ދިވެހި ނޫސްވެރިންނަށް ޕާކިސްތާނުން ތަމްރީނު ހޯދައިދެނީ

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޕާކިސްތާންގައި ތަޢުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މިޑިއާ ކައުންސިލުން ޕާކިސްތާން އެމްބަސީގައި މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަޙްމަދު މުޞްޠަފާ، މެންބަރު މޫސާ ރަޝީދު، މެންބަރު އަލްއުސްތާޛާ އަރުމާން ރަޝީދު، މެންބަރު މުޙައްމަދު އަފްރާހް، އަދި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ. ޕާކިސްތާން އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑަރ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ އަދި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤްރްނައިން އަޙްމަދުއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، އަދި މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށެވެ. މީގެ އިތުރުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ދިވެހިރާއްޖޭގައި ހުންނަވާ ޕާކިސްތާން އެމްބަސެޑަރ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މޯލްޑިވްސް މީޑިއާ ކައުންސިލަށް ދެއްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި ޕާކިސްތާންގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް ގުޅުން ބަދަހިކޮށްދެއްވާ، މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.