ދެކަފި - 59

(13 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފްގެ ނަޒަރުގައި އުސާމާއަކަށް ކަޝަފެއް ނޭނގެއެވެ. އެހެންނަމަ އެކަހަލަ ވާހަކައެއް އުސާމާއެއް ނުދައްކާނެއެވެ. އުސާމާ އާއި ކަޝަފަކީވެސް ދިރިއުޅުމުގެ ދަރަޖައިގެ ފަރަޤުން މުޖުތަމަޢު ޤަބޫލުނުކުރާ ފަދަ ތަފާތު ބޮޑު ދެމީހުންނެވެ. ޙަޤީޤަތް އެގިއްޖެނަމަ ، އުސާމާގެ މައިންބަފައިން ކަޝަފާ ދޭތެރޭ ހިތްހަމައެއް ނުޖެހޭނެއެވެ. އޭނާގެ މަންމަޔަކީ އެކަނިވެރި މަޔެކެވެ. ބައްޕަޔަކަކީ ، ދެއަނތްބަށް މީހަކާ އިނދެގެން ، އެއް އަނބި ރަންގަނޑަކަށް ހަދައިގެން ، ކަޝަފް މެންނާ ދުވަހަކުވެސް އަޅައިލި އިންސާނެއް ނޫނެވެ. އެހުންނަނީ މީހަކާ އިންނައިރު މުއްސަނދިން ބަލާނެ ކަންކަމެވެ. އެކަންކަން އުސާމާއަށް އެނގުނަސް ކަޝަފާ އިންނަން ބޭނުންވާ ވާހަކަ އޭނާގެ މައިންބަފައިންގާތު ބުނާކަށް ނުކެރޭނެއެވެ. އަދި ކުރިން އޮތް ރަޙުމަތްތެރިކަމުގެ ގުޅުންވެސް އަބަދަށްޓަކާ ކެނޑޭނެއެވެ. އެއީ ކަޝަފް އެދޭގޮތެއް ނޫނެވެ.

ޞިދްރާގެ ނަޒަރުގައި ، ކައިވެނިވާ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާނަމަ ، އެހުންނަނީކީ މައްސަލައެއް ނޫނެވެ. އެމީހުން އިންނަނީކީ އަނެކާގެ މަންމަޔާ ނުވަތަ ބައްޕަޔަކާ ނޫނެވެ. އެދެމީހުން އެ ކުރިމަތިލަނީ އެމީހުންގެ އަމިއްލަ ދިރިއުޅުމަކާއެވެ. ކަޝަފްގެ ވިސްނުން އެހުންނަނީ އަދިވެސް ކުޑައިރުގެ ޅަ ސިކުނޑިން ވިސްނާ ގޮތަށް މޮޔަކޮށެވެ. އެހާ މޮޅަށް ކިޔެވުނީމަވެސް ސިކުނޑި ހުޅުވޭގޮތެއް ނުވެއެވެ. ކަންކަމުގައި ވާނެގޮތް ނިންމައި އެގޮތް ޤަބޫލުކޮށް އެކަމުން ނުކުންނާނެ ނަތީޖާ ނެރުމަކީ ކަޝަފްގެ އަބަދުގެވެސް އާދަ އެކެވެ. ދުވަހަކުވެސް ކަޝަފްގެ ސިކުނޑިއަށް ސަވާރުވެއޮތް އެ މިންގަނޑު ނުކުމެގެންނެއް ނުދާނެއެވެ. ޞިދްރާގެ އެއްވެސް ބަހަނާއެއް ނުހިނގިއެވެ. ޞިދްރާގެ އެއްވެސް ވާހަކައެއް ކަޝަފް ޤަބޫލެއް ނުކުރިއެވެ. މީހުންގެ ވިސްނުން ހުންނާނެ ގޮތާއި މީހުން އުޅޭގޮތް ކަޝަފަށްވުރެ ބޮޑަށް  ޞިދްރާއަކަށް އަދިއެއް ނޭނގޭނެއެވެ. އެވަރަކަށް ޞިދްރާއަކަށް ދުނިޔެއެއް އަދި ނުފެނެއެވެ.

މާސްޓަރސް ނިންމާފައި ނުކުތްގޮތަށް މީހަކާ އިނދެފިއެވެ. މީހަކާ އިންގޮތަށް އެދިޔައީ އެމެރިކާ އަށެވެ. ޕާކިސްތާނުގެ މުޖުތަމަޢުގައި މީހުން ދިރިއުޅޭ ގޮތުގެ އެއްވެސް ތަޖުރިބާއެއް ޞިދްރާއަކަށް އަދި ނުލިބޭނެއެވެ. ޕާކިސްތާނުގައި މީހުން އުޅޭގޮތާ އަދި ކުރާކަންތައް ޞިދްރާއަކަށް އަދި ނުފެންނާނެއެވެ. ތޮށިގަނޑު ފަޅާލައިފާ ބޭރަށް ނުކުމެވުނު ދުވަހަކުން ޞިދްރާއަށްވެސް އެތަން ފެންނާނެއެވެ. އެކަމަކު އަދި ހަމަ އެއްވެސް އެއްޗެއް ، އޭގެ އަޞްލަށް ޞިދްރާއަކަށް ނުފެންނާނެއެވެ. ގިނަ އިންސާނުންނަކީ މުނާފިޤުންނެވެ. އެހާ ދެފުށް ދެގޮތް ވާނެއެވެ. އަމިއްލަ އެދުން އެހާ ބޮޑުވާނެއެވެ. ކަޝަފްގެ އެއްވެސް ވާހަކަޔަކުން ޞިދްރާވެސް ގޮތް ދޫކުރާގޮތެއް ނުވެއެވެ. ކަޝަފް ގޮތަށް ޞިދްރާ ވަޒީފާއެއް އަދައެއް ނުކުރެ އެވެ. އެކަމަކު ޞިދްރާއަށްވެސް ތަންތަން އެބަ ފެނެއެވެ. މީހުން އުޅޭގޮތްވެސް އެބަ އެނގެއެވެ. އިންސާނުން ހައްދަވާފައިވަނީ ދެގޮތަކަށެވެ. ގޯސްމީހުން އުޅޭނެއެވެ. ހަމަ އެގޮތަށް ރަނގަޅު މީހުންވެސް އެބަ އުޅެއެވެ. އެކަކު އަނެކަކަށް ގޮތް ދޫނުކޮށް ކުރިޔަށް ގެންދިޔަ އެވާހަކަ ހޫނުވާ ގޮތް ވިއެވެ.

" ޞިދްރާ ތިބުނާ ރަނގަޅުމީހުންގެ އަވައިގާ އަހަރެން ޖައްސަން އަހަރެންގެ ސިކުނޑިއާ ނުކުޅޭށެވެ ! " ކަޝަފް ބުންޏެވެ.

" އެނގޭ ހެއްޔެވެ ؟ ކަޝަފްގެ ތިޔަ ގޮތް ދޫނުކުރުމުގެ ސަބަބުން މަންމަ އެއިންނަނީ ހާދަ ދެރައެއް ވެފައެވެ. " ޞިދްރާ ބުންޏެވެ.

" އަހަރެން ގޮތް ދޫނުކޮށްގެން މަންމަ ކޮން ހިތާމައެއް ކުރާކަށް ހެއްޔެވެ ؟ މިއީ އަހަރެންގެ ދިރިއުޅުމެވެ. އަހަރެން ކައިވެންޏެއް ކުރަން ބޭނުން ނުވަންޏާ އެކަމާ އެހެން މީހުން ވިސްނައި ކަންބޮޑުވުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ ؟ " ކަޝަފް ބުންޏެވެ.

" އެހެން ވިއްޔާ ކަޝަފްގެ މުޅި ދިރިއުޅުން ދުއްވާލާނީ ތިގޮތަށް މީހަކާ ނީނދެ ހުރެ ހެއްޔެވެ ؟ "

ޞިދްރާގެ ސުއާލަށް ކަޝަފް އާއެނކޭ ބުނުމާއެކު ، ރުޅިއައިސްގެން ތެދުވެ ޞިދްރާ ނުކުމެގެން ދިޔައެވެ. ކަޝަފާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިގެން އެއްވެސް މީހަކަށް ކުރިއެއް ނުލިބޭނެއެވެ.

------------------------

ޒަރޫން އޭނާގެ ކޮއްކޮ ސާރާއަށް ވަމުންދާ ގޮތާމެދު އިންތިހާއަށް ކަން ބޮޑު ވެއެވެ. ބައްޕަވެސް އަދި މަންމަވެސް އެއީ ގޭގައި އުޅޭ ދެމީހުންނެއް ނޫނެވެ. ސާރާވެސް ދޭތެރެޔަކުން ކޮންމެވެސް ރައްޓެއްސެއްގެ ގެޔަށް ދާނެއެވެ. ގިނަފަހަރަށް ، ސާރާ ބޭރަށްދަނީ ޣަޒާލާ ބާރުއަޅައިގެންނެވެ. ޒަރޫން ކަރާޗީގައި ހުންނަ ދުވަސްކޮޅެއްވީމަ ، ގިނައިރު ސާރާއާއެކީ ގޭގައި އުޅެ ސާރާއާ ވާޙަކަ ދައްކައި އޭނާގެ ހިތް ހަމަޖައްސައި ދެވޭތޯ މަސައްކަތް ކުރެއެވެ.

ސާރާއަށް އެކުރެވުނީ ގޯސްކަމެއްކަން މިހާރު އިޙްސާސް ކުރެވެއެވެ. އަދި ފަރްޙާންމަތިން ހަނދާންވެސް ވެއެވެ. އެހާ ބޮޑަށް ފަރްހާންމަތިން ހަނދާންވާނެކަން އިޙްސާސްކުރެވުނު ނަމަ އޭނާ ވަރިޔަކަށް ނޭދުނީހެވެ. އެކަމަކު މިހާރު ދެން ކުރާނެ ކަމެއް ނެތެވެ. ޒަރޫންވެސް އެހާވަރަށް ސާރާއަށް ނަޞޭޙަތް ދިނެވެ. ވިސްނައި ދެވޭތޯ ބެލިއެވެ. އެކަމަކު ޒަރޫންގެ އެއްވެސް ވާހަކައެއްވެސް ސާރާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ނުވަތަ އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. އެކަން އެހެން ދިމާވީ ، ވަރިވުން އެއީ އޮތް ހަމައެކަނި ޙައްލުކަން މަންމަގެ ފަރާތުން ސާރާއަށް ވިސްނައިދެވިފައި އޮތީމައެވެ. ބައްޕަ ދެއްކި އެއްވެސް ވާހަކައެއް އަދި ނަސޭހަތެއްވެސް ސާރާއަކަށް ނީވުނެވެ. ހަމައެކަނި އެކަމުގައި އެހުނީ މަންމަގެ ބަހެވެ. މަންމަ އެކަމަށް ބާރުނުއެޅިނަމަ ސާރާ ވަރިވާކަށް ނޫޅުނީހެވެ. ވަރިނުވެ ކައިވެނިމަތީ ދެމިހުރުމަށް މަންމަގެ ފަރާތުން ބާރުއެޅި ، ސާރާއަށް މަގުދައްކައި ދެވުނު ނަމަ ، ސާރާ މިއަދު އެކުރާ ހިތާމަ ކުރާކަށް ނުޖެހުނީހެވެ.

ޒަރޫންވެސް އެކަމުގައި ސާރާއާ އެއްބަހެވެ. ވަރި ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ސާރާއަށް ދެންއޮތީ ވެދިޔަތަން ހަނދާން ނައްތައިލާފައި ކުރިޔަށް ދިއުމެވެ. އެހެންނަމަވެސް ، އޭނާގެ ޙަޔާތުގެ ކުރިމަގާމެދު ސާރާވަނީ ނާއުއްމީދުވެފައެވެ. ކުރިޔަށްދާން ކުރަންވީކަމެއް ސާރާއަކަށް ނުވިސްނެއެވެ. ސާރާއަށްވަނީ ، އޭނާގެ ވަރިޔާ ގުޅިގެން ، އެއަށްވުރެބޮޑަށް ހިތަށް އުނދަގޫ ވެފައެވެ. ފަރްޙާނަކީ ، ރަނގަޅު މީހެކެވެ. ސާރާއަށް އަޅާލައެވެ. އަދި ސާރާގެ ކިބައިން މަޢާފަށް އެދި އެންމެ ފަހު ވަގުތުވެސް ، އެކަނިވެނި ދެމެހެއްޓޭތޯ ފަރްޙާން މަސައްކަތް ކޮށްފައި ވެއެވެ. އެކަމަށް ޙައްލެއް ނުގެނެވުނީ ބައްޕައާއި ޒަރޫން ދިން ނަސޭހަތުގެ އަޑުނާހައި ، މަންމަދިން  ލަފަޔާއި އިރުޝާދުން ސާރާއަށް ލިބެމުންދިޔަ ހިތްވަރުގެ ސަބަބުންނެވެ. ސާރާގެ ގޮތްދޫނުކުރުމަށް މަންމަ އެއްބައިވެ ވަރިވާން ބާރު އަޅައިގެންނެވެ.

ސާރާގެ ޙަޔާތުން އެލިބުނު ފިލާވަޅުން އޭނާވަނީ އެއްކަމެއް ޔަޤީންކޮށްފައެވެ. އެއީ ދުވަހަކު ކޮޅުންވެސް ސާރާއަށް ކުދިން ލިބިއްޖިއްޔާ ، ސާރާގެ މަންމައާއި ބައްޕަ ، ޚާއްޞަކޮށް ސާރާގެ މަންމަ ، އޭނާ ބަލައި ބޮޑުކުރި ތަރުބިއްޔަތުގައި އެކުދިން ބަލައި ތަރުބިއްޔަތު ނުކުރާނެ ކަމެވެ. އެވާހަކަ ވަރަށް ސާފުކޮށް ، ޒަރޫންގާތުގައިވެސް ސާރާ ބުނެއެވެ. އޭނާއަށް މަންމަގެ ފަރާތުން ލިބިފައިވާ ތަރުބިއްޔަތަކީ ، ޙަޔާތުގެ ދިގުދަތުރަކަށް ނާމާންކަމުން ފުރިގެންވާ ހިތްދަތި އެއްޗެކެވެ. ސާރާ އޭނާގެ ދަރިޔަކު އެމަގުން ހިނގައި އެކުއްޖާފުޅުގެ ދިރިއުޅުން ބަރުބާދު ވެގެންދާން ފުރުޞަތެއް ނުދޭނެއެވެ. މަންމަގެ ފަރާތުން ލިބުނު ތަރުބިއްޔަތުން ސާރާއަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ އެއީއެވެ.

------------------------

ޒަރޫން އަސްމަރާއާ ގުޅައި ބައްދަލުކޮށްލަން ބުނެފަ އޮތީމަ ، ގޭގެ ގޯތިތެރޭގައި އަސްމަރާ ނުގޯލި ކަނޑަމުން ގެންދެއެވެ. ޒަރޫން ފުރަގަހުން ގޮސް އަސްމަރާއާ ސަމާސާ ކޮށްލައެވެ. ޒަރޫން ކަރާޗީއަށް އައިފަހުން މިހާރު 4 ދުވަސް ވެއްޖެ އެވެ. އަސްމަރާއަކަށް ޚަބަރެއްވެސް ނުވެއެވެ. އެކަމަކު ޒަރޫން ފޫއްސެއްވެސް ނުވެއެވެ. އޭނާ ފޫހިވުމުން ބަލަނީ ޓީވީ އެވެ. ދެންކުޅެނީ ފޯނާއެވެ. އެހެންކަމެއް ނެތިއްޖިއްޔާ ރަނގަޅަށް ދުފާލަނީއެވެ. އިސްލާމް އާބާދަށް ގޮސް ޒަރޫން ކުރާނެ މާބޮޑު ކަމެއްވެސް ނެތް  މެއެވެ.

" ޒަރޫން ދެން ކައިވެންޏެއް ކުރަން އުޅޭށެވެ. " އަސްމަރާ ބުންޏެވެ.

" އަހަރެންވެސް ސާރާގާތު ބުނަން މިއުޅުނީ އެވާހަކައެވެ. ކައިވެންޏެއް ކުރާށެވެ. " ޒަރޫން ޖަވާބު ދިނެވެ.

ކައިވެންޏެއް ކުރުމާމެދު ސާރާ އަދި ނުވިސްނައެވެ. ކައިވެންޏަކާ ބެހޭ ތަޖުރިބާއެއް އޭނާ ކޮށްފިއެވެ. އެކަން ކުރިޔަށްދާގޮތެއް ނުވިއެވެ. ޒަރޫންގެ ހިތުގައިވެސް ހަމަ އެފަދަ ތަޖުރިބާއެއް އެބަ އޮތެވެ. އެންގޭޖް ވުމާއި ކައިވެންޏެއް ކުރުމުގައި ވަރަށް ތަފާތު ހުންނާނެއެވެ. އެކަން އަސްމަރާއަށްވެސް އަދި ޒަރޫންއަށްވެސް އެނގެއެވެ. އެދެމީހުން ކޮށްފައިވަނީ އެއް ތަޖުރިބާ އެކެވެ. ކައިވެންޏެއް ކުރުމާމެދު ޒަރޫން ކޮންމެވެސް ވަރަކަށް އެބަ ވިސްނައެވެ. އެކަމަކު ، އެއީ ކާކާކަމެއް ކޮންއިރަކުންކަމެއް ބުނެދޭކަށް ނޭނގެއެވެ. އެސުއާލުތަކުގެ ޖަވާބު ހޯދަން ޒަރޫން ވިސްނަމުންވެސް އެބަ ގެންދެއެވެ. އެކަމަކު ޒަރޫންގެ ހިތުގައި ކޮށްޓާލާ ކުއްޖަކު އެބަ އުޅެއެވެ. އެއީ ކޮންކުއްޖެއްކަން އަސްމަރާއަށް އެނގެން ބޭނުން ވާނެއެވެ. އެއީ ކޮން ކުއްޖެއްތޯ އަސްމަރާ ސުއާލު ކުރިއެވެ.

" ކަޝަފް " ގެ ނަމުގެ ތިން އަކުރު ، ޒަރޫންގެ އަނގައިން ރަނގަޅަށް ނުނުކުމެ އުޅެނިކޮށް ، އަސްމަރާގެ އަނގަ ހުޅުވެއެވެ.

އެއީ އެއްކަލަ ކަޝަފެވެ. ޒަރޫން އޭނާގެ ފަހަތުން އަޅައިގަނެ ، ޖެއްސުންކުރަމުން ގެންދިޔަ ކަޝަފެވެ. ޒަރޫންގެ ހިތުގެ އެއްކަނެއްގައި ލިޔެވިފައި އޮތީ ކަޝަފްގެ ނަމެވެ. އެކަން ، އަސްމަރާ ފޔަވައި އެހެން އިންސާނަކަށް އަދި ނޭނގޭނެއެވެ. ޚުދު ކަޝަފަށްވެސް އެކަމެއް ނޭނގޭނެ އެވެ. އެފަދަ ޙާލަތެއްގައި އެކަން އޮއްވައި ޒަރޫން ، އަސްމަރާގާތު އެވާހަކަ އެބުނީ ކީއްވެގެން ކިހިނެއްކަން ޒަރޫންއަކަށްވެސް ނޭނގެއެވެ. ޒަރޫން ހުއްޓައިނުލާ ކަޝަފަށް ޖެއްސުންކުރަމުން ދިޔައިރު އޭނާ ކައިރީގައި އެކަމަށް ވާގިދޭން ހުރީ އަސްމަރާއެވެ. އަސްމަރާގެ ހިތުން ކަޝަފްގެ ނަން ފުހެވިގެންނެއް ނުދާނެއެވެ. އެއީ މުޅި ޔުނިވަރސިޓީންވެސް އަސްމަރާ އެންމެ ފޫހިވާ ، މެދުފަންތީގެ ކަޝަފެވެ. އަނަދުވެސް ޒަރޫންއަށްވުރެ މަތިން މާރކްސް ހޯދަމުން ޒަރޫންއާ ވާދަ ކުރަމުން ގެންދިޔަ ކަޝަފެވެ. އަސްމަރާއަށް އެނގިފަ އޮތްގޮތުގައި ، ކަޝަފަށްވުރެ ބޮޑަށް ، ޒަރޫން އުނދަގޫކޮށް ޖެއްސުންކޮށް ރުޅިއަރުވަމުން ، އާޑަކިޔަމުން ގެންދިޔަ ކުއްޖަކު ނުހުންނާނެއެވެ. އެކަންކަމުގެ އަގު ދައްކަން ޒަރޫންއަށް މިހާރު އެއޮތީ ޖެހިފައެވެ. އަސްމަރާއަށް އެވާހަކަ ޤަބޫލުކުރަން އުނދަގޫ ވިއެވެ. ތިންހަތަރު ފަހަރަށް ތަކުރާރުކޮށް ، ކަޝަފާ އިންނަންހޭ ތިއުޅެނީ ބުނެ ޒަރޫންއާ ސުއާލު ކުރަމުން ގެންދިޔައެވެ. ޒަރޫން ކުރަން އެއުޅެނީ ކޮންކަމަކާތޯ ނުވިސްނައި ، ވަމުން އެދާ ގޮތަކާމެދު ވިސްނަމާހޭ ޒަރޫން ބުނެއެވެ. ޒަރޫންގެ އެނިންމުމަށް އަސްމަރާ ހީހީވެސް ހަލާކު ނުވީ ކިރިޔާއެވެ. އެންމެފަހުން ، ވަށަފަރު މީހުން އުނބަށް ޖެހީތާއެވެ.

------------------------

ކަޝަފް ފޮތެއް ކިޔަން އިންދާ ފޯނު ވުމުން ނެގިއިރު އެއްކަލަ ޒަރޫން އެވެ. ފޯނުކޮށްފައި ކަޝަފްގާތު ބުނާނީ ކީކޭކަމެއް ޒަރޫންއަކަށް ނޭނގުނެވެ. އެކަމަކު ފޯނު އެކުރީ އޭނާއެވެ. އެހެންވީމާ ދައްކަންވީ ވާހަކައެއް އެނެގޭނީވެސް ޒަރޫން އަށެވެ. ކަޝަފަކަށް ނޫނެވެ. ޒަރޫންއަށް ދައްކާނެ ވާހަކައެއް ނޭނގިގެން ކޮންމެވެސް އެއްޗެކޭ ބުނަން މަޖުބޫރު ވިއެވެ. ފޯނުކުރީމަ ކަޝަފް ފޯނު ނުނަގާ ވާހަކަ އެވެ. އަދި އެހެން ވީމާ ، ކަޝަފްގެ ފޯނު ނަންބަރު ބަދަލުކުރީތޯ ބަލައިލަން ފޯނުކުރި ވާހަކައެވެ.

" އަހަރެން ފޯނު ނަންބަރު ބަދަލެއް ނުކުރަމެވެ. އެކަމަކު ދެން ، ފޯނު ނަންބަރު ބަދަލުކުރާނަމެވެ. އަހަރެންގެ ފޯނު މަސައްކަތްކުރާކަން މިހާރު އެނގިއްޖެ ނޫން ހެއްޔެވެ ؟ ދެން ފޯނު ބާއްވާށެވެ. އަދި މީގެފަހުން އަހަރެންނަށް ފޯނު ނުކުރާށެވެ. " ކަޝަފް ހިތްހަމަ ނުޖެހިފައިހުރެ ބުންޏެވެ.

ޒަރޫންއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އަދި ބުނެވޭނެ މާގިނަ ވާހަކައެއްވެސް ނެތެވެ. ކަޝަފް ހުރީ ޒަރޫންދެކެ ހިތްހަމަ ނުޖެހި ރުޅިއައިސްކަން ޒަރޫންއަށް އެނގެއެވެ. ޒަރޫން ފޯނުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ، ކަޝަފްގެ ކިބައިން މާފަށް އެދުމެވެ. މާފަށް އެދެން ޖެހުނީ ކޮންކަމަކާކަން ކަޝަފަށް އެނގެން ބޭނުންވިއެވެ. ޒަރޫން މާފަށް އެދެނީ ކުރީ ދުވަހު ޒަރޫން ބުނި ވާހަކަތަކާއި އޭނާއަށް ހެދުނު ދޮގަށެވެ. އެއީ ޒަރޫން ކޮށްލި ސަމާސާ އެކެވެ. އެކަހަލަ ސަމާސާ ކަޝަފް ހިތްހަމަ ނުޖެހޭނެކަން ޒަރޫންއަށް ވެސް އެނގެއެވެ. ކަޝަފާއި ޒަރޫންއާ ދެމެދު ހީސަމާސާ ކުރާކަހަލަ ގުޅުމެއް އުފެދިފައެއް ނެތެވެ. އެއީ ގާތް ރައްޓެހިންގެ މެދުގައި އޮންނަ ކަމެކެވެ. ކިޔަވަން އުޅުނު އިރު އުޅުނުގޮތަށް ،  ކަޝަފަށް ޖެއްސުން ކޮށް ކަޝަފް ގޮއްވަން އުޅޭކަށް ދެން ޒަރޫންއަކަށް ކަޝަފް ފުރުޞަތެއް ނުދޭނެއެވެ. ކަޝަފާއެކު އެކީގައި ޔުނިވަރސިޓީގައި އެދެމީހުން އުޅުނުކަން ޒަރޫން ހަނދާން ކޮށްދެއެވެ. އެދެއަހަރު ކަޝަފް އުޅުނު ޙާލާއި ޒަރޫން އޭނާއަށް ކުރި ޖެއްސުން ޒަރޫންވެސް ހަނދާން ހުންނާނެއެވެ. ޔުނިވަރސިޓީގެ ވާހަކަ ޒަރޫންއަށް ބުނެވުނީ މޮޔަކަމުންނެވެ. އެއީ ، އެވާހަކަ ކަޝަފަށް ހަނދާން ކޮށްދޭން އެހާ މުނާސަބު ވަގުތެއް ނޫނެވެ. އެދުވަސްތަކުގެ މަތިން ކަޝަފް އަދިވެސް ހަނދާން އެބަހުއްޓެވެ. ދެންމެ ވީ ކަމެއް ހެންނެވެ. އެއީ ކަޝަފްގެ ހިތުން ފުހެލަން އެހާ ފަސޭހަ ދުވަސްތަކެއް ނޫނެވެ. ޒަރޫންއާ ކިޔެވުމުގައި ވާދަ ކުރަމުން ޒަރޫންއަށްވުރެ ކުރި ހޯދަމުން އައިނަމަވެސް ، ޒަރޫންގެ ފަރާތުން އޭނާއަށް ލިބުނީ ހުސް ތަކުލީފެވެ. ޔުނިވަރސިޓީގައި އެކީގައި ކިޔަވާ ކުދިންގެ ފަރާތުން އެއްކުއްޖެއްގެ ފަރާތުން އަނެއް ކުއްޖަކަށް ލިބެން ޖެހޭނީ އެހީތެރި ކަމެވެ. ޖެއްސުމާއި މަލާމާތެއް ނޫނެވެ.

ކަޝަފް އެ ވިސްނާ ސިކުނޑި އަދިވެސް ޅަކަމުގައި ޒަރޫން ވިސްނައި ދެއެވެ. އެއީ ޒަރޫންއަށް ކުރެވުނު ގޯސްކަމެއްކަމަށް އިޢުތިރާފް ވެއެވެ. އަދި އޭނާގެ ވިސްނުމުގެ އުނިކަމުން އުޅެވުނު ގޮތެއްކަމަށްވެސް ބުނެއެވެ. އެކަމަށްޓަކައި މީގެ ކުރިންވެސް ޒަރޫންވަނީ ކަޝަފްގެ ކިބައިން މާފަށް އެދިފައެވެ. ޔުނިވަރސިޓީގައި ވެދިޔަ ކަންކަން އެއްފަރާތްކުރުމަށް ޒަރޫން އެދެއެވެ. އެކަމުން ވާނެ ފައިދާއެއްވެސް ނުއޮންނާނެއެވެ. ޒަރޫންއަށް އެކަމުން ލިބިދާނެ ފައިދާއެއް ނޯވެދާނެއެވެ. އެކަމަކު އެ ހަނދާންތަކުން ކަޝަފަށް ލިބޭނެ އެތައް ފައިދާތަކެއް އެބަހުއްޓެވެ. އެތަޖުރިބާއިން ކަޝަފަށް ލިބޭ އެތައް ފިލާވަޅުތަކެއް އެބަހުއްޓެވެ. ޒަރޫންއާ ވާހަކަ ދެއްކުމަކީ ކަޝަފް އެހާ ބޭނުންވާ ކަމެއް ނޫނެވެ. ކަޝަފް ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށްފަހު ފޯނު ކަނޑާލައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.