ޛުލްޤަރުނައިނި - 3

(11 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިލިޔުމުގައި މިވަނީ، މިޝުރުޚީގެ ކުރީގެ ދެލިޔުމުގައި އިޝާރާތްކޮށްފައިވާ ފަދައިން، ޛުލްޤަރުނައިނިއާ ބެހޭގޮތުން އެކި މަސްދަރުތަކުން އައިސްފައިވާ ވާހަކަތަކެވެ. މިލިޔުމުގެ މައިގަނޑު މަސްދަރެއްކަމުގައި ބަލާފައިވާނީ، މަޣުރިބުގެ ތާރީޚީ ޢިލްމުވެރިޔެއްކަމުގައިވާ އިމާމް އަޙްމަދު އިބްނު އަޖީބާ، މިމަވްޟޫޢަށް ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ޚުލާޞާއެވެ. މިލިޔުން ޝާއިޢުކޮށްފައިވަނީ،  އިމާމް ޣަޒާލީ އިންސްޓިއުޓުގެ ވެބްސައިޓްގައެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިމްތިޙާނުކުރުމަށްޓަކައި، ޔަހޫދީން އެކަލޭގެފާނާ ސުއާލުކުރިއެވެ. ނުވަތަ، ޔަހޫދީންނާ މަޝްވަރާކުރުމަށްފަހު، ޤްރައިޝުން، އެކަލޭގެފާނާ ސުއާލުކުރިއެވެ. އެބައިމީހުންގެ އެސުއާލު ތަކުރާރުކުރަމުން ގެންދިޔައެވެ. ކީރިތި ޤުރުއާނުގެ ބައެއް އާޔަތް، ﷲ ސުބްޙަނަހޫ ވަތަޢާލާ ވަޙީކުރައްވައި ބާވާލައްވާފައިވަނީ، ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރިމަތިވެވަޑައިގަންނަވާ ސުއާލުގެ ޖަވާބެއްގެ ގޮތުގައެވެ. ނުވަތަ ވަކިކަމެއްގައި ދީނުގައި އޮންނަ ޙުކުމް އެންގެވުމުގެގޮތުންނެވެ. ކީރިތި ޤުރުއާނުގެ ކަހުފު ސޫރަތުގެ 83 ވަނައާޔަތުގައި، ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަޔަށް ﷲ ވަޙީކުރައްވާ އަންގަވާފައިވަނީ، "ޛުލްޤަރުނައިނިއާމެދު، އެއުރެން ކަލޭގެފާނާ ސުއާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ ! އޭނާގެ ވާހަކައިން ތިމަންކަލޭގެފާނު، ތިޔަބައިމީހުންނަށް ކިޔައިދެއްވާހުށީމެވެ." ކަހުފު ސޫރަތުގެ 83 ވަނައާޔަތުން ފެށިގެން 98 ވަނަ އާޔަތުގެ ނިޔަލަށް، ﷲ ސުބްޙަނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ، ޛުލްޤަރުނައިނިގެ ވާހަކައިންނެވެ.

ޛުލްޤަރުނައިނި އުޅުއްވާފައިވަނީ، ސަލާމްލެއްވި އިބްރާހީމްގެފާނުގެ ދުވަސްވަރުއެވެ. އެކަލޭގެފާނުގެ ނަންފުޅަކަށް ތަބްރީސް އަދި ހާރދިސް އޭވެސް ކިޔެއެވެ.  ސަލާމްލެއްވި ޢީސާގެފާނުގެ ޒަމާނާ ކައިރި ދުވަސްވަރެއްގައި އުޅުއްވި ޒުލްޤަރުނައިނިއަކީ، ދަރަޖައިގެގޮތުން ދަށް އެހެން ޒުލްޤަރުނައިނިއެކެވެ. އޭނާގެ ނަމަކީ އެލެގްޒެންޑަރ އެވެ. އެއީ، ފިލޯސަފަރެއްކަމުގައިވާ އެރިސްޓޮޓްލްގެ ގާތް އެކުވެރިޔެކެވެ. އެކަމަކު، އަލްމަހައްލީ ވިދާޅުވާގޮތުގައި، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ޒުލްޤަރުނައިނިއަކީ، ސަލާމްލެއްވި ޢީސާގެފާނުގެ ޒަމާނާ ކައިރި ދުވަސްވަރެއްގައި އުޅުއްވި ބޭކަލެކެވެ.

އިމާމް އަލްރާޒީ ވިދާޅުވާގޮތުގައި، އަޞްލު ޒުލްޤަރުނައިނިއަކީ ފުރަތަމަ ޒުލްޤަރުނައިނިކަމުގައި ބެލެވެއެވެ. އެއީ އާރާއިބާރުގެ ގޮތުން އަރާހުންނެވި ބޭކަލެކެވެ. އަދި ކީރިތި ޤުރުއާނުގައިވެސް ބަސްވަޙީކުރެއްވުމާ ހަމަޔަށް އެކަލޭގެފާނުގެ މަތިވެރިކަން ގޮސްފައިވާތީއެވެ. އަދި ތާރީޚީ ފޮތްތަކުގައިވެސް، އެބޭކަލެއްގެ ވާހަކަ އެގޮތަށް އައިސްފައިވާތީއެވެ. އިބްނު އަޖީބާ ވިދާޅުވާގޮތުގައި، ދެ ޛުލްޤަރުނައިނިއަކީވެސް، އާރާއިބާރުގެ ގޮތުން ދުނިޔޭގެ އިރުން ހުޅަނގަށް ވެރިކަންކުރެއްވި މަތިވެރި ދެބޭކަލުންނެވެ. އާރާއި ބާރުގެގޮތުން، އަރާހުންނެވިކަމަށް ބެލެވޭ ޛުލްޤައިރިނައިނިއަކީ، ބުނެވޭގޮތުގައި ދުނިޔޭގެ އެކި ބައްރުތަކުގައި އަދި އެބައްރުތަކުގެ ވެރިންގެ މައްޗަށް ވެރިކަންކުރެއްވި ޢަދުލުވެރި ރަސްކަލެކެވެ. އަދިއެއީ، ﷲ އަށް އަޅުކަންކުރެއްވި، އަދި އެކަލާނގެ ޙަޟުރަތުން ޚާއްޞަބާރުތަކެއް ލިބިވަޑައިގެންވީ ބޭކަލެކެވެ. ބައެއްބޭފުޅުން ވިދާޅުވާގޮތުގައި ޚުޟުރުގެފާނަކީ، އެންމެ އިސް ޛުލްޤަރުނައިނިގެ މުސްތަޝާރުގެ އިތުރަށް، ހަނގުރާމަމަތީ ލަޝްކަރުގެ އިސްވެރިޔާއެވެ. އަދިއެއީ، ޛުލްޤަރުނައިނިގެ ތިމާގެ ބޭކަލެކެވެ. ބައެއްބޭފުޅުންވިދާޅުވާގޮތުގައި، ކީރިތި ޤުރުއާނުގެ ކަހުފުސޫރަތުގެ 65 ވަނައާޔަތުން ފެށިގެން އައިސްފައިވާ އާޔަތްތަކުގައި، މޫސާގެފާނާ ދިމާވެވަޑައިގަންނަވާ ބޭކަލަކީ ޚުޟުރުގެފާނެވެ.

އަލް ޢަސްޣަރީއާއި އެނޫންވެސް ބައެއްބޭކަލުން ވިދާޅުވާގޮތުގައި، ޛުލްޤަރުނައިނި އިސްލާމްވެވަޑައިގަތީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ އަތްޕުޅު މައްޗަށެވެ. އަދި އެދެބޭކަލުންގެ މައްޗަށް ސަލާމްލެއްވިގެންވާ އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާއެކު، ޛުލަޤަރުނައިނިވަނީ ގެފުޅުގައި ތަވާފު ކުރައްވާފައެވެ. އަދި ޛުލްޤަރުނައިނި، ފައިމަގުގައި ޙައްޖަށް ވަޑައިގެންނެވިކަމަށްވެސް ބައެއްބޭކަލުން ރިވާކުރައްވައެވެ. އެކަން ސަލާމްލެއްވި އިބްރާހީމްގެފާނަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު، ޛުލްޤާރުނައިނިއާ ބައްދަލުކުރައްވާ ހެޔޮދުޢާ ކުރައްވާ ދީނީ ނަޞޭޙަތް ދެއްވިއެވެ. އަދި، ދަތުރުކުރެއްވުމަށްޓަކައި، އެކަލޭގެފާނަށް އަހެއް ވެދުންކުރެވުނެވެ. އެހެންނަމަވެސް، އެކަލޭގެފާނާއެކު ﷲ ވޮޑިގެންވާހާ ހިނދަކު، ބިމުގައި ސަވާރީއެއް ބޭނުންނުކުރައްވާނެކަމަށް ވިދާޅުވެ އަސް ބޭނުމެއް ނުކުރެއްވިއެވެ. ﷲ ގެ ކުޅަދުންވަންތަކަމުން، ވިލާތައް އެކަލޭގެފާނަށް ކިޔަމަންވެއެވެ. އަދި، ބިންގަނޑު ފަށްފަށްވުމާއެކު އެކަލޭގެފާނަށްޓަކައި ދުރުރާސްތާ ކުރުވެއެވެ. އަދި ހަނގުރާމަޔަށް ވަޑައިގަންނަވާހިނދު، އެކަލޭގެފާނާއި އެކުގައިވާ ލަޝްކަރާއަދި ހަނގުރާމަމަތީ ސާމާނު ވިލާގެ އެހީގައި ތަންތަނަށް ގެންދެވެއެވެ.

ޛުލްޤަރުނައިނިއަކީ، ރަސްކަލެއްތޯ ނުވަތަ މަލާއިކަތްބޭކަލެއްތޯ، ސަލާމްލެއްވި ޢަލީގެފާނާ ސުއާލުކުރެވުނުހިނދު އެކަލޭގެފާނު ވިދާޅުވީ އެއީ ރަސްކަލެއްވެސް ނޫންކަމުގައެވެ. އަދި މަލާއިކަތްބޭކަލެއްވެސް ނޫންކަމުގައެވެ. އެހެނަސް، އެއީ ﷲ އަށް ކިޔަމަންތެރި އަޅެއްކަމުގައެވެ. ނުވަތަ ﷲ ލޯބިވެވޮޑިގެންވާ އަޅެއްކަމުގައެވެ. އެހެންކަމުން، ﷲ އެކަލޭގެފާނަށް މަގުދެއްކެވިކަމުގައެވެ. އަދި ވިލާތައް ކިޔަމަންކޮށްދެއްވައި، އެތައްގުނައަކަށް މުއްސަނދިކަން ދެއްވިކަމުގައެވެ.

މުޖާހިދު ވިދާޅުވާގޮތުގައި، 4 މީހަކު މުޅިދުނިޔޭގެ ވެރިކަން ކުރިއެވެ. އޭގެތެރެއިން ދެމީހުންނަކީ، ﷲ އަށް ކިޔަމަންތެރި އަޅުންނެވެ. އަނެއްދެމީހުންނަކީ ކާފަރުންނެވެ. ﷲ އަށް ކިޔަމަންތެރި ދެއަޅުންނަކީ، ސުލައިމާނުގެފާނާއި ޛުލްޤަރުނައިނިއެވެ. ކާފަރުންނަކީ ނަމްރޫދާއި ނެބިކެނުޒަރެވެ. ނަމްރޫދަކީ،  ޝިނާރގެ ރަސްކަލެކެވެ. ޝިނާރއަކީ މިހާރުގެ ގާތްގަނޑަކަށް މުޅި ޢިރާޤާއި ކުވޭތުގެ އުތުރުން ބަޔަކާ އަދި އީރާނުގެ ހުޅަނގު ސަރަޙައްދުން ބައެކެވެ. ނެބިކެނުޒަރއަކީ، ނިއޯ ބާބިލޯންގެ ރަސްކަލެކެވެ.   ނިއޯބާބިލޯނަކީ، ފުރާތުކޯރުގެ އައްސޭރީގައި، މިހާރުގެ ޢިރާޤުގެ އަވަށެއްކަމުގައިވާ އަލްހިއްލާ އާކައިރިން 55 މޭލަށް ދެމިގެންވާ ސަރަޙައްދެކެވެ. އެއީ އެޒަމާނުގައި އޮތް އެންމެ ބޮޑު ރަސްކަމެވެ.

ފަހުގެ ޛުލްޤަރުނައިނިއަށްބަލާއިރު، ގްރީކުގެ ތާރީޚަށް ޙަވާލާދެއްވާ ބައެއްބޭފުޅުން ވިދާޅުވާގޮތުގައި، އޭނާގެ ބައްޕަ ކުރިންހުންނެވި ރަސްކަލުން އަވަހާރަވުމުން ރޯމުގެވެރިކަން ވަކިރަސްކަމެއްގެ ގޮތުގައި ލިބިވަޑައިގަތެވެ. އެއަށްފަހު، ޢަރަބި ރަސްރަސްކަލުންނާ ހަނގުރާމަކުރައްވާ ޕަރސިއަން ގަލްފް ނުވަތަ މިހާރުގެ ޢަރަބި ކަނޑާ ހަމަޔަށް ދެވެންދެން އެތަންތަން ހިއްޕެވިއެވެ. އަދި އެއަށްފަހު މިޞްރު ހިއްޕަވާ ވެރިރަށެއްގެގޮތުގައި އިސްކަންދަރިއްޔާ އާބާދު ކުރެއްވިއެވެ. އަދި އެއަށްފަހު، ލެވަންޓް ނުވަތަ މިހާރުގެ އިސްރާއީލާއި ފަލަސްތީން އަދި އުރުދުނާއި ސޫރިޔާ ހިމެނޭ ސަރަޙައްދު ފަތަޙަ ކުރެއްވިއެވެ. އަދި، ޖަރޫސަލަމަށް ވަޑައިގެން ފައްޅިތައް ހަލާކުކުރެއްވިއެވެ. އެއަށްފަހު ޢިރާޤާއި ފާރިސްކަރައިގެ ރަސްރަސްކަލުންގެ މައްޗަށް ފަތަޙަ ހޯއްދެވިއެވެ. ރޫސީވިލާތާއި ޗައިނާ ޙިޞޯރުކުރައްވާ، ހިންދު ކަރަޔަށް ވަޑައިގެން އިންޑިއާ ސަރަޙައްދާއި ސިލޯނު އޭނާގެ ބާރުގެދަށަށް ގެންދެވިއެވެ. އެއަށްފަހު، އެނބުރި ޢިރާޤަށް ވަޑައިގެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވީއެވެ. އޭނާ އަވަހާރަވީ ޢުމުރުފުޅުން 1600 ވަނައަހަރުއެވެ. ބައެއްބޭފުޅުން ވިދާޅުވާގޮތުގައި 3000 އަހަރުވަންދެން އޭނާ ދިރިހުންނެވިއެވެ.

ރޫސީވިލާތުގެ، ދަގެސްތާންގެ ޑަރބެންޓް އަވަށުގައި (ޛުލްޤަރުނައިނި ބިނާކުރެއްވި)  2600 އަހަރުވީ ބޮޑުފާރުތައް

ބައެއްބޭފުޅުން ވިދާޅުވާގޮތުގައި ދެ ޛުލްޤަރުނައިނިއަކީ އެއްބޭފުޅެކެވެ. އެހެންނަމަވެސް، ގިނަބޭފުޅުން ވިދާޅުވަނީ އެއީ ދެބޭފުޅެއްކަމުގައެވެ. މިކަމުގެ ހެއްކެއްގެގޮތުގައި ގިނަބޭފުޅުން ބުރަވެވަޑައިގަންނަވާ އަސާސެއް އެބައޮތެވެ. ފުރަތަމަ ޛުލްޤަރުނައިނިއަކީ، ﷲ ގެ ޙަޟުރަތުން ތެދުމަގު ދައްކަވާފައިވާ ރަސްކަލެކެވެ. އެރަސްކަލުންގެ މުސްތަޝާރަކީ ޙުޟުރުގެފާނެވެ. ދެވަނަ ޛުލްޤަރުނައިނިއަކީ ކާފަރެކެވެ. އޭނާގެ މުސްތަޝާރަކީ ފިލޯސަފަރ އެރިސްޓޮޓްލް އެވެ. މިދެ ޛުލްޤަރުނައިނީންގެ ދެމެދުގައި ދެހާސް އަހަރުވެފައި ވެއެވެ. އެހެންކަމުން އެއީ އެއްބޭކަލަކަށް ވުމުގެ ފުރުޞަތު ކުޑައެވެ.

ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ޛުލްޤަރުނައިނިއަކީ، ރަސޫލެއް ނުވަތަ މަލާއިކަތްބޭކަލެއް ނުވަތަ ރަސްކަލެއްކަމާމެދު ގިނަބަޔެއްގެ މެދުގައި ޚިލާފާއި ޝައްކު އުފެދެއެވެ. ރަނގަޅުގޮތަކީ، އެއީ ރަސްކަލެއްކަމެވެ. އަދި އެކަލޭގެފާނަށް ޛުލްޤަރުނައިނިއޭ ކިޔުނީ ކީއްވެގެންކަމާމެދުވެސް މީސްތަކުންގެ މެދުގައި ޚިލާފު އުފެދެއެވެ. ބުނެވޭގޮތުގައި ދެދަޅުހުންނަ ތާޖުކޮޅެއް އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުއްވައެވެ. އަލިކަމާއި އަނދިރިކަން އެކަލޭގެފާނުގެ ބާރުގެދަށުގައި ލެއްވިގެންވިއެވެ. އޭނާ ދަތުރުކުރައްވާއިރު، އަލިކަން ކުރިމަތީ އޮވެ މަގުދައްކައި އަދި އަނދިރިކަން ފުރަގަހުގައި އޮވެއޮބިގެން ދެއެވެ. އަދިމިނޫންވެސް އެތައް މިސާލުތަކެއް މިކަމާމެދު އައިސްފައި ވެއެވެ.

އެޓްލާންޓިކް ކަނޑުގެ އައްސޭރި – ކެނެރީ އައިލޭންޑް
ދުނިޔޭގެ އިރުމަތީ ބިތުން އިރުއަރާ މަންޒަރު

ޛުލްޤަރުނައިނިއަށް ﷲ މިންވަރުކުރައްވާފައިވާ އާރާއިބާރުގައި ބިމުގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރެއްވިއެވެ. ހުޅަނގުކޮޅުންގޮސް އިރުއޮއްސޭ ހިސާބަށެވެ. އޭގެ މާނަޔަކީ، އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށެވެ. އެހިސާބުގައި އޮންނާނީ ކެނެރީ އައިލޭންޑެވެ. އޭގެ ކުރިޔަށް އޮންނާނީ އަޑިނޭނގޭ މާސިންގާ ކަނޑެވެ. އެއީ އެއްވެސް އިންސާނަކަށް ކުޅަދާނަވެގެންވާކަމެއްނޫނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.