ހައްޔަރު (6)

(08 އޮކްޓޯބަރ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ)

ރާބިޔާގެ އެދުމަކަށް މުދައްސިރު އޭނާގެ ގެޔަށް އައިސް ، ބިޔާކެފޭގެ ފުރަގަހުގައި އޮތް ބަގީޗާއެއްގައި ބައްދަލު ކޮށްލިއެވެ. ރާބިޔާ އެރޭ ފޯނުކޮށްފައި އޭނާއާ ބައްދަލުކޮށްލަން އެދުމުން ، މުދައްސިރަށް އެރޭ ހަމަނިދިވެސް ނުލިބުނެވެ. ފަތިސް ނުވެގެން ލަސްވެގެން އެނދުމަތީ ފުރޮޅިފުރޮޅި އޮންނަން މަޖްބޫރު ވިއެވެ. ރާބިޔާ އޭނާއަށް ގުޅާފައި ބައްދަލުކޮށްލަން ބުނުމަކީ ، މުދައްސިރަށް ލިބުނު ޙައިރާންކަމެކެވެ. އަދި ، ހުރިހާކަމެއް އެދަނީ ރަނގަޅަށްކަން އަނގައިދިން ފާލެއްވެސް މެއެވެ.

ކުރިން އެތަނަށް އައިސް އިންތިޒާރުގައިހުރީ މުދައްސިރެވެ. ރާބިޔާއަށް އާދެވުނި ފަހުންނެވެ. ރާބިޔާ އައުމާއެކީ ، މުދައްސިރު ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަތުމަށްފަހު ، މުދައްސިރު އެތަނަށް އައުމަށް އެދެންޖެހުނު ކަމަށްޓަކައި މުދައްސިރުގެ ކިބައިން ރާބިޔާ މައާފަށް އެދުނެވެ. ހެނދުނު އެތަނަށް އަންނަން ބޭނުންވެފައިހުރި ވަރުން އޭނާއަށް ރޭ ހަތަރުދަމު ނުނިދޭކަމުގައި މުދއްސިރަށް ބޭ އިޚްތިޔާރުގައި ބުނެވުނެވެ. އެކަން އެހެންވެފައި އޮތަސް އެއީ މުދައްސިރު ބުނަން ބޭނުންވި ވާހަކައެއް ނޫނެވެ. ފިރިހެނެއްގައިވިއްޔާ ކެތްތެރިކަމެއްވެސް ހުންނަން ވާނެތާއެވެ. މުދައްސިރުގެ ނަންބަރު ރާބިޔާ ހޯދީ ތޮއްޔިބު އަތުންނެވެ. މުދައްސިރާ އެކަނި ބައްދަލުކޮށްލަން ރާބިޔާ ބޭނުންވީ ، ގޭގައި ބައްދަލުކޮށް ،  ތޮއްޔިބާއި ބޮޑުބޭބެ ގޭތެރޭގައި އުޅެނިކޮށް ރާބިޔާގެ ހިތްއެދޭގޮތަށް ވާހަކަ ދެއްކުމަކީ ، ރާބިޔާއަށް އުނދަގޫ ކަމަކަށް ވާނެތީއެވެ.

" އަހަރެމެން އެކަނިތިބެ ، ވާހަކަ ދައްކައިލަން ބޭނުންވީ ވަރަށް މުހިންމު ކަމެއްގައެވެ. " ރާބިޔާ ބުންޏެވެ.

އެތާ އިށީނދެތިބެ ވާހަކަ ދައްކައިލަމާހޭ ބުނެ ، އެތާ ކައިރީގައިހުރި ދެ ގަސްބުޑު ، މުދައްސިރު ދައްކައިލިއެވެ. ރާބިޔާވެސް އެކަމަށް އެއްބަސްވެ ، އެތާމަތީ ޖައްސައިލިއެވެ.

                        ********************

ޖާވީދުގާތަށް އައިސްހުރި ރުޅި ކޮންޓްރޯލް ނުކުރެވިގެން ، އެންމެފަހުން އޭނާގެ މަންމަ ފަރާތު ބޮޑުބޭބެ ޒަފްރާންޚާނާ ބައްދަލުކުރަން ދިޔައެވެ. އޭރުވެސް ޖާވީދުހުރީ ރުޅިއައިސްގެންގޮސް ތުރުތުރު އަޅައަޅައެވެ. އެއްޗެއް ކާކަށްވެސް ބޭނުމެއް ނުވިއެވެ. ފިރިހެނަކަށް ވެގެން ، އޭނާ އައިސްހުރި ރުޅިގަނޑުގެ ނަތީޖާ ، ރަނގަޅު ވަގުތުގައި ރަނގަޅު ތަނުގައި ނެރުމަށް ޒަފްރާންޚާން ، ޖާވީދަށް ނަޞޭޙަތް ދިނެވެ. ރަނޑާލި އަންހެނެއްހެން ، އެއްޗެއް ނުކާނަމޭ ކިޔައި ފިރިހެނުންގެ ސަފުން ބޭކާރުވަންޏާ ، ޤަބީލާގެ ސަރުދާރުކަން ނުލިބޭނެކަން ޖާވީދަށް އޭނާ ހަނދާން ކޮށްދިނެވެ. އިދިކޮޅު ޤަބީލާގެ ސަރުދާރުކަން ޖާވީދަށް ލިބޭ ދުވަހަކީ ، ޒަފްރާންޚާންގެ މަޤްޞަދު ޙަޞިލުވެ ، މުޅި އެ ސަހަރު އޭނާގެ އަތްމައްޗަށް އަރާ ދުވަހެވެ. ހުރިހާ ދަނޑުބިންތަކެއްވެސް އޭރަށް އޮންނާނީ ޒަފްރާންޚާންގެ އަތްދަށުގައެވެ.

ޖާވީދުގާތަށް އައިސްހުރި ރުޅިގަނޑު މައިތިރި ނުވަނިސް ، ޝޭރުދިލްގާތަށް ގޮސް ، އޭނާގެ ދުވަސް ދުއްވައިލުމަށް ޒަފްރާންޚާން ، ޖާވީދަށް ނަޞޭޙަތް ދިނެވެ. ފިރިހެންވަންތަކަމުގައި ޝޭރުދިލް ގާތަށްގޮސް ، އެއީ ފިރިހެނެއްކަން ދައްކައިލުމަށް ބުނެ ޖާވީދަށް ، ޒަފްރާންޚާން ނަޞޭޙަތް ދެމުން ގެންދިޔައެވެ. އެއީ ، ޖާވީދަށް ކުރެވޭ މަލާލާތެއްކަން ޖާވީދަށް އެނގެއެވެ. އައިސްހުރި ރުޅީގެ މައްޗަށް ރުޅިގަނޑު އިތުރުވެ ، ޖާވީދު ތުރުތުރު އަޅަމުން ދިޔައެވެ.

" އަހަރެންގެ މަރުވެފައިވާ މަންމަ ގަންދީ ބުނަމެވެ. ޝޭރުދިލްގެ ދުވަސް ދުއްވައިނުލައިފިއްޔާ އަހަރެންނަކީ ފިރިހެނެއް ނޫނެވެ. " ޖާވީދު ބުންޏެވެ.

ބޭބެގެ ވާހަކަތަކުން ހިތްވަރު ލިބިގެން ، ޖާވީދު އެތަނުން ނުކުތެވެ. އޭނާގެ މަޤްޞަދަކީ ، އެދާގޮތަށްގޮސް ޝޭރުދިލްގެ ދުވަސް ދުއްވައިލުމެވެ.

                        ********************

" އަހަރެމެންގެ ކައިވެންޏަށް ރާބިޔާއަށް މަޖުބޫރެއް ކުރިމަތިވެފައި އޮތީ ހެއްޔެވެ ؟ " މުދައްސިރު ސުއާލު ކުރިއެވެ.

މުދައްސިރުގެ ސުއާލުން ރާބިޔާގެ މޫނުމަތިން ހިނިތުންވުން ފައުޅުވިއެވެ. އަދި ހިނިތުން ވެލައިގެން އިނދެ ، ވަރަށް އުނދަގުލުން ނޫނެކޭ ބުންޏެވެ.

" އަހަރެން ބޭނުންވީ ، އަހަރެންނަކީ ކާކުކަން މުދައްސިރަށް އޮޅުން ފިލުވައިދީ ، ތެދާއި ޙަޤީޤަތް ބުނެދިނުމަށެވެ. އެއީ ތެދެކެވެ. ވީހާ އަވަހަކަށް އަހަރެންގެ ކައިވެނި ކުރުވަން ބޮޑުބޭބެ ބޭނުން ވެއެވެ. އަހަރެންގެ ދިރިއުޅުމުގައި އަދި މިހާތަނަށް އެއްވެސް މީހަކަށް ، އެއްވެސް ކަމެއްގައި ދޮގެއް ނުހަދަމެވެ. އަހަރެން އަބަދުވެސް ޤާއިމްވެ ހުންނާނީ ތެދުގެ މަތީގައެވެ. އަހަރެންގެ ވާހަކަތައް އަޑުއަހާފައި ވަކިގޮތެއް ނިންމުމުގެ އިޚްތިޔާރު މުދައްސިރަށް ލިބިގެން ވެއެވެ. އެކަމުގައި މުދައްސިރަށް އެއްވެސް މަޖުބޫރުކަމެއް ނުވެއެވެ. " ރާބިޔާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެވާހަކަތައް އޭނާއަށް ކިޔައިދިނުމަށާއި ރާބިޔާގެ ވާހަކަތައް އަޑުއެހުމަށް އޭނާ ޝަޢުޤުވެރިވާކަމުގައި މުދައްސިރު ބުންޏެވެ.

" މުދައްސިރަކީ ކިޔަވައިގެންހުރި ތަޢުލީމީ ޒުވާނެކެވެ. އިސްލާމްއާބާދުފަދަ ތަރައްޤީވެފައިވާ ސަހަރެއްގައި ދިރިއުޅޭ މީހެކެވެ. ދުނިޔެވެސް އޮންނާނީ ފުދޭވަރަކަށް ފެނިފައެވެ. ބޭރު ޤައުމުތަކަށްވެސް ހުންނާނީ ދެވިފައެވެ. " ރާބިޔާގެ ވާހަކަޔަށް ހުއްޓުމެއް އައެވެ.

ރާބިޔާ ދެން ބުނަން އެއުޅޭ ވާހަކަ އޭނާއަށް ބުނަން އުނދަގޫވެގެން އުޅޭކަން މުދައްސިރަށް އިޙްސާސްވެ އެކަން އެގޮތަށް ނުކުރުމަށް އެދުނެވެ. ރާބިޔާގެ ހިތުގައިވާ ކޮންމެ އެއްޗެއްވެސް މުދައްސިރު ގާތުގައި ބުނެވޭނެއެވެ. އަދި ، ރާބިޔާ ދައްކާ ހުރިހާ ވާހަކައެއް މުދައްސިރު އަޑު އަހާނެއެވެ. މުދައްސިރަކީ ތަފާތު މީހެކެވެ. މުދައްސިރާ ދެކޮޅަށް ރާބިޔާ ދައްކާ ވާހަކަވެސް އޭނާ އަޑު އަހާނެއެވެ.

" އަހަރެންގެ ކޮއްކޮ ތޮއްޔިބާ ދެވަނަ ފަހަރަށް ބައްދަލުވީ ހިނދު އަހަރެންގެ ކައިވެނީގެ ވާހަކަ އޭނާ މުދައްސިރު ގާތުގައި ބުނީމަ އަޖައިބެއް ނުވަމު ހެއްޔެވެ ؟ ތިޔައީ ކާކުކަން ، ތޮއްޔިބަކަށް އޭރުވެސް ނުއެނގޭނެއެވެ. މުދައްސިރުގެ އެއްވެސްކަމެއް ނޭނގިހުރެ ، މުދައްސިރު އަހަރެންނާ ކައިވެނި ކުރުމުގެ ވާހަކަ ތޮއްޔިބު ދެއްކީމަ ، ޙައިރާނެއް ނުވަމު ހެއްޔެވެ ؟ އެއްވެސްކަމަކަށް އެކަމަކަށް ބޭނުންވާ ވަގުތު ނެތި ، ތޮއްޔިބު އެވާހަކަ ދެއްކީމަ އޭގެ އަނެއްދުވަހު މުދައްސިރު އަހަރމެންގެ ގެޔަށް އައިސް ކައިވެނީގެ ވާހަކަ ދެއްކުމާއި ބޭބެ އެކަމަށް ވަގުތުން ރުހި ތިންދުވަހުގެ ތެރޭގައި ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ނިންމުމަކީ އިއްތިފާޤެއް ހެއްޔެވެ ؟ މުދައްސިރަށް އެކަމުގައި އެއްވެސް މައްސަލައެއް ހަމަ ނެތީ ހެއްޔެވެ ؟ " ރާބިޔާ އޭނާގެ ވާހަކަ ނިންމައިލިއެވެ.

ރާބިޔާގެ ވާހަކަތައް އަޑުއަހަން މުދައްސިރު އިނީ ނުބައިވައްތަރެއްގެ އެހެނަސް ލަދުވެތި ހިނިތުން ވުމެއްގައެވެ. ރާބިޔާ އިނީ މުދައްސިރުގެ ޖަވާބުގެ އިންތިޒާރުގައެވެ.

އެކަންކަމަކީ ، މުދައްސިރުވެސް ޙައިރާންވި ކަންތައްތަކެކެވެ. އެހުރިހާކަމެއް އެހާ އަވަސް އަވަހަށް އެތުރި ތަރުތީބު ވެގެން ދިޔައިމައެވެ. މުދައްސިރުގެ ހިތުގައިވެސް އެތައް ސުއާލުތަކެއް އުފެދި ފުނިޖެހެމުން ދިޔައެވެ. ހުރިހާކަމެއް ވެ ނިމިގެން އެދިޔައީ އެއިން އެއްވެސް ސުއާލަކަށް ޖަވާބެއްވެސް ނުލިބިއެވެ. އެހާ އަވަހަށް ކައިވެންޏާ ހަމަޔަށް އެދިޔައީ ކިހިނެއްކަމެއް މުދައްސިރަކަށްވެސް ނޭނގެއެވެ. މުދައްސިރަކަށް ރާބިޔާއެއް އަދި ރާބިޔާއަށް މުދައްސިރުވެސް ރަނގަޅަކަށް ނޭނގެއެވެ. އޭނާއަށް ފެނުނު ގޮތުގައި ރާބިޔާގެ ބޭބެ ނުޢުމާނުވެސް ﷲ ގެ އިރާދަފުޅުން އެހާ ބައްޔެއްނޫނެވެ. ބޭބެގެ ހަށިގަނޑުން ބޮޑުބައްޔެއްގެ އަސަރެއް ފާޅެއް ނުވެއެވެ. އެކަން އެހެން އޮއްވައި ބައްދަލުވިތާ ދެތިން ދުވަހެއްގެ ތެރޭގައި ކައިވެނި ކުރަން ތާރީޚު ކަނޑައެޅިގެން ދިއުން އެއީ އޭނާވެސް އަޖައިބުވި ކަމެކެވެ.

އެކަން އެހެން އޮއްވައި މުދައްސިރު އެކަމަށް އިންކާރު ނުކުރީ ކީއްވެތޯ ރާބިޔާ ސުއާލު ކުރިއެވެ. އެމީހުންނާ މުދައްސިރު ސުއާލެއް ނުކުރަންތޯ ރާބިޔާ ސުއާލު ކުރިއެވެ. އެކަމާބެހޭގޮތުން މުދައްސިރު ސުއާލު ނުކުރީ ކީއްވެތޯވެސް ރާބިޔާ ސުއާލު ކުރިއެވެ. އެއްވެސް ސުއާލެއް ނުކުރަން ހެއްޔެވެ ؟ ރާބިޔާ ، މުދައްސިރަށް އަމާޒުކޮށް އެތައް ސުއާލެއް ކުރަމުން ގެންދިޔައެވެ.

" މީހެއްގެ ހިތުގައި އެހެން މީހެއްގެ ތަޞްވީރު ކުރެހިއްޖެނަމަ ، އެމީހަކާ ހަމަޔަށް ވާޞިލުވުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރާނެއެވެ. ވާއެއް ނުވާއެއް ނޭނގިއެވެ. އެއީ ހިތްއެދޭ މަންޒިލަށް ދިއުމަށްޓަކައި ތިބާގެ އަމިއްލަ ނަފުސަށް ނުއަންގައި ހިތް ކުރަމުންގެންދާނެ މަސައްކަތެކެވެ. ސަބަބާއި އިއްތިފާޤާ ހުރިހާކަމެއް އެ ހިތް ހޯދާނެއެވެ. ފަހަރެއްގައި އަހަރެންވެސް ކުރިކަމަކީ އެއީކަމަށް ވެދާނެއެވެ. ރާބިޔާގެ ކައިވެނި ކުރުމަށް އަވަސްވެ ގަތުމަށް ކޮއްކޮއާއި ބޭބެއަށް ކޮންމެ ސަބަބެއް އޮތް ނަމަވެސް ، އަހަރެންނަށް ލިބުނު އުފަލާއި ހިތްހަމަ ޖެހުމަކީ ، އަހަރެންގެ ހިތްހަމަ ޖެހޭފަދަ އަންހެންކުއްޖަކު ލިބުނީމަ ، އެކުއްޖާގެ އަތުގައި ހިފުމެވެ. " މުދައްސިރު ބުންޏެވެ.

މުދައްސިރުގެ ވާހަކަތައް އަޑުއަހަން އިނުމަށްފަހު ، ރާބިޔާ އޭނާގެ ހުރިހާ ވާހަކައެއް ކިޔައިދޭން އަދިވެސް ބޭނުންވާކަމުގައި ބުންޏެވެ. އެދެމީހުންގެ ގުޅުމަކީ ، އެއްވެސް އޮޅުވައިލުމެއްގެ ތެރެއިން އުފެދިގެންދާ ގުޅުމަކަށް ވާކަށް ރާބިޔާއެއް ނޭދެއެވެ. ވާހަކަ ނުދައްކައި އެތައް އިރެއްވުމަށްފަހު ، ރާބިޔާ އޭނާގެ ވާހަކަ ފެއްޓިއެވެ.

" ކުޑަދުވަސްކޮޅެއް ކުރިން އަހަރެމެންގެ ކެފޭއަށް މީހަކު އަންނަން ފެއްޓިއެވެ. ފުރަތަމަ ފަހަރަށް އައީ އިއްތިފާޤުން ކަމަށް ވެދާނެއެވެ. އެކަމަކު ، އޭގެފަހުން ، ތަންކޮޅެއް އަވަސް އަވަހަށް އޭނާ އަންނަން ފަށައިފިއެވެ. އޭނާއަކީ އަޚްލާޤީގޮތުން ދަށް ގުންޑާއިންގެ ގޮތްގަނޑު ހުންނަ މީހެއްކަން ފާހަގަ ކުރެވެމުން ދިޔައެވެ. އެންމެފަހުން ، ގަދަކަމުން އަހަރެންނާ ކައިވެނި ކުރަން އޭނާ ބޭނުން ވިއެވެ. އެކަމާ ބޭބެ ވަރަށް ކަން ބޮޑުވިއެވެ. ބޭބެގެ ހިތާމަޔަކީ ، އަހަރެންނަށް ފުރިހަމަ ރައްކާތެރިކަން ބޭބެގެ ފަރާތުން ދެވެން ނެތުމެވެ. އަދި ، ބޭބެގެ އަތުން އަހަރެން އެފަދަ ގުންޑާޔަކާ ޙަވާލުކުރެވިގެން ދިއުމެވެ. އޭނާ އަހަރެމެންނަށް ދީފައި އޮތީ އެންމެ ދިހަ ދުވަހެވެ. އެންމެ ފަހުން އަހަރެމެންގެ ގެޔަށް ގަދަކަމުން ވަދެ ، އޭނާ ދިޔައީ އިންޒާރެއް ދީފައެވެ. ދިހަ ދުވަސްވާ ދުވަހު އަހަރެންނާ ކައިވެނި ކުރަން އަންނާނެކަމަށް ބުނެއެވެ. މިވާހަކަތައް ، ތޮއްޔިބާއި ބޭބެ ، މުދައްސިރުގާތު ބުނެފައި އޮންނާނެކަމަކަށް ނުފެނެއެވެ. މިވާހަކަތައް އަޑުއަހާފައި ، އަހަރެން ކަހަލަ ކުއްޖަކާ ކައިވެނިކުރަން މުދައްސިރަށް ނުފެނިއްޖެނަމަވެސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. މުދައްސިރު ބޭނުންނަމަ ، އެކަމަށް އިންކާރު ކުރަން ވީއެވެ. އަހަރެން ބޭނުންވީ އަހަރެންގެ މިތެދާއި ޙަޤީޤަތް މުދައްސިރުގެ ކުރިމަށް ހުށަހަޅައި ހާމަ ކުރުމެވެ. " ރާބިޔާގެ ވާހަކަ ނިންމައިލިއެވެ. އަދި ފުން މާނޭވާއެއް ލައި ހިނިތުން ވެލިއެވެ.

ރާބިޔާގެ ވާހަކަ ނިމުމުން ، މުދައްސިރު ހިނިތުން ވެލިއެވެ. އެންމެ ފުރަތަމަ އޭނާއަށް ރާބިޔާ ފެނުނު ދުވަހުވެސް ، ރާބިޔާގެ މޫނުމަތިން ފެންނަ ރީތިކަމާއި ހެދިހުރި ހަށިގަނޑުގެ މައްޗަށް އޭނާގެ ހިތް ހުއްޓުނުކަމަށް މުދައްސިރު ބުންޏެވެ. އެންމެ ފުރަތަމަ އޭނާ އަޅއިގަތީ ރާބިޔާގެ ބޭރުފުށުގެ ރީތި ކަމާއެވެ. ރާބިޔާގެ ޖެހިލުންކުޑަ ކަމާއި ސާދާކަމާއި ހީވާގިކަން އެއީ މުދައްސިރަށް ފާހަގަ ކުރެވުނު ކަންކަމެވެ. އެކަމަކު ، މިއަދު ، ރާބިޔާގެ އަމިއްލަ ދުލުން ، ރާބިޔާގެ ޙަޤީޤަތް ހާމަކުރުމުން ، މުދައްސިރުގެ ހިތުގައި ރާބިޔާގެ މައްޗަށް އޮތް ލޯތްބާއި އިޙްތިރާމާ އަދި ޤަދަރު ، އެތައް ގުނަޔަކަށް އިތުރުވެގެން ހިނގައްޖެކަމުގައި މުދައްސިރު ބުންޏެވެ.

" ރާބިޔާއެވެ ! ތިއީ ވަރަށް ހިތްގައިމު ، ތެދުވެރި އަދި ލޯބިލޯބި ކުއްޖެކެވެ. އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށް ތިޔަފަދަ ކުއްޖަކު އަހަރެންނަށް ލިބުމަކީ ، އަހަރެންގެ ނަޞީބެވެ. ރާބިޔާ ތި ހާމަކުރި ކަންކަމާމެދު ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ބުރައެއް އޮތްނަމަ ، އެކަންކަން ފިލުވައިލާށެވެ ! ﷲ ގެ ރަޙުމަތް ފުޅާއެކީ ، ކައިވެންޏަށްފަހު ، އަހަރެމެން ދެމީހުން ވަރަށް އުފަލުގައި އުޅެވޭނެ ބާއްޖަވެރި ދިރިއުޅުމެއް މިންވަރު ކުރައްވާނެއެވެ. ރާބިޔާ ދެރަވާނެ އަދި ހިތަށް ތަދުވާނެ އެއްވެސް ކަމެއް ނުކުރާނަންކަމަށް އަހަރެން ވަޢުދު ވަމެވެ. " މުދައްސިރު ބުންޏެވެ.

ރާބިޔާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެއީ ރާބިޔާގެ ހިތަށް ކުރިން ލިބިފައި ނެތްފަދަ ހިތްހަމަޖެހުމަކާއެކީ އުފެދިގެންދިޔަ އުފާވެރިކަމުގެ ކަރުނައެކެވެ.

ރާބިޔާއާ ބައްދަލުކުރުމަށްފަހު ، މުދައްސިރު ގެޔަށްގޮސް އޭނާގެ ދައްތަޔަށް ފޯނުކޮށް ، ކައިވެންޏަށް ދައްތަ ގެނައުމުގެ މަސައްކަތް ފެއްޓިއެވެ. ދައްތަގެ ފިރިމީހާ ، އާސިމުވީ އޮފީހުކަމެއްގައި ސާރުޖާއިން ބޭރުގައެވެ. ދައްތަގެ ދަރިފުޅުގެ އެގްޒާމްގެ ދުވަސް ވަރެވެ. ކުއްލިޔަކަށް މާދަމާ ކައިވެނި ކުރަން ބޭނުންވިޔަކަސް ، ދައްތަޔަކަށް އާދެވޭކަށް ނެތެވެ. އެހެނަސް ، މުދައްސިރުގެ ތިމާގެ އެހެން އެއްވެސް މީހަކު ނެތެވެ. އެއީ ކައިވެނީގެ ރަސްމިއްޔާތުގައި އޭނާއަށް ލިބޭނެ ވަރަށް ނިކަމެތި ޙާލަތެކެވެ. މުދައްސިރު ކުރުނުކޮށްގެން ، އެންމެ ފަހުން ދައްތަ ، މުދައްސިރުގެ ކައިވެންޏަށް އައުމަށް އެއްބަސް ވިއެވެ. ދައްތަ އަންނާނީ ކޮންގޮތަކަށް ކިހިނެއްކަމެއް ނޭނގެއެވެ. މުދައްސިރު ބޭނުންވީ އާދެވުނު ގޮތަކަށް އޭނާގެ ކައިވެންޏަށް ދައްތަ އައުމެވެ. އަންނާނެ ގޮތެއް އެނގޭނީ ދައްތައަށެވެ.

މުދައްސިރު ، ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ، ނިދުމުގެ ކުރިން ޚަބަރު ބަލައިލުމަށްޓަކައި ޓީވީ ހުޅުވައިލިއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.