ނާޒިމް ސައްތާރަށް ހުކުމް އިއްވުން މިއަދު

އެއްޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެފައިވާ ނާޒިމް ސައްތާރަށް ހުކުމް އިއްވުން މިއަދު އޮންނާނެ ކަމަށް ޕްރޮސިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ ނާޒިމަށް ހުކުމް ކުރުމުގެ އަޑުއެހުން އޮންނާނީ މިއަދު ހަވީރު 4:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ.

ބަންގްލާދޭޝްގެ އެމްޑީ އަލަމްގީރާއެކު، އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލަ ނާޒިމް ސައްތާރުގެ މައްޗަށް ސާބިތުވީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އޭނާ އެކަމަށް އިއުތިރާފުވުމުންނެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އެހެންނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އެއް ދަރަޖަ ލުއިކޮށް، އޭނާގެ މައްޗަށް އަންނާނީ ހަތް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. އަދި އޭނާ ބަންދުގައި ހަތް ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތު ވެސް ހުކުމުން އުނިވާނެއެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.

އަބްދުއްރަހުމާން ރަފީއު އާއި ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ފަށާފައެވެ.

މި މައްސަލައިގައި އަލަމްގީރަށް ކުރި ދައުވާގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ހަތް މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.