މަދިރިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

މަދިރިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ މިދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވަމުންދާތީއެވެ.

މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު، މިއަހަރު ބަލިޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ ޢަދަދު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވިޔަސް މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ ޢަދަދު މަދުވެފައިވާކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެހެންނަމަވެސް އިންފްލުއެންޒާ ޖެހުނު މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ޖުލައި މަހު ޓެސްޓުކުރި 54 މީހުންގެ ތެރެއިން 10 މީހަކު އެމަހު ޕޮޒިޓިވްވެފައި ކަމަށް ވެސް ބުންޏެވެ. އަދި އޯގަސްޓް މަހު ޓެސްޓުކުރި 111 މީހުންގެތެރެއިން 47 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 77 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ޑެންގީހުން ޖެހިގެން ރިޕޯޓުކުރި މީހުންނަށްވުރެ މިއަހަރުގެ މިދުވަސްވަރު ޑެންގީ ޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ.

އެހެންނަމަވެސް މިއަހަރުގެ ޖުލައި މަހަށްވުރެ އޯގަސްޓްމަހު ބަލިޖެހިގެން ރިޕޯޓުކުރި މީހުންގެ ޢަދަދު މަދުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ޖުލައި މަހު 322 މީހަކު ޑެންގީ ޖެހިފައިވާއިރު އޯގަސްޓް މަހު ރިޕޯޓުކޮށްފައިވަނީ 268 މީހެކެވެ.

ޑެންގީ ހުންޖެހިގެން ބޮޑުވަރުވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ޑޮކްޓަރުންވެސް ގެންދަވަނީ ފާޅުކުރައްވަމުންނެވެ. އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ ޑެންގީގެ ނުރައްކާ ބޮޑުވަނީ ބަލި ފަސޭހަވާ ދުވަސްވަރުކަމަށެވެ. އެގޮތުން ހުން މަޑުވާއިރު ހަށިގަނޑުގެ ލޭގެ ތަތްކަން ބޮޑުވެ ދެހަންދޭތެރެއަށް ލޭއަރާފައި ހުރުމަކީ ދިމާވާ ނުރައްކާތެރި ޙާލަތެއްކަމަށާ، ހަމުގެ ކުލަ ރަތްވާނަމަ އަވަހަށް ފަރުވާ ހޯދުމަށް ޑރ.ފައިސަލްވަނީ އިލްތިމާސްކުރައްވާފައެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަކީ މުހިންމުކަމެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެނދުނާއި ހަވީރު ބޭރަށް ނުކުންނައިރު މަދިރިން ރައްކާތެރިވެވޭނެ ފަދަ ބޭސް ބޭނުންކުރުމާއި ހަށިގަނޑު ރަނގަޅަށް ނިވާވާފަދަ ހެދުން ބޭނުންކުރުމަށް އެޗްޕީއޭއިން ބާރުއަޅުއްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.