މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ޝަހުބާން އިސްތިޢުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ޝަހުބާން ފަހުމީ އިސްތިޢުފާ ދެއްވައިފިއެވެ.

އޭނާ އިސްތިޢުފާ ދެއްވާފައިވަނީ ފުލުހުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަން ފަށާފައި ވަނިކޮށެވެ.

ޝަހުބާންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަން ފަށާފައި މިވަނީ ޝަހުބާންގެ ބޭބެ އަލްހާން ފަހުމީ އިސްވެ ހުންނަވައި ހިންގި ޢާއިލި ވިޔަފާރި ކިންގްސް ފޮރެކްސް އިން "ޕޮންޒީ ސްކީމް" އެއް ކަމަށް ދޭހަވާ ފަދަ ވިޔަފާރިއެއް ކުރި މައްސަލާގައެވެ.

އެހެންނަމަވެސް ޝަހުބާން އާއި އެ ވިޔަފާރިން ވެސް އެކަމަށް އިންކާރުކުރަމުން އަންނައިރު، އެފަދަ އަމަލެއް ހިންގާފައި ނުވާނެ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޝަހުބާން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެ މައްސަލަ ބަލަން ފެށުމަށް ފަހު ޝަހުބާން އެ މަގާމުގައި ހުންނާތީ އެމްއެމްސީ މެމްބަރުން ވަނީ މަސައްކަތްކުރުމަށް ވެސް އިންކާރުކޮށްފައެވެ. އަދި ދެފަހަރު އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް ނެގިއެވެ.

ނަމަވެސް އެމްއެމްސީގެ ގާނޫނު އޮންނަގޮތުން މެމްބަރުންގެ އަޣުލަބިއްޔަތު ލިބުނު ނަމަވެސް ޝަހުބާންގެ އިތުބާރު ނެތް ކަމަކަށް ފާހެއް ނުވިއެވެ. އެމްއެމްސީގެ ގާނޫނުގައިވާގޮތުން ރައީސްކަމުގެ މަގާމުގައި ހުރި މީހަކު ވަކިކުރެވޭނީ މަދުވެގެން 10 މެމްބަރުންގެ ވޯޓުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.