29 ފޮރިން އިންވެސްޓްމަންޓެއް ވަނީ އުވާލާފައި: މިނިސްޓަރ

ދިވެހިންނަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގައި ޙަރަކާތްތެރިވަމުންދިޔަ 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް ވަނީ އުވާލެވިފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ 2024 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމެންޓް ޤާނޫނާ ގުޅިގެން އެކުލަވާލެވުނު ސިޔާސަތުގެ ދަށުން، އަލަށް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަކުރަންޖެހޭ 150 ފޮރިން އިންވެސްޓްމަންޓް ހިމެނޭ ކަމަށެވެ. އަދި 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލެވިފައިވާއިރު، އެ ސިޔާސަތުގެ ދަށުން ކޮމްޕްލަޔަންޓްވުމަށްޓަކައި 17 ފޮރިން އިންވެސްޓްމަންޓްއަކުން ވަނީ ހުށަހަޅާފައެވެ.

ބިދޭސީންނަށް ހަރަކާތްތެރިވުން މަނާކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، ރާއްޖޭއަށް އޮޕަރޭޓްކުރާ އެއާރލައިންތަކުގެ ޖެނެރަލް ސޭލްސް އޭޖެންޓްސް، ޕެސެންޖަރ ސޭލްސް އޭޖެންޓްސް އަދި ކާގޯ ސޭލްސް އޭޖެންޓްސް ހިމެނެއެވެ.

މީގެ އިތުރުން އެކައުންޓިންގ، އޮޑިޓިންގ އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ފޮރިން އިންވެސްޓަރުންނަށް ހަރަކާތްތެރިވެވޭނީ 25 އިންސައްތަ ދިވެހިންގެ ހިއްސާ ހިމެނޭގޮތަށެވެ. އަދި، 100 މިލިއަން ޑޮލަރަށްވުރެ ދަށުގެ ރެޒިޑެންޝަލް ރިއަލް އެސްޓޭޓް ޕްރޮޖެކްޓްސް އަދި ޖެނެރަލް ސީ ޓްރާންސްޕޯޓުގެ ޚިދުމަތްތައް ވެސް ވަނީ ދިވެހީންނަށް ޚާއްޞަކުރެވިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.