އުއްމީދު - 12

(4 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާގެ ނޭވާ އުފުރޭން ފަށައިފިއެވެ. "އަހަރެން ބޭނުން ވެގެން އުޅުނު މީހާ އަހަންނަށް ނުލިބޭ ކަމަށް ވަންޏާ އަހަންނަށް އެދިގެން އުޅޭ އެހެން މީހަކަށް އަހަރެން ލިބެންވީ ކީއްވެގެން ހެއްޔެވެ؟ އެކަމަކުވެސް އެ މީހާޔާ އެއް ފަހަރު ވާހަކަ ދައްކައިލާން ވާނެއެވެ. އޭނާގެ ލަހުޖާގައި ހުރި ތެދުވެރިކަމެއް ބަލައިލާން ވާނެއެވެ."

* * *

އޭނާ އީމާން ޢަލީއާ ބައްދަލު ކުރަން ޑޮކްޓަރ ޚޫރްޝީދުގެ ގެއަށް ހިނގައްޖެއެވެ. އޭނާ ވާހަކަދެއްކީ ދެއްކޭނޭ އެންމެ ހަރުކަށި ކަމަކާ އެކުގައެވެ. އެކަމަކު އީމާންގެ މޫނުމައްޗަށް ރުލެއްވެސް ނޭރިއެވެ. އޭނާ ޖަހާންޒޭބާ އިންނަން އުޅުނު ވާހަކަވެސް ބުނެފިއެވެ. އެންގޭޖުމަންޓުގެ ވާހަކަވެސް ބުނެފިއެވެ. އޭނާ ހީކުރީ އެ ވާހަކަ ދެއްކީމާ ދެވަނަ ފަހަރަށް ވިސްނާނޭ ކަމަށެވެ. އެކަމަކު އެކަމެއްވެސް ނުވިއެވެ. އުއްމީދު ގާތަށް ރުޅި އަތުވެއްޖެއެވެ. އެޔާއެކު އީމާންގެ މައްޗަށް ހަމްދަރުދީވެސް އުފެދިއްޖެއެވެ. ދިރިއުޅުމުގައި އޭނާ ބައިވެރި ނުކުރާށޭ، އަމިއްލައަށް ތިމާގެ ދިރިއުޅުން ހަލާކު ނުކުރާށޭ ބުނެފާނަމޭ އުއްމީދުގެ ހިތަށް އެރިއެވެ. ޖަހާންޒޭބަކާ އިންނާން ނޫޅެ ހުރި އަންހެން ކުއްޖަކު ހޯދައިގެން އެ ކުއްޖަކާ އިންނާށޭ ބުނެފާނަމޭ ހިތަށް އެރިއެވެ. ކަލޭގެ ލޯބީގެ މައްޗަށް ފުރިހަމައަށް އިތުބާރުކުރާ، ކަލޭގެ ޖަޒުބާތަށް ގަދަރުކުރާ ކުއްޖަކު ހޯދައިގެން އިންނާށޭ ބުނެފާނަމޭ ހިތަށް އެރިއެވެ. އަދި ތިމަން މިއީ އެ ކުއްޖާއެއް ނޫނޭ ބުނެފާނަމޭވެސް އެތައް ފަހަރަކު ހިތަށް އެރިއެވެ.

އުއްމީދު އީމާނަށް ޝަރުޠެއް ހުށަހަޅައިފިއެވެ. އެއީ އެއް އަހަރު ދުވަސް ވާންދެން އޭނާޔާ އެއްވެސް ސިފައެއްގައި ނުގުޅުމާއި އެ މުއްދަތުގެ ތެރޭގައި އިސްލާމީ ތައުލީމު ހާސިލު ކުރުމުގެ ޝަރުތެވެ. އޭނާ އެ ޝަރުތަށް ޢަމަލު ކޮށްފިއްޔާ އެއް އަހަރު ދުވަސް ފަހުން އިންނާނަމޭވެސް އުއްމީދު ބުންޏެވެ.

އުއްމީދު ވިސްނައިލިއެވެ. އެއް އަހަރު ދުވަސް ފާއިތުވާއިރު އީމާންގެ ލޯތްބަށް އޮންނާނީ ބަދަލު އައިސްފައެވެ. އީމާންގެ ކުރިމަތީގައި އޭނާ ފެންނާން ނެތިއްޔާ ލޯބީގެ މޮޔަބަލި ފިލައިދާނެއެވެ. ވިސްނުމާއި ފިކުރު އެހެން ދިމާއަކަށް އެނބުރިދާނެއެވެ.

އީމާން ޢަލީ އޭނާގެ ޝަރުތު ވަގުތުން ގަބޫލުކޮށްފިއެވެ.

"އެއް އަހަރު ދުވަހަކީ 365 ދުވަހެވެ. 365 ދުވަސް ވާންދެން މީހަކާ ބައްދަލު ނުވެ، މީހަކާ ވާހަކަނުދައްކައި، މީހަކާ ނުގުޅައި ހުރެއްޖެނަމަ ލޯބި ވަޅުޖެހިދާނެއެވެ. އީމާން ޢަލީއަށްވެސް އެހެން ވޭތޯ އަހަރެން ދުޢާ ކުރާނަމެވެ." ގޭ މީހުންނަށް އޭނާގެ ފައިސަލާ އިއްވި ވަގުތު އޭނާގެ ހިތަށް އެރިއެވެ.

އުއްމީދުގެ ހިތް ހަމަޖެހިއްޖެއެވެ. ޖަހާންޒޭބްގެ ލޯބީގެ ހުވަފެނުގައި ހޭދަކުރާނޭ އިތުރު އެއް އަހަރު ދުވަސް ލިބުނީއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މަންމަ އޭނާ އެހެން މީހަކާ ދެވާކަށް މަސައްކަތެއް ނުކުރާނެއެވެ. އެއް އަހަރު ދުވަހުން އޭނާއަށް އަށާވީސް އަހަރު ފުރިދާނެއެވެ. އެއް އަހަރު ދުވަސް ފަހުން އީމާން ޢަލީ އޭނާޔާ އިންނާން ދެކޮޅު ހަދާނެއެވެ. ދެން މަންމަ އަނެއްކާވެސް އޭނާ މީހަކާ ދެވަން މަސައްކަތް ކުރާނެއެވެ. އެކަމަކު އުމުރުން ދުވަސް ވާވަރަކަށް މީހަކާ އިނުމުގެ ފުރުސަތު ދާނީ ހަނި ވަމުންނެވެ. ކާވެނީގެ މަޅިން ސަލާމަތްވީމާ އޭނާގެ ދިރިއުޅުން ފަސޭހަ ވެގެން ހިނގައިދާނެއެވެ.

އޭނާގެ ލަފާކުރުންތައް އެންމެ ފަހުން ވެގެން ދިޔައީ ހަމައެކަނި ލަފާކުރުންތަކަކަށެވެ. ހަގީގަތަކަށް ނޫނެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ގޭތެރޭގައި އީމާން ޢަލީގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އޭނާ މަވްޟޫއު ބަދަލުކޮށްލައެވެ. އިންތަނުން ތެދުވެގެން ހިނގައިދެއެވެ. ނުވަތަ އެހެން ކަމެއްގައި މަޝްޣޫލުވެގަނެއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ހިތަކަށް އީމާން ޢަލީގެ ޚިޔާލެއް ދުވަހަކުވެސް ނުވަދެއެވެ. ދޭތެރެއަކުން ކުޑަކުޑަ ޚިޔާލެއް ކުރެވުނަސް ކުރެވެނީ ބިރުވެރި ޚިޔާލެއްގެ ގޮތުގައެވެ. އެއް އަހަރު ދުވަހުގެ ކޮންމެ ދުވަހަކުމެ އޭނާގެ ސިކުނޑީގައި އެނބުރެނީ އެންމެ ތަސްވީރެކެވެ. އެއީ ވޭތުވެ ދިޔަ ނުވަ އަހަރު ދުވަހު އޭނާގެ ސިކުނޑީގައި ނުފޮހެވި ދެމިހުރި ތަސްވީރެވެ. އޭނާގެ ވަށައިގެން ފެންނަ ކޮންމެ މަންޒަރަކުން ޖަހާންޒޭބްގެ ސިފަ ހޯދުމުގެ އާދައަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ބަދަލެއް ނާދެއެވެ. ވަށައިގެން އިވޭ ކޮންމެ އަޑަކުން ޖަހާންޒޭބްގެ އަޑު އަހަން ވެފައިވާ އާދައަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

* * *

އެއް އަހަރު ދުވަސް ފާއިތުވެގެން ދިއުމުގެ އިންތިޒާރު އެންމެ ބޮޑަށް ކުރީ އޭނާގެ މަންމައެވެ. އަހަރު ދުވަސް ހަމަވާން ދެތިން ހަފުތާއަށް ވުމާއެކު މަންމަ ކާވެނީގެ ތައްޔާރީތައް ފަށައިފިއެވެ. ބާވަތެއްގެ ވާގަނޑަކުން ބަނދެވިފައިވާ ކަމުގެ އިހުސާސް އުއްމީދަށް ކުރެވޭން ފަށައިފިއެވެ. އޭނާގެ އުއްމީދު ކުރީ އެއް އަހަރު ދުވަހުގެ މުއްދަތު ފާއިތުވުމަށް ފަހުވެސް އީމާން ޢަލީ އޭނާޔާ އެއްވެސް ސިފައެއްގައި ނުގުޅާނޭ ކަމުގައެވެ. މިހެން ހިތަށް އެރީ ސަބާބެއްވެސް އޮވެގެންނެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާޔާ ގުޅާކަށް އީމާން ޢަލީ އެންމެ ފަހަރަކުވެސް މަސައްކަތެއް ނުކުރެއެވެ.

އޭނާގެ އުއްމީދު ފުރިހަމައެއް ނުވިއެވެ. އެއް އަހަރު ދުވަސް ފާއިތުވެގެން ދިއުމާއެކު އޭނާއަށް ޕޯސްޓުން ކާޑެއް ލިބިއްޖެއެވެ. ކާޑު އަތަށް އެރުމާއެކު އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. ސިޓީ އުރައިގައި ފޮނުވި މީހަކަށް ލިޔެފައި އޮތީ އީމާން ޢަލީއެވެ. ތުރުތުރުއަޅާ އަތަކުން އޭނާ ކާޑު ނިއުޅުވައިލިއެވެ.

އޭގައި ލިޔެފައި އޮތެވެ.

"އެއް އަހަރު ދުވަސް ފުރިހަމަ ވެއްޖެއެވެ. އީމާން ޢަލީ އަދިވެސް ހުރީ އީމާން ޢަލީގެ ގޮތުގައެވެ. އުއްމީދުގެ ވަޢުދަށް ވީ ކިހިނެއް ހެއްޔެވެ؟"

އޭނާގެ އަތުން ކާޑު ދޫވެގެން ވެއްޓިއްޖެއެވެ. އޭނާގެ ވަޢުދު ވެގެން ދިޔައީ ކަރަށް މަހައިލެވުނު މަޅިގަނޑަކަށެވެ.

"އަހަރެން ލިޔެފައި ވަނީ އީމާން ޢަލީގެ ތަގުދީރުގައި ކަމަށް ވަންޏާ ޖަހާންޒޭބް ޢާދިލް..." އޭނާ ލޯ މަރައިލިއެވެ.

* * *

ހަތަރެއް

ތިން ދުވަސް ފަހުން ވަރަށް އާދައިގެ ރަސްމިއްޔާތަކާއެކު އޭނާގެ ކާވެނި ކުރެވިއްޖެއެވެ. ކާވެނީގެ މާ ބޮޑު ރަސްމިއްޔާތެއް ނުބޭއްވުމަކީ އުއްމީދު އެދުނު ގޮތެވެ. ގޭ މީހުންގެ އާދޭހާއެކުވެސް އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. ކާވެނީގެ ލިޔުމުގައި ސޮއި ކުރި ފަހުންވެސް އެތައް އިރެއް ވާންދެން އޭނާގެ އަތް ތުރުތުރުއެޅިއެވެ.

ތެދެކެވެ. ހުރިހައި ކަމެއް ހިނގަމުން ދަނީ ތަގުދީރުގެ ރޭވުމާ އެއް ގޮތަށެވެ. ތަގުދީރަކީ ބައެއް ފަހަރު އަހަރެމެންގެ ލޮލަށް ކަށިވެލި ޖަހާވެސް އެއްޗެކެވެ. ފާއިތު ވެދިޔަ އެތައް އަހަރެއް ވޭތު ވެގެން ދިޔައީ އެ ލިޔުމުގެ ޚިޔާލު ކުރެވޭ ކޮންމެ ފަހަރަކު ޖަހާންޒޭބްގެ ނަން ހިތަށް އެރުމުގައެވެ. ފަސް އަހަރު ދުވަހު އަބަދުވެސް ހިތުގައި އޮތީ އެއްވެސް މީހަކާ ނީންނާނަމޭއެވެ. އޭނާގެ ދިރިއުޅުމަށް ޖަހާންޒޭބް ނައީވިއްޔާ އެހެން އެއްވެސް މީހަކަށް ނާދެވޭނޭ ކަމުގައެވެ. އެކަމަކު މިއަދު އެ ކަރުދާސްގަނޑުގައި ސޮއިކުރި ވަގުތު އޭނާގެ އެއްވެސް ނިންމުމަކުން އެކަމަކަށް އެޅުނު ހުރަހެއް ނެތެވެ.އޭނާގެ ހިތަށް އެރިއެވެ. "ޑޮކްޓަރ ޚޫރްޝީދު ދެއްކީ މުޅީންވެސް ތެދު ވާހަކައެވެ. އަހަރެންގެ ނަން ލިޔެވިފައި އޮތީ އީމާން ޢަލީގެ ތަގުދީރުގައެވެ. އަހަރެންގެ އެއްވެސް ތަދުބީރަކުން އެ ތަގުދީރު ބަދަލު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.

* * *

"އީމާން މިހާރު ތިޔަ އިނީ އަހަރެންގެ ގޭގައި، އަހަރެންގެ ކޮޓަރީގައި ކަމަށް ގަބޫލުކުރަން އަދިވެސް އުނދަގޫ. މިއީ ދުނިޔޭގައި މިހައިތަނަށް ހިނގި އެންމެ އާދަޔާ ޚިލާފު ވާގިއާއަށް ވާނެކަން ޔަގީން. އަހަރެން އުފާކުރަނީ މި އާދަޔާ ޚިލާފު ވާގިއާ އަހަންނަށް މެދުވެރި ކުރެއްވީތީ. މި ވޭތުވެދިޔަ އެއް އަހަރު ދުވަހު އެތައް ފަހަރަކު އުއްމީދު މި ކޮޓަރި ތެރެއިން އަހަރެން ދުށިން. އެތައް ފަހަރަކު... މިހާރު އެ ހުވަފެން ހަގީގަތަކަށް ވީމާ މިއީ ހަގީގަތެއް ކަމަށް ގަބޫލުކުރަން އެބަ ދަތިވޭ. މިއީ ހުވަފެނެއް ކަމަށް ވަންޏާ މި ހުވަފެން ދެކެވެސް އަހަރެން ލޯބިވޭ. އުއްމީދަކީ އަހަރެންގެ ފުރާނައިގެ ބައިވެރިޔާ. ހަމަ އެކަނި އަހަރެންގެ އަނބިމީހާއެއް ނޫން. އަންހެން ކުއްޖަކު ގާތު ލޯބިވެއޭ ބުނުމަކީ އަހަންނަކަށް ފަސޭހަ ކަމެއް ނޫން. އެކަމަކު އުއްމީދު ގާތު މިހެން ބުނާކަށް ސިކުންތެއްވެސް ހޭދައެއް ނުވި. ލޯބި ވެއޭ ބުނަން ބޭނުން ކުރާނޭ އެތައް ލަފުޒެއް މިހާރު އަހަންނަށް އެބަ އެނގޭ."

އޭނާގެ ކާވެނި ކުރެވުނީ ހެނދުނު ދިހައެއް ޖެހިއިރުއެވެ. އިރުއޮއްސުނު އިރު އޭނާ ހުރީ ލާހޯރުގައި އީމާން ޢަލީގެ ގޭގައެވެ. ސަޢޫދުގެ އަނބިމީހާ އެ ދިޔައީ ދެންމެއެވެ. މިހާރު ގޭގައި ތިބީ ދެމީހުން އެކަންޏެވެ.

އީމާން ޢަލީ އިނީ އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެގެންނެވެ. ތުންފަތްމައްޗަށް ވެރިވެފައި ވަނީ ސާފު ސީދާ ހިނިތުންވުމެކެވެ. އެންމެ ފުރަތަމަ އުއްމީދު ދުށް ދުވަހުގެ ވާހަކަ ކިޔައިދެނީއެވެ. އޭގެ ފަހުން އޭނާ ދެކިލަން ވެގެން ކޮންމެ ދުވަހަކު ރެސްޓޯރަންޓަށް އަންނަ ވާހަކައާއި އޭނާގެ ފަހަތުން ދަނާލާ ހަމައަށް ދާ ގޮތް ކިޔައިދެނީއެވެ.

އުއްމީދު ކަޅިވެސް ޖަހައިނުލައި ބަލަހައްޓައިގެން އިނެވެ. ކުއްލިއަކަށް އޭނާގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ. "ޖަހާންޒޭބްވެސް ހަމަ މިހެން އަހަރެން ދެކެ ލޯބި ވިއެވެ. ނުވަ އަހަރު ވާންދެން ލޯބީގެ މަތީގައި ދެމިހުއްޓެވެ. އޭގެ ފަހުން ޖެހި ލަތްކަކާއެކު އުދުހިގެން ހިނގައްޖެއެވެ. މީނާގެ އެންމެ ދޮޅު އަހަރު ދުވަހުގެ ލޯތްބަށް އަހަރެން އިތުބާރު ކުރަންވީ ހެއްޔެވެ؟"

އުއްމީދުގެ ލޮލުން ކަރުނަ ފައިބާން ފެށީމާ އީމާން ކަންބޮޑު ވެއްޖެއެވެ. ސަބަބު އޮޅުންފިލުވަން ވެގެން ސުވާލު ކުރީމާ އުއްމީދު ތެދު ބަހުން ބުނެފިއެވެ. އީމާން ހަދަނީ ދޮގެއް ކަމަށް ގަބޫލުކުރާ ވާހަކައާއި އެ ވާހަކަ ގަބޫލުކުރަން ދަތި ވާހަކަ ބުނެފިއެވެ.

އީމާން ހިމޭންކަމާއެކު އޭނާގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ. އިރުކޮޅަކު އެހެން އިނދެފައި ބުނެފިއެވެ. "އުއްމީދު ގަބޫލު ކުރުމަކުން، ނުކުރުމަކުން އަހަރެންގެ ލޯތްބަކަށް އެއްވެސް އުނިކަމެއް ނާންނާނެ. އަހަރެންގެ ވާހަކަ ދޮގަކަށްވެސް ނުވާނެ."

އީމާން ޢަލީއަކީ އޭނާގެ ޙަޔާތަށް އައި އެންމެ އަޖައިބުކުރުވަނިވި ފިރިހެންމީހާއެވެ. ކިބުރުވެރިކަމާއި މަވެތިކަމާ ނުލައި އެއްވެސް ފިރިހެނަކު ހައްދަވައިފައި ވޭ ބާވައެވެ؟ އޭނާއަށް އީމާން ޢަލީ ފެންނަނީ އެފަދަ މީހެއްގެ ގޮތުގައެވެ. އެއީ މަޑުމައިތިރި، ބަސް މަދު މީހެކެވެ. ކާވެންޏަށް ދެތިން ދުވަސް ވީއިރު އެކަން ފާހަގަ ކުރެވިއްޖެއެވެ. އީމާންގެ އުޅުން ހުންނަ ގޮތް ފެނިފައިވެސް އޭނާ ހައިރާންވިއެވެ. ގެއިން އޮފީހަށް، އޮފީހުން ގެއަށް، ގެއިން ކަސްރަތުޚާނާއަށް، ކަސްރަތުޚާނާއިން ގެއަށެވެ. އޭނާގެ ދުވަހު ތާވަލު ކިޔައިދިނީމާ އުއްމީދު ހިނިތުންވެލިއެވެ.

"ދިރިއުޅުން ނުލާހިކު ރަނގަޅަށް ވޭތުކުރަމުން ގޮސް މީހަކާ އިނީ ކީއްކުރަން؟ ކުރިންވެސް އުޅުނުހެން މިނިވަންކަމުގައި އުޅުން މާ ރަނގަޅެއް ނޫންތަ؟"

"އާނ. ރަނގަޅު ވީސް. އަހަންނަށް އުއްމީދު ނުފެނުނު ނަމަ ތިޔަ ބުނާ ގޮތަށް މިނިވަންކަމުގައި އުޅެވުނީސް." އޭނާ ސާދާކަމާއެކު ޖަވާބުދިނެވެ.

އުއްމީދު އީމާންގެ މޫނަށް ބަލައިލިއެވެ. އޭނާ އިނީ ކާށެވެ.

"އީމާން. އަހަރެން އީމާންގެ ދިރިއުޅުމުން ނުކުމެގެން ހިނގައްޖެއްޔާ ވާނީ ކިހިނެއް؟ އީމާންގެ ދިރިއުޅުގައި އުނިވާނީ ކޮން ކަމެއް؟"

އޭނާ ކެއުން ހުއްޓައިލައިފައި ބުންޏެވެ. "ވުން އެކަށީގެން ނުވާ ކަމަކަށް ދޭނޭ ޖަވާބެއް އަހަންނަކަށް ނޭނގޭ."

"މި ދުނިޔޭގައި އެއްވެސް ކަމަކީ އެކަށީގެން ނުވާ ކަމެއް ނޫން."

"ވެދާނެ. އެކަމަކު ތިޔަ ބުނާ ކަމަކީ އެކަށީގެންވާ ކަމެއް ނޫން." އޭނާ ލަފުޒުތަކަށް ބާރުލަމުން ބުނެލިއެވެ. "އީމާން އަހަރެން ދޫކޮށްލާފައި ދާނީ އަހަރެން ތަކުލީފެއް ޖެއްސީމައެއްނު؟ އަހަރެން އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން. އެހެންވީމާ އަހަރެން ދޫކޮށްލާފައި ދާނޭ އެއްވެސް ސަބަބެއް މެދުވެރިއެއް ނުވާނެ."

އިޚްތިޔާރަކާ ނުލައި އުއްމީދުގެ ހަނދާނަށް ކުރީގެ ކަމެއް ވެރިވެގެން ދިޔައެވެ. އޭނާ ތެދުވެއްޖެއެވެ.

އީމާނާއެކު އޭނާ އެ އުޅެނީ އުފަލަކުންނެއް ނޫނެވެ. އެކަމަކު ހިތާމައެއް، ދެރައެއްވެސް ނެތެވެ. އީމާން ޢަލީ ކައިރީގައި ހުރުމާއެކުވެސް ޖަހާންޒޭބްގެ ހަނދާން ފަނޑުވާ ގޮތެއް ނުވިއެވެ. އީމާނަކީ ހުރިހައި ގޮތަކުންވެސް ޖަހާންޒޭބަށް ވުރެ ރަނގަޅު މީހެކަށް ވުމާވެސް އެކުގައެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.