އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ހުޅުމާލޭގައި ހަތަރު ސްކޫލެއް އަޅަނީ

 

ސަރުކާރުން ހުޅުމާލޭގައި ހަތަރު ސްކޫލެއް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވާ ކަމަށާއި އެ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ތަންތަން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމުން މާލޭގެ ހަތަރު ސްކޫލެއް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމާއި ގުޅޭގޮތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލާއި ސީއެޗްއެސްސީ އެއްދަންފަޅިއަށް ކިޔަވައިދޭގޮތަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް ސީއެޗްއެސްސީ އެއް ދަންފަޅިއަށް ބަދަލު ކުރަނީ ހުޅުމާލޭގައި އަޅާ އެ ސްކޫލްގެ އައު އިމާރާތަށް އެއްބައި ކުދިން ބަދަލު ކުރުމަށް ފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް. އެ ސިޔާސަތު ތަންފީޒުކުރަން މާލޭގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ސްކޫލުތަކުގައި އެކަށީގެންވާ ޖާގަ ނެތުން. މާލޭގެ ސްކޫލުތަކެއް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ޕްލޭނެއް މިނިސްޓްރީގައި އޮތް ނަމަވެސް އެ މަސައްކަތަށް ބޭނުންވާ ބަޖެޓް ލިބި ޕްލޭން ތަންފީޒު ކުރަން ފެށޭނެ ދުވަހެއް މިވަގުތު ދަންނަވަން ދަތި." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގައި އެއްދަންފަޅިއަށް ކިޔަވައިދެމުން ދަނީ އިއްޒުއްދީން ސްކޫލްގައި އެކަނިނަމަވެސް އަތޮޅު ތެރޭގެ ގިނަ ސްކޫލްތަކުގައި ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.