އުއްމީދު - 37 (އެންމެ ފަހު ބައި)

(24 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އުއްމީދު ފެންނަނީ ކުރާނެ ކަމެއް ނެތި ބަލިވެފައި އިން މީހެއް ހެންނެވެ. އީމާން ގެންދިޔައީ އޭނާއަށް ހިތްވަރުދެމުންނެވެ.

އެރޭ ނިދާ ބޭސް ދީފައި އުއްމީދު ނިންދެވުމަށް ފަހު ދިރާސީ ކޮޓަރީގައި އިނދެގެން އީމާން ވަރަށް ގިނަ އިރުވާންދެން ވިސްނިއެވެ.

* * *

އޭގެ ހައެއްކަ ދުވަސް ފަހުން ޑޮކްޓަރ ޚޫރްޝީދު އޭނާއަށް ޚާއްސަ ލަފައެއް ދިނެވެ. އެއީ ދީނާއި ނަން ބަދަލުކުރި ވާހަކަ ގާތް މީހުންނަށާއި މަސައްކަތްކުރާ ކުންފުންޏަށް އެންގުމުގެ ލަފައެވެ. އެ ލަފާ އީމާން ހެޔޮ ހިތުން ގަބޫލުކޮށްފިއެވެ. އޭނާވެސް ބޭނުން ވަނީ ދަރިފުޅު ދުނިޔެއަށް އައުމުގެ ކުރިން އޭނާގެ ދީނާއި ނަން މީސްމީހުންނަށް އެނގިފައި އޮންނަ ގޮތް ވާށެވެ. ދަރިފުޅަށް އެއްވެސް މައްސަލައަކާ ކުރިމަތިލާން ނުޖެހޭނީ އޭރުން ކަމުގައި ވާތީއެވެ.

އީމާން ދީން ބަދަލުކުރި ވާހަކަ އަންގައި ކުންފުނީގެ ޑިރެކްޓަރަށް ސިޓީއެއް ލިޔެފިއެވެ. އެއީ ކުންފުނީގެ ވެރިންނަށް ލިބުނު ވަރުގަދަ ސިހުމެކެވެ. އޭނާއަށް ލިބޭ ގޮތަށް ހަމަޖެހިފައި އޮތް ވަޒީފާގެ ކުރިއެރުން ހުއްޓިއްޖެއެވެ. އެއީ އޭނާ ހީކޮށްފައި އޮތް ގޮތްވެސް މެއެވެ. ކުންފުނީގެ ވެރިންނަށް ގަބޫލު ކުރެވުނު ގޮތުގައި ދީން ބަދަލުކުރުމަކީ އޭނާގެ ވަފާތެރިކަމާއި އިޚްލާސްތެރިކަމަށް އުނިކަން އަންނާނޭ ކަމެކެވެ. ސަރަހައްދީ އޮފީހުގެ ވެރިޔާ އޭނާ ގެންގޮސްގެން ވަރަށް ގިނަ އިރުވާންދެން ވާހަކަދެއްކިއެވެ. ވެރިންގެ ނިންމުން އޭނާއަށް ތަފުސީލުކޮށް ކިޔައިދިނެވެ. އެ ވާހަކަ ނުދެއްކި ނަމަވެސް ވާނޭ ގޮތް އޭނާއަށް އެނގެއެވެ. އެހެނީ އެ ކުންފުންޏަކީ އެމެރިކާގެ ޔަހޫދީ ބަޔަކު ހިންގާ ކުންފުންޏެކެވެ. އިސްލާމަކު ކުންފުނީގެ އެހައި އިސް މަގާމެއްގައި ބެހެއްޓުމަކީ އެމީހުން ބޭނުން ވާނޭ ކަމެއް ނޫންކަން އެނގެއެވެ. ޚޫރްޝީދުގެ މަޝްވަރާގެ މަތީން އޭނާ ގަސްތުކުރީ އިސްތިއުފާ ދޭށެވެ. ވަޒީފާއިން ވަކިވުމަށް ފަހު އޭނާ މަސައްކަތް ފެށީ ބައިނަލްއަގުވާމީ އެހެން ކުންފުންޏަކުން ވަޒީފާއެއް ހޯދާށެވެ.

މިއިން އެއްވެސް ކަމެއް އޭނާ އުއްމީދަކަށް ނާންގައެވެ. އުއްމީދު ކަންބޮޑުވެގެން އުޅޭ މަންޒަރު ދެކޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެ ވާހަކަ ދެއްކުމުގެ ކުރިން އޭނާ ކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުއްޓެވެ. އެއް ކަމަކީ ޖަރުމަނަށް ގޮސް މައިންބަފައިންނަށް އޭނާގެ ހަގީގަތް ހާމަކުރުމެވެ. ދެވަނަ ކަމަކީ އެމެރިކާއަށް ގޮސް އޭނާ އަލަށް ވަންނަން އުޅޭ ކުންފުންޏަށް ވަޒީފާގެ އިންޓަވިއު ދިނުމެވެ. އޭނާ އުއްމީދު ގާތު ބުނީ ކުންފުނީގެ މަސައްކަތަކަށް ޖަރުމަނަށް ދާ ވާހަކައެވެ. ހަމަ އެ ދުވަސްވަރާ ދިމާކޮށް އޭނާގެ އާއިލީ މީހަކު އެމެރިކާގައި ނިޔާ ވެއްޖެއެވެ. ވިސާ ހޯދަން އެންބަސީއަށް ހުށަހެޅި ފޯމުގައި ބޭނުމެއް ކަމުގައި އޭނާ ޖެހީ ދީނީ ރަސްމިއްޔާތެއްގައި ބައިވެރިވުމެވެ. އެއީ އެހެން ޖެހީމާ ވިސާ ލިބުން އަވަސް ވާނެތީއެވެ. ފުރަތަމަ އޭނާގެ ހިތަށް އެރީ ޖަރުމަނުގައި ހުންނަ ދުވަސްކޮޅު، ޖަރުމަނުގައި ހުންނަ އެންބަސީއަށް ހުށަހަޅައިގެން ވިސާ ހޯދާށެވެ. އެއީ އޭނާގެ އަތުގައި ޖަރުމަނުގެ ރައްޔިތުކަންވެސް އޮންނާތީއެވެ.

އެކަމަކު ފަހުން ނިންމީ ޖަރުމަނަށް ދިއުމުގެ ކުރިން ވިސާ ޖައްސާށެވެ. އަދި މައިންބަފައިންނާއެކު އެމެރިކާއަށް ދާށެވެ. އެމެރިކާއަށް ދިއުމުގެ ކުރިން ދީން ބަދަލުކުރި ވާހަކަ މައިންބަފައިން ގާތު ބުނަންވެސް އޭނާ ބޭނުން ވިއެވެ. އޭނާޔާ ސަމަންތާއާ ވައިގެ ބަނދަރުން ބައްދަލުވީ އިއްތިފާގަކުންނެވެ. ސަމަންތާ ވަޒީފާ ދޫކޮށްލާފައި އެނބުރި ރަށަށް ދަނީއެވެ. ދަތުރުމަތީގައި ދެމީހުން ތިބީ އެކީގައެވެ.

* * *

އީމާން އިސްލާމަކަށްވުން ވެގެން ދިޔައީ އޭނާގެ މައިންބަފައިންނަށް ލިބުނު ވަރުގަދަ ސިހުމަކަށެވެ. ދަރިފުޅު ޔަހޫދީއަކަށް ނުވަތަ ކްރިސްޓިއަނަކަށް ވެދާނެ ކަމަށް ހީކުރި ކަމުގައި ވިޔަސް އިސްލާމަކަށް ވެދާނެއެކޭ އެމީހުން ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. އޭނާ ދީން ބަދަލުކުރި ވާހަކަ ބުނީ އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ތިބި ތަނެއްގައެވެ. ޕެޓްރިކް ވަރަށް ބޮޑަށް ރުޅި އައެެވެ. އެހައިމެ ބޮޑަށް ދެރަވިއެވެ. އާއިލާގެ އެންމެންގެ ކުރިމަތީގައި އަގު ވެއްޓުމުގެ އިހުސާސްވެސް ކުރެވުނެވެ. ނުލާހިކު ރަނގަޅު ޔަހޫދީ އާއިލާއެއްގެ ދަރިއަކު އިސްލާމަކަށް ވުމަށްވުރެ ބޮޑު ދެރައެއް ލިބޭނެ ހެއްޔެވެ؟ އޭނާ އިސްލާމް ދީން ދޫކޮށްލާތޯ އާއިލާގެ އެންމެން ވެގެން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ބިރުދެއްކިއެވެ. ޖަޒުބާތީ އިންޒާރުތައް ދިނެވެ. އެކަމަކު އޭނާ ހަމަ އެއްގޮތަކަށްވެސް ދުލެއް ނުކުރިއެވެ. ކުއްލިއަކަށް އީމާން ގެއެއް ގެންދިނީ ކީއްވެގެންކަން ޕެޓްރިކަށް ވިސްނުނީ އެ ދުވަހުއެވެ. އިސްލާމް ދީން ގަބޫލުކުރި ވާހަކަ ބުނީމާ މައިންބަފައިން ދެކޮޅު ނުހަދާނޭ ކަމަށް އޭނާ ހީކުޅައީކަމަށް ޕެޓްރިކް ގަބޫލު ކުރިއެވެ.

އެތައް ވާހަކައެއް ދައްކައި، ތަފާތު އެކި ގޮތްގޮތަށް ވިސްނައި ދީގެންވެސް އީމާން ގަބޫލު ނުކުރީމާ އެންމެ ފަހުން މައިންބަފައިން އޭނާގެ ކުރިމައްޗަށް ހުށަހެޅީ ދެ ގޮތެކެވެ. އެއް ގޮތަކީ އިސްލާމް ދީން ދޫކޮށްލުމެވެ. އަނެއް ގޮތަކީ އަބަދަށްޓަކައި މައިންބަފައިން ދޫކޮށްލުމެވެ. އާއިލީ ގުޅުން ދާއިމަށް ކަނޑައިލުމެވެ. މި ފަހަރު ވިސްނައިދޭން މަސައްކަތް ކުރީ އީމާނެވެ. އެމީހުންވެސް ގޮތެއް ދުލެއް ނުކުރިއެވެ. މައިންބަފައިންގެ ރައްދު އަމަލު ހުރި ގޮތެއްގެ ސަބަބުން އެ މީހުން ފަހަރެއްގައިވެސް އޭނާގެ ކޮޅަށް ދީލައިނުލާނެކަން އޭނާއަށް އިހުސާސް ކުރެވުނުވެސް މެއެވެ. ގެއެއް ގެންދިން ނަމަވެސް ކުރާނޭ މާ ބޮޑު އެދެވޭ އަސަރެއް ނޯންނާނެ ކަމަށް ގަބޫލުވެސް ކުރިއެވެ. އެއީ މައިންބަފައިންނަށް ދެވޭ އެންމެ ފަހުގެ ހަދިޔާއަށް ވެދާނެއޭ ކުރިންވެސް ހިތަށް އެރިއެވެ. މައިންބަފައިންނާ ވަކިވުމަކީ އޭނާގެ ހިތަށް ހިތި އަސަރުތަކެއް ކުރާނޭ ކަމެކެވެ. މައިންބަފައިންނަށްވެސް އެހައި ދަތި ކަމަކަށް ވާނެއެވެ. އެކަމަކު އޭނާއަކަށް އިތުރު ގޮތެއް ނެތެވެ. އޭނާ ހުރީ މާކުރިން އެފަދަ ހާލަތަކަށް ތައްޔާރު ވެގެންނެވެ. އެކަމަކުވެސް ޖަރުމަނުން އެމެރިކާއަށް ކުރި ދަތުރުމަތީގައި އޭނާ ޑިޕްރެޝަންގެ ތެރެއަށް ވެއްޓުނެވެ.

އެމެރިކާއަށް ގޮސް އޭނާ އިންޓަވިއު ދިނީ ކުރީއްސުރެ އޭނާ ވަޒީފާއަށް އެދިފައިވާ ކުންފުނިތަކަށެވެ. ތިން ހަތަރު ދުވަހެއް ވާންދެން އެ މަސައްކަތުގައި އުޅެފައި އެއް ދުވަހަކު އޭނާ ފައިމަގުގައި ބާޒާރަށް ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން ބަޔަކު އަންނަ ކަމެއް އޭނާއަކަށް ނޭނގުނެވެ. ކުއްލިއަކަށް ފެނުނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އޭނާގެ ކުރިމައްޗަށް އެރިތަނެވެ. ބަޑި ދިއްކޮށްގެން ތިބެ އޭނާގެ ހުރިހައި ޖީބެއް ހުސްކުރުވައިފިއެވެ. ދެކޮޅު ހަދަން އުޅުމުން އަތުގައި އޮތް ބަޑީގެ މުށްގަނޑުން އޭނާގެ ފުއްކިބައިގައި ވަރަށް ބާރަށް އެކަކު ޖަހައިފިއެވެ. ދެން ވީ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ހަފުތާއެއް ފަހުން ހޭ އެރި އިރު އޮތީ ހަސްފަތާލުގައެވެ. އޭނާއަކީ ކާކުކަން ޔަގީންކޮށް ދޭނޭ އެއްވެސް ކާޑެއް، ލިއުމެއް ފަދަ އެއްވެސް އެއްޗެއް އޭނާގެ އަތަކު ނެތެވެ. ގުޅާނޭ ނަންބަރެއްވެސް އޭނާއަކަށް ބުނެއެއް ނުދެވުނެވެ. ދުވަސްކޮޅެއް ފަހުން ހަމައަކަށް އެޅުނީމާ އޭގެ ހިތަށް އެރިއެވެ. މި ވާހަކަ އުއްމީދަށް އެންގުމުގެ ބޭނުމެއް ނެތެވެ. އޭނާ މާ ބޮޑަށް ކަންބޮޑުވެގެން އުޅެގެންފާނެއެވެ. ހަސްފަތާލުން ދޫކޮށްލީމާ އޭނާ ޕާކިސްތާނު އެންބަސީއަށް ފޯނުކޮށްފައި އޭނާގެ ގެއަށް ގުޅައިދޭން އެދިއްޖެއެވެ. އެންބަސީން ބުނި ގޮތުގައި އުއްމީދު ގެއަކު ނެތެވެ. އޭނާވީ ރާވަލްޕިންޑީއަށް ގޮހެވެ. އޭގެ ފަހުންވެސް އޭނާ ދެތިން ދުވަހު އެމެރިކާގައި އުޅުނެވެ. އެންމެ ފަހުން އެނބުރި ރަށަށް ދިޔައީ ކުންފުންޏަކުން ވަޒީފާއެއް ހަމަޖެހުނީމައެވެ.

ރާވަލްޕިންޑީއަށް ދިޔައީމާ އުއްމީދުގެ ރަވައްޔާ ހުރި ގޮތް ފެނިފައި އޭނާ ކަންބޮޑުވިއެވެ. އެ ކަންބޮޑުވުން ފަހުން ބަދަލުވެގެން ދިޔައީ ބޮޑު މައްސަލައަކަށެވެ. ކުއްލިއަކަށް ގުޅުން ކެނޑި ވީނުވީއެއް ނޭނގުނީމާ ކަންބޮޑުވާނެކަން އީމާނަށް އެނގެއެވެ. އެކަމަކު އެ ފެނުނު ރަވައްޔާއަކީ އޭނާ ހީކޮށްގެން ހުރި ކަހަލަ ކަމެއް ނޫނެވެ. ކަންތައް ހިނގި ގޮތް ކިޔައިދޭން އޭނާ ބޭނުންވިއެވެ. އެކަމަކު އެއްވެސް ވާހަކައެއް އަޑުއަހާކަށް އުއްމީދު ބޭނުމެއް ނުވިއެވެ.

ލާހޯރަށް އެނބުރި އައި ފަހުންވެސް އުއްމީދަކަށް އެއްވެސް ބަދަލެއް ނައެވެ. އެއް ދުވަހަކު އީމާން ކޮންމެވެސް ކަމަކު ގެއިން ބޭރަށް ހިނގައްޖެއެވެ. އެނބުރި އައިސް ބަރުގޮނު އަޅައަޅައި ދޮރާށްޓެއް ނުހުޅުވުނެވެ. އެއީ މީގެ ކުރިން ވީ ކަމެއް ނޫނެވެ. ބަރުގޮނުގެ އަޑު އިވުމާއެކު ދޮރުވާނު ދޮރާށި ހުޅުވައެވެ. އޭނާ އަނެއްކާވެސް ދެތިން ފަހަރު ބަރުގޮނު އަޅައިފިއެވެ. ކުއްލިއަކަށް ދޮރާށި ހުޅުވިއްޖެއެވެ. އެކަމަކު ހުޅުވީ ދޮރުވާނެއް ނޫނެވެ. އުއްމީދެވެ. ދޮރުވާނަށް ކުއްލި ކަމެއް ދިމާވެގެން ގެއަށް ހިނގައްޖެއޭ އުއްމީދު ބުންޏެވެ. ގޭތެރެއަށް ވަނީމާ އެނގުނު ގޮތުގައި ގޭގެ އެހެން ނޯކަރަކުވެސް ނެތެވެ. އުއްމީދު އެ މީހުންވެސް ނިދާތަނަށް ފޮނުވައިލީއެވެ. އުއްމީދުގެ ކަންތައް ހުރި ގޮތުގެ ސަބަބުން އޭނާ ހައިރާންވިއެވެ. އެކަމަކު އެކަމަކަށް އެ ވަރަކަށް ސަމާލުކަމެއް ނުދެއެވެ. ނިދާކޮޓަރިއަށް ވަންއިރު އޭނާއަށް ފެނުނީ ގެނައިހައި ހަދިޔާތައް އެގޮތް މިގޮތަށް ބިންމައްޗަށް އުކައިލައިފައި ހުއްޓައެވެ. އެ މަންޒަރު ފެނުނީމާ އޭނާގެ ހައިރާންކަން އިހަށްވުރެ ބޮޑު ވެގެން ދިޔައެވެ. އޭނާ ހުރިހައި އެއްޗެއް ބިންމަތީން ނަގައިގެން ގެންގޮސް ބޮޑުކޮޓަރި ތެރޭގައި ބަހައްޓައިފިއެވެ.

ނިދާން އޮށޯތުމުގެ ކުރިން ކޮންމެ ރެއަކުވެސް އޭނާ އާދަކޮށް ކުރާ ކަމެއް އޮވެއެވެ. އެއީ ފިސްތޯލަ ބޭއްވި ތާނގައި އޮތްތޯ ބަލައި، އެ ނަގައިގެން ޗެކުކޮށްފައި އަނެއްކާވެސް ބޭއްވުމެވެ. އެ ރޭވެސް އާދައިގެ މަތީން ބަލައިލީއިރު ފިސްތޯލައެއް ނެތެވެ. އެހެން ވަތްގަނޑަކަށް ލެވުނީއޭ ހިތައި ތިން ވަތްގަނޑުވެސް ރަނގަޅަށް ބަލައިފިއެވެ. އެއްވެސް ވަތްގަނޑަކު ނެތެވެ. އުއްމީދު ކޮންމެވެސް ތަނަކަށް ލީއޭ ހިތައި ސުވާލުކޮށްލީމާ އޭނާ ދެނަހުރި ކަމަކަށް ނުވިއެވެ. އެއީ އީމާނަށް ވަރަށް ބޮޑުވީ ކަމެކެވެ. ފިސްތޯލަ އޮތް ތަނުން ނެގީ އުއްމީދު ނޫން ކަމަށް ވަނީނަމަ އެޔަށް ވީ ކިހިނެއް ހެއްޔެވެ؟ އެހެން ތަނެއްގައި ބޭއްވުނީ ކަމަށް ހިތައި އަނެއްކާވެސް އެތަންމިތަން ހޯދައި ބަލާން ފަށައިފިއެވެ. ހުރިހައި އަލަމާރިއަކާއި ވަތްގަނޑެއް ބަލައި ނިމުނުއިރުވެސް ފިސްތޯލައެއް ނުފެނުނެވެ. އޭނާގެ ހާސްކަން ބޮޑުވެގެން ދިޔައީ އުއްމީދާމެދު ވިސްނެން ފެށީމައެވެ. ފިސްތޯލަ ވީ ތަނެއް ނޭނގި އުއްމީދު އެކަނި ގޭގައި އުޅުނު ދުވަސްކޮޅު ކަމެއް މެދުވެރިވީނަމަ ކުރެވުނު ކަމެއް ނޯންނާނެއޭ ހިތަށް އެރީމައެވެ. އެކަމަކު އުއްމީދުގެ މޫނުމައްޗަކުން ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އޭނާ ފެންނަނީ ހަމަޖެހިފައި ހުއްޓައެވެ.

ފަރުވާކުޑަ ކުރެވުނީމާ ނުކުތީ އެދެވޭ ނަތީޖާއެއް ނޫން ކަމަށް އުއްމީދަށް ވިސްނައިދޭން މަސައްކަތް ކުރުމާއެކު އުއްމީދު ފެށްޓީ އަރައިރުންވާށެވެ. ކިޔައިގަތް އެއްޗެހީގެ އަޑު އިވުނީމާ އީމާން ވަރަށް ބޮޑަށް ހައިރާންވިއެވެ. އޭނާޔާ ދިމާއަށް ކުށްވެރިއެކޭ ފާފަވެރިއެކޭ މައްކާރެކޭ ކިޔަނީ ކީއްވެގެން ކަމެއް ފުރަތަމަ ވިސްނައެއް ނުގަނެވުނެވެ. އެ ގޮވެލިފަތީގެ ސަބަބުން ވަރަށް ބޮޑަށް ހިތުގައިވެސް ޖެހުނެވެ. މުޅި އާއިލާއާއި އެކުވެރިން ދޫކޮށްލައިފައި ޕާކިސްތާނަށް އޭނާ އެނބުރި އައީ އުއްމީދާއި ދުނިޔެއަށް އަންނާން އުޅޭ ދަރިފުޅާއެކު ފުރިހަމަ އިސްލާމެއްގެ ގޮތުގައި ދިރިއުޅުން ވޭތުކުރުމުގެ އުއްމީދާ އެކުގައެވެ. އެކަމަކު މިއަދު އޭނާއަށް ކުރިމަތިލާން މި ޖެހުނީ ޖެއްސުމާއި މަލާމާތާއެވެ. އޭނާގެ ސިކުނޑިއަށް ލޮޑުކަން ވެރިވެއްޖެއެވެ. އުއްމީދު ކިޔާ އެއްޗެއް އެ ކިޔަނީ އޭނާއާ ދިމާއަށް ކަމާމެދުވެސް ޝައްކު ކުރެވެން ފަށައިފިއެވެ. އެންމެ ފަހުން ކެތްތެރިކަން ކޮޅުން ލައިފިއެވެ. ޖަވާބެއް ނުދީ ހުންނާން އުނދަގޫ ވެއްޖެއެވެ. އެކަމަކު ޒުވާބު މާ ބޮޑަށް ދިގު ލައިގެން ހިނގައްޖެ ނަމަ އަތް ނުފޯރާފަށަށް މައްސަލަ ހިނގައިދާނެއޭ ހިތައި ހިމޭން ވެއްޖެއެވެ. މި ވަގުތު ހުރި ހާލަތަށް ބަލައިފައި އުއްމީދަށް ބުރައެއް ޖެއްސުން ރަނގަޅު ނޫން ކަމުގައިވެސް ވިސްނިއްޖެއެވެ. އެހެންވީމާ ހިތާ ދެކޮޅަށް ނަމަވެސް ކަންތައް ހިނގައިދިޔަ ގޮތް ކިޔައިދޭން ފަށައިފިއެވެ.

އެ ވަގުތު އޭނާގެ ހަވަނަ ހިއްސުން ނުރައްކަލުގެ ރަނގަބީލު ޖަހައިފިއެވެ. ފިސްތޯލަ ގެއްލުމާއި ދޮރުވާނު ގެއަށް ދިއުމާއި ނޯކަރުން ފޮނުވައިލުން... މިއީ ވަކި ރޭވުމެއްގެ ދަށުން ގަސްތުގައި ކޮށްފައިވާ ކަންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާ ސެކިއުރިޓީ އެޖެންސީއަކަށް ގުޅައި ދޮރުވާނަކު ފޮނުވައިދޭށޭ ބުނެފިއެވެ. އަދި ނޯކަރުންނަށް ގުޅައިގެން ގެނެސް ފިސްތޯލައާ ބެހޭ ގޮތުން ސުވާލުކޮށްފިއެވެ. އެއިން އެކަކަށްވެސް ފިސްތޯލައަށް ވީ ގޮތެއް ނޭނގުނެވެ. އީމާންގެ ހާސްކަން ބޮޑުވާން ފަށައިފިއެވެ. ނޯކަރުން ފޮނުވައިލައިފިއެވެ. ދޮރުވާނު އައީމާ ދޮރާށްޓާއި ގޭގެ މައިދޮރު ތަޅުލުމުގެ ކުރިން ވަރަށް ރަނގަޅަށް މުޅި ގޯތިތެރެއާއި ގޭތެރެ ފާސްކޮށް ބަލައިފިއެވެ. އާދަޔާ ޚިލާފު އެއްވެސް ކަމެއް ނުފެނުނެވެ.

މައިދޮރު ތަޅުލުމަށް ފަހު އޭނާ ބަދިގެއަށް ވަދެ ކައިލައިގެން ގޮސް ދިރާސީކޮޓަރިއަށް ވަދެއްޖެއެވެ. އިރުކޮޅެއް ވާންދެން ހާސްކަންމަތީ އިށީނދެގެން އިނެވެ. އުއްމީދުގެ ރަވައްޔާގެ ސަބަބުން އޭނާގެ ހިތްވަރު އެލޭ ގޮތް ވިއެވެ. ހިތްހަމަ ޖައްސައިލުމުގެ ގޮތުން އޭނާ ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާ ހިފައިގެން އިށީނދެ ކިޔާން ފަށައިފިއެވެ. ފަނަރަވަރަކަށް މިނިޓު ވާންދެން ކިޔާން އިނދެފައި އަލަމާރިއަށް ފޮތް ލީ ވަގުތު ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ދުވަސްކޮޅެއް ކުރިން ޑޮކްޓަރ ޚޫރްޝީދު އޭނާއަށް ދިން ދެތިން ފޮތެވެ. އޭނާ އަދި އެއިން ފޮތެއް ނުކިޔައެވެ.

އެތަނުން އެއް ފޮތް ނެގުމާއެކު އޭނާ ކަރަންޓުގައި ޖެހުނު ކަހަލައެވެ. ދިމާއަށް ފެންނާން އެ އޮތީ ފިސްތޯލައެވެ. އެ އަލަމާރިއަށް ފިސްތޯލަ އައި ގޮތެއް އޭނާއަކަށް ވިސްނައެއް ނުގަނެވުނެވެ. އޭނާ ފިސްތޯލައިގައި އުންޑަ ހުރިތޯ ބަލައިލިއެވެ. އުންޑަ ހަމައަށް އެބަހުއްޓެވެ. އެކަމަކު ސަލާމަތީ ތަޅު ހުރީ ހުޅުވައިފައެވެ. އޭނާ ފިސްތޯލަ ހިފައިގެން އައިސް މޭޒުދޮށުގައި އިށީނދެ، އުންޑަ ހުސްކޮށްފިއެވެ. އޭނާގެ ހިތަށް އެރިއެވެ. އުއްމީދު ކޮންމެވެސް ބޭނުމެއްގައި ދިރާސީކޮޓަރިއަށް އައި އިރު ފިސްތޯލަ ހިފައިގެން އައީ ކަމުގައި ވެދާނެއެވެ. ދަމުން ފޮތް އަލަމާރިއަށް ލީ ކަމުގައިވެސް ވެދާނެއެވެ. އެޔަށް ފަހު ނޯކަރުން... އެކަމަކު ކީއްކުރަން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބެއް ނުލިބުނެވެ.

އޭނާ އުންޑަތައް ވަތްގަނޑަށް ލައިފައި ފިސްތޯލަ މޭޒުމަތީގައި ބާއްވައިފިއެވެ. ފަތިސް ނަމާދުކޮށްގެން އަނެއްކާވެސް ގެންގޮސް އޮންނަންވާ ތަނުގައި ބާއްވާނީއޭ ހިތައެވެ.

އީމާން ނަމާދުކުރަން ފަށައިފިއެވެ. އެ ވަގުތު ކޮޓަރިއަށް ކޮންމެވެސް މީހަކު ވަންކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އޭނާ ހީކުރީ އުއްމީދު ނިދައިފާނެ ކަމަށެވެ. ސަލާން ދިނުމަށް ފަހު އެ އިން ގޮތަށް އިނދެ އެނބުރި ބަލައިވެސް ނުލައި އައީ ކީއްކުރަންހެއްޔޭ އޭނާ އަހައިފިއެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކައަކީ ކޮބައިކަމެއް އީމާނަކަށް ނޭނގެއެވެ. އެކަމަކުވެސް ނިމެންދެން މަޑުކުރާށޭ ބުނެފިއެވެ.

ޒިކުރާއި ދުޢާއިން އަވަދިވެގެން އޭނާ ކޮޅަށް ތެދުވެ އެނބުރިލީމާ ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. މޭޒުމަތީގައި އޮތް ފިސްތޯލަ މިހާރު އޮތީ އުއްމީދުގެ އަތުގައެވެ. އޭނާ ހުރީ ސީދާ އީމާނާ ދިމާއަށް އަމާޒުކޮށްގެންނެވެ. ދެން ފެނުނީ ފިސްތޯލައިގެ ޓްރިގަރަށް ފިތައިލީތަނެވެ. ފިސްތޯލަ ގެއްލުނީ ކީއްވެގެން ކަމާއި ދޮރުވާނާއި ނޯކަރުން ފޮނުވައިލީ ކީއްވެގެންކަން އޭނާއަށް ވިސްނުނީ ދެނެވެ.

"މާތްކަލާނކޯ. މި އަންހެންމީހާ... އަހަރެންގެ ހަލާލު އަނބިމީހާ... އަހަންނަށް ލިބެން އުޅޭ ދަރިފުޅުގެ މަންމަ... ބޭނުން އެ ވަނީ އަހަރެން މަރައިލާށެވެ. އަހަރެން ހުރިހައި އެއްޗެއް ދޫކޮށްލައިފައި އައީ މި އަންހެންމީހާއަށްޓަކައެވެ. އެކަމަކު މީނާ ބޭނުން ވަނީ އަހަރެންގެ ފުރާނަ ހިފާށެވެ."

މި ޚިޔާލު ކުރެވުމާއެކު އޭނާގެ ހިތަށް ވަރަށް ހިތި އަސަރުތަކެއް ކުރިއެވެ. ފިސްތޯލަ އޮތީ ހުހަށްކަން އޭނާއަށް އެނގެއެވެ. އެކަމަކު ހުސް ނުކުރެވުނު ނަމަ މާ ރަނގަޅޭ ހިތަށް އެރިއެވެ. ދިރިއުޅުމުގެ ހުރިހައި ކަމެއް ފަޅި ސިކުންތެއްގެ ތެރޭގައި އެކޮޅުކޮޅުން ޖެހިއްޖެއެވެ. ދެމީހުންގެ މެދުގައި އޮތް ގުޅުމާއި، އިތުބާރާއި ޔަގީންކަމަށް އާދަޔާ ޚިލާފު ބޮޑު ލޮޅުމެއް އަރައިފިއެވެ.

މި ފިކުރުތަކާއެކު ކުއްލިއަކަށް އޭނާ ހަނދާންވީ ޑޮކްޓަރ ޚޫރްޝީދު އޭނާ ގާތު ބުނި ވާހަކައެކެވެ.

"މިހާރު އީމާން ތިޔަ ނުކުންނަނީ ހެޔޮ މަގަށް. ސީދާ މަގަށް. އިސްލާމަކަށް ވެއްޖައީމު. އެހެންވީމާ އިމްތިހާނަށް ތައްޔާރު ވެގެން ހުންނާތި."

ވޭތުވެ ދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި އޭނާ ވަނީ އެތައް އިމްތިހާނަކާ ކުރިމަތި ލައިފައެވެ. އެއިން އެއްވެސް އިމްތިހާނަކުން އޭނާ ފަހަތަށް ޖައްސައިނުލައޭ ހިތަށް އެރީމާ ފަޚުރުވެރިވެސް ވެވެއެވެ. އެކަމަކު އިމްތިހާނުގެވެސް އެތައް ދަރަޖައެއް ހުންނަކަން މިހާރު އޭނާއަށް އިހުސާސް ކުރެވިއްޖެއެވެ. މިހައިތަނަށް އޭނާ ކުރިމަތިލައި ފާސްވީ ހުރިހައި އިމްތިހާނަކީ ފަށައިގަންނަ ފެންވަރުގެ އިމްތިހާނެވެ. މި ވަގުތު ކުރިމަތިލާން ޖެހިފައިވާ އިމްތިހާނަކީ އާދަޔާ ޚިލާފަށް އުނދަގޫ އިމްތިހާނެކެވެ.

އުއްމީދުގެ ކިބައިން މިރޭ ފެނުނު ކަހަލަ ނަފުރަތެއް އޭނާ މީގެ ކުރިއަކުން ނުދެކެއެވެ. ދުލުން އެހައި ވިހަ ލަފުޒުތަކެއް ބޭރުވީ އަޑެއްވެސް ދުވަހަކުވެސް ނާހައެވެ. އުއްމީދު އޭނާޔާ ދިމާއަށް ފިސްތޯލަ އެއްލައިލީތަން ފެނުނެވެ. އޭނާ ވިސްނަމުން ގެންދިޔައެވެ. ދުވަހަކުވެސް މި އަންހެންމީހާޔާ ދިމާއަށް އޭނާ ބާރަށް އެއްޗެކޭ ނުބުނެއެވެ. ހިތްދަތިވާ ކަހަލަ ވާހަކައެއް ނުދައްކައެވެ. އެފަދަ ކަމެއްވެސް ނުކުރެއެވެ. އެކަމަކު މިހާރު އެގެންދަނީ އޭނާގެ ބޮލުގައި އެކި ކަހަލަ ވިޔާނުދާ އިލްޒާމު އަޅުވަމުންނެވެ. އުއްމީދު ގެންދިޔައީ ހަޅޭއްލަވަމުންނެވެ. އޭނާ ގެންދިޔައީ އަޑުއަހަމުންނެވެ. އޭނާޔާ ދިމާއަށް އީމާން ޢަލީއޭ ކިއުމުގެ ބަދަލުގައި ޑެނިއަލް އެޑްގަރޭ ނުކީނަމަ ކިތަންމެ އިރެއްވާންދެންވެސް އަޑުއަހަން ހުރީހެވެ. އެ ވަގުތު އޭނާގެ ކުރީގެ ނަން އުއްމީދުގެ ދުލުން ކީ އަޑު އިވުނީމާ ހީވީ އޭނާޔާ ދިމާއަށް ވަރަށް ހުތުރު އެއްޗެކޭ ކީހެންނެވެ. އެހެންވީމާ ކެތެއް ނުކުރެވުނެވެ. ވޭތުވެ ދިޔަ އެތައް ދުވަހެއް އޭނާ ކެތްތެރިކަމާއެކު ވޭތުކުރީ އެންމެ ނަމަކަށްޓަކައެވެ. މައިންބަފައިން ދޫކޮށްލިއެވެ. ނުލާހިކު ރަނގަޅު ވަޒީފާއެއް ދޫކޮށްލިއެވެ. އޭނާގެ ހިތަށް އެރިއެވެ. "ރަނގަޅު އިސްލާމަކު ދައްކާފަދަ ހަރުދަނާކަމެއް އަހަރެންވެސް ދައްކާނަމެވެ. އުފަން އިސްލާމަށް ނުވިކަމުގައި ވިޔަސް އަހަންނަކީ އިސްލާމަކީމެވެ. އިމްތިހާނުގެ ހާލަތުގައި ކެތްތެރިކަން އިސް ކުރާނަމެވެ." މި ވިސްނުމުގައި ހުއްޓައި އޭނާއާ އެ މުޚާތަބުކުރެވުނީ އޭނާގެ މުސްކުޅި ނަމުންނެވެ. އޭނާގެ އީމާންކަމާމެދު ޝައްކު އުފެއްދުމާއެކުގައެވެ.

އުއްމީދާ ދިމާއަށް ބަލަހައްޓައިގެން ހުރެ ވިސްނަމުން ގެންދިޔައެވެ. މީހަކާ ގުޅުން އުފެއްދުމަށް ފަހުވެސް އެ މީހަކަށް އެއްގޮތަކަށްވެސް އިތުބާރު ނުކޮށް، ޝައްކުގެ މަތީގައި ހުރެ މުޅި ދިރިއުޅުން ހަލާކުކޮށްލާ ވަރަށް އެއްވެސް މީހަކަށް އަނެކާ ޝައްކުގެ ތެރެއަށް ވައްޓައިލެވިދާނެ ހެއްޔެވެ؟ އެންމެ މީހަކު އުއްމީދުގެ ހަޔާތަށް އައިސްފައި އެހައި ބޮޑު ބަދަލެއް ގެނައީ ކިހިނެއް ހެއްޔެވެ؟ ޖަހާންޒޭބް އޭނާގެ ދިރިއުޅުމަށް ނައިނަމަ އުއްމީދު ތަފާތު މީހަކަށް ވީސް ހެއްޔެވެ؟ އަހަރެން ދެކެ ލޯބީ ވީސް ހެއްޔެވެ؟

އީމާންގެ ހަމައެކަނި އެދުމަކަށް ވެފައި އޮތީ އުއްމީދުގެ އިތުބާރު ހާސިލުކުރުމެވެ. އެކަމަކު އެއީ ވާނެ ކަމެއް ނޫންކަން މިރޭ އެނގިއްޖެއެވެ. އުއްމީދު އޭނާ ބަހައްޓާނީ ތާއަބަދު އިތުބާރުގެ ކަނޑީގެ މިޔަމަތީގައެވެ. އުއްމީދުގެ ކުރިމަތީގައި ތާއަބަދު އޭނާގެ އީމާންކަމުގެ ހެކި ދައްކަދައްކައި ހުރުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެއީ ވަރަށް ވޭންދެނިވި ކަމަކަށް ވާނެއެވެ. އުއްމީދުގެ އިލްޒާމުތަކަށް ޖަވާބު ދެމުން ދިޔަ ވަގުތު އޭނާގެ ހިތަށް އެރިއެވެ. "އަހަރެން މިއީ އިސްލާމެއް ކަމަށް މީހަކު ޝައްކު ކޮށްފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އިރުއިރުކޮޅާ އަގު ވެއްޓޭން އެފަދަ މީހަކާ އެކީގައި ދިރިއުޅުން ވޭތުކުރާނީ ހެއްޔެވެ؟ ނުވަތަ އެފަދަ ކަންކަމުން ސަލާމަތްވާން އެމީހަކު ދޫކޮށްލައިފައި ދުރަށް ޖެހިލާނީ ހެއްޔެވެ؟"

"އާނެއެކެވެ. އަހަރެން ހަދަންޖެހޭ ގޮތަކީ އެއީއެވެ. އުއްމީދާ ވަކިވާންވީއެވެ. ވަކި ނުވެއްޖެ ނަމަ އުއްމީދުގެ ބޭޔަގީންކަމުގެ ސަބަބުން އަހަރެންގެ އީމާންކަމަށް އުނިކަން އަތުވެދާނެއެވެ. ނުވަތަ އީމާންކަން ނެތިގެން ހިނގައިދާނެއެވެ. އަހަރެންގެ ފައިތިލައިގެ ސާބިތުކަމާއި އަޒުމުގެ ވަރުގަދަކަމަށް ގުޑުން އަރައިފާނެއެވެ. އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟" އީމާންގެ ހިތަށް އެރިއެވެ. އޭނާ އީމާންކަމާ ހަމައަށް ގެނައި މީހަކީ އުއްމީދެވެ. އެހެންވީމާ ހަމަ އެ މީހާޔާ ހެދި އީމާންކަން ނަގައިލާކަށް އޭނާ ބޭނުމެއް ނުވެއެވެ. ފައިސަލާކުރަން އޭނާ ހޭދަކުރީ އެންމެ ދެތިން މިނިޓެވެ. ހުރިހައި އިޚްތިޔާރެއް އޭނާ ދޫކޮށްލީ އުއްމީދަށެވެ.

އޭނާ ދިރާސީކޮޓަރިން ނުކުމެގެން އައިސް ބަދިގެއަށް ވަދެއްޖެއެވެ. އޭނާއަށް މި ވަގުތު ލިބިފައިވާ ސިކުޑީގެ ލޮޑުކަން ފިލުވައިލެވޭނޭ ގޮތެއް ނުވިސްނެއެވެ. މޭޒު ދޮށުގައި އިށީނދެ ލޯ މަރައިލިއެވެ. ކުޑައިރުކޮޅަކަށް ފަހު އޭނާއަށް ވަރަށް ކައިރިން ފިޔަވަޅުގެ އަޑު އިވިއްޖެއެވެ.

* * *

އެގާރަ

ދިރާސީކޮޓަރީގެ ދޮރު ލެއްޕިއްޖެއެވެ. އެ ލެއްޕުނު ދޮރާއެކު އޭނާގެ ސިކުނޑީގައި އެތައް ދޮރެއް ހުޅުވިއްޖެއެވެ. އެ ދޮރުތަކުން އޭނާއަށް ފެންނަ މަންޒަރުތަކަކީ އޭނާއަކަށް އައު މަންޒަރުތަކެއް ނޫނެވެ. އޭނާ މަޑުމަޑުން ބޯ ހިއްލައިލިއެވެ. ފުސް ލޮލަކުން ދެކޭ ކޮންމެ އެއްޗެއްވެސް ހުންނާނީ ފުސްކޮށެވެ. އޭނާ ހަރުގަނޑުގެ ބުޑުގައި ބިންމަތީގައި އިށީނދެއްޖެއެވެ. ދެ އަތްތިލައަށް ބަލަބަލައިފައި އަމިއްލަ ތަގުދީރުގެ ހިލަމެއެް ވޭތޯ ހޯދައިލިއެވެ. އެއްވެސް ހިލަމެއް ނުވީމާ އޭނާ ހަރުގަނޑުގައި ބޯ ޖައްސައިލިއެވެ.

"ކޮންމެ ރެއަކީ ދިރިއުޅުމަށް އަނދިރިކަން ގެންނަ ރެއެއް ނޫނެވެ. ބައެއް ރޭރެއަކީ ހަނދުވަރީ ރޭރެއެވެ. އެފަދަ ރޭރޭ އޮންނަނީ ހަމައެކަނި ހަނދުވަރުގެ އަލިކަމެއް ނޫނެވެ. އެ އަލިކަމާއެކު ހިތުގެ ހަމަޖެހުންވެސް އޮވެއެވެ."

މީގެ އެތައް އަހަރެން ކުރިން އޭނާގެ ބައްޕަ ދެއްކި ވާހަކައެއް ހަނދާނަށް އަތުވެއްޖެއެވެ.

"ކޮންމެ އިލާހީ ދީނެއްގައިވެސް އިމްތިހާނު ކުރެއްވުން އޮވޭ. އެކަމަކު އިސްލާމް ދީނުން އިންސާނާ އިމްތިހާނު ކުރައްވަނީ ތަފާތު ގޮތަކަށް. އެ އިމްތިހާނުގެ ނަތީޖާއެއްގެ ގޮތުން އިންސާނާ ޚާލިސް ރަނަށް ބަދަލުވެގެން ހިނގައިދޭ. ނުވަތަ އަޅިފުންޏަކަށް ވެދޭ." ދެން ހަނދާނަށް އައީ މީގެ ކުޑައިރުކޮޅެއް ކުރީގެ ވާހަކައެކެވެ. "މީގެ ހަ އަހަރެއްހައި ދުވަސް ކުރިން އަހަރެންގެ ދީނުން އަހަންނާވެސް ވަރުގަދަ އިމްތިހާނެއް ކުރިމަތި ކުރުވިއެވެ. އެ އިމްތިހާނުގެ ސަބަބުން އަހަރެން މިވީ ކޮން އެއްޗަކަށް ހެއްޔެވެ؟ ޚާލިސް ރަނަށް ހެއްޔެވެ؟ ނުވަތަ އަޅިފުންޏަކަށް ހެއްޔެވެ؟"

އޭނާގެ ހިތް ފުރިގެން ބަންޑުންވެއްޖެއެވެ.

އަހަންނަށް ޖެހުނީ އީމާންކަމާއި ލޯތްބާ ދެކަމުން ކުރެ އެއް ކަމެއް ޚިޔާރު ކުރާށެވެ. އަހަރެން ޚިޔާރުކުޅައީ އީމާންކަމެވެ. އެ ދުވަހުން ފެށިގެން މިހައި ތަނަށް އަހަރެން މި ގެންދަނީ ހިތާމަކުރަމުންނެވެ. އަހަރެން މިއީ އުފަން އިސްލާމަކީމެވެ. އަހަރެންގެ އަގީދާއާއި އީމާންކަން ބަލިކަށްޓެއް ނޫނެވެ. އެކަމަކުވެސް ސިރާތުމަގުގައި އަޅާ ފުރަތަމަ ފިޔަވަޅަކީ އަނގުރު އަލިފާނުގެ މަތީގައި އަޅާ ފިޔަވަޅަކަށް ވާނެއޭ އަހަރެންގެ ހިތަށް އެރިއެވެ. ހަ އަހަރު ކުރިން ލޯތްބާއި އީމާންކަމުން ކުރެ އެއްކަމެއް ޚިޔާރު ކުރަން ޖެހުނީމާ ވަކި ގޮތެއް ނިންމަން އެތައް ދުވަހެއް އަހަރެން ހޭދަކުރީމެވެ. އެތެރެހަށީގައި އޮތީ ވަރުގަދަ ތޫފާނެއް އުފެދިފައެވެ. ހަމަ އެފަދަ ގޮތަކަށް ވަކި ކަމެއް ޚިޔާރުކުރަން ޖެހުނީމާ މި އީމާން ޢަލީއޭ ކިޔާމީހާ އަހަރެންގެ ކުރިމަތީގައި ހުރެގެން އެންމެ ދެތިން މިނިޓުގެ ތެރޭގައި އެއްވެސް ޖެހިލުމަކާ ނުލައި ވަކި ގޮތެއް ކަނޑައަޅައި ނިންމައިލިއެވެ. އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް، ހާސްކަމެއް ނެތެވެ. އެކަމަކު އޭނާ އިސްލާމަކަށް ވީތާ ވާނީ އެންމެ ދެ އަހަރެއްހައި ދުވަހެވެ. އަހަރެންވެސް އީމާންކަމަށްޓަކައި ލޯބި ދޫކޮށްލީމެވެ. އެކަމަކު މީނާ އީމާންކަމަށްޓަކައި ލޯބި ދޫކޮށްލާފައި އެ ދިޔަހައި ރަހުމުކުޑަ ގޮތަކަށް ނޫނެވެ. އޭނާގެ އީމާންކަން އަހަންނަށްވުރެ ވަރުގަދައީ ހެއްޔެވެ؟ ނުވަތަ އީމާންކަން ހުރީ ހަމައެކަނި އޭނާގެ ކިބައިގައި ހެއްޔެވެ؟ އަހަރެން... އަހަރެން މިއީ ކާކު ހެއްޔެވެ؟ ލޯބީގެ އަވައިގައި ހައްޔަރުވެފައިވާ މޮޔަ އަންހެނަކީ ހެއްޔެވެ؟

"އޭނާ އުއްމީދާ މެދު ކަންތައް ކުރީ ކިހިނެއްކަން އެނގޭތަ؟ އޭނާ ދިޔައީ އުއްމީދުގެ ސިކުނޑީގައި ބޭޔަގީނީގެ އޮށް އިންދާފައި. މިހާރު އެ އޮށުން ފެޅި ގަސް ތިޔަ ވަނީ ހެދި ބޮޑު ވެފައި. މިހާރު އުއްމީދު އެ ގަސް ކަނޑައިލާން ބޭނުން ވިޔަސް އެކަމެއް ނުކުރެވޭނެ. ގަސް ތިޔަ ވަނީ އެއަށްވުރެ މާ ވަރުގަދަ ވެފައި."

"އާނ... އީމާން ޢަލީ. އަހަންނަށް ވެފައި މިހިރީ ހަމަ ތިޔަހެން." އޭނާ އިއުތިރާފުވިއެވެ. "އަހަންނަކަށް މި ގަސް ކަނޑައެއް ނުލެވޭނެ. އެކަމަކު މުލުން ލުހެ އެއްލައިލެވިދާނެ."

"އަހަރެން މިއީ ލޯތްބަކީ ހައްދަވައިފައިވާ އެއްޗެއް ކަމަށް ގަބޫލު ކުރި މީހަކީމެއް ނޫން. ލޯބި ވެވުނީ އެހެން ވެގެން ކަމަށް ވެދާނެ. ލޯބީގެ ސަބަބުން އަހަންނަށް ލިބުނީ ޔަގީންކަމާއި އީމާންކަން." އޭނާއަށް އީމާންގެ އަޑު މިހާރުވެސް އިވޭ ކަހަލައެވެ. "އުއްމީދަކީ އަބަދުވެސް ލޯތްބަކީ އޮންނަ އެއްޗެއް ކަމަށް ގަބޫލުކުރި މީހެއް. އުއްމީދުވެސް ލޯބިވި. އެކަމަކު އެ ލޯބީގެ ސަބަބުން އަހަރެން މި ބުނި ދެ ކަމުން ކުރެ ކަމެއް އުއްމީދަކަށް ނުލިބުނު."

"ތެދެކެވެ. ލޯބީގެ ސަބަބުން އަހަރެންގެ އަތުން ބީވެގެން ދިޔައީ އީމާންކަމާއި ޔަގީންކަމެވެ."

"އާނއެކެވެ. ތިޔައީ ތެދު ވާހަކައެކެވެ. އަހަރެން އީމާންކަމާ ދުރަށް ގެންދިޔައީ ލޯތްބެވެ. ލޯބި، އީމާން ގެންދިޔައީ އީމާންކަމާ ދިމާއަށެވެ. ތަފާތު ހުންނަނީ ހަމައެކަނި ލޯބި ރައްދުވާ މީހެއްގެއެއް ނޫނެވެ. ލޯބިވާ މީހާގެވެސް ތަފާތު ހުރެއެވެ. ލޯބިވީމާ އަހަރެންގެ އަތުން އެތައް ކަމެއް ބީވެގެން ދިޔައީއެވެ. ލޯބިވީމާ އީމާނަށް އެތައް ކަމެއް ހާސިލުކުރެވުނީއެވެ. އީމާންގެ އީމާންކަން ވަޒަންކޮށް ހެޔޮނުބައި ކިއުމަކީ އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަހަރެންގެ ތަގުދީރުގައި އީމާން ފަދަ އިންސާނަކު ލިޔުއްވުމަކީ ﷲ ލެއްވި ވަރަށް ބޮޑު ރަހުމަތެކެވެ. އެކަމަކު އަހަރެން މި ގެންދަނީ ކިސަޑުގަނޑަށް ވެއްޓުނީމާ އަރައިގަންނާން އުޅުމުގެ ބަދަލުގައި ހަމަ އެ ކިސަޑުގަނޑުގައި ތާށިވެފައި އަރައިގަންނާނޭ ގޮތެއް ނޭނގިފައި އޮތް މީހެއްގެ އަތުގައި ހިފޭތޯ މަސައްކަތް ކުރަމުންނެވެ.

"ޖަހާންޒޭބެވެ. އަހަރެން ގައިދުން މިންޖުވީ އެތައް އަހަރެއް ފަހުންނެވެ. ކަލޭގެ މޫނުގެ ކަޅުކަން އަހަންނަށް މި ފެނުނީ އަދި ކިރިޔާއެވެ. ކަލޭ ބޭނުންވީ އެ ކަޅުކަން އަހަރެންގެ މޫނުމައްޗަށްވެސް ފަތުރައިލާށެވެ.

ކަލެޔާއެކު ހިނގައިގަތީމާ ދެވެނީ ކޮން ދިމާއަކަށްކަން އަހަންނަށް އިހުސާސްކުރެވުނީ އަދި މިއަދުއެވެ.

އަހަރެން ބިރުގަންނާން ފެށީވެސް މިހާރުއެވެ. ލޯބީގެ ދަންމަޅިން ނެއްޓެން މަސައްކަތް ކުރެވުނީމާ އުފާވުމުގެ ބަދަލުގައި ހިތާމަކުރަން އާދަޔަކަށް ހެދުނީތީ ވާ ދެރައިގެ ސަބަބުން އަހަރެން ވެއްޓުނީ އަނދިރި ވަޅުގަނޑެއްގެ ތެރެއަށެވެ.

މިއަދު އަހަރެންގެ ކުރިމަތީގައި ކަލޭ ވެފައި ވަނީ ފުންމިން އެނގުމެއް ނުވާ އަނދިރި ހޮހަޅައަކަށެވެ. އެ ހޮހަޅައިގެ ދޮރުމަތީގައި ނަމަވެސް ފައި އެޅުނީތީ އަހަރެން ކުރާ ހިތާމަ ވެފައި ވަނީ ތާއަބަދު ދެމިހުންނާނެ ތަކުލީފަކަށެވެ. ﷲ އަހަރެން ގެންދަވައި އީމާން ޢަލީގެ ހިތުގެ ތަޚުތުގައި ވެޑުވީއެވެ. ކަލޭގެ ފައިދަށުވެ ޗިސްޗިސްވާން ދޫކޮށެއް ނުލެއްވިއެވެ.

މީގެ ހަ އަހަރު ކުރިން ކަލޭ ދޫކޮށްލުމަކީ އަހަރެން އެޅި ކަތި ފިޔަވަޅެއް ނޫނެވެ. ކަލެޔާއެކު ނުދެވުނީތީ މިހާރު އަހަރެން ﷲއަށް ޝުކުރުވެރިވަމެވެ.

ޖަހާންޒޭބެވެ. ކަލޭ ކަހަލަ ވިޔާނުދާ މީހަކުގެ ކިބައިން ސަލާމަތްވެވުނީތީ އަހަރެން އުފާ ކުރަމެވެ. އެހެން އެއްވެސް މީހަކަށް ލިބިފައިނުވާ ނިޢުމަތެއް އަހަންނަށް ވަނީ ލިބިފައެވެ. އަހަރެންގެ ކިބައިގައި އީމާންގެ ލޯބި އެބައޮތެވެ."

އޭނާގެ ލޯ ފުސްވާން ފަށައިފިއެވެ.

"ވަގުތު ފަހަތަށް އެނބުރި ގެންދެވިއްޖެނަމަ ލޯތްބާއި އީމާންކަމާ ދެކަމުން ކުރެ ކަމެއް ޚިޔާރުކުރަން ޖެހިއްޖެނަމަ އީމާން ޢަލީފަދަ ރަހުމެއް ނެތް މީހަކަށް އަހަރެން ވާނަމެވެ. އެހައި ހިތްވަރުގަދަ މީހަކަށް ވާނަމެވެ. އެހައި ފައިތިލަ ސާބިތު މީހަކަށް ވާނަމެވެ. ޖަހާންޒޭބެވެ. ދުނިޔޭގައި ލަހައްޓަވައިފިނަމަ އަދި އެއް ފަހަރު ކަލެޔާ ބައްދަލު ކުރަން އަހަރެން ބޭނުމެވެ. އަހަރެންގެ ކުރިމައްޗަށް ދެން އަރާ ފަހަރަކު އަހަރެން ކަލޭގެ މޫނަށް ކުޅު ޖަހާނަމެވެ. އަދި އަހަންނަށް ހަމައެކަނި ﷲ ގެ މަދަދުވެރިކަމުން ފުދެއޭ ބުނާނަމެވެ. އެއީ ނުބައި އެއްޗެހީގެ ބަދަލުގައި އަހަރެމެންނަށް ހެޔޮ އެއްޗެހި މިންވަރު ކުރައްވާ ކަލާނގެއެވެ. އަހަރެން އެހެން ހެދީމާ ދެން... ދެން ކަލޭ ވިސްނާށެވެ.

ދީނަކީ ޒަމާނާއެކު ބައުވެގެން، އުވިގެން ދާނެ އެއްޗެއް ހެއްޔެވެ؟

އީމާންކަމުގެ ޖާގަ އެހެން ކަމަކުން ފުރައިފާނެ ހެއްޔެވެ؟

ޝަރުއީ ހަމަތަކަށްވުރެ ބޮޑު އިސްކަމެއް އަމިއްލަ އެދުންތަކަށް ދެވިދާނެ ހެއްޔެވެ؟ ނަފުސުގެ ގޮވުމަށް ކިޔަމަންގަތުމުގައި މުޅި ދިރިއުޅުން ވޭތުކުރެވިދާނެ ހެއްްޔެވެ؟

އަނދިރިކަމަށް އަލިކަމޭ، އަލިކަމަށް އަނދިރިކަމޭ ކިޔާނޭ ޒަމާނެއް އަތުވެދާނެ ހެއްޔެވެ؟

މި ހުރިހައި ސުވާލެއްގެ ޖަވާބަކީ ނޫނެކޭ ކަމުގައި ވަނީނަމަ ކަލޭގެ ވުޖޫދު ވަޅުލެވިފައި އޮތް ތަނެއްގައި އޮތަދޭށެވެ. އެހެން މީހަކުގެ ކުރިމައްޗަށް އަރައި ދިރިއުޅުމުގެ ހަމަތައް ކިޔައިދޭން މަސައްކަތް ނުކުރާށެވެ. އެހެންމީހަކު ދަމައި ކަށްވަޅާ ދިމާއަށް ނުގެންދާށެވެ."

އުއްމީދު މަޑުމަޑުން ތެދުވެއްޖެއެވެ. ކޮލާއި މޫނުގައި އަތް ކާއްތައިލިއެވެ. ލޯ އުނގުޅައިލިއެވެ. ދިރާސީކޮޓަރީގެ ދޮރު ހުޅުވައިލާފައި ބޭރަށް ނުކުމެއްޖެއެވެ. ގޭތެރެއަށް އޮތީ އަނދިރިކަން ވެރިވެފައެވެ. ދިރާސީކޮޓަރި ފިޔަވައި އެއްވެސް އަލިކަމެއް ފެންނަނީ ހަމައެކަނި ބަދިގެއިންނެވެ. އީމާން އިނީ ބަދިގޭގައިކަން އޭނާއަށް ޔަގީންވެއްޖެއެވެ. އެކަމަކު ބަދިގެއާ ދިމާއަށް ދިއުމުގެ ބަދަލުގައި އޭނާ ހިނގައިގަތީ ނިދާކޮޓަރިއާ ދިމާއަށެވެ. ކޮޓަރިން ބޭހާއި މަލަމާއި ބޭނުންވާ އެހެން ސާމާނު ހިފައިގެން މަޑުމަޑުން ބަދިގެއާ ދިމާއަށް ހިނގައްޖެއެވެ. ދޮރުމައްޗަށް އަރައި އިރުކޮޅަކު މަޑުކޮށްލިއެވެ.

ކާމޭޒާ ދިމާ މަތީގައި އޮތް ބޮކިން އެޅިފައި ހުރި އަލީގެ ތެރެއިން އީމާން ފެނެއެވެ. އެހެން އެއްވެސް އެއްޗެއް ރަނގަޅަކަށް ނުފެނެއެވެ. ފަނޑު އަލީގެ ތެރެއިން އީމާންގެ އެއްވެސް ހަރަކާތެއް ނުފެނެއެވެ. މޫނަށް އެޅިފައިވާ އަލީގެ އެހީގައި އޭނާއަށް ކޮށްފައިވާ އަސަރު ދެނެގަނެވޭހައި ވެއެވެ.

ވަރުބަލިކަން... ހިތާމަ... ހިތްހަމަނުޖެހުން... ބޭގަރާރުކަން... އުއްމީދު... މޫނުމަތީން ފެންނަނީ ކޮން ކަމެއް ހެއްޔެވެ؟ ނުފެންނަނީ ކޮން ކަމެއް ހެއްޔެވެ؟

އީމާން ޖެހި ބުދެއްހެން ގައުވެފައި ހުއްޓައި މި ފެނުނީ އަލަށެވެ. އޭނާގެ ހިތުގައި ހަސަދަވެރިކަމާއި އުފާވެރިކަމުގެ ރާޅެއް ހިލިގަތެވެ. ހަސަދަވެރިވަނީ ހެޔޮ މަގަށް ﷲ އިރާދަކުރެއްވި އަޅަކަށް ހަމައެކަނި އީމާން ވީތީއެވެ. އުފާވަނީ އެފަދަ މީހަކު އޭނާގެ ތަގުދީރުގައި ލިޔުއްވީތީއެވެ. އެއީ އޭނާ ފަޚުރުވެރިވާ ކަމެއްވެސް މެއެވެ.

އޭނާ ކުރިއަށް ހިނގައިގެންފިއެވެ. އީމާން އިނީ ލޯ މަރައިލައިގެން، ގޮނޑީގައި ލެނގިލައިގެންނެވެ.

އީމާން ޢަލީއަށް އޭނާގެ މޫނުގައި މީހަކު އަތްލީކަމުގެ އިހުސާސް ކުރެވިއްޖެއެވެ. ކުޑަ ހިނދުކޮޅަކަށް އޭނާގެ ހަށިގަނޑަށް ވާންކަން ވެރިވިއެވެ. އެޔަށް ފަހު ސުކޫނާއި ހަމަޖެހުން ވެރިވެއްޖެއެވެ. އޭނާ ލޮލެއް ނުހުޅުވައެވެ. އުއްމީދު މަޑުމަޑުން އޯގާތެރިކަމާއެކު އޭނާގެ ޒަޚަމް ސާފުކުރަން ފަށައިފިއެވެ. ކަރާހަމައަށް ފައިބައިފައި ހުރި ލޭވެސް ކަފަކޮޅަކުން ފޮހެލައިފިއެވެ. އެޔަށް ފަހު ޒަޚަމްވެފައިވާ ހިސާބުގެ އިސްތަށިތައް ކޮށައިލިއެވެ.

އީމާންގެ ހަށިގަނޑަށާއި ހިތަށް ހަމަޖެހުމުގެ އަސަރު ވަރަށް ބޮޑަށް ވެރިވެއްޖެއެވެ. ބޮލުގައި ހުރި ރިހުން މުޅީން ފިލައިފިއެވެ. އެހެން ހުރިހައި ތަކުލީފެއްވެސް ފިލައިފިއެވެ. އުއްމީދުގެ އަތުގައި ހުރީ އެފަދަ ޖާދޫއެކެވެ. ބެންޑޭޖުކޮށް ނިންމައިފައި އޭނާގެ ބޮލުގައި އަތް ޖައްސައިލައިގެން ހުރެއްޖެއެވެ.

ކުޑައިރުކޮޅަކަށް ފަހު އޭނާގެ މޫނުމައްޗަށް ދެތިން ތިކި ފެން ޖަހައިފިއެވެ. އެކަމަކުވެސް އޭނާ ލޮލެއް ނުހުޅުވައެވެ. އެއީ ފެން ނޫން ކަމާއި ކަރުނަކަން އޭނާއަށް އެނގެއެވެ. އެހެން މީހެއްގެ ކަރުނަ ތިމާގެ މޫނަށް އޮހޭން ފެށުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ވިސްނައިލިއެވެ.

"މީނާ އަނެއްކާވެސް...؟ ކީއްވެގެން ހެއްޔެވެ؟ އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ؟"

ދެން އޭނާގެ ހަނދާނަށް އައީ ޚޫރްޝީދުގެ ވާހަކަކޮޅެކެވެ. "އަހަރެމެންގެ ކޮންމެ އަމަލެއް އޮންނާން ވާނީ ﷲއަށް ޚާއްސަ ކުރެވިފައި. އަހަރެމެންގެ އެކުވެރިކަމާއި ދެކޮޅުވެރިކަން... އަހަރެމެންގެ ލޯބި... އަހަރެމެންގެ ނަފުރަތު... މިއިން އެއްވެސް ކަމަކީ އަމިއްލަ އެއްޗެއް ނޫން. މިއިން ކޮންމެ ކަމެއްގެވެސް ހަގީގީ އަމާޒަކީ ﷲ. މިއިން ކޮންމެ ކަމެއް ކުރަން ވާނީ ﷲއަށްޓަކައި."

"ﷲއަށްޓަކައި އަހަރެން އުއްމީދުގެ ހުރިހައި ކުށެއެް މައާފުކޮށްފައި އަނެއްކާވެސް އޭނާއަށް ފުރިހަމައަށް އިތުބާރުކޮށް ޔަގީންކަން ގާއިމުކޮށް، އީމާންކަމުގެ ބިންމަތީގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ދީފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އެންމެ އަމަލެއްގެ ބަދަލުގައި ދެއްވިހައި ނިއުމަތް މިހިރީ ދިމާއަށް ފެންނާށެވެ. އެހެންވީމާ އަހަރެންވެސް ލޯތްބަށްޓަކައި އޭނާއަށް..." އޭނާ ވިސްނަމުން ގެންދިޔައެވެ.

އޭނާ އަމިއްލަ ހިތް ކޮނެގެން ބަލައިލިއެވެ. އަދިވެސް އޭނާގެ ހިތުގައި ޖާގަ ޖަހައިގެން އިނީ އެ އަންހެންމީހާއެވެ. އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިންނެވެ. އޭނާ ހިނިތުންވެލިއެވެ.

"އާނއެކެވެ. މައާފުކުރުމުން އަހަރެމެން ދެމީހުން އިމްތިހާނު ނިމިދާނެއެވެ. އެންމެ ހިނދުކޮޅެއްގެ ހިތްތިރިކަމާއި ރަހުމުގެ ސަބަބުން ވަރަށް ގިނަ ގުޅުމަށް ބަދަހިކަން އަތުވެދާނެއެވެ. މިހާރު އަހަރެމެން ދެމީހުންވެސް މިތިބީ ތިން ވަނަ ގުޅުމެއްގެ އިންތިޒާރުގައެވެ. ތިން ވަނަ ފުރާނައެއް ދުނިޔެއަށް އައިސް އައު ގުޅުންތަކެއް އުފައްދާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. އެހެންވީމާ އުއްމީދަށް އޯގާތެރިވުމަކީ އަހަރެންގެ މައްޗަށް ލާޒިމު ކަމެކެވެ. ކުރެވޭ ކުށްކުށަށް މައާފު ލިބުމަކީ އަބުރުވެރި އަންހެނުންގެ ހައްގެކެވެ."

"އުއްމީދުގެ ލޮލުން ހަމަ ކަރުނަ ފައިބައިފާނެތަ؟" އޭނާ ލޯ މަރައިލައިގެން އިނދެ ވައި އަޑުން އަހައިލިއެވެ.

"އީމާނަށްޓަކައި ފައިބާނެ." އުއްމީދުވެސް އެހައި މަޑުމަޑުން ބުނެލިއެވެ.

"ލޯތްބަށްޓަކަޔޯ؟" އީމާން އަހައިލިއެވެ.

"ދެނެއް ނުފައިބާނެ." އީމާންގެ ސުވާލުގެ މާނަ އޭނާ ރަނގަޅަށް އެނގެއެވެ.

އޭނާ ހިމޭނުން ހުރެގެން އީމާންގެ މޫނަށް ބަލަނީއެވެ. އެ މޫނުމަތީން އެއްވެސް ކަހަލަ ސުވާލެއް ފެނޭތޯ އުޅޭ ކަހަލައެވެ. ބަދިގޭގައި ހުޅުވައިފައި ހުރި ދޮރަކުން ވަން ވައިރޯޅިއަކާއެކު މަތީގައި އެލުވައިފައި އޮތް ބޮކި މަޑުމަޑުން ހެލޭން ފަށައިފިއެވެ.

އޭނާ އީމާންގެ މޫނުމަތީގައި ނަށަނަށައި ހުރި ފަނޑު އައްޔަށް ބަލައިލިއެވެ. ބޮކި އަދިވެސް މަޑުމަޑުން ހެލެނީއެވެ. ހިމޭންކަމާއި ފަނޑުއަލީގެ ސިހުރަކީ އާދަޔާ ޚިލާފު ސިހުރެކެވެ. އޭނާ އީމާންގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. އެޔަށް ފަހު ނިތްކުރީގައި ފިރުމައިލިއެވެ. އީމާން ހިނިތުންވެލިއެވެ. އަދި އުއްމީދުގެ އަތްތިލައިގައި އަތް ޖައްސައިލިއެވެ. އުއްމީދުގެ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ ބޮކީގެ އަލީގައި ނަށަމުންދާ ހިޔަނިންވެސް އޭނާ ސަލާމަތްކުރަން އުޅޭހެންނެވެ. ހިތްހަމަޖައްސައިދޭން އުޅޭހެންނެވެ. އީމާންގެ މޫނުމަތީން ފެންނަނީ ހަމަޖެހުމުގެ އަސަރެވެ.

ވައިރޯޅި ބާރުވާން ފަށައިފިއެވެ. ތޫފާނެއް އަންނަނީއެވެ. މިހާރު އޭނާ ބޭނުންވަނީ ހުރިހައި ކުޑަދޮރަކާއި ހުރިހައި ދޮރެއް ލައްޕާށެވެ. ތޫފާނެއްގެ ސަބަބުން މި ފަހަރު އޭނާގެ ގެއަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރުމަކީ އޭނާ ރުހޭނޭ ކަމެއް ނޫނެވެ. ވަށައިގެން ހުރި ހުރިހައި އެއްޗަކީ އަގުހުރި އެއްޗެހިކަމުގައި އޭނާއަށް ފެންނާން ފަށައިފިއެވެ. އޭނާ ކުޑަދޮރާ ދިމާއަށް ބާރަށް ހިނގައިގެންފިއެވެ.

އީމާން ލޯ ހުޅުވައި ބަލައިލިއެވެ. އުއްމީދު މަސައްކަތް ކުރަނީ ކުޑަދޮރު ލައްޕާށެވެ. ވައި ދިޔައީ ބާރު ވަމުންނެވެ. އީމާން ތެދުވެގެން ގޮސް ކުއްލި ލަތްކަކާއެކު ކުޑަދޮރު ލައްޕައިފިއެވެ. އެ ވަގުތު ބޭރުން ވައިރޯޅިއާއެކު ވެލިގަނޑު މައްޗަށް އަރައި ފެތުރިގަތެވެ. އެކަމަކު ގޭތެރެއަށް ވަންނާނޭ ފުރުސަތެއް ނުލިބުނެވެ.

އުއްމީދު ތެމިފައިވާ ލޮލަކާއެކު ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހެމުން އައި ވެއްޔަށް ބަލައިލިއެވެ. ރައްކާތެރިކަމާއި އަމާންކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.

"ބޭރުން އެތެރެއަށް ވަންނާން އައި ހަޑިކަމަކަށް އެތެރެއަކަށް ނުވަދެވުނެވެ. މި ފަހަރު އޭނާގެ ގޭތެރެ ހަޑިއެއް ނުވިއެވެ. މި ފަހަރު "އީމާން" އާއި "އުއްމީދު" މި ތިބީ އެކީގައެވެ." އޭނާ ހިނިތުންވެލަމުން ވިސްނައިލިއެވެ. އީމާން އެހެން ދޮރުތައްވެސް ލައްޕައި ތަންޑު އަޅުވަމުން ގޮސް އެނބުރި ބަލައިލިއެވެ. އުއްމީދު ބަލަހައްޓައިގެން ހުރީއެވެ.

"މިއީ އަހަންނަށް ކަމުދާ ކަހަލަ މޫސުމެއް ނޫން. ވެލީގެ ތޫފާންވެސް އަންނަނީ މާ ގިނައިން. މުޅި ގޭތެރެއަށް އޮންނަނީ ވެލި އަރާފައި. ކޮންމެ ދުވަހަކު ހެދުނު ޖެހެނީ ސާފުކުރަން."

"މިއީ އެ އުޅޭ ޞާބިރުގެ ކަންތައް. ދޮރުތައް ހުޅުވައިފައި ބަހައްޓަނީ ކީއްވެގެން؟ މިހާރުވެސް ހުޅުވައިފައި ހުރީ ކޮން ކޮޓަރިއެއްގެ ކުޑަ ދޮރެއް ކަމެއް ނޭނގޭ. ހުޅުވައިފައި ހުރިއްޔާ އެ ކޮޓަރިއަކަށް މިހާރު ހުންނާނީ ވެލި ވަދެފައި." އީމާން ވާހަކަދައްކަމުން އައިސް ބަދިގެއިން ނުކުމެއްޖެއެވެ. ހިނިތުންވޭވެ ހުރެގެން އުއްމީދުވެސް އޭނާގެ ފަހަތުން ނުކުމެއްޖެއެވެ.

"އީމާންކަމުގެ ލޯގަނޑުގައި ކިތަންމެ ކިލަލެއް ހުއްޓަސް ސާފު ކުރެވިދާނެއެވެ. ބޭނުންވަނީ އަތް ކާއްތައިލުމެކެވެ. އެޔާއެކު ކިލާ ފިލައި ލޯގަނޑުން ސޫރަ ފެންނާން ފަށައިފާނެއެވެ. ދެވަނަ ފަހަރަށް އަތް ކާއްތައިލުމާއެކު އިހަށްވުރެވެސް ސާފުކޮށް ފެންނާން ފަށައިފާނެއެވެ. ކާއްތައިލެވޭ އަތަކީ ލޯބީގެ އަތެވެ. ލޯބީގެ އަތަށް ބޭނުންވަނީ އީމާންކަމެވެ."

(ނިމުނީ)

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.