އުއްމީދު - 17

(21 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަންނަކަށް ނޭނގޭ." އެއީ ސުވާލެއްގެ ޖަވާބެވެ.

އުއްމީދު ހުސް ފަޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވައިފިއެވެ. މިހާރަކު އެއްވެސް ޝައްކެއް ނެތެވެ. އޭނާ އެ އިނީ ކުރިމަތީގައެވެ. އެންމެނާއެކީ އިނދެގެން ހިނިތުން ވަނީއެވެ. އަދި ސައި ބޮނީއެވެ.

ދޮރު ހުޅުވުނު އަޑާއެކު އެންމެންގެ ސަމާލުކަން އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ.

"އުއްމީދަށް ގޮވަން އުޅެނިކޮށް އެ އައީ." މަންމަ އޭނާ ފެނުމާއެކު ބުނެފިއެވެ.

އޭނާ ޖެހި ބުދެެއްހެން ދޮރުމަތީގައި ހުރެގެން އީމާން ޢަލީއާ ދިމާއަށް ކަޅިވެސް ޖަހައިނުލައި ބަލަނީއެވެ.

އޭނާ ދިރިއުޅުމުގައި މިހައިތަނަށް އަމިއްލަ ނަފުސު ފިޔަވައި އެހެން މީހަކަށް ނަފުރަތެއް ނުކުރެއެވެ. ޖަހާންޒޭބް ދެކެވެސް ރުޅިއެއް ނާދެއެވެ. އޭނާއަށް ގަބޫލު ކުރެވިފައި އޮންނަ ގޮތުގައި ނަފުރަތު ކުރެވޭނީ ޚުދު އެމީހަކުގެ އަމިއްލަ ނަފުސު ދެކެ އެކަންޏެވެ. އެކަމަކު އެހެން މީހަކަށް ނަފުރަތު ކުރެވިދާނެކަން މިހާރު އޭނާއަށް އެބަ އެނގެއެވެ. އެ ނަފުރަތުގެ ހައްދެއް ނޯންނަކަންވެސް މިހާރު އެބަ އެނގެއެވެ. އޭނާގެ ކުރިމަތީގައި އިށީނދެގެން އިން އީމާން ޢަލީއަށް އޭނާ ހަމައެކަނި ނަފުރަތު ކުރަނީއެއް ނޫނެވެ. ފަކުރުވެސް އެބަގަނެއެވެ. އީމާންގެ މޫނަށް ކުޅެއް ޖަހައިފައި ހިތަށް އެރިހައި އެއްޗެއް ގޮވައިގަންނާން އޭނާ ބޭނުން ވެއެވެ. އޭނާގެ ކުރިމަތީގައި އަނދައަނދައި ހުރި އަލިފާންގަނޑެއް ހުރިނަމަ އެ އަލިފާންގަނޑުގެ ތެރެއަށް އީމާން އެއްލައިލާންވެސް އޭނާ ބޭނުމެވެ. އީމާންގެ މޫނާއި ހަށިގަނޑު ނޮޅައި ކުދިކުދި ކޮށްލެވޭ ވަރަށް އޭނާގެ ނިޔަފަތި ދިގު ވާނޭ ނަމައޭވެސް ހިތަށް އެރިއެވެ.

"އައްސަލާމް ޢަލައިކުމް." އީމާން ހިނިތުންވެލިއެވެ.

އުއްމީދު ހުރި ގޮތަށް ހަރަކާތެއް ނެތި ބަލަހައްޓައިގެން ހުރީއެވެ.

"އުއްމީދު. ސަލާމުގެ ޖަވާބު ދީބަލަ." މަންމަ އޭނާއަށް ހެޔޮ އަޚުލާގު ހަނދާން ކޮށްދޭ ކަހަލަ ރާގަކަށް ބުނެލިއެވެ.

"ދޮގުވެރި، މަކަރުވެރި، ހަޔާތްކުޑަ ޔަހޫދީއެއްގެ މައްޗަށް ﷲ ގެ ރަޙުމަތް ލެއްވުން އެދުމަކީ އަހަރެން ކުރާނޭ ކަމެއް ނޫނެވެ." އޭނާ ރުޅިވެރިކަމާއެކު ހިތާހިތާ ކިޔައިލިއެވެ.

އޭނާގެ މޫނުމަތީން ފެންނާން ހުރި ނުހުމުގެ އަސަރު ފާހަގަ ކުރެވުނީމާ އީމާންވެސް ސީރިއަސް ވެއްޖެއެވެ.

"އީމާންބެ އައީ ދައްތަ ބަލައި. މީގެ ބައިގަޑިއެއްހައި އިރު ކުރިން. އަހަރެން ބުނެފިން މިއަދު އޮތީ ދައްތަ އެނބުރި ލާހޯރަށް ދާ ގޮތަށޭ. ފޯނުން ނޫން އެހެން ގޮތްގޮތަށްވެސް ދައްތަޔާއި އުއްމީދުބެޔާ މި އޮތީ ގުޅިފައި ދޯ؟" އުއްމީދު ސަމާސާ ރާގަކަށް ބުނެލިއެވެ.

އުއްމީދު އަނގައިންވެސް ނުބުނެ އެނބުރި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

"ދައްތައަށް ކިހިނެއްވީ؟" ސާބިގު ހައިރާންވެފައި އަހައިލިއެވެ.

އީމާން ހައިރާނެއް ނުވެއެވެ. "އެހެރީ ރުޅި އައިސްފައި. އަހަރެން ބުނީމެއްނު މަސައްކަތް ބުރަވީމާ އުއްމީދަށް ފޯނު ނުކުރެވި ދިޔައީއޭ. މި ރަށަށް އެ އައީވެސް އަހަރެން ފޯނު ނުކުރީމާ ރުޅި އައިސްގެން. އަހަރެން ވާހަކަދައްކައިގެން ރުއްސައިފާނަން." އީމާން ސައިތަށި މޭޒުމަތީގައި ބަހައްޓައިފައި ކޮޅަށް ތެދުވަމުން ބުނެލިއެވެ.

އުއްމީދަށް ކޮޓަރި ތެރެއިން އީމާންގެ އަޑު އިވުނެވެ. "އުއްމީދު. ކިހިނެއް ހާލު؟"

އޭނާ އަނގަޔަކުން ނުބުންޏެވެ.

"މި މީހަކު އަހަރެންގެ ދިރުޅުމަށް އައީ ކީއްވެގެން ހެއްޔެވެ؟ މި ހުރިހައި ކަމެއް އަހަންނަށް މެދުވެރިވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މިހިރީ އަހަރެންގެ އެންމެ ބޮޑު އެދުން... އަހަރެންގެ ލޯބި ގުރުބާން ކޮށްލައިގެންނެވެ. އެކަމަކު އަހަންނާ މެދު ކަންތައް ވީ ގޮތް ނިކަން ދެކިބަލާށެވެ. އަހަރެންގެ ތަގުދީރުގައި ލިޔުއްވުނީ މި މީހާއެވެ. ޔަހޫދީއެކެވެ. މީނާޔާއެކު ދިރިއުޅޭތާ މިހާރު އެއް އަހަރު ވެއްޖެއެވެ. އަހަރެން ހީކުރީ އަހަންނަށްޓަކައި މީނާ ދީން ބަދަލުކުރީ ކަމުގައެވެ. މީނާއަށްވުރެ ޖަހާންޒޭބް މާ ރަނގަޅެއް ނޫން ހެއްޔެވެ؟ އެއީ ހަމަ ޔަގީނުންވެސް އިސްލާމެކެވެ. އޭނާޔާއެކު ދާން އަހަރެން ބިރުގަނެއެވެ. އެކަމަކު އަހަރެންގެ އީމާންކަން ދެމި އޮތީހެވެ. އަހަރެންގެ ކުރިމަތީގައި އީމާނަށް ވެގެން އައިސް މިހިރަ މީހާ އަހަރެންގެ ދިރިއުޅުމަކަށް ނައީހެއް ނޫން ހެއްޔެވެ؟"

އޭނާ ބޭއިޚްތިޔާރުގައި ﷲ އަށް ޝަކުވާ ކުރެވުނެވެ.

"އުއްމީދު ތިޔަހަރީ ރުޅި އައިސްފައިކަން އަހަންނަށް އެނގޭ. އެކަމަކު ކަންތައް ދިމާވީ ގޮތުން އަހަންނަށް ނުގުޅުނީ. އަހަރެން އައީ މިއަދު. އައި ގޮތަށް މިހިރީ އުއްމީދު ބަލައި އައިސް."

އީމާން އޭނާޔާ ކައިރި ވެލުމަށް ފަހު މައާފަށް އެދިފިއެވެ.

ކޮއްޕައި ދަމައި ގެންގޮސް އީމާން ކޮޓަރިން ނެރެލައިފާނަމޭ އޭނާގެ ހިތަށް އެރިއެވެ. އަޑުގައި ނެތް ތަނަށް ހަޅޭއް ލަވައިގެންފައި ކަލެޔާ ބެހޭ ގޮތުން އަހަންނަށް ނޭނގޭ އެއްވެސް ކަމެއް މިހާރަކު ނެތޭ ބުނެފާނަމޭވެސް ހިތަށް އެރިއެވެ. އެކަމަކު އެކަހަލަ އެއްވެސް އެއްޗެކޭ ނުބުނެވޭނޭ ކަމާއި އެފަދަ ކަމެއް ނުކުރެވޭނޭކަންވެސް އޭނާއަށް ރަނގަޅަށް އެނގެއެވެ. އެ ކޮޓަރީގެ ބޭރުގައި އެ ތިބީ އޭނާ މިހައިތަނަށް އެބަޔަކަށްޓަކައި ބޮޑެތި ބުރަތައް އުފުލި މީހުންނެވެ. އޭނާއަށް މިހާރު އެހެރަ މަގާމަށް އާދެވިފައި ވަނީ އެ މީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދނުމުގެ މަސައްކަތުގެ ތެރެއިންނެވެ. މިއަދު އެމީހުންގެ ކުރިމަތީގައި ސަލާންޖަހާ މީހަކަށް ވެގެން ހުރުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ދިހަ އަހަރު ދުވަހުން އެ މީހުންނަށް ހޯދައިދިން އުފާވެރިކަން އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި ހަލާކުކޮށްލުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ބޭނުން ވިޔަސް ކުރާކަށް ކުޅަދާނަ ވާވަރުގެ ކަމެއް ނޫނެވެ.

ދިރިއުޅުމައި އޭނާ ވަނީ ކެތްެތެރިކަމާއި ހިމޭންކަން އެތައް ފަހަރަކު އިޚްތިޔާރު ކޮށްފައެވެ. މި ފަހަރު އޭނާ އިޚްތިޔާރު ކުރަން ޖެހެނީ ކެތްތެރިކަމެއް ނޫނެވެ. ހިމޭންކަމެވެ. ކުޑަ ވަގުތުކޮޅަކަށެވެ. ދެތިން ހަތަރު ގަޑިއިރަށެވެ. ތާއަބަކަށް ނޫނެވެ. މީނާ ނައިނަމަ މިއަދު އަހަރެން މަރުވެގަތީމުހެވެ. އަޔަސް އަހަންނަށް އޮތީ މަރުވެގަތުމެވެ. އެކަމަކު މަރުވާނީ އެކަންޏެއް ނޫނެވެ. އީމާންކަން ހިމާޔަތް ކުރުމަކީ ކޮންމެ މީހަކުވެސް އަމިއްލައަށް ކުރަން ޖެހޭ ކަމެކެވެ. އަހަރެންވެސް އެ މަސައްކަތް ކުރާނީ އަމިއްލައަށެވެ. ބަދަލު ހިފާނަމެވެ. ބަދަލު ހިފޭނީ ވަރަށް ގިނަ ކަންތައް ކޮށްގެންނެވެ. އޭގެ ތެރޭގައި މިހިރަ މީހާގެ މަރުވެސް ހިމެނެއެވެ. މީނާއަކަށް ޑެނިއަލް އެޑްގަރަކުން އީމާނަކަށް ނުވެވުނެވެ. އެކަމަކު މީނާގެ މަރުން އަހަރެންގެ އީމާންކަން ފުރިހަމަ ވާނެއެވެ.

އުއްމީދު ހިނިތުންވެލިއެވެ. ކަންތައް ކުރާނޭ ގޮތް ސިކުނޑީގައި ރާވައި ނިންމައިލިއެވެ.

"އަހަންނަށް މައާފުކުރޭ." އީމާން މައާފަށް އެދިފިއެވެ. "މީގެ ފަހުން އެކަހަލަ ކަމެއް ނުކުރާނަން. ނުގުޅައެއް ނުހުންނާނަން."

"މިއަދު ކަލެޔާއި އަހަންނާ ދެމެދު އޮތް ހުރިހައި ގުޅުމެއް ކެނޑިގެން ހިނގައިދާނެއެވެ. މިއަދު ގުޅުން ކަނޑައިލާނީ އަހަންނެވެ."

"އަދިވެސް ރުޅިތަ؟" އީމާން އުއްމީދުގެ ކޮނޑުމަތީގައި އަތް ޖައްސައިލުމާއެކު އޭނާ ރުޅިވެރިކަމާއެކު ފޮޅުވައިލިއެވެ.

އީމާން ހައިރާން ވެފައި އަހައިލިއެވެ. "ކިހިނެއްވީ؟"

"އެއްވެސް ކަމެއް ނުވޭ. އަމިއްލަ ކުށް ގަބޫލުކޮށްފީމެއްނު؟ އެވީ." އޭނާ ދުރަށް ޖެހިލަމުން ބުނެލިއެވެ.

"އަދިވެސް ރުޅި ދޯ؟"

"ނޫނޭ. ރުޅިއެއް ނޫން."

އީމާން ކުޑަކޮށް ހިތްހަމަ ޖެހިއްޖެއެވެ. "އެމެރިކާގައި ދިމާވީ ހުރިހައި ކަމެއްގެ ވާހަކަ ލާހޯރަށް ގޮސް ކިޔައިދޭނަން. އުއްމީދު ދަބަސް ތައްޔާރު ކޮށްފީމެއްނު؟ މަންމަ ބުނީ މިއަދު ލާހޯރަށް ދާ ގޮތަށް ތައްޔާރު ވެގެންނޭ ތިޔަހަރީ. އަހަރެންވެސް މިއަދު ދާން އެބަ ޖެހޭ. ކުރަން ޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި. މަތިންދާބޯޓުން ޖާގައެއް ނުލިބުނު. އެހެންވީމާ ދާން ޖެހޭނީ އެއްގަމު މަގުން. މިހާރު ދަތުރަށް ނުކުންނަން ވެއްޖެ." އީމާން ގެންދިޔައީ އޭނާގެ ޕްރޮގްރާމް ރާވައިފައި އޮތް ގޮތް ކިޔައި ދެމުންނެވެ. އުއްމީދު ސިކުނޑީގައި އޭނާގެ ޕްރޮގްރާމް ރާވަނީއެވެ.

އީމާން އަނެއްކާވެސް އޭނާގެ ގާތަށް ޖެހިލިއެވެ. އެޔާއެކު އަނެއްކާވެސް ފަކުރުގަންނަ ކަހަލަ ގޮތެއް ވާން ފަށައިފިއެވެ. މި ފަހަރު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލުމުގެ ބަދަލުގައި ކޮލުގައި ފިރުމައިލިއެވެ.

"އަހަންނަށް އުއްމީދު މި ފެނުނީ އެއް މަހާއި ހަތަރު ދުވަސް ފަހުން. މި ވަގުތު ކުރެވޭ އިހުސާސްތައް ބުނެދޭކަށްވެސް ނޭނގޭ. ކޮންމެ ކޮންމެ ވާހަކައެއް ކިޔައިދޭކަށް އެހައި ފަސޭހައެއް ނޫން. އުއްމީދު ފެނުނީމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. ހިތްހަމަ ޖެހޭ ވަރުން..."

އޭނާ އީމާންގެ އަތް ދުރަށް ޖައްސައިލުމަށް ފަހު ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ.

"އަހަރެން ތައްޔާރުވާން އެބަ ޖެހޭ. ލަސް އެބަ ވެއެއްނު؟" އީމާންގެ ރައްދު އަމަލަކީ ކޮބައިކަން ބެލުމުގެ ބަދަލުގައި އޭނާ ކޮޓަރިން ނުކުމެއްޖެއެވެ.

"އަހަންނަށްވެސް އޭނާ މި ފެނުނީ އެއް މަހާއި ހަތަރު ދުވަސް ފަހުންނެވެ. އަހަރެންގެ އިހުސާސްތައް ބުނެދިނުންވެސް އެހައި ފަސޭހައެއް ނޫނެވެ. އެކަމަކުވެސް ކަލޭ ފެނުނީމާ އަހަންނަށް ލަދާއި ފަކުރުގެ އިހުސާސް އެބަ ކުރެވެއެެވެ." ކޮޓަރިން ނުކުމެގެން ދިޔައިރު އޭނާގެ ހިތަށް އަރައެވެ.

"އީމާން ބުނީ މިހާރު ދަނީއޭ. އަހަރެން ބުނިން މާދަމާ ދާށޭ. އެހައި އަވަހަށް ދަނީ ކީއްކުރަން؟" އޭނާ ނުކުތީމާ މަންމަ ބުންޏެވެ.

"ނޫނޭ. މިއަދު ދާން އެބަ ޖެހޭ. އީމާން މިއަދު ކުރަން ޖެހޭ މުހިއްމު މަސައްކަތްތަކެއް އެބަހުރި. އެހެންވީމާ މިއަދު ނުގޮހެއް ނުވާނެ." އޭނާ ބުނެލިއެވެ.

"މަތިންދާބޯޓު ޓިކެޓެއްވެސް ނުލިބެއެއްނު؟ އެއްގަމު މަގުން ދިޔައީމާ ދެވޭނީ ވަރަށް ލަހުން. ވަރުބަލިވެސް ވާނެ." މަންމަގެ ފިކުރު ބޮޑުވެއްޖެއެވެ.

"ނުވާނެ. މަންމަ އެހައި ކަންބޮޑު ނުވޭ." ފިނި ރާގަކަށް މިހެން ބުނެލުމަށް ފަހު އޭނާ ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެއްޖެއެވެ.

ފެންވަރައި ނިމިގެން ރަނގަޅަށް ތައްޔާރު ވެގެން ނުކުތްއިރު އީމާން މަންމައާ ވާހަކަދައްކާން އިނެވެ. އޭނާ އެ ދެ މީހުންނާ ދިމާއަށް ބަލައިލުމަށް ފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރީގައި އިނދެގެން ފަތަޙަ ސޫރަތް ކިޔެވުމަށް ފަހު ދުޢާކުރިއެވެ.

"މި އަޅާއަށް މިހާރު ލިބިފައި މި ވަނީ އެންމެ ފުރުސަތެކެވެ. މިއީ މި އަޅާއަށް ކުރެވިފައިވާ ފާފަތަކުގެ ކައްފާރާ އަދާކުރަން ލިބޭ އެންމެ ފަހުގެ ފުރުސަތެވެ. ކައްފާރާއަކީ ދެމީހުންގެ ލެއެވެ. މިއަޅާގެ ފާފައާ ހަމަވާ ވަރުގެ ކަމަކީ އެއީއެވެ. މި އަޅާއަށް ބާރާއި ސާބިތުކަންމަތީ ދެމިހުރުމުގެ ތައުފީގު ދެއްވައިފާނދޭވެ. އެއީ އޭނާގެ ފުރާނަ ހިފާ ވަގުތު މި އަޅާގެ އަތް ތުރުތުރު ނާޅާވަރުގެ ސާބިތުކަމެކެވެ. ކުރެވޭ ކަމަކާމެދު ދެރަނުވާ ވަރުގެ ސާބިތުކަމެކެވެ. ސިކުނޑީގައި ބިރުވެރިކަން ނުއުފެދޭ ވަރުގެ ސާބިތުކަމެކެވެ. ލޮލުން ކަރުނާ ނާންނަވަރުގެ ސާބިތުކަމެކެވެ. މިއަޅާގެ ހިތް ހިލަ ކުރައްވައި ލޯ ހިކިކަންމަތީ ލަހައްޓަވައި ދެއްވައިފާނދޭވެ. ދިރިއުޅުމުގައި އީމާންކަމާއި ލޯބީގެ ތެރެއިން އެކައްޗެއް ޚިޔާރުކުރާން މި އަޅާއަށް މި ޖެހެނީ ދެވަނަ ފަހަރަށެވެ. މި ފަހަރު އަނެއްކާވެސް މި އަޅާ ލޯބީގެ ބަދަލުގައި މި ޚިޔާރު ކުރަނީ އީމާންކަމެވެ. މި އަޅާގެ ނިޔަތް މޮޅަށް ދެނެވޮޑިގެން ވަނީ އިބަ ﷲ އެވެ. މި އަޅާގެ ކޮންމެ ޢަމަލެއް ވަނީ އިބަ ﷲ އަށްޓަކައެވެ." އޭނާގެ ގައިގައި ވަރުޖެހިއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެއެވެ.

އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. ސަފީނާ ސައި ހަދަނީއެވެ. އީމާން އޭނާއާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭނާގެ މޫނުމައްޗަކުން ވަކި ތަފާތު އަސަރެއް ފާހަގައެއް ނުކުރެވެއެވެ.

"އަހަރެން ތައްޔާރު ވެއްޖައިން. ހިނގާ." އޭނާ އީމާނާ މުޚާތަބުކޮށް ބުނެލިއެވެ.

"އެހެން ދެވޭތަ؟ އިހަށް ނާސްތާކުރަން ހިނގާ." މަންމަ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ.

"އަހަރެން ބަނޑުހައެއް ނުވޭ."

"ބަނޑުހައި ވިޔަސް ނުވިޔަސް ސައި ނުބޮއި ގޮސްގެން ނުވާނެ. ތިޔައީ ދަރިފުޅުގެ ނުބައި އާދައެއް. ކެއުމަށް މާ ބޮޑަށް ފަރުވާ ކުޑަ ކުރުމަކީ ދެރަ ކަމެއް." މަންމަ އީމާނާ ދިމާއަށް ބަލައިލިއެވެ. އީމާން ހިނިތުންވެލިއެވެ. "ލާހޯރުގައިވެސް މީނާ އުޅެނީ މިހެންތަ؟"

"ނޫނޭ. ލާހޯރުގައި ގަޑިންގަޑިއަށް ކައިބޮއި ހަދާ. މި ތަށަށް އާދެވުނީމާ ފަރުވާ ކުޑަ ކުރީ ކަމަށް ވެދާނެ." އޭނާ އުއްމީދާ ދިމާއަށް ފުން ނަޒަރެއް ހިންގައިލިއެވެ.

ސައި ބޮއި ނިމުމާއެކު މުޢީން ކުލީކާރެއް ގެނުވައިފިއެވެ. އަދި އުއްމީދާއި އީމާންގެ ސާމާނު ކާރަށް އަރުވާން ފަށައިފިއެވެ. ގޭ އެންމެން އެ ދެމަފިރިންނަށް އަލަވަދާއު ކިޔަން ގޭ ދޮރުމައްޗަށް ނުކުމެއްޖެއެވެ. ނުކުމެގެން ދަމުން އޭނާ އެނބުރި މަންމައާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު ކުއްލިއަކަށް ލޮލަށް ކަރުނަ ގިނަވެގެން ހިނގައްޖެއެވެ. މިއީ އޭނާއަށް އެ މީހުން ފެންނާނޭ އެންމެ ފަހު ވަގުތެވެ. އީމާން ހައިރާން ވެފައި ބަލަހައްޓައިގެން ހުއްޓެވެ. ލޮލުން އެތައް ސުވާލެއްގެ އަސަރު ފައުޅުވެއެވެ.

އީމާން ފުން ނޭވައެއް ލުމަށް ފަހު ކުރިއަށް ހިނގައިގެންފިއެވެ. އުއްމީދު އޭނާގެ ފަހަތުން ހިނގައިގެންފިއެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.