ޛުލްޤަރުނައިނި - 4

(12 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދަތުރުފަތުރުކުރުމަކީ، ޚާއްޞަކޮށް ފައިމަގުގައި ދަތުރުކުރުމަކީ، ހަށިގަނޑުގެ ދިފާޢީބާރު ވަރުގަދަވުމަށް މަގުފަހިވެ، ރޫޙީގޮތުންނާއި ޤުދްރަތީގޮތުން ދުނިޔަވީ ޢާލަމްތަކާގުޅޭ ޢިލްމަށް އަހުލުވެރިވުމަށް ވާގިލިބޭކަމެކެވެ. ދަތުރުގައި ހޭދަވާ ކޮންމެ ދުވަހަކީ، ރޫޙާނީ އިތުރު ވާޖިބާއި ލާޒިމްވާ އިތުރު ޒިންމާއާއި، ކުރިން އެނގިފައިނުވާ ކަންކަމާއި ޢިލްމު އިތުރުވެގެންދާނެ ދުވަހެކެވެ. އައު އެތައްތަނެއްފެނި، އައު އެތައްކަންތައްތަކެއް ކުރިމަތިވާނެއެވެ. އެކަންކަމާ ކުރިމަތިލުމަށްޓަކައި، ކެތްތެރިކަމާއި، ޤުދްރަތުގެ ރޫޙާނީ ސިއްރުތަކުގެ ޢިލްމު އިތުރަށް ލިބެން ޖެހެއެވެ. މިއީ އަޚްލާޤީ ވިސްނުމަކުން ބަލާއިރު، ފެނާއެއްފަދަ ނިޒާމެކެވެ. އެއްތަނެއްގައި ދައުރުވުމެއްނެތް ފެންގަނޑެއް ހުއްޓި އޮވެއްޖެނަމަ، އެފެންގަނޑުގެ ރަހަ ހިތިވެފައި ހަޑިވާނެއެވެ. އަދި ޠާހިރުކަން ނެތިގެންދާނެއެވެ. އެހެންނަމަވެސް، އެފެންގަނޑު ދައުރުވާނަމަ، ފެން މީރުވެފައި ސާފުވާނެއެވެ.

ދައުރުނުވާގޮތަށް ހުއްޓިފައި އޮތް ފެންގަނޑެއް

މިލިޔުމުގައި، ޛުލްޤަރުނައިނިއާ ބެހޭގޮތުން ގެނެސްދީފައިވާ ވާހަކަތަކަކީ، ކީރިތި ޤުރުއާނުގެ ކަހުފުސޫރަތުގައި ބަޔާންވެގެންވާ ގޮތަށް، އެކަލޭގެފާނު ކުރިޔަށް ވަޑައިގަންނަވަނިކޮށް، ދިމާވެވަޑައިގަންނަވާ ބައެއްގެ ވާހަކައެވެ.

މިފަހަރު، ދިމާވެވަޑައިގަތީ، ހެޔޮލަފާ ބަޔެއްދިރިއުޅޭ ޤައުމަކާއެވެ. އެޤައުމުގެ އަހުލުވެރިންގެ ދިރިއުޅުމަށް މަގުދައްކައިދެނީ ތެދުވެރިކަމެވެ. އަދި އެބައިމީހުން ޢަމަލުކުރަމުންގެންދަނީ ތެދުގެ މައްޗަށެވެ. އެބައިމީހުންގެ މުދާ ބަހައި އުޅެނީ އެއްވަރަކަށް، އަދި އެންމެންގެ މެދުގައި ހަމަހަމަކޮށެވެ. އެބައިމީހުންގެ ވެރިކަން ހިނގަނީ ޢަދްލު އިންސާފުގެ މަތީގައެވެ. އެބައިމީހުންގެ ތެރެއިން މީހަކު މަރުވެއްޖެނަމަ، ވަޅުލަނީ ގޭދޮރުމަތީގައެވެ. އެބައިމީހުންގެ ގޭގައި ދޮރެއްނުހުރެއެވެ. އެމީހުންގެ މައްޗަށް ވެރިޔަކު ނުހުރެއެވެ. ޢަދްލު އިންސާފު ޤާއިމްކުރުމަށް ފަނޑިޔާރަކު ނުހުރެއެވެ. އެބައިމީހުންގެ މެދުގައި ދެބަސްވުމެއް، އަރާރުމެއް އަދި ތަޅާފޮޅުމެއް ނުހިނގައެވެ. އެމީހުން ހެއެއް ނޫޅެއެވެ. ނުވަތަ ހީމެއް ނުގޮވައެވެ. އަދި އެބައިމީހުން ހިތާމައެއްވެސް ނުކުރެއެވެ. ރުޅިއެއްވެސް ނާދެއެވެ. އަދި އެކަކު އަނެކަކަށް ޤަދަރުކޮށް އިޙްތިރާމްކުރުން އޮންނާކަށްވެސް ނުޖެހެއެވެ. އެއްވެސް އެއްޗެއް ގެއްލި ދިއުމަކީ، އެހެން އިންސާނުންނަށް އެކަމުން އަސަރުކުރާކަމެއްނަމަވެސް، އެޤައުމުގެ އަހުލުވެރިންނަށް ގެއްލޭ އެއްޗެއް ނޯވެއެވެ. ނުވަތަ އެއްޗެއް ގެއްލިދިއުމަކުން އަސަރެއްނުކުރެއެވެ. ދުނިޔޭގެ އެހެން އިންސާނުން ދިރިދުނިޔޭގައި ހުންނަވަރަށްވުރެ، އެބައިމީހުންގެ ޢުމުރު ދިގެވެ.

ޛުލްޤަރުނައިނިއަށް އެކަންކަން އެނގިވަޑައިގަތުމާއެކު، ޢަޖައިބުވެ އަންތަރީސްވެ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ.

"ކަލޭމެންނާބެހޭގޮތުން، ތިމަންކަލޭގެފާނަށް މަޢުލޫމާތު ދީބަލާށެވެ! ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގުބިތާ ހަމަޔަށް ދަތުރުކުރިއިރުވެސް، ކަލޭމެންފަދަ އެއްވެސް ބަޔަކު ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ. ތިޔަބައިމީހުންގެ ކަށްތައް ގޭދޮރުމަތީ ވަޅުލަނީ ކީއްވެ ހެއްޔެވެ؟"

"އެއީ މަރު ހަނދާން ކުރުމަށެވެ. އޭރަށް ދުނިޔޭގެ އެދުމަށް ހިތެއްނުކިޔާނެއެވެ." އެބައިމީހުން ދެންނެވިއެވެ.

"ކަލޭމެންގެ ގޭގޭގައި ދޮރު ނުހުންނަނީ ކީއްވެ ހެއްޔެވެ؟" އެކަލޭގެފާނު ސުއާލުކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވައްކަންކުރާ ޚިޔާނާތްތެރި ވަގުންނެއް ނޫޅޭނެއެވެ. މުޅިންވެސް އުޅޭނީ ބަރޯސާކޮށް އިތުބާރުކުރެވޭ، ތެދުވެރިންނެވެ." އެބައިމީހުން ދެންނެވިއެވެ.

ކަލޭމެންގެ ތެރޭގައި ވެރިޔަކު ނުހުންނަނީ ކީއްވެ ހެއްޔެވެ؟" ޛުލްޤަރުނައިނި ސުއާލުކުރެއްވިއެވެ.

"އަޅުގަނޑުމެން އެކަކު އަނެކަކަށް ދެބަސްވެއެއް ނޫޅެމެވެ." އެބައިމީހުން ދެންނެވިއެވެ.

"ކަލޭމެންގެ ތެރޭގައި މުއްސަންދިން ނޫޅެނީ ކީއްވެ ހެއްޔެވެ؟" އެކަލޭގެފާނު ސުއާލުކުރެއްވިއެވެ.

"އަޅުގަނޑުމެން ތެރެއިން އެކަކުވެސް މުދާ ހޯދާކަށް ނޫޅޭނެއެވެ." އެބައިމީހުން ދެންނެވިއެވެ.

"ކަލޭމެންގެތެރޭގައި ރަސްކަލަކު ނުހުންނަވަނީ ކީއްވެ ހެއްޔެވެ؟" އެކަލޭގެފާނު ސުއާލުކުރެއްވިއެވެ.

"އެއީ އަޅުގަނޑުމެންގެ ތެރޭގައި ގޮތްދޫނުކުރާ ރުޅިގަދަމީހުން ނޫޅޭތީއެވެ." އެބައިމީހުން ދެންނެވިއެވެ.

"ކަލޭމެންގެ މެދުގައި ޒުވާބުކޮށް ދެބަސްވާ މީހުން ނޫޅެނީ ކީއްވެ ހެއްޔެވެ؟" އެކަލޭގެފާނު ސުއާލުކުރެއްވިއެވެ.

"އެއީ އަޅުގަނޑުމެން އެކަކުއަނެކެއްގެ މައްޗަށް ހިތްހެޔޮވެފައި އެކަކު އަނެކަކަށް ބޭނުންވާ ކަންކަން ކޮށްދޭތީއެވެ." އެމީހުން ދެންނެވިއެވެ.

"ކަލޭމެންގެ މެދުގައި އެއްބައެއްވަންތަކަށް ދެމެހެއްޓިފައި، ބުނާބަހުގެ އިތުބާރު އޮންނަނީ ކީއްވެހެއްޔެވެ؟" އެކަލޭގެފާނު ސުއާލުކުރެއްވިއެވެ،

"އެއީ އަޅުގަނޑުމެން އެކަކު އަނެކަކަށް ދޮގު ނުހަދާތީއެވެ. އަދި އެކަކަށްވެސް ގޯސްމަގަކުން ދާން ނުވަތަ ގޯސްމަގަކަށް މަގެއްނުދައްކާނެއެވެ. އަދި އަޅުގަނޑުމެންނަކީ، މީހުންތެތްތާނގައި އަނެކުންގެ ވާހަކަ ދައްކައި ނެތިމޮށެ އުޅޭ ބައެއްނޫނެވެ." އެމީހުން ދެންނެވިއެވެ.

"ބުނެބަލާށެވެ! ކަލޭމެންގެ ހިތްތައް އެކުވެރިވެފައި އެހާމެ އެކުވެރިކަންމަތީ ދިރިއުޅުން ބިނާވެގެންވަނީ ކީއްވެ ހެއްޔެވެ؟"

"އަޅުގަނޑުމެންގެ ހިތްތައްވަނީ ސާފުކޮށްދޮވެވިފައެވެ. ރުޅިވެރިކަމާއި ޙަސަދަވެރިކަންވަނީ އެހިތުން ވަކިކުރެވިފައެވެ." އެމީހުން ދެންނެވިއެވެ.

"އެހެންކަމަށްވަންޏާ، ކަލޭމެންގެ ތެރޭގައި ފަޤީރުންނާއި ނިކަމެތިން ނޫޅެނީ ކީއްވެ ހެއްޔެވެ؟" އެކަލޭގެފާނު ސުއާލުކުރެއްވިއެވެ.

"އެއީ، އަޅުގަނޑުމެންގެ މުދާ ބަހާއުޅެނީ އެންމެންނަށް އެއްވަރަށެވެ. މުއްސަންޖެއް ފަޤީރެއް ވަތްކެއްނުވާނެއެވެ." އެމީހުން ބުންޏެވެ.

ޛުލްޤަރުނައިނިގެ ސުއާލުތައް ކުރިޔަށް ގެންދެވިއެވެ. ސުއާލުކުރެއްވިއެވެ. "އިޙްތިރާމްކޮށް ކަމޭހިތުމާއި ދެބަސްވެ އަރައިރުންވުން، ތިޔަބައިމީހުންގެ މެދުގައި ނޯންނަނީ ކީއްވެހެއްޔެވެ؟"

"އެއީ، އަޅުގަނޑުމެންނަކީ، ވަރަށް އާދައިގެ އަދި މެދުމިންވަރެއްގެ ބައެއްކަމުގައިވާތީއެވެ." އެމީހުން ދެންނެވިއެވެ.

"ކަލޭމެންގެ ޢުމުރު، އެހެން އިންސާނުންނަށްވުރެ ދިގީ ކީއްވެ ހެއްޔެވެ!" ޛުލްޤަރުނައިނި ސުއާލުކުރެއްވިއެވެ.

"އެއީ އަޅުގަނޑުމެން ތެދުވެރިކަން އިސްކޮށްފައި ޢަދްލުވެރިކަމުން އެއްކިބާ ނުވާތީއެވެ." އެބައިމީހުން ދެންނެވިއެވެ.

"ކަލޭމެން ނުހެނީ ކީއްވެ ހެއްޔެވެ؟" އެކަލޭގެފާނު ސުއާލުކުރެއްވިއެވެ.

"މަޢާފުކުރުމަކީ، އަޅުގަނޑުމެން ހަނދާން ނައްތާލައި، ނުކޮށް ދޫކޮށްލާކަމެއްނޫނެވެ." އެމީހުން ދެންނެވިއެވެ.

"ކަލޭމެން ދެރަނުވަނީ ކީއްވެ ހެއްޔެވެ؟" އެކަލޭގެފާނު ސުއާލުކުރެއްވިއެވެ.

"އެއީ، އުފެދުމުގައިވެސް، އިމްތިޙާނަކަށްޓަކައި، އަޅުގަނޑުމެން އުފަންވެފައިވާތީއެވެ." އެމީހުން ދެންނެވިއެވެ.

އެއަށްފަހު އެކަލޭގެފާނު، އަނެއްކާވެސް ސުއާލުކުރެއްވިއެވެ. "އެއްޗެއް ގެއްލިދިއުމުން އެހެން އިންސާނުންނަށް އަސަރުކުރާއިރު، ކަލޭމެންގެ އަތުން އެއްޗެއް ގެއްލިދިޔައިމަ އަސަރުނުކުރަނީ ކީއްވެ ހެއްޔެވެ؟"

"އެއީ އަޅުގަނޑުމެން ވަކީލުކުރަނީ ﷲ އަށް ކަމަށްވާތީއެވެ." އެބައިމީހުން ދެންނެވިއެވެ.

އެކަލޭގެފާނުގެ އެންމެ ފަހުސުއާލު ކުރެއްވިއެވެ. "ކަލޭމެންގެ ކާބަފައިންވެސްވީ ހަމަ ތިޔަފަދައިން ހެއްޔެވެ؟"

"އާދޭހެވެ! އަޅުގަނޑުމެންގެ ކާބަފައިން، ނިކަމެތިންނަށް އެހީވުމުގައި އެމީހުންގެ ދީލަތިކަން އިސްކޮށް ފަޤީރުންނާ އަޅާލައި އުޅުނުތަން އަޅުގަނޑުމެން ދުށީމުއެވެ. އަދި އެމީހުންނާމެދު އިހާނެތިކޮށް ކަންކުރާ މީހުންނަށް އެމީހުން މާފުކޮށް ހިތްހެޔޮ ކުރެއެވެ. އަދި ކާބަފައިންނާމެދު ގޯސްކޮށް ޢަމަލުކުރާ ޙަސަދަވެރިންނާމެދު، ކަންތައްކޮށްއުޅުނީ ރަނގަޅަށެވެ. އަޅައިނުލާ ނިކަމެތިކޮށްހިތާމީހުންނާމެދު ކެތްތެރިވެ އޯގާތެރިވެއެވެ. ރަޙިމުގެގުޅުން ޤާއިމްކޮށް، ޢިއްޒަތާއި ޤަދަރުދީ، އަޅުކަންކުރާއިރު ޙިމާޔަތްދީ ރައްކައުތެރިކަމާއި ސަލާމަތްކަން ދެއެވެ. އަދި ތެދުވެރިކަމާއެކު ވަޢުދު ފުއްދައެވެ. އެހެންކަމުން، އެމީހުންދިރިދުނިޔޭގައި ތިބިހާ ދުވަހެއްގައި، ﷲ ގެ ރައްކާތެރިކަމާއި ސަލާމަތްކަން ލިބިގެންގޮސްފައި ވެއެވެ. އަދި ކާބަފައިންގެ ފަރާތުން ވާރުތަވެގެންއައި މިއާދަތައް ދެމެހެއްޓުމަކީ، އަޅުގަނޑުމެންގެ މިޖީލުގެ ވާޖިބެކެވެ."

އެހިނދު، ޛުލްޤަރުނައިނި ވިދާޅުވިއެވެ. "އަހަރެން، ތަނެއްގައި ވަޒަންވެރިވާން ޖެހިއްޖެނަމަ، އަހަރެން ދިރިއުޅުމަށްޓަކައި ވަޒަންވެރިވާނީ ތިޔަބައިމީހުންނާ އެކުގައެވެ. އެކަމަކު، ނަޞީބުކަންދިމާކުރިގޮތުން، އެއްވެސްތަނެއްގައި ވަޒަންވެރިވުމަށް އަހަރެންނަށް އަމުރުވެވިގެންންނެއް ނުވެއެވެ."

(ނިމުނީ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.