
ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ މެލޭޝިއާ އަށް ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓަރގެ މި ދަތުރުފުޅަކީ ” އުލަމާ ކޮންފަރެންސް” ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރުގައި، މި ހިނގާ ޖޫންމަހުގެ 30 ވަނަ ދުވަހު ބާއްވާ މި ކޮންފަރެންސަކީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ޚާއްސަކޮށް ބާއްވާ ކޮންފަރެންސެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ މިއީ ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް މެލޭޝިޔާ (ޖަކީމް) އާއި މުސްލިމް ވަރލްޑް ލީގުން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސެއް ކަމަށާއި މި ކޮންފަރެންސްގައި ބައެއް ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ކޮންފަރެންސްގެ މަޤްޞަދުގެ ތެރޭގައި އުއްމަތުގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ހަރުދަނާކުރުމުގެ އިތުރުން މުސްލިމް ލީޑަރުންނާއި މުޅި މުޖުތަމަޢުގެ މެދުގައި އެއްބައިވަންތަކަމާއި އިންސާފާއި ހަމަޖެހުމުގެ ތަޞައްވުރަށް ހޭލުންތެރިކަން ފެތުރުން ހިމެނެއެވެ.
މި ކޮންފަރެންސްގައި 17 ޤައުމެއްގެ މުސްލިމް ލީޑަރުންނާއި ފާހަގަކޮށްލެވޭ ބޭފުޅުން ވާހަކަ ދައްކަވާނެއެވެ.