
ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް އިއްޔެ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
އެހެންނަމަވެސް މި ދަތުރުގެ ތަފުސީލެއް ފޮރިން މިނިސްޓްރީއަކުން ހާމައެއް ނުކުރެ އެވެ.
ދަތުރުގެ ތެރެއިން މިނިސްޓަރު ޝާހިދު ވަނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އަލް ސަވާދީއާ ބައްދަލުކުރައްވާފަ އެވެ.
ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭޑީއެފްޑީގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ ގޮތުންނާއި ތަރައްގީގެ މަޝްރޫއުތަކުގައި އެއްބާރުލުންދިނުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަދެކެވުނު ކަމަށެވެ.