
ހުރިހާ ސްކޫލަކަށް ޒިޔާރަތްކުރެއްވި ރާއްޖޭގެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރުކަމަށް، މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމް ވެވަޑައިގެންފިއެވެ. މިކަން ފާހަގަކުރުމަށް މިއަދުވަނީ އެޑިއުކޭޝަން މިނިސްޓަރީގައި ޚާއްސަ ރަސްމިޔާތެއް ބާއްވާފައެވެ. މިއަދު ބޭއްވި ރަސްމިޔާތުގައި ރާއްޖޭގެ މިނިސްޓަރު ޑރ.ޢައިޝަތު ޝިހާމް ވިދާޅުވެފައިވަނީ އަތޮޅުތަކުގެ ސްކޫލުތަކަށް ކުރި ދަތުރުތަކުގައި ސްކޫލުތަކުގެ ވެރިންނާއި މުވައްޒަފުން، އަދި ބެލެނިވެރިންގެ ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބިވަޑައިގެންނެވިކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަކީ ތައުލީމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ބައެއް ކަން މިދަތުރުފުޅުތަކުން ވަރަށްބޮޑަށް ހާމަވެގެންދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ކުރެއްވި މިދަތުރުފުޅުތަކުގެ ސަބަބުން، މިނިސްޓްރީގެ މަސައްކަތްތައް ބައްޓަންކުރުމަށާއި، ދަރިވަރުންނަށް އެންމެ ފައިދާހުރިގޮތަށް ސިޔާސަތުތައް އެކަށައަޅަން ވަރަށްބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ހަފްލާގައި މިނިސްޓަރ ޑރ.އައިޝަތު ޝިހާމަށް ސަޕްރައިޒެއް އެރުވުމުގެ ގޮތުން ވަނީ ކޭކެއް ފަޅާފައެވެ. އަދި އެކަމަނާއަށް ވަނީ ޚާއްސަ ހަދާނީ ފިލައެއް ވެސް އަރުވާފައެވެ.