ރައީސް އޮފީހުން ކުރިއަށްގެންދާ "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ 2 ވަނަ މަސައްކަތު ބައްދަލުވުން ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދަވާ "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027" ގެ 2 ވަނަ މަސައްކަތު ބައްދަލުވުން، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބާއްވައިފިއެވެ.

މި ސެޝަން ޚާއްޞަކޮށްފައިވަނީ ޓީމު ބިނާކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމުގެ މައްޗަށެވެ.

"ޓީމް ބިލްޑިންގ އެންޑް ގްރޫޕް ޑައިނަމިކްސް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އަލްފާޟިލް ޠޯހާ ސަލީމެވެ. މި ސެޝަނުގައި، މުވައްޒަފުންގެ މެދުގައި ހަރުދަނާ ގޮތުގައި މުޢާމަލާތު ކުރުމާއި އިތުބާރު އުފެއްދުމާއި މަސައްކަތުގެ މާޙައުލުގައި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މީގެއިތުރުން، ޓީމުތަކުގެ ތެރޭގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި، މައްސަލަތައް ޙައްލުކުރާނެ ގޮތްތަކާއި، މަސައްކަތުގެ ރޫޙާއި ހިތްވަރު އާލާކުރެވޭނެ އެކަށީގެންވާ މާޙައުލެއް ޤާއިމުކުރުމާ ގުޅޭގޮތުންވެސް، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް" އަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި ތިއްބެވި ވެރިންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ދެ އަހަރު ދުވަހުގެ މުއްދަތަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމެންޓަރީ އެފެއާޒް އޮފީހުގެ ޕޮލިޓިކަލް އެޕޮއިންޓީސް ޕާފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމަންޓް ސެކްޝަނުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.