަފް އޭނާގެ ބައްޕަޔަށް މާފުކުރާނީ ، ބައްޕަ އޭނާގާތަށް އައިސް މާފަށް އެދުމުންނެވެ. އެކަމަކު ، ކަޝަފްގެ ވިސްނުމުގައި އެއީ ބައްޕަ ކުރާނެކަމެއް ނޫނެވެ. އެއީ ދެރަވެ ލަދުގަންނަން އެނގޭ މީހެއް ނޫނެވެ.

މުރުތަޟާއަކީ ގޮތް ދޫނުކުރާ މީހެކެވެ. އޭނާގެ ހަގު އަނބިމީހާއާއި ދަރިންނާއެކު އުޅެމުން އެގެންދާ ދިރިއުޅުމަކީ ، ކަޝަފް މެންނާ ބެހޭކަމެއް ނޫނެވެ. އެހެންނަމަވެސް ކަޝަފަށް އެކަމުން ތަކުލީފު ލިބެއެވެ. ބައްޕަޔަށ މާފުކުރަން މަންމަ ބުނާ ކޮންމެ ފަހަރަކުވެސް ، ކަޝަފަށް އިޙުސާސް ކުރެވެނީ ، މަންމަ އެ ހަކުރު އަޅަނީ ފޮނިކޮށް ގިރާފައިހުރި ސައްޓަކަށް ކަމުގައެވެ. މަންމަ އެވާހަކަ ދެއްކި ދެއްކިހެން ކަޝަފަށް ލިބޭ ތަކުލީފު ބޮޑުވަމުން ދެއެވެ.

------------------------

ޒަރޫންވެސް އޭނާ ނިންމާފައިވާ ގޮތުގެމަތިން ވަޒީފާއަކާ ކުރިމަތި ލައެވެ. އޭނާ ގުޅުނީ ފޮރިން އެފެއާރޒާއެވެ. ޒަރޫންވެސް މަސައްކަތް ކުރަން ޖެހުނީ ލާހޯރުގައެވެ. ކަޝަފް ، ލާހޯރުގައި މަސައްކަތް ކުރާކަމެއް ޒަރޫންއަށް އެނގިފައެއް ނެތެވެ. ފޮރިން އެފެއާރޒްގައި ޒަރޫންކުރަންޖެހޭ މަސައްކަތާބެހޭ ތަފްޞީލް ދިނުމަށް ބައްދަލުވުމެއް ބޭއްވެމުން ދިޔައެވެ. އިސްކޮށް އިން މީހާ އިންތިޒާރު ކުރަމުން އެގެންދަނީ ކަޝަފަށެވެ. އެކަން ޒަރޫންއަކަށް ނޭނގެއެވެ.

ވާހަކަ ދެކެވެމުން ދަނިކޮށް ކަޝަފް އެތަނަށް އާދެއެވެ. އަދި ކަޝަފް ، ޒަރޫންއަށް ތަޢަރުފް ކޮށްދީ ، ޒަރޫން އެއީ ފޮރިން އެފެއާރޒްގެ ފަރާތުން ކަޝަފްގެ ޕްރޮޖެކްޓްގައި ކޯރޑިނޭޓް ކުރާ މުއައްޒަފުކަމުގައި ބުނެއެވެ. ޒަރޫންއަށް ކަޝަފް ފެނުމާއެކު ކުއްލި ޙައިރާންކަމެއް ލިބުނެވެ. އެހެންނަމަވެސް އޭނާއަށް ލިބުނު ޙައިރާންކަން ފޮރުވަމުން ، އިސްވެ ޒަރޫންއަށް ސަލާމް ގޮވައިލައެވެ.  އަދި ޒަރޫންވެސް އޭނާއަށް ލިބުނު ޙައިރާންކަން ފޮރުވަމުން ، ސަލާމް ބަލައިގަނެއެވެ. އެއަށްފަހު ، ދެންތިބި ދެ މުއައްޒަފުން ޒަރޫންއާއި ކަޝަފަށް ތަޢާރުފް ކޮށްދެވުނެވެ. އެބައްދަލުވުން ނިމުމުން އެންމެން ނުކުމެއެވެ.

ކަޝަފްގެ ފޯނު ނަންބަރު ދިނުމަށް ޒަރޫން އެދުނެވެ. އެހެންކަމުން ، އޮފީހުގެ ނަންނަރު ނޯޓުކޮށްލުމަށް ކަޝަފް ބުންޏެވެ. އެއާއެކު ، 24 ގަޑިއިރު އޮފީސް މޭޒުދޮށުގައި ކަޝަފް ނީންނާނެކަން ޒަރޫން ހަނދާން ކޮށްދެއެވެ. އަދި 24 ގަޑިއިރު ، ކަޝަފްގެ މޮބައިލް ފޯނު މަސައްކަތް ނުކުރާނެކަން ، ކަޝަފްވެސް ޒަރޫންއަށް ހަނދާން ކޮށްދެއެވެ. ޒަރޫން އަނގަޔަކުން ދެރައެއް ނުވެއެވެ. މައްސަލައެއް ނެތޭބުނެ ، ގުޅެންދެން ފޯނު ކުރާނެކަމަށް ބުނެއެވެ.

ޔުނިވަރސިޓީ ނިމި އެތައް ދުވަހެއްގެ ފަހުން ކަޝަފާ މިކަހަލަ ގޮތަކަށް ދިމާވުމަކީ އިއްތިފާޤެއްނަމަވެސް ، ޒަރޫން އެކަމާ ހުރީ ވަރަށް އުފަލުންނެވެ. ކަޝަފް އޭނާގެ ނަންބަރު ނޯޓުކޮށްލާށޭ ބުނެއެވެ. އެއާއެކު ، ޒަރޫން އޭނާގެ ޤަލަމާ ނޯޓުފޮތް ނެގުމާއެކު ، ނުދޭނަމޭ ބުނެ ސަމާސާ ކޮށްލުމަށްފަހު ، ކަޝަފް އެތަނުން ހިނގައިގަތެވެ. އެއީ ހަމަ އެއްކަލަ ކަޝަފެވެ. ފިރިހެންކުއްޖަކަށް އޭނާގެ ފޯނު ނަންބަރެއް ނުދޭނެއެވެ. ފިރިހެންކުދިން އޭނާގެ ފަހަތުން މުގޯލި އަޅަކަށް ފުރުޞަތެއް ނުދޭނެއެވެ. ޒަރޫންގެ މޫނުމަތުން ހިނިތުންވުމެއް ފާޅުވިއެވެ. އެއީ އުއްމީދުގެ ހިނިތުން ވުމެކެވެ.

------------------------

ކަޝަފްގެ ޕްރޮޖެކްޓް ޓީމުގައި ހިމެނޭ ބިދޭސީ ދެމީހުންނާއި ޒަރޫން އަދި ކަޝަފް ސައިޓު އިންސްޕެކަޝަނަކަށް ގޮސް އެތަން ބަލަމުން ގެންދިޔައެވެ. ޒަރޫންއާ އަނެއްކާވެސް ކަޝަފް މުރުތަޟާ އާ މިދިމާވީއެވެ. އެހެން ހަރުފަތެއްގައެވެ. ކިޔަވައި ނިމިގެން މަސައްކަތުގެ މާޙައުލުގައެވެ. ކަޝަފް މިހާރު ހުރީ ކޮންމެވެސް ވަރަކަށް ބަދަލު ވެފައެވެ. އަނގަ ތަޅައެވެ. ވާހަކަ ދައްކައެވެ. އެކަމަކު އެއީ އޭނާގެ ޓީމު މެންބަރުންނާއެކު ދައްކަންޖެހޭ ފަންނީ ވާހަކަ  ތަކެކެވެ. އެމީހުން ހައެއްކަ ސަރަޙައްދު ބަލަން ދާން ޖެހެއެވެ.

ކަޝަފްގެ ދިރިއުޅުމުގައި އިންސާނެއްގެ މޫނު ދެކެން ބޭނުންނުވާ އިންސާނެއް ހުރިނަމަ އެއީ ޒަރޫން އެވެ. އެކަމަކު އަނެއްކާވެސް ، ކަޝަފްގެ ކުރިމައްޗަށް ޒަރޫން އައީ ކީއްވެގެންކަން ކަޝަފަކަށް ނޭނގެއެވެ. އެމީހުން ، ގަޑިއެއްހާއިރު ، ތަންތަނަށް ޒިޔާރަތް ކުރަން ވަގުތު ހޭދަކުރަން ޖެހެއެވެ. ޒަރޫންހުރީ ކޯޓާއެކު ރަސްމީ ހެދުމުގައެވެ. އެތަން ފެނުމާއެކު ، ރަސްމީކޮށް ހެދުން  އެޅުން ބުއްދިވެރިނޫންކަމުގައި ބުނެ ޒަރޫންއަށް ، ކަޝަފް ނަޞޭޙަތްތެރި ވެއެވެ. ހިނގަން ޖެހެނީ ޖަންގަލި ތެރޭގައި ގަދަ އަވީގައެވެ.

" ތިއީ މިސް ކަޝަފް ހެއްޔެވެ ؟ ނޫނީ މިސިޒް ކަޝަފް ހެއްޔެވެ ؟ " ޒަރޫން އަހައިލިއެވެ.

" މިސް ކަޝަފެވެ. " ޒަރޫންގެ ސުއާލުގެ ނާޒުކުކަން ފޮރުވުމަށް މަސައްކަތް ކުރަމުން ކަޝަފް ބުންޏެވެ.

ކަޝަފް ގެ ކުރު ޖަވާބުތަކުން ޒަރޫންއަށް މިހާރު ލިބެނީ ހިތްހަމަ ޖެހުމެވެ. ވާގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ކަޝަފްގެ ރީތިކަންވެސް އޭނާގެ ހިތަށް މިހާރު ދަނީ ނޯޓިސް ކުރެވެމުންނެވެ. މާގިނަ ވާހަކަ ނުދެއްކިޔަސް ވަރިހަމައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.