
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ މި ދަތުރުފުޅަކީ ސްރީލަންކާގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރަން އެ ގައުމަށް އެހީ ހޯދުމަށްޓަކާ ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ލަންކާގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯދުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ސީވީއެފް އަދި ލަންކާ މިޝަންއާ ބައްދަލުކުރައްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ސްރީލަންކާއަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަށް މަންދޫބެއްގެ ގޮތުގައި ސްރީލަންކާ ސަރުކާރުން ނަޝީދު އައްޔަން ކުރީ މީގެ ހަތަރު މަސް ދުވަސް ކުރިން ނަޝީދު އެގޮތަށް އެދިވަޑައިގެން ހުށަހެޅުއްވުމުން ނެވެ.
އެހެންނަމަވެސް މިހާތަނަށް ނަޝީދުގެ މަސައްކަތުން އެއްވެސް އެހީއެއް ސްރީލަންކާއަށް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.