(23 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޑޮކްޓަރ ޚޫރްޝީދު އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އެކަމަކު އޭނާ ދެކެ ލޯބިވޭ." ޖުމުލަ ފުރިހަމަކޮށްދިނީ ޚޫރްޝީދެވެ.
"އީމާން ބުނާ ގޮތުގައި އެ ކުއްޖާ ލިބޭތޯ ދުޢާވެސް އެބަކުރަމު. ލޯބީގައި ތެދުވެރިކަމެއް ހުރިއްޔާ އެ ކުއްޖާ ލިބޭނޭ ގޮތް މެދުވެރިކޮށް ދެއްވާށޭ އެބަ ދަންނަވަމު. ދެން ދުޢާ ކުރާއިރު އެ ކުއްޖާޔާ އިނުމަކީ އީމާނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ވަނީވިއްޔާ ލިބޭނޭ ގޮތް މެދުވެރިކޮށް ދެއްވާށޭ ދަންނަވާ. އޭރުން ﷲ ކޮންމެވެސް މަގެއް ދައްކަވާނެ."
"އެކަމަކު އަޅުގަނޑަކަށް އުއްމީދާ ނުލައި ދިރިއެއް ނުހުރެވޭނެ."
ޚޫރްޝީދުގެ ރައްދުވެސް އެހައި ކުރެވެ. "އީމާންކަމާ ނުލައި ދިރިއެއް ނުހުރެވޭނެ. އީމާންގެ ކިބައިގައި އީމާންކަން އެބަހުރި."
"އަޅުގަނޑު މިދަންނަވާ އެއްޗެއް އަދި އެނގިވަޑައެއް ނުގަނޭ. އޭނާއަކީ އަޅުގަނޑަށް... ދަންނަވާނީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ."
"އެހެން ވެއްޖެއްޔާ ނުބުނޭ. ވާހަކައެއް ދައްކާނޭ ގޮތެއް ނޭނގުނީމާ ދެން އޮތް ގޮތަކީ އެ ވާހަކަޔާ މެދު އަނެއްކާވެސް ފުންކޮށް ވިސްނުން."
އީމާނަށް ޚޫޜްޝީދުގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. "އޭނާ މިހާރު ވަނީ އަޅުގަނޑުގެ ދިރިއުޅުމުގެ ބަޔަކަށް ވެފައި. އެހެންވީމާ އޭނާޔާ ނުލައި ދިރިއުޅޭނޭ ގޮތެއް އަޅުގަނޑަކަށް ނުވެސް ވިސްނޭ."
"އިންސާނުންނަށް ދިރި ނުތިބެވޭނީ ﷲ އާ ނުލައި. އެހެން ކޮންމެ އެއްޗެއް އުނި ވިޔަސް ދިރިއުޅެވޭނެ."
އޭނާއަކަށް އެ ވާހަކައެއް ގަބޫލެއް ނުކުރެވެއެވެ. އެކަމަކު ހިމޭނުން އިނީއެވެ.
"ފެން ނުލިބިގެން އުޅޭ މީހާއަށް އަބަދުވެސް ހީވާނީ ފެނާ ނުލައި އުޅެން ޖެހިއްޖެއްޔާ މަރުވެދާނެއޭ. އެކަމަކު ފެން ކޯވަރެއް ލިބުމާއެކު ދެން ވިސްނަން ފައްޓާނީ އެހެން އެއްޗިއްސާ މެދު. އެޔާއެކު ފެނާ ނުލައި މަރުވެދާނޭ ކަމަށް ހީވި ހީވުމުގެ މަތީން ހަނދާން ނެތިދާނެ."
އޭނާ ޚޫރްޝީދާ ދިމާއަށް ބަލައިލިއެވެ. "އެކަމަކު އަނގަ ހިއްކައިގަނެގެން ގޮސް ހަމަ ހަގީގަތުގައިވެސް މަރުވާނެއެއް ނޫންތޯ؟"
"ނޫނޭ. އެއްވެސް މީހަކު ފެން ބޮވައިގަނެގެންނެއް މަރެއް ނުވާނެ. މަރުވާނީ ﷲ އެމީހަކަށް ކަނޑައަޅުއްވައިފައިވާ ވަގުތު ޖެހުނީމާ. ފެން ބޮވައިގަތުމަކީ އެދުމެއް. ކޮންމެ މީހަކުގެވެސް އެކަހަލަ އެތައް އެދުމެއް އޮވޭ. އެހެންވީމާ އަހަރެމެން ތިބެނީ ދިރިތިބެމެ މަރުގެ ތަޖުރިބާ ކޮށްކޮށް."
"އެހެންވީމާ އަޅުގަނޑު އޭނާ ދެކެ ލޯބި ނުވާންވީތޯ؟"
"ނޫނޭ. ލޯބިވޭ. އެކަމަކު ލޯބި ހާސިލު ކުރުމުގެ އެދުން އެހައި ބޮޑު ނުކުރޭ. އެމީހަކަށް މިންވަރު ކުރައްވައިފައިވާ އެއްޗެއް އެމީހަކަށް ލިބޭނެ. އެ އެއްޗަކީ މާ ބޮޑު އެދުމަކަށް ހަދައިގެން މުޅި ދިރިއުޅުމަށް އެކަން ފައްތައިގެން އުޅުމަކީ ރަނގަޅު ކަމެއް ނޫން. އެހެން އުޅެން ފަށައިފިނަމަ އެ އެދުމުން އެންމެ ފުރަތަމަ ދިރުވައިލާނީ އީމާންކަން. އެ އަންހެންކުއްޖާ ލިބޭތޯ ދުޢާވެސް އެބަ ކުރަމެއްނު؟ ދެން އޮތީ ކެތްތެރިވުމާއެކު ﷲއަށް ވަކީލުކުރުން. ކަންބޮޑުވުމާއި ރެޔާދުވާލު ނުނިދައި ހޭލައި އުޅުމާއި އަވާމެންދުރުގެ ފަހަތުން ދުވުމަކީ އިންސާނާގެ ތަގުދީރު ބަދަލުވާ ކަމެއް ނޫން."
އެ ރޭ އޭނާ ޚޫރްޝީދުގެ ވާހަކަތަކާމެދު ވަރަށް ބޮޑަށް ވިސްނިއެވެ.
"އެކަމަކުވެސް އަހަންނަކަށް އުއްމީދާ ނުލައި ދިރިއެއް ނޫޅެވޭނެއެވެ." ނިދެމުން ދިޔައިރުވެސް އޭނާގެ ހިތުގައި އޮތީ މިހެންނެވެ.
މި ގޮތުގައި އެއް މަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. މަސައްކަތް ކުރަމުން ގެންދާ ކަމަށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ސުޢޫދު ބުނެއެވެ. އީމާންގެ އުދާހާއި ކަންބޮޑުވުމަކަށް ލުޔެއް ނުލިބެއެވެ. ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބެނީ ޑޮކްޓަރ ޚޫޜްޝީދާ ބައްދަލުވީމައެވެ. އެގެއަށް ދެވުނީމައެވެ. އެނބުރި ގެއަށް އާދެވުމާއެކު އަނެއްކާވެސް ފިކުރުގެ ތެރެއަށް ވަދެވެއެވެ.
އާދައިގެ މަތީން އެ ދުވަހުވެސް އޭނާ އިނީ ޚޫރްޝީދުގެ ގޭގައެވެ. ވާހަކަދައްކާތާ ބައިގަޑިއެއްހައި އިރު ވެއްޖެއެވެ.
ޚޫރްޝީދު އަތުކުރީ ގަޑިއަށް ބަލައިލާފައި ބުންޏެވެ. "މިއަދު އީމާނާ ވަރަށް ޚާއްސަ މީހަކާ ބައްދަލު ކުރުވާނަން. އޭނާޔާ ބައްދަލު ކުރެވުނީމާ ވަރަށް އުފާވާނެކަން އަހަންނަށް ޔަގީން."
ޚޫރްޝީދުގެ ތުންފަތްމައްޗަށް ވެރިވެފައި ވަނީ އަޖައިބެއް ކަހަލަ ހިނިތުންވުމެކެވެ. ދިހަވަރަކަށް މިނިޓު ފަހުން އެ އިވުނީ ބޭރު ދޮރުގެ ރަނގަބީލު ޖެހި އަޑެވެ. މިނިޓެއްހައި އިރު ފަހުން ގޭގެ ނޯކަރަކު އަންހެން ކުއްޖަކު ގޮވައިގެން އައިސް ބޮޑު ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އެ ކުއްޖާ ފެނުމާއެކު އީމާނަށް ބޭއިޚްތިޔާރުގައި ތެދުވެވިއްޖެއެވެ.
އުއްމީދު އޭނާޔާ ދިމާއަށް އެއް ފަހަރު ބަލައިލުމަށް ފަހު ޚޫރްޝީދަށް ސަމާލުކަން ދީފިއެވެ. އީމާންގެ ހިތް ތެޅޭ އަޑު ބޭރަށް އިވެއެވެ.
އުއްމީދު ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
"ތައާރަފެއްގެ ބޭނުމެެއް ނެތެއްނު؟"
ޚޫރްޝީދު ތެދުވެގެން ގޮސް އެތެރެއަށް ވަދެއްޖެއެވެ. މިހާރު ކޮޓަރީގައި ތިބީ އެ ދެ މީހުން އެކަންޏެވެ. ވާހަކަ ފެއްޓީ އުއްމީދެވެ.
"އަހަންނާ އިންނަން ބޭނުންވަނީ ކީއްވެގެން؟" އޭނާގެ ރާގުގައި ހަރުކަށިކަމެއް ހުއްޓެވެ.
"އެއީ އަހަރެން އުއްމީދު ދެކެ ލޯބިވާތީ."
"ތިޔައީ ތާކުންތާކު ނުޖެހޭ ފީކަޅާ ޖަވާބެއް." އުއްމީދު ސީދާ އޭނާގެ މޫނަށް ބަލައިލިއެވެ.
"ތިޔައީ އަހަރެންގެ ގައުމުގެ މީހެއް ނޫން. އަހަރެންގެ ދީނުގެ މީހެއްވެސް ނޫން."
ވާހަކަދައްކަމުން ދިޔައިރު އޭނާގެ ހަނދާނަށް އައީ ކުރިން ބުނެވުނު ވާހަކައެކެވެ. "މީހަކާ އިންނަން ވެގެން ދީން ބަދަލުކުރާ މީހަކަށް އިތުބާރު ކުރެވޭނޭ ގޮތެއް ނޯންނާނެ. އެކަހަލަ މީހަކާ އިނުމަކީ އުނދަގޫކަމެއް."
"އަހަރެން ދީން ބަދަލުކުރީއެއް ނޫން. ދީން ޚިޔާރު ކުރީ. އިހަށް އަހަރެން ހުރީއަކީ އެއްވެސް ދީނެއް ގަބޫލުކޮށްގެންނެއް ނޫން."
"ތިޔަ ވާހަކައަކުން އަންނާނޭ ބަދަލެއް ނެތް. އަހަރެން މިއީ އިސްލާމެއް. އިސްލާމްދީނަށް ވަންތާ އެންމެ ތިންހަތަރު ދުވަސްވީ މީހަކާ އިނުމަކީ ކުރެވޭނޭ ކަމެއް ނޫން. އަހަރެން މިއީ ދިރިއުޅުމުގައި ހިރާސްތަކާ ގަސްތުގައި ކުރިމަތިލާން ބޭނުންވާ މީހަކީމެއް ނޫން. އަމުދުން ނުވެސް ދަންނަ މީހަކަށްޓަކައި ހިރާހަކާ ކުރިމަތިލާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫން. އުޅޭ ތަނެއް، އުޅޭ ގޮތެއް ނޭނގޭ މީހަކާ އިންނާނީ ކިހިނެއް؟"
އީމާން ކެތްތެރިކަމާއެކު އަޑު އަހާން އިނެވެ.
"މި ބުނި ހުރިހައި ކަމެއްގެ މަތީން ހަނދާން ނައްތައިލެވިވެސް ދާނެ. އެކަމަކު ދީނުގެ މަތީން ހަނދާން ނައްތައިލާނީ ކިހިނެއް؟"
"އަހަރެން މިއީ އުއްމީދުގެ ދީނުގެ މީހަކީން."
"އެކަމަކު އުފަން އިސްލާމަކީމެއް ނޫނެއްނު؟ މައިންބަފައިންނަކީ އިސްލާމުންނެއް ނޫނެއްނު؟"
"ތިޔައީ ތެދެއް. އެކަމަކު އަހަންނަކީ އިސްލާމެއް."
"ކިތައް ދުވަހުގެ؟"
މި ސުވާލުގެ ސަބަބުން އީމާންގެ ހިތަށް އަސަރު ކޮށްފިއެވެ. "އަހަރެންގެ ނިޔަތާމެދު ޝައްކު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން."
"ކާވެންޏަކީ ކޮންމެ މީހަކުވެސް އަމިއްލަ އިޚްތިޔާރުގައި ރުހުމާއެކީ ކުރަން ޖެހޭ ކަމެއް. އެއްވެސް މީހަކަށް މިހައި ބޮޑަށް މަޖުބޫރުވާ ވަރަށް އުނދަގޫ ކޮށް... އެވާހަކަ ބާއްވަމާ... އަހަރެން މިހާރު މިހިރީއަކީ މިކަހަލަ ނިންމުމެއް ނިންމޭ ފަދަ ހާލަތެއްގައެއް ނޫން." އުއްމީދު ބުންޏެވެ.
"އުއްމީދުގެ ކުރިމަތީގައި އަހަންނަށްވުރެ ރަނގަޅު މީހަކު ހުރިއްޔާ އެ މީހަކާ އިނދޭ. އެކަމަކު އެކަހަލަ މީހަކު ނެތިއްޔާ އަހަންނާ އިނުމަކުން ވާނެ ގެއްލުމެއް ނެތެއްނު؟ އަހަރެން ޕާކިސްތާނުގައި ދިރިއުޅޭތާ އަށް އަހަރު ވެއްޖެ. އުއްމީދު ބޭނުމިއްޔާ އަބަދުވެސް ދިރިއުޅޭނީ މިތާގައި."
"އީމާން އިސްލާމްދީން ގަބޫލުކުރީ ހިތުގެ އަޑީން ކަމެއް، މަތިމަތީން ކަމެއް އަހަންނަކަށް ޔަގީނެއް ނޫން."
"ތިޔަކަން ސާބިތުކޮށްދޭނޭ ހެއްކެއް އަހަރެންގެ އަތަކު ނެތް." އީމާން ވަރަށް ދެރަވެފައި ބުނެލިއެވެ.
ކޮޓަރިތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ.
"އީމާނަކަށް އަހަންނާ ބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ނޭނގެއެއްނު؟"
"ކިޔައިދީ."
އުއްމީދު އޭނާގެ މޫނަށް ބަލައިލިއެވެ. "އުމުރުން ވަރަށް ޅައިރު މީހަކާ އަހަރެންގެ އެންގޭޖް ކުރެވިއްޖެ. އެމީހާ ދެކެ އަހަރެން ވަރަށް ބޮޑަށް ލޯބިވިން. އަހަރެމެންގެ އެންގޭޖްމަންޓަށް ނުވަ އަހަރު ފުރުނު ފަހުން އޭނާ އަހަންނާ އިންނާން ދެކޮޅު ހަދައިފި." އޭނާގެ ކަރުގައި ކަށްޓެއް ޖެހުނުހެން ހީވިއެވެ. އީމާން އިނީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ކީއްވެގެން؟"
"އެއީ..." ބުނަން އުޅެފައި އޭނާ ހުއްޓައިލިއެވެ. "ސަބަބު ބުނުމުގެ ބޭނުމެއް ނެތް. ހީކުރާނެ ގޮތަކަށް ހީކުރޭ. ކޮންމެ ސަބަބަކާ ލައިގެން ކަމަށް ވިޔަސް އޭނާ އަހަންނަކާ ނުއެއް އިން."
"އެންމެ ރަނގަޅު. އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާ އުއްމީދާ ނީނީ އަހަރެމެން ދެމީހުންގެ ކާވެނި ތަގުދީރުގައި ލިޔުއްވައިފައި އޮތީމާ."
މި ފަހަރު ހައިރާންކަން ވެރިވީ އުއްމީދުގެ މޫނުމައްޗަށެވެ. ކޮޓަރިތެރެއަށް އަނެއްކާވެސް ހިމޭންކަން ވެރިވެއްޖެއެވެ. އެ ހިމޭންކަން ފޫދުއްވައިލީ އެ ވަގުތު އެނބުރި އައިސް ކޮޓަރިއަށް ވަން ޚޫރްޝީދެވެ.
"ކޮބާ ދެ ކުދިން ނިންމީ ކިހިނެއް؟" އޭނާ ވަރަށް އާދައިގެ ގޮތަކަށް އަހައިލިއެވެ. އުއްމީދާއި އީމާނާ ދެމީހުން ގެނައި ބޭނުމަކީ ވަކި ގޮތެެއް ނިންމުން ކަމުގައި ހީވާ ކަހަލަ ގޮތަކަށެވެ. ދެ މީހުން ކުރެ އެކަކުވެސް އެ ސުވާލަކަށް ޖަވާބެއް ނުދިނެވެ.
"އުއްމީދު. އީމާން ޢަލީއާ ވާހަކަދައްކައިފިންތަ؟" އޭނާ އޯގާތެރިކަމާއެކު އަހައިލިއެވެ.
"އާދެ. އަޅުގަނޑުގެ ޝަރުތުތަކެއް އެބަހުރި."
އީމާން އިސް އުފުލައި ބަލައިލިއެވެ. މޫނުމަތީން ފެންނަނީ ސުވާލެއްގެ އަސަރެވެ.
"އީމާން ޢަލީ އެ ޝަރުތުތައް ގަބޫލުކޮށްފިތަ؟" މި ފަހަރު ޚޫރްޝީދު ބަލައިލީ އީމާނާ ދިމާއަށެވެ.
"އަދި އަޅުގަނޑު އެ ޝަރުތުތަކެއް ކިޔައެއް ނުދެން."
"އެއީ ކޮން ޝަރުތެއްކަން ނޭނގިހުރެ އަޅުގަނޑު ގަބޫލުކޮށްފިން." އީމާން ބުނެލިއެވެ.
"ފުރަތަމަ ޝަރުތު އަޑުއަހައިލާ. ވަކި ގޮތެއް ނިންމަން ވާނީ އޭގެ ފަހުން." އުއްމީދު ހަރުކަށިކަމާއެކު ބުނެލިއެވެ. "އީމާން މިހާރު އިސްލާމަކަށް ވެއްޖެޔޯ. އެހެންވީމާ އަޅުގަނޑުގެ ފުރަތަމަ ޝަރުތަކީ އޭނާ އެއް އަހަރު ވާންދެން އިސްލާމީ ތައުލީމު އުނގެނުން. އިސްލާމެއްގެ ގޮތުގައި ދެމިހުރުން. އެއް އަހަރު ދުވަސް ވާންދެން އިސްލާމެއްގެ ގޮތުގައި ހުރެ ރަނގަޅު، ހެޔޮ ލަފާ އިސްލާމަކަށް ވެއްޖެ ކަމުގެ ހެކި ދައްކައިފިއްޔާ އަޅުގަނޑު މިހިރީ އޭނާޔާ އިންނަން ތައްޔާރަށް. ދެވަނަ ޝަރުތަކީ އެ އެއް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ވަސީލަތަކުން އަޅުގަނޑާ ނުގުޅުން. ބައްދަލު ކުރަންވެސް ނޫޅުން."
އުއްމީދު ބަލަހައްޓައިގެން އިނީ އީމާނާ ދިމާއަށެވެ.
"އީމާން. އެ ޝަރުތުތަކާ ބެހޭ ގޮތުން ބުނަނީ ކީކޭ؟" ޑޮކްޓަރ ޚޫރްޝީދު އަހައިލިއެވެ.
"ގަބޫލުކޮށްފީމޭ އަޅުގަނޑު ކުރިންވެސް ދަންނަވައިފިން. މިހާރުވެސް ދަންނަވަން އޮތް ވާހަކައަކީ އެއީ." އީމާން ހަމަޖެހިލައިގެން އިނދެ ބުނެލިއެވެ. ދެން ބަލައިލީ އުއްމީދާ ދިމާއަށެވެ. "އަހަރެން ތިޔަ ދެ ޝަރުތު ފުރިހަމަ ކޮށްފިއްޔާ އަހަންނާ އިންނާނޭކަން ކަށަވަރުތަ؟"
"އާނ." އުއްމީދު އޭނާޔާ ދިމާއަށް ބަލައިވެސް ނުލައި ކުއްލިއަކަށް ތެދުވެއްޖެއެވެ.
(ނުނިމޭ)
ކީއްވެތޯ އެހާ ލަސްވަނީ އަނެއްބައި؟🥺
ހާދަ ދޭތެރެ ދުރޭ ވާހަކަ ނުކުންނަލެއް
shukuran Abdhullaa naeem ibraaheem
hawu sweet Naeem bro…. Finally up…
35 ވަނަ ބައިގެ އިންތިޒާރުގަ ހުރިން!