އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ، ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ
ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރާ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނޭ މަގު ކޮށައިދިނުމުގެ މަސައްކަތް، މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ މުހިންމު ޢަޒުމެއް ކަމުގައެވެ
ހަމަ މިޔާއެކު، ކަނޑައެޅޭ ވަކި ބާވަތްތަކެއްގެ ކާބޯތަކެތި އިމްޕޯޓްކުރުމާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި، ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ
ދަނޑުވެރިކަމުގެ ޞިނާޢަތު ފުޅާވެގެން ދިއުމަކީ، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓުމަށާއި، ރަށްރަށުގައި ވަޒީފާގެ އައު ފުރުޞަތުތައް އުފެދުމަށް، މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރައްވަމުން، ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަނޑުވެރިންނަށާއި، ދަނޑުވެރިންގެ ޢާއިލާތަކަށް ތަހުނިޔާއާއި ހެޔޮއެދުން، އެމަނިކުފާނު އަރިސްކުރައްވާފައި ވެއެވެ.
ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ އެކްސް އެކައުންޓުގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ، ކުދި ޖާގަތަކުގައި، ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވޭނެ މަސައްކަތެއްކަން ފާހަގަ ކުރައްވާފައި ވެއެވެ. އެހެންކަމުން، ގޯތިތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހިކުރެވިދާނެ ފުރުޞަތެއް ކަމުގައި، އެކަމަނާ ވިދާޅުވެފައި ވެއެވެ.
އަދި ގަސްގަހާގެހި ހެއްދުމުގައި ޞިއްޙީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް ބާރު އަޅުއްވައި، ކޮންމެ ދިވެއްސަކީވެސް، ގަސްއިންދާ ހެއްދުމަށް ޝައުގުވެރި ރައްޔިތަކަށް ވުމަށް އިލްތިމާސްކުރައްވާފައި ވެއެވެ.
