އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލަނީ

އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ކައުންސިލްެ ގޮނޑިއަކަށް ރާއްޖެއިން ވާދަކުރައްވާނެކަން މިއަދު އިޢުލާން ކުރައްވައިފައެވެ.

މިކަން އިޢުލާން ކުރެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދެވެ. އެމަނިކުފާނު މިކަން އިޢުލާން ކުރެއްވީ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި، ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ބައްދަލުވުމެއްގައި މިއަދު ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ރާއްޖެއިން ކުރިމަތި ލައްވާނެ ކަމަށް އިޢުލާން ކުރެއްވި ކައުންސިލްގެ ދައުރު އޮންނާނީ  2023 އިން 2025 އަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ. އަދި މެމްބަރު ޤައުމުގެ އަޑު އުފުލައި ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ މެމްބަރ ޤައުމުތަކަށް ދެއްވައިފައެވެ. ރާއްޖެއިން ވަނީ ވިދިވިދިގެން ކައުންސިލްގެ ދެ ދައުރު ފުރިހަމަކޮށްފައެވެ. އެއީ 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދުގައެވެ. އަދި އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި މޫސުމީ ބަދަލުތަކާ އިންސާނީ ހައްޤުތަކާ ގުޅުން ހުރި މިންވަރު ބައިނަލްއަޤްވާމީ މުޖްތަމަޢަށް ހާމަކޮށްދީ ގިނަ މަސައްކަތްތަކެއް ރާއްޖެއިން ވަނީ ކޮށްފައެވެ.  މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޯރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް އުފެދިގެން ދިޔަ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.