އަމީރާ ސުލްޠާނާގެ ނާރެސް - 51

(6 ޖުލައި 2022 ގެ ބަޔާ ގުޅޭ)

އެންމެފަހުން ، އަޅުގަނޑުގެ ދަރިފުޅު ގަޔާލައި ބޮނޑިކޮށްލަން ބޭނުންވި ވަޤުތު ، އަމާނީ އޭނާގެ އަތް ހޫރާލައި ނޫނެކޭބުނުމަށް އަޅައިލުންކުޑަގޮތަކަށް އިޝާރާތް ކޮށްލިއެވެ.

"ނޫނެކެވެ. މަންމާއެވެ! ދެރަނުވާށެވެ. ޕްރޮފެސަރުގެ ޙަރަކާތުގައި އަންހެނުންނަށް އެއްވެސް ދައުރެއް ނެތެވެ. އަހަރެންނަކީވެސް އެމީހުންނަށް ބޭނުންވާނެ މީހެއްނޫނެވެ. އެޖަމާޢަތާގުޅެން އެމީހުން ބޭނުންވަނީ ، ކިޔަވައިގެންތިބި ، ނޫކަށި ޒުވާން ފިރިހެނުންނެވެ." އަމާނީ އޭނާގެ އެއްލޯ މަރައިލަމުން އަޅުގަނޑަށް ކުރިމަތިލައިގެންހުރެ ބުންޏެވެ.

"އަލްޙަމްދު ލިއްލާއި. ﷲ އަށް ޙަމްދު ހުއްޓެވެ." އެޙަރަކާތުގައި އަންހެނުން ބައިވެރިނުކުރާ ވާހަކަ ، އަޅުގަނޑުގެ މުޅި ޢުމުރުގައިވެސް އަޑުމިއެހީ ފުރަތަމަ ފަހަރަށެވެ.

"އަހަރެންނަށް އެނގިފައި އޮތް އެއްޗެއްވިއްޔާ އެނގުނީ ، ރައްޓެއްސެއްގެ ފަރާތުންނެވެ. އޭނާގެ ބޭބެއަކީ ، އެޙަރަކާތުގެ ޓޭޕާއި ވީޑިއޯ އަދި ލިޔުންތައް ބަހައިހަދަންއުޅޭ ޒުވާނެކެވެ. އަހަރެންގެ ރަޙުމަތްތެރިޔާގެ ބޭބެއަކީ ، ކިޔަވައިގެންހުރި ޒުވާނެކެވެ. ޕްރޮފެސަރުގެ ޙަޔާތާބެހޭ ހުރިހާ މަޢުލޫމާތެއް އެ ޒުވާނާއަށް އެނގެއެވެ. އަހަރެން މަންމަގާތު މިކިޔައިދޭ ވާހަކަތަކަކީ ، އެޒުވާނާގެ އަންހެންކޮއްކޮ ، އަހަރެންގެ ރައްޓެހި އަންހެންކުއްޖާއަށް ކިޔައިދީފައިހުރި ވާހަކަ ތަކެވެ." އަމާނީ ވަރަށް ފަޚުރުވެރިކަމާއެކު ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ޢާންމު ފަރުދަކު ކޮށްދީފާނެ ކަންކަމަށްވުރެ މާގިނަ ކަންކަން ، އަހަރެމެންގެ ޝާހީ ޢާއިލާއިން ސުޢޫދީ އަންހެނުންނަށް ކޮށްދޭނެކަން ، އަހަރެމެން އަންހެނުން ޤަބޫލުކުރަން ޖެހެއެވެ. އެމީހާ ދިމިޤްރާތީ ހަމަތަކޭ ކިޔައިގގެން އެދައްކާ އަދި ފަތުރާ ހަމަނުޖެހުން އުފެދޭ ވާހަކަތަކުން ، ސަހަރާގެ ބިން ހޫނުވުންނޫން އެހެންކަމެއް ނުވާނެއެވެ. އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ ދައްކަންވީމަ ، އޭނާއަކީ ހަމަ ، ސުޢޫދީ އެހެންފިރިހެނުންފަދަ ފިރިހެނެކެވެ. އެތަފާތެއް ޕްރޮފެސަރަކަށް ނުދެއްކޭނެއެވެ." އަޅުގަނޑުގެ ހިތުގައި އެއްވެފައިހުރި ވާހަކަތައް މަހާއަށް އަމާޒުކޮށް ، ދޫކޮށްލީމެވެ. އެކަމުގައި އަޅުގަނޑާ އެއްފިކުރުގެ ދަރިޔަކީ އެއީކަމަށްވާތީއެވެ.

"ޕްރޮފެސަރުގެ ޖަމާޢަތުގައި އަންހެނުންނަށް ދައުރެއް ނެތޭ އެއީ އަމާނީ އަމިއްލަ ނަފްސަށް ބުނި އެއްޗެއް ހެއްޔެވެ؟" އަމާނީގެ ސަމާލުކަން ހޯދަން ބޭނުންވެހުރެ ، އަޅުގަނޑު ބުނީމެވެ.

"އެމީހާއާ ބެހޭ މަޢުލޫމާތު ބޭނުންވާވަހަކަ މަންމަ ބުނީމެއްނޫންހެއްޔެވެ. އަދިވެސް ބޭނުން ހެއްޔެވެ؟" އަމާނީ މަޑުމައިތިރިކަމާއެކު ބުންޏެވެ. އަމާނީއަށް އެނގޭ ހުރިހާ އެއްޗެއް އެނގެން ބޭނުންވާކަމުގައި ، އަޅުގަނޑު އަވަސްއަވަހަށް ބުނީމެވެ.

"އެމީހާއާ ބެހޭގޮތުން އަމާނީއަށް އެނގޭހުރިހާ އެއްޗެއް އެނގެން މަންމަ ބޭނުމެވެ." ކިޔައިދޭށެވެ. އަޅުގަނޑު ބުނީމެވެ.

"އަހަރެންނަށް ކިޔައިދެވުނީ ކިހާ ހިސާބަކަށް ހެއްޔެވެ؟" އަމާނީ އޭނާގެ މަތީ ތުންފަތުގައި ތިރީދަތްޕިލައިން ދަތްއަޅައިލަމުން ބުނެލިއެވެ.

"ރަސްކަމުގެ ތަޚުތާމެދު ، އެއިދިކޮޅުމީހާގެ ޢާއިލާއިން އަބަދުވެސް ސުއާލު އުފައްދައެވެ." މަހާ ، އަމާނީއަށް ހަނދާންކޮށްލަދިނެވެ.

އާނއެކެވެ. އެހިސާބަށެވެ. ދިމިޤްރާތީ ހަމަތައް ޤަބޫލުކުރާ ޢާއިލާއަކަށް އުފަންވެ ، ހެދިބޮޑުވުމުގެ ސަބަބުން ، އެހަމަތައް އުފައްދައި ތަންފީޒުކުރުމަކީ ޕްރޮފެސަރުގެ ކަމެކެވެ. ދިމިޤްރާތީ ހަމަތައް ، ސަރުކާރުން ތަޢާރުފް ކުރޭތޯ ޕްރޮފެސަރު އިންތިޒާރު ކުރިއެވެ. އެކަމަކު އެއިންތިޒާރު ދިގުލަމުންގޮސް ، ބަދަލުވެގެންދިޔައީ ރައްޔިތުންނަށް ލިބޭ ވޭނަކަށެވެ.

ފުރަތަމަކޮޅުގައި ، އަލް މަޝްޢަރީއަށް ކޮންމެވެސް މިންވަރެއްގެ އިޙްތިރާމެއް އަޅުގަނޑުގެ ހިތުގައިވެސް އުފެދިފައި އޮތެވެ. އެއީ އޭނާ އެދަޢުވާ ކުރާ އަދި ދައްކާ ބައެއްވާހަކަޔަކީ ރަނގަޅުވާހަކަ ކަމަށް ބައެއްފަހަރަށް އަޅުގަނޑުގެ ބުއްދިއަށްވެސް ޤަބޫލުކުރެވޭތީއެވެ. އެކަމަކު ، އަޅުގަނޑުގެ ޢާއިލާގެ ކިބައިން ސުޢޫދީވެރިކަމުގެ ބާރުތައް ނިއުޅިގެންދާކަށް ދުވަހަކުވެސް އަޅުގަނޑެއް ނޭދެމެވެ. އަދި މުޙައްމަދު އަލްމަޝްޢަރީއަކީ ސުޢޫދީ ޢަރަބިއްޔާގައި އޮތްފަދަ އިސްލާމީ ވެރިކަމެއް ހިންގޭފަދަ ޤާބިލްމީހެއްނޫނެވެ. ހަނގުރާމައިގެ ފަހުލަވާނުންތަކެއްގެ ފަޚުރުވެރިކާމިޔާބީއާއި ފަތަޙަތަކުގެ ރީތި ތާރީޚެއްއޮތް އަދި އެކަންކަމުގެ މުގޫގުޅިފައިވާ ސުޢޫދީ ރަސްކަން ، އަލްމަޝްޢަރީފަދަ މީހަކު އިސްވެހުރެ ރޫޅާލައިގެން ޤައުމުގައި އެއްބައެއްވަންތަކަން ޤާއިމްކުރުން އެއީ ފަސޭހަކަމަކަށް ނުވާނެވެ.

ސުޢޫދީ ޢަރަބިއްޔާ އުފެދިގެންވަނީ ތަފާތު ޤަބީލާތަކެއްގެ މައްޗަށެވެ. ތަންދޮރު އޮޅުންނުފިލާ ބަދަވީންގެ ދަރިފަސްކޮޅާއި މުއްސަނދި ވިޔަފާރިވެރިންނާއި މެދުފަންތީގެ ތަޢުލީމްޔާފްތާގެ ޢާއިލާތަކުގެ މައްޗަށެވެ. ސުޢޫދީ ޢަރަބިއްޔާ އުފެދުނީއްސުރެ ، މިހުރިހާ ޤަބީލާތަކެއް އަދި ދަރިފަސްކޮޅެއް ރުއްސައިގެން އެއްބައެއްވަންތަ ވެރިކަމެއް ޤާއިމްކޮށް ވެރިކަންކުރަމުން މިގެންދަނީ ސަޢުދު ޢާއިލާއިންނެވެ. އެހުރިހާ ދަރިފަސްކޮޅެއް ، އަދި ޤަބީލާއެއްގެ މީހުން ރުހޭގޮތަށް ވެރިކަން ހިންގުމަކީ ، ދިމިޤްރާތީ ހަމަތައް ތަޢާރުފްކޮށްގެން ކުރެވިދާނެކަމެއްނޫނެވެ. އަމާނީގެ އަޑަށް އަޅުގަނޑު ސަމާލުވީމެވެ.

"ޕްރޮފެސަރުގެ ފިކުރާ އެއްގޮތަށް އެހެންމީހުންގެ ވިސްނުން ޕްރޮފެސަރަކަށް ބަދަލެއް ނުކުރެވުނެވެ. އެކަމަކު ޢިރާޤުން ކުވޭތަށް އަރައި ކުވޭތުހިފުމުން ، ހުރިހާކަމެއް ބަދަލުވެގެން ދިޔައެވެ. އަހަރެމެންގެ އަމިއްލަ ޤައުމު ދިފާޢުކުރެވިދާނެކަމުގެ ޝައްކުގައި ބޭރުޤައުމަކުން އަހަރެމެންގެޤައުމު ސަލާމަތްކޮށްދޭން ސިފައިންގެންނަން ޖެހުނެވެ. ބޭރުސިފައިން ސުޢޫދީގައި ކުއްލިގޮތަކަށް ޤާއިމްވުމުގެ ސަބަބުން ، ޢާންމު ރައްޔިތުން ސިޔާސީ މީހުންނަށް ބަދަލުވެ ، އެބައިމީހުންގެ ވިސްނުން ކަފިކަފިވެގެން ދިޔައެވެ. އާލްސަޢުދުގެ ގަނޑުވަރުންނެރޭ އެންމެފަހު ސަންދޯކުގައި އެންމެފަހުން ޖަހާ މޮހޮރު އެއީ ސުޢޫދީ ރައްޔިތުން ދެކޭގޮތުގައި އެޤައުމަށް އަރާތިބި ބިދޭސީ ސިފައިންނެވެ. އަމިއްލަ ޤައުމު ޙިމާޔަތްކުރެވޭފަދަ އުރަތްޕެއްނެތިގެން ވިރާސީ ރަސްކަން ދިފާޢުކުރުމަށްޓަކައި ބޭރުސިފައިން ގެންނަންޖެހުމަކީ ޝާހީޢާއިލާއަށް ރައްޔިތުން މަލާމާތްކުރަމުން ގެންދާ ކަމެކެވެ. އެއީ އާލް ސަޢުދުގެ ރަސްކަމުގެ ނިމުންކަމުގައި ، ޚުދު ސުޢޫދީގެ ރައްޔިތުން މިއަދު އެބަ ދެކެއެވެ. އެންމެފަހު ސަންދޯކުގައި ޖަހާނެ އެންމެފަހު މޮހޮރު އެޖަހަނީއެވެ." އަމާނީ އޭނާގެ އަތުން އެމޮހޮރުޖަހަނީކަމުގެ އިޝާރާތާއެކު ކިޔައިދިނެވެ.

"އެހެންވީމަ ، ހުޅަނގުގެ ޢަދުއްވުންނާގާތް ގުޅުމެއް އުފެއްދުމުން ، ބޮޑުބޭބެ ފަހުދަށް ، އެމަނިކުފާނުގެ ޤައުމުގެ އަމިއްލަ ރައްޔިތުން ގެއްލެނީއެވެ." އަމާނީ ވަރަށް ޔަޤީންކަމާއެކު ކިޔައިދެމުން ގެންދިޔައެވެ.

"ތިއީ ދޮގެކެވެ. ސުޢޫދީ ހުރިހާ ރައްޔިތުންވެސް ރަސްގެފާނު ދެކެ ލޯބިވެއެވެ." މަހާ އަށް ހިމޭނަކުން ނުއިނދެވުނެވެ. އެހެންނަމަވެސް . އަމާނީ އޭނާގެ ކޮއްކޮއާ އެކަމުގައި ޖަދަލުކުރާކަށް ނޫޅުނެވެ. އޭގެބަދަލުގައި ދިނީ މަލާމާތުގެ ހިނިތުންވުމެކެވެ.

އަޅުގަނޑުމެންގެ އަވަށްޓެރި އަދި އެކުވެރި ޢިރާޤުގެ ރައީސް ޞައްދާމް ޙުސައިން ، ކުވައިތަށް އެރިގޮތަށް ސުޢޫދީއަށްވެސް ބޮން އަޅާކަށް ފަހަކަށް ނުދާނެއެވެ.

"މޮޔަ ރަޙުމަތްތެރިޔަކަށްވުރެ ބުއްދިވެރި ދުޝްމަނަކުވެސް މާ ރަނގަޅުވާނެއެވެ. އަމާނީއެވެ! މިވާހަކަ ހަނދާން ނައްތައި ނުލައްޗެވެ."

"ދެން ، ދައްތައަށް އެނގެނީ ކޮންވާހަކައެއް ހެއްޔެވެ؟" މަހާ މިކަންތައްތަކުގެ މައްޗަށް އިތުރަށް ޝަޢުޤުވެރިކަން އުފައްދަމުން އޭނާގެ ދައްތައާ ސުއާލުކުރިއެވެ.

"ވާހަކައިގެ ބާކީހުރި ހުރިހާކަމެއް އެއީ ސުޢޫދީގެ ކޮންމެ މީހަކަށްވެސް އެނގޭ ކަމެކެވެ. ހުޅަނގުގެ ސިފައިން ސުޢޫދީގެ ގަސްގަނޑުގައި ޤާއިމްވުމާއެކު ، އެތައްޒަމާނެއްވަންދެން ނިދާފައިތިބި ސުޢޫދީ ރައްޔިތުން ލޯހުޅުވައިލައިފިއެވެ. ކިޔަވައިގެންތިބި މީހުން ޚިޔާލު އެއްގޮތްކުރުމަށް ބައްދަލުވުންތައް ބާއްވަން ފަށްޓައިފިއެވެ. އަދި އިދިކޮޅު ޖަމާޢަތެއް އުފައްދައިފިއެވެ." އަމާނީގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"އަމާނީ އެބުނީ ތެދެކެވެ. ރަސްކަމާ އިދިކޮޅު ޙަރަކާތުގެ ކޮމިޓީއެއް އޮންނަކަން ސުޢޫދީގެ ކޮންމެ ރައްޔިތަކަށްވެސް އެނެގޭނެއެވެ. ފަނޑިޔާރުންނާއި ވިޔަފާރިވެރިން ، އަދި ކިޔަވައިގެންތިބި ތަޢުލީމީ މީހުން ، އަދި ، ދީނީ އިމާމުންގެ 50 މީހުން އެކޮމިޓީގައި ތިބެއެވެ. އެބައިމީހުންވަނީ ދާދިފަހުން ، ރަސްގެފާނަށް ސިޓީފުޅެއްވެސް ފޮނުވައިފައެވެ.

      އެސިޓީގައި އެމީހުން އެދިފައިވަނީ ސަރުކާރު ހިންގުމުގައި އެމީހުންގެ ބައިވެރިވުން ހިމަނައި ، އެމީހުންނާ ދެކޮޅަށް ހިންގޭ ޙަރަކާތްތައް ހުއްޓުމަށެވެ. ކަމުވޮށިވެގެންވާ 400 އަށްވުރެގިނަ ރައްޔިތުން އެސިޓީގައި ސޮއި ކޮށްފައި ވެއެވެ. އެސިޓީ ރަސްގެފާނަށް ލިބިވަޑައިގަތުމާއެކު ، ޝޮކެއްލިބިވަޑައިގެންނެވިކަމަށް ވެއެވެ. އެއީ ދީނީ އިސް ޢިލްމުވެރިންގެ ކޮމިޓީއަށް މައްސަލަ ގެންދެވުމުގެ ކުރިންނެވެ. ކުރިން މިދެންނެވި އިދިކޮޅު ޙަރަކާތަކީ ޣައިރުޤާނޫނީ ޙަރަކާތެއްގެ ގޮތުގައި ނިންމެވީ ދީނީ އިސް ޢިލްމުވެރިންގެ ކޮމިޓީން އެގޮތަށް ނިންމުމަށް ރަސްގެފާނު އަންގަވައިގެންނެވެ. އަދި އެ ޙަރަކާތް ނުވަތަ ކޮމިޓީ އުވާލައި ، އެކޮމިޓީގައި ބައިވެރިވާ މީހުންނަށް އަދަބުދިނުމަށް ކޮމިޓީން ނިންމިއެވެ. ސިއްރު ފުލުހުން ، ޕްރޮފެސަރު ހައްޔަރުކުރިއެވެ. އަދި ރިޔާޛާ މާދުރުނޫން ހިސާބެއްގައިހުރި ޖަލެއްގައި ހައްޔަރު ކުރިއެވެ.

"އެޖަލުގައި އަނިޔާކޮށް ، 6 މަސްވަންދެން ޕްރޮފެސަރު ބަންދުކޮށްފައި ބެހެއްޓިކަން އަހަރެންނަށް އެނގެއެވެ." މަހާމިބުނި ބަހަކުން މަހާއަށް އަސަރުކޮށްފިއެވެ. އަދި އޭނާގެ ދޫ ބޭރަށްނެރެ ދަތް އަޅައިލިއެވެ.

"ދަރިފުޅާއެވެ! ފަހަރެއްގައިވެސް ހަނދާން ނައްތައިނުލާށެވެ. އެމީހާ އެމަސައްކަތްކުރަނީ އަހަރެމެންގެ ޢާއިލާ ވެރިކަން ވައްޓައިލުމަށެވެ." އަޅުގަނޑު ، އަމާނީއާ ދިމާއަށް ސީދާ ބަލަހައްޓައިގެންހުރެ ބުނީމެވެ.

"ރައްޓެހިންގެ ފަރާތުން އެނގިފައިވާގޮތުގައި ، ޕްރޮފެސަރަށް ، ޖަލުގައި ވަރަށް އަނިޔާކުރިއެވެ." އަމާނީގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"ޖަލުގައިއުޅޭ މީހުން އަނިޔާކުރަމުންގޮސް އޭނާގެ މޫނަށް ކުޅުޖަހާކަމަށްވެސް ވެއެވެ. އޮނުމުގުރިން އޭނާގެ ކަށިމަތީގައި ތެޅިއެވެ. އޭނާގެ ތުނބުޅިޔަށްވެސް ދަމާ ، ކަންފަތްމަތީގައިވެސް ތެޅިއެވެ." އަޅުގަނޑުވެސް އެކަމަކާ ދެބަހެއްނުވަމެވެ. ސުޢޫދީ ޖަލުގައިވެސް ކުށްވެރިންނަށް އެކިޒާތުގެ ނުޙައްޤު އަނިޔާ ކުރުމަކީ ޢާންމު ކަމެކެވެ.

"އަހަރެންގެ ރަޙުމަތްތެރި ކުއްޖާބުނިގޮތުގައި ، ޕްރޮފެސަރު ސޮއިކުރަންދިން ލިޔުމުގައި ސޮއިނުކުރުމުންވެސް ވަރަށް އަނިޔާކުރިއެވެ. ކުށަށް އިޢުތިރާފު ނުވުމުން ، ޕްރޮފެސަރަށް އަދަބެއް ދޭން ހައިކޯޓުން އިންކާރުކުރިއެވެ. ސަރުކާރުން ކުރިމަތިލާފައިވަނީ ވަރަށް ހިތްވަރުގަދަ މީހަކާއެވެ. ޤާނޫނުބުނާގޮތުން އޭނާއަށް އޮންނާނީ ދެގޮތެކެވެ. ބޯބުރިކޮށްލުމެވެ. ނުވަތަ ދޫކޮށްލުމެވެ. ކުށަށް އިޢުތިރާފްނުވާތީ ބޯބުރިކޮށްލެވޭކަށް ނެތެވެ. އެހެންވީމާ ދެން އޮންނާނީ ދޫކޮށްލުން ނޫންހެއްޔެވެ؟ އެންމެފަހުން ހައިކޯޓުން ޕްރޮފެސަރަށް ފުރުޞަތުދިނީ ކުށުން ބަރީޢަވުމަށް އެޕީލް ކުރުމަށެވެ. އަދި ސިޔާސީކަންކަމުން ދުރުވެއްޖިއްޔާ މިނިވަންކޮށް ދޫކޮށްލެވިދާނެކަމަށްވެސް ޕްރޮފެސަރަށް އެންގުނެވެ." އަމާނީ ކިޔައިދިނެވެ.

      އަމާނީ އެބުނަނީ ޢާންމުގޮތެއްގައި އެކަން ހަމަހިނގާނެގޮތެވެ. ބާރުގެބޭނުންކޮށްގެން ހުރިހާކަމެއް ނިންމައިލެވޭނެކަމަށް އަބަދުވެސް ، އަޅުގަނޑުގެ ޢާއިލާއިން ދެކެއެވެ.

" ޕްރޮފެސަރަކީ ، ބިރުކުޑަ އަދި އަނިޔާއަށް އޭނާގެ ވިސްނުން ބަދަލުކުރާނެމީހެއް ނޫނެވެ. އެހެންކަމުން ، އެމައްސަލައިގާ ދޫކޮށްލުމާއެކު ، އޭނާގެ ޙަރަކާތްތައް އަލުން ކުރިޔަށް ގެންދިޔައެވެ." އަމާނީ ކުރިޔަށް ގެންދިޔައެވެ.

"އޭނާ ސިޔާސީ ކަންކަމާ ދުރުވެ ، ހިމޭނުން ނުހުންނަ ކަމަށްވަންޏާ މަރުގެ އަދަބު ދިނުމަށް ތައްޔާރުވަމުން ދާކަމުގައި ސިއްރު މަސްދަރަކުން ޕްރޮފެސަރަށް އިންޒާރުދިނެވެ. ޕްރޮފެސަރުގެ ޙަރަކާތުން ނިންމިގޮތުގައި ދެން އޮތްގޮތަކީ ޕްރޮފެސަރު ރަށުންބޭރަށް ދިއުމެވެ. އަދި ބޭރުގައިހުރެގެން ، ރަސްކަމާދެކޮޅު ޙަރަކާތްތައް ހިންގުމެވެ. އެންމެންގުޅިގެން ޕްރޮފެސަރާއި އެޙަރަކާތުގައި ހިމެނޭ އިސްމީހުން ބޭރަށް ފޮނުވުމުގެ ރޭވުންތައް ރޭވުނެވެ." އަމާނީގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް ގޮވާލުމަށް ޕްރޮފެސަރަކާ އޭނާގެ ރައްޓެއްސަކު ދިޔައެވެ. އެތަނުން ތިންވަނަ މީހަކު ޕްރޮފެސަރުމެންނާ ދިމާވެއެވެ. އޭނާއަކީ ޕްރޮފެސަރާ ވަރަށް ވައްތަރު މީހެކެވެ. އެމީހުން ހޮސްޕިޓަލުން ނުކުތުމުން ، ސިއްރުފުލުހުންނަށް ފާރަލެވުނީ ނުބައިމީހާއަށެވެ. އެވަގުތުގެ ބޭނުންހިފައިގެން ޕްރޮފެސަރަށް ރިޔާޛު އެއަރޕޯރޓަށް ދިއުމުގެ މަގު ފަހިވިއެވެ. ޕްރޮފެސަރަށް ފާރަލުމަށް ސިއްރު ފުލުހުންނަށް ފުރުޞަތު ގެއްލުނެވެ. ވަގު ޕާސްޕޯރޓެއް ބޭނުންކޮށްގެން ޕްރޮފެސަރު ދިޔައީ ޔަމަނުގެ ބޯޑަރު ސަރަޙައްދުގައި އޮތް ކުޑަ ސަހަރަކަށެވެ. ދެދުވަސްވަންދެން ، އެތަނުގައި ޕްރޮފެސަރު މަޑުކުރިއެވެ. އެއީ ބޯޑަރު ކޮންޓްރޯލުގެ ޗެކްތައް ހުރަސްކޮށް ފިލައިގެން ދެވޭނެގޮތް ހެދުމަށް އެހީތެރިވެދޭނެ މީހެއްގެ އިންތިޒާރުގައެވެ. ސުޢޫދީގެ ސިއްރު ގްރޫޕެއް ޔަމަނާއި ސުޢޫދީ ބޯޑަރު ، ފައިމަގުން ހުރަސްކޮށް ދަތުރު ކުރިއެވެ. އޭރު ޔަމަނުގައި ، ޕްރޮފެސަރަށް ސަލާމަތުން ލަންޑަނަށް ދެވޭނެމަގު ރޭވެމުންދިޔައެވެ." އަމާނީގެ އަޑު ހަރުވިއެވެ.

"ޕްރޮފެސަރު ފިލައިގެން ދިޔަކަން އެންމެންނަށްވެސް އެނގިއްޖެއެވެ. ދެން ކުރިމަތިވީ ، އަނެއް ހަތަރު ކަންތަކެވެ. ޕްރޮފެސަރުގެ ދަރިފުޅާއި އޭނާގެ ބޭބެއިން ، އަހަރެމެންގެ ޢައިލާއިން ހައްޔަރުކޮށް ޖަލަށްލިއެވެ." އަމާނީ އޭނާ އިށީނދެއިން ގޮނޑިއަށް ފެތިލައި ، ފުންނޭވާއެއް ލިއެވެ.

"ޕްރޮފެސަރާބެހޭ ވާހަކަތަކަކީ އެއީއެވެ. މިޤައުމުގެ  30 އަހަރުންމަތީގެ މުޅިއާބާދީއަށް މިކަން އެނގޭނެއެވެ. އަދި ، ވަރަށްގިނަ ޒުވާނުން އަމިއްލަޔަށް އިސްނަގައިގެން ، ޕްރޮފެސަރު އަލްމަޝްޢަރީގެ ޙަރަކާތާ ގުޅެމުން އެބަގެންދެއެވެ." އަމާނީ އޭނާގެ ވާހަކަ ނިންމައިލިއެވެ.

އަޅުގަނޑަށް މަޑުން އަދި އެއަށްފަހު ބާރަށް ބޯހޫރާ ލެވުނެވެ. މިޤައުމުގައި ކަންކަން އެކޮޅުކޮޅުންޖެހި ، ޞުލްޙައަށް ހުރަސްއެޅެމުންދާ ސަބަބަކީ އެއީތާއެވެ. ޕްރޮފެސަރު އަލްމަޝްޢަރީގެ އަވަސް އިޞްލާހީ ބަދަލުތަކަށް ، މުޅިޤައުމު ތަބާވެގެން ހިނގައިދާނެކަމުގެ ބިރުވެރިކަން ، އަޅުގަނޑުގެ ހިތުގައި އުފެދުނެވެ. ސަބަބުތަކެއްވެސް އޮތީމައެވެ.

"އަހަރެމެން އާލްސަޢުދު ޢާއިލާގެ ނިމުން އަންނަން މިއުޅެނީ މިގޮތަށް ހެއްޔެވެ؟" އަޅުގަނޑުގެ ދެއަތް މޫނުގައި އަޅައި ބޮލާއެއްކޮށް ފޮރުވައިލެވުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.