ޛުލްޤަރުނައިނި - 2

(10 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަހުފު ސޫރަތުގެ 65 ވަނަ އާޔަތުގައި، ސަލާމްލެއްވި މޫސާގެފާނަށް ފެނިވަޑައިވަޑައިގަންނަވާކަމަށް ﷲ ވަޙީކުރައްވާފައިވާ، އެކަލާނގެ ޚާއްޞަ އަޅަކީ، ޛުލްޤަރުނައިނިކަމަށް، އިސްލާމީ ތާރީޚުގެ ބައެއް ޢިލްމުވެރިން ލިޔުއްވައެވެ. އެހެންނަމަވެސް، މޫސާގެފާނާ ބައްދަލުވެވަޑައިގަންނަވަނީ، ޛުލްޤަރުނައިނިކަން ކީރި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާންކުރައްވާފައެއް ނުވެއެވެ. ކޮންމެއަކަސް، މޫސާގެފާނަށް ކުރިމަތިވެވަޑައިގަންނަވާ ޙާދިސާއަކާއި ޛުލްޤަރުނައިނީގެ ވާހަކަ، ކަހްފު ސޫރަތުގެ 60 ވަނައާޔަތުންފެށިގެން ވަރަށް ރީތިކޮށް ބަޔާންކުރައްވާފައި ވެއެވެ.

ޛުލްޤަރުނައިނިގެ ވާހަކަޔަކީ، ކީރިތި ޤުރުއާނުގެ ކަހްފުސޫރަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާ، އަންގަވައިދެއްވާފައިވާ ވާހަކައެކެވެ. މިވާހަކަ ބަޔާންކުރައްވާފައިވަނީ، ޛުލްޤަރުނައިނިއާ ބެހޭގޮތުން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް، މީސްތަކުން ދަންނަވާ ސުއާލަށް އެކަލޭގެފާނު ދެއްވާނެ ޖަވާބެއް އެންގެވުމުގެ ގޮތުންނެވެ. އެވާހަކަތައް އައިސްފައިވަނީ ކަހުފު ސޫރަތުގެ 83 ވަނައާޔަތުން ފެށިގެން 98 ވަނައާޔަތުގެ ނިޔަލަށެވެ.

ޛުލްޤަރުނައިނިގެ ވާހަކަ، ކީރިތި ޤުރުއާނުގައި އައިސްފައިވަނީ މިފަދައިންނެވެ. ޛުލްޤަރުނައިނިއާބެހޭގޮތުން، މީސްތަކުން، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައާ ސުއާލު ކުރެއެވެ. އެހިނދު، ކީރިތި ﷲ އަންގަވައި ވަޙީކުރައްވަނީ، އެކަލޭގެފާނާ ސުއާލުކުރާމީހުންނަށް އެވާހަކަ ވިދާޅުވެ ދެއްވުމަށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ، ޛުލްޤަރުނައިނިއަށް ބިމުގައި ކަންކަން ފަހިކޮށްދެއްވައި ބާރުވެރިކޮށްދެއްވާފައި ވެއެވެ. އަދި އެއްވެސްކަމެއްގައި މަގެއްނުދައްކަވައި ދޫކޮށްލައްވާފައެއް ނުވެއެވެ. އަދި ޛުލްޤަރުނައިނި ކުރިޔަށް ވަޑައިގަތީ، ﷲ ދެއްކެވި މަގުންނެވެ. ﷲ ގެ އަމުރުފުޅަކާ ޚިލާފުވެވަޑައިގެންފައެއް ނުވެއެވެ. ޛުލްޤަރުނައިނިއަކީ، އިރުއަރާ އިރުމަތިން ފެށިގެން، އިރުއޮއްސޭ ހުޅަނގަށް ދުނިޔޭގައި ދަތުރުކުރެއްވި ބޭކަލެކެވެ. އިރުއޮއްސޭ ހިސާބަށް ވަޑައިގަތުމާއެކު، އެކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ، ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮއްސި އެއިރު ފުހެވޭތަނެވެ. އަދި ޤައުމެއްގެ މީސްތަކުންވެސް، އެތަނުން ޛުލްޤަރުނައިނިއަށް ފެނިވަޑައިގަތެވެ. އެހިނދު ﷲ ސުބްޙާނަހޫ ވަތަޢަލާ، ޛުލްޤަރުނައިނިއަށް ވަޙީ ކުރައްވައެވެ. އެބައިމީހުންނަށް ކަލޭގެފާނު އަދަބު ދެއްވާށެވެ! ނުވަތަ އެބައިމީހުންނާމެދު އޯގާތެރިކޮށް ހިއްތަވައި ޢަމަލުކުރައްވާށެވެ!

ކީރިތި ﷲ ގެ މިއަމުރުފުޅާގުޅިގެން، ޛުލްޤަރުނައިނި ވިދާޅުވީ، އަނިޔާވެރިވިމީހަކަށްވިއްޔާ އަދަބު ދެއްވާނެކަމުގައެވެ. އަދި އެމީހަކު، އަޅުތަކުންގެވެރި ރަސްކަލާނގެ ޙަޟުރަތަށް ރައްދުކުރައްވާނެ ކަމުގައެވެ. އެއީ، އެމީހަކަށް ޙައްޤުވާ، ގަދަފަދަ ޢަޒާބު، އެކަލާނގެ ޙަޟުރަތުން އެމީހަކަށް ލިބުމަށްޓަކައެވެ. ކީރިތި ﷲ ވަޙީކުރެއްވިއެވެ. އަދި އީމާންވެ ޞާލިޙު ޢަމަލުކުރިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ހެޔޮޖަޒާ ހުއްޓެވެ. އަދި އެމީހަކަށް، ތިމަން ރަސްކަލާނގެ ފަސޭހަވެގެންވާގޮތެއް ދައްކަވާހުށީމެވެ. މާނަޔަކީ، އަނިޔާވެރިކަން ދޫކޮށް، އީމާންވެ ހެޔޮޢަމަލުކުރިމީހާއަށް ހެޔޮ ޖަޒާދެއްވާނެކަން އެންގެވުމެވެ. އަދި އެމީހަކަށް، އެކަލާނގެ ޙަޟުރަތުން މަގުދައްކަވައި، އެމީހެއްގެ ދިރިއުޅުން ފަސޭހަވެގެންދާނެ ގޮތް މިންވަރުކުރައްވާނެ ކަމެވެ.

އެއަށްފަހު، ޛުލްޤަރުނައިނި އެހެންމަގަކުން ވަޑައިގެންނެވިއެވެ. އިރުއޮއްސޭތަނުން ފެށިގެން އިރުއަރާތަނާ ހިސާބަށެވެ. އެވަގުތު، ޤައުމެއްގެ އަހުލުވެރިންގެމައްޗަށް އިރުއަރާތީ އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އިރުގެ ގަދަ ހޫނުން ސަލާމަތްވާނެ އެއްވެސް ކަހަލަ ނިވަލެއް އެބައިމީހުންގެ މައްޗަކަށް ނުވެއެވެ. އެބައިމީހުން ދުވާލުގެ ވަގުތު، ދިރިއުޅެމުން ގެންދަނީ ރަތްދަކަ އަވީގައެވެ. އެކަންހުރީ އެފަދައިންކަމާއި، ޛުލްޤަރުނައިނިގެ ކިބައިގައިވާ ހުރިހާކަމެއްގެ ޚަބަރުވެސް ކީރިތި ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ.

އެއަށްފަހު، ޛުލްޤަރުނައިނި ވަޑައިގަތީ އެހެން މަގަކުންނެވެ. ދެފަރުބަދައެއްގެ މެދަށް ވެދެވަޑައިގެންނެވުނެވެ. އެތަނަށް ވަޑައިގަތުމާއެކު، އެތާނގައި ބަޔަކުމީހުން އުޅޭތީ ފެނިވަޑައިގަތެވެ. އެއީ އެއްވެސް ބަހެއް އެނގޭ ބައެއްނޫނެވެ. އެހެނަސް، ވަރަށް އުނދަގުލުން ކޮންމެވެސް ވަރަކަށް މުޢާމަލާތު ކުރެވެއެވެ. އެބައިމީހުންގެ ބަސްމޮށުންތެރިކަމުގެ އުނދަގުލާއެކު، އެބައިމީހުން ޛުލްޤަރުނައިނިއަށް ދެންނެވިއެވެ. ހަމަކަށަވަރުން، ޔައުޖޫޖު، މައުޖޫޖު ބާގައިގެމީހުންނަނީ ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ކަލޭގެފާނުގެ އެހީފުޅާއެކު، އެބައިމީހުންނާ ތިމަންމެންނާ ދެމެދު ފާރެއްލައްވައި ދެއްވަފާނަންތޯއެވެ؟ އެކަންކޮށްދެއްވައިފިނަމަ ތިމަންމެން، ކަލޭގެފާނަށް ޖިޒީއެއްވެސް ދީފާނަމެވެ.

ޛުލްޤަރުނައިނި ވިދާޅުވިއެވެ. ނޫނެކެވެ! އަހުރެންގެ ވެރި ރަސްކަލާނގެ، އަހުރެންނަށް މިންވަރުކޮށްދެއްވާފައިވާ ބާރު، ތިޔަބައިމީހުން ދޭ ޖިޒީއަކަށްވުރެ މާ ރަނގަޅެވެ. ތިކަމުގައި، ތިޔަބައިމީހުންވެސް ތިމަންކަލޭގެފާނާ ބައިވެރިވެ ވާގިދޭށެވެ! އެކަން ކުރަން އޭރަށް ފަސޭހަވާނެއެވެ. އޭރަށް، ތިޔަބައިމީހުން ތިޔައެދޭފަދަ ފާރެއް  ތިމަންކަލޭގެފާނު ލައިދެއްވާނަމެވެ. އެބައިމީހުން އެކަމަށް އެއްބަސްވުމުން، ދަގަނޑުގެ އެތިއެތިގަނޑު އެއްކޮށްގެން ގެނެސްދިނުމަށް އެކަލޭގެފާނު އެދިވަޑައިގަތެވެ. އަދި އެބައިމީހުން ގެނައި ދަގަނޑުގެ ބައިތައް އެދެފަރުބަދަ ދޭތެރެޔަށް އަޅައި ފުރާލިއެވެ. އެއަށްފަހު، އެދަގަނޑުތައް ދޮންވެ އަލިފާނަށްވަންދެން އެއަށް ފުމުމަށް، އެކަލޭގެފާނު، އެބައިމީހުންނަށް ވިދާޅުވިއެވެ. އޭގެފަހުން، އޭގެމައްޗަށް އެޅުމަށްޓަކައި، ވިރުވާފައިހުރި ރަންވަންލޮއި ގެންނަން ވިދާޅުވިއެވެ.

އެކަން އެގޮތަށް ހިނގުމަށްފަހު، އެދެފަރުބަދައިގެ ދެމެދުގައިވާ ހުރަސް ގިރާކުރަން އަދި އޭގެމައްޗަށް އެރުމަށްވެސް، ޔައުޖޫޖް، މައުޖޫޖް ބާގައިގެމީހުންނަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެހުރަސް ފޫއަޅުވައިލުމަކަށްވެސް އެމީހުންނަކަށް ކުޅަދާނައެއް ނުވިއެވެ. އެއަށްފަހު، ޛުލްޤަރުނައިނި ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ތިޔަބައިމީހުންނަށް ލެއްވި ރަޙުމަތެކެވެ. އެހެންނަމަވެސް، އެކަލާނގެ ވަޢުދުފުޅުގެ ވަގުތު އަތުވެއްޖެނަމަ، އެހުރަސް ކުނޑިކުނޑިވެ ހަލާކުވެގެން ހިނގައިދާނެއެވެ. އެކަލާނގެ ވަޢުދުފުޅަކީ، ޙައްޤު ތެދެވެ.

މިއީ، ޛުލްޤަރުނައިނިއާބެހޭގޮތުން، ކީރިތި ޤުރުއާނުގެ ކަހްފު ސޫރަތުގައި ބަޔާންވެގެންވާ މިންވަރެވެ. ޛުލްޤަރުނައިނިއާބެހޭގޮތުން، އިސްލާމީތާރީޚު ލިޔުއްވާ ބޭފުޅުންނާއި، ކައުއިތުރު ރަސޫލާގެ އަޞްޙާބުބޭކަލުން އެކިގޮތްގޮތަށް ވާހަކަ ދައްކަވާފައި ވެއެވެ. އަދި ބުޚާރީއާއި މުސްލިމްގައިވެސް އެކަލޭގެފާނާބެހޭ މަޢުލޫމާތު ހިމެނިފައި ވެއެވެ. ތަވްރާތާއި އިންޖީލުގައިވެސް އެކަލޭގެފާނާބެހޭ ވާހަކަ އައިސްފައިވާކަމަށް ވެއެވެ. އިރާދަކުރެއްވިއްޔާ، މިލިޔުމުގެ 3 ވަނަބައިގާ އެވާހަކަތައް ތަފްޞީލުކޮށްގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.