
އަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގެ ހުނަރު ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ މުދައްރިސުންގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގަ އެވެ.
މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވީ ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ ބަޔަކީ މުދައްރިސުންކަމަށާއި އަތޮޅުވެރީންނަށް ހިއްޕެވޭނީ ވަލުގައޭ، ބާރުލާނީ ރައްޔިތުންނޭ ބުނާ ބީދައިން ގައުމު ގެންދަން ބޭނުންވާ މިސްރާބު، އަމާޒުކުރާ ބަޔަކީ މުދައްރިސުންކަމަށެވެ.
މިފަދަ ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައިވާއިރު މުދައްރިސުން ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކަށް ނޫންކަމާއި މުދައްރިސުންގެ ސުލޫކާއި، ދަރިވަރުންނާއި މުޖުތަމައުއާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުޢާމަލާތްކުރާ ގޮތްތަކުން ވެސް ދަރިވަރުން ނަމޫނާ ނަގާނެކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން ދަރިވަރުންގެ ދިރިއުޅުމުގައި، އެކުދީންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި، އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ މީހުންކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އެހެންކަމުން ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން ނަމޫނާ ދެއްކެވުމަށް މިނިސްޓަރު ވަނީ މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
މިނިސްޓަރ ވަނީ ދީނާއި ގައުމުދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިޙްތިރާމްކުރުމާއި އިގްތިސާދު ކުރުންފަދަ މަކާރިމުލްއަޚްލާގުގެ އުޅުންތަކުން ފޭރާންލުމަށް މުދައްރިސުންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އިންދި އޮށުގެ ބާވަތަކުން ނޫނީ ގޮވާމެއް ނުކެނޑޭނެކަން ފާހަގަކުރައްވައި މުދައްރިސުން ދައްކާ ނަމޫނާ ނޫން އެހެން އުޅުމެއް އެކުދީންގެ ފަރާތުން، ފަހުން ނުފެންނާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.