
ޚަރަދުކުޑަ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދެ ދަތުރުފުޅެއް ކެންސަލް ކުރައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރަން އަންގާފައިވާތީ ކޮމަންވެލްތާއި އުޒްބަކިސްތާނަށް ވަޑައިގަތުމަށް ލިބިފައިވާ ދަތުރުފުޅުތަކެއް ކެންސަލް ކުރައްވާފައިވާ ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ޚަރަދު ކުޑަކުރަން އަންގައި ފިނޭންސް މިނިސްޓްރީން ދައުކަތުގެ އިދާރާތަކަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަށް ވެސް ސަރކިއުލަރއެއް ފޮނުވާފައިވާ ކަމަށާއި އެއާ އެއްގޮތަށް މަޖިލީހުން އަމަލުކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން އަންގާފައިވަނީ 5،000 ރުފިޔާއަށްވުރެ މަތީ ޚަރަދުތައް ނުކުރެއްވުމަށް ކަމަށާއި އެހެންވެ، ސްރީލަންކާއަށްވުރެ ދުރަށް ދެވެން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ފޮނުއްވި ސަރކިއުލަރގައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ޚަރަދުތައް ވެސް އިތުރުވަމުންދާ ކަމަށާއި އެހެންވެ މި ދަނޑިވަޅުގައި ދައުލަތުގެ ބަޖެޓަށް ބުރަވާ ފަދަ އެއްވެސް ޚަރަދެއް ނުކުރުމަށް އަންގަވާފައެވެ. އަދި ޚަރަދު ކުޑަކޮށް އިގްތިސާދު ކުރުމަށް ވެސް ވަނީ އަންގަވާފައެވެ.