ޛުލްޤަރުނައިނި - 1

ޛުލްޤަރުނައިނިގެ ވާހަކަޔަކީ، ކީރިތި ޤުރުއާނުގެ ކަހްފުސޫރަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާ، އަންގަވައިދެއްވާފައިވާ ވާހަކައެކެވެ. މިވާހަކަ ބަޔާންކުރައްވާފައިވަނީ، ޛުލްޤަރުނައިނިއާ ބެހޭގޮތުން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް، މީސްތަކުން ދަންނަވާ ސުއާލަށް އެކަލޭގެފާނު ދެއްވާނެ ޖަވާބެއް އެންގެވުމުގެ ގޮތުންނެވެ. ކަހުފު ސޫރަތުގެ 65 ވަނަ އާޔަތުގައި، ސަލާމްލެއްވި މޫސާގެފާނަށް ފެނިވަޑައިވަޑައިގަންނަވާކަމަށް ﷲ ވަޙީކުރައްވާފައިވާ، އެކަލާނގެ ޚާއްޞަ އަޅަކީ، ޛުލްޤަރުނައިނިކަމަށް، އިސްލާމީ ތާރީޚުގެ ބައެއް ޢިލްމުވެރިން ލިޔުއްވައެވެ. އެހެންނަމަވެސް، މޫސާގެފާނާ ބައްދަލުވެވަޑައިގަންނަވަނީ، ޛުލްޤަރުނައިނިކަން ކީރި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާންކުރައްވާފައެއް ނުވެއެވެ. ކޮންމެއަކަސް، މޫސާގެފާނަށް ކުރިމަތިވެވަޑައިގަންނަވާ ޙާދިސާއަކާއި ޛުލްޤަރުނައިނީގެ ވާހަކަ، ކަހްފު ސޫރަތުގެ 60 ވަނައާޔަތުންފެށިގެން ވަރަށް ރީތިކޮށް ބަޔާންކުރައްވާފައި ވެއެވެ. އެވާހަކަތައް އައިސްފައިވަނީ މިފަދައިންނެވެ.

ދެކަނޑު ގުޅުނު ހިސާބަށް ވަޑައިގެންނެވެންދެން، ނުވަތަ ހިންގަވަމުން ވަޑައިގެން ދުވަސްތަކެއް ވޭތިވަންދެން ތިމަންކަލޭގެފާނު ހިންގެވުން ދުލެއްނުކުރައްވާނަމެވެ.     މޫސާގެފާނު، އެކަލޭގެފާނުގެ ޚާދިމްކުއްޖާއަށް ވިދާޅުވިއެވެ. އެކަން ހަނދުމަކުރުމަށް، ﷲ ސުބްޙަނަހޫ ވަތަޢާލާ، ކަހުފު ސޫރަތުގެ 60 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ.

ދެކަނޑު ގުޅުނު ހިސާބަށް މޫސާގެފާނަށް ވަޑައިގެންނެވުނެވެ. އެކަލޭގެފާނާއެކު، އެކަލޭގެފާނުގެ ޚާދިމްކުއްޖާވެސް ދިޔައެވެ. ދަތުރުފުޅުގައި ފަރީއްކުޅުއްވުމަށްޓަކައި، ލޮނުމަސް އަޅާ އުޞޫލުން، ލޮނުއެޅިމަހެއް އެކަލޭގެފާނު ގެންދެވިއެވެ. އެކަމަކު މޫސާގެފާނު، އެމަހުގެ މަތިން ހަނދުމަފުޅެއް ނެތެވެ. އަދި ޚާދިމުކުއްޖާވެސް އެމަހުގެމަތިން ހަނދުމައެއް ނެތެވެ. އޭރު، ﷲ ގެ ކުޅަދުންވަންތަކަމުން، އެމަސްވަނީ، މަގެއް ހޯދައިގެން ކަނޑުގެ ތެރެޔަށް ގޮސް ގެއްލިފައެވެ. މޫސާގެފާނު، އެކަލޭގެފާނުގެ ދަތުރުފުޅު ހުއްޓާނުލައްވައި ކުރިޔަށް ވަޑައިގަތެވެ. އަދި އެހިސާބަށް ދަތުރުކުރެއްވުނުއިރު،އެކަލޭގެފާނުވަނީ ވަރަށްބޮޑަށް ވަރުބަލިފުޅު ވެފައެވެ. އަދި ބަނޑުހައިފުޅުވެގެން، އެއްކަލަ މަސް ގެނައުމަށް، ޚާދިމްކުއްޖާއަށް ވިދާޅުވިއެވެ.

ޚާދިމުކުއްޖާ ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ ؟ ދެކަނޑު ބެދޭ ހިސާބުގައި އޮތް ބޮޑުހިލައެއްގެ މަތީ އަޅުގަނޑުމެން މަޑުކޮށްލިން ނޫންތޯއެވެ ؟ އެވަގުތު އަޅުގަނޑުމެން އެމަހުގެމަތިން ހަނދާނެއް ނެތެވެ. އެމަހުގެ މަތިން އަޅުގަނޑުމެން ހަނދާންކުރުމުން އެއްކިބާކުރީ، ލަޢުނަތްލެއްވި ޝާއިޠާނާނޫން އެހެން އެއްޗެއްނޫނެވެ. އެނގިވަޑައިގަންނަވާތޯއެވެ ؟ އެމަސްވެސް، ކަނޑުގެތެރެއިން އޭގެމަގު ހޯދައިގެން ދިޔައީއެވެ. ލޮނުއެޅިމަހަށް ދިމާވިގޮތަކީ އެއީއެވެ.

މޫސާގެފާނު، ޚާދިމްކުއްޖާއަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ބޭނުންފުޅުވެގެން މިއުޅުއްވަނީ އެތަނަށް ވަޑައިގަންނަވާށެވެ. އެއަށްފަހު، މޫސާގެފާނު، ކުރިޔަށްވަޑައިގެންނެވި ފިޔަވަޅުފުޅު ބައްލަވަމުން ފަހަތަށް ވަޑައިގަތެވެ. އެހިސާބަށް ވަޑައިގެންނެވުނުތަނާ، މޫސާގެފާނަށް ބޭކަލަކު ފެނިވަޑައިގަތެވެ. އެބޭކަލަކީ . ކަހްފު ސޫރަތުގެ 65 ވަނައާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވާ، އެކަލާނގެ އަޅުންގެތެރެއިން، ޚާއްޞަ އަޅެއްގެގޮތުގައި ސިފަކުރައްވާ ބޭކަލެވެ. އެބޭކަލަކަށް އެކަލާނގެ ރަޙުމަތެއް ދެއްވިކަންވެސް އެއާޔަތުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި އެބޭކަލަކަށް، ﷲ ގެ ޙަޟުރަތުން ޚާއްޞަ ޢިލްމެއް އުނގަންނަވައި ދެއްވާފައި ވެއެވެ. އެކަންވެސް އެއާޔަތުގައި ބަޔާންކުރައްވާފައި ވެއެވެ.

އެތަނުން، މޫސާގެފާނަށް ފެނިވަޑައިގެންނެވި ބޭކަލެއްގެ އަރިހަށް ވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް، ﷲ ދެއްވާފައިވާ ޢިލްމުން، ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާނަންތޯއެވެ؟ އަދި އެކަމަށް ތިމަންކަލޭގެފާނު، ކަލޭގެފާނަށް ތަބާ ވަންތޯއެވެ؟  މޫސާގެފާނުގެ ސުއާލަށް ޖަވާބުދެއްވަމުން އެބޭކަލަކު ވިދާޅުވިއެވެ. ކަލޭގެފާނަށް، ތިމަންކަލޭގެފާނާއެކުގައި ވާހިނދު، ދިމާވެވަޑައިގަންނަވާ ކަންކަމަށް ކެތެއް ނުކުރެއްވޭނެއެވެ. އެއީ، ކަލޭގެފާނަށް ކެތްކުރެއްވުމަށް ކުޅަދާނަވެގެންވާނެ ކަންކަމެއްނޫނެވެ. އެހެންނޫނަސް، އެކަމެއްގެ ޙަޤީޤަތް އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ކިހިނެއްތޯއެވެ؟ އިންސާނާއަށް ކެތްކުރެވޭނީ އެކަމެއްވާހިނދު އެއީ، ކިހިނެއް އަދި ކޮންގޮތަކަށް، ކޮންސަބަބަކާހުރެ ވީކަމެއްކަން އެނގޭ ކަންކަމުގެ މައްޗަށެވެ. އެޙަޤީޤަތް ނޭނގި ކެތްކުރުމަކީ އިންސާނާއަށް އުނދަގޫ ކަމަކަށް ވާނެއެވެ.

މޫސާގެފާނު، އެބޭކަލަކަށް ދެންނެވިއެވެ. އެހެނެއްނޫނެވެ. ﷲ އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނަކީ، ކެތްތެރިޔަކުކަމުގައި ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. އިރާދަކުރެއްވިއްޔާ، ކަލޭގެފާނު ކުރައްވާ އެއްވެސް އަމުރުފުޅަކަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ. އެބޭކަލަކު ވިދާޅުވިއެވެ. ކަލޭގެފާނު، ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވާށެވެ. އެކަމަކު އެއްވެސްކަމެއް ދިމާވެގެން، ތިމަންކަލޭގެފާނު ވަކިއެއްޗެއް ނުދަންނަވަނިސް، ތިމަންކަލޭގެފާނާ ސުއާލުކުރައްވައިގެން ނުވާނެއެވެ.

އެބޭކަލަކާއި މޫސާގެފާނު ކުރިޔަށް ވަޑައިގަތެވެ. އަދި އެބޭކަލުންނާ ދިމާވި ނަވަކަށް އަރައިވަޑައިގަތެވެ. ނަވަށް އަރާވަޑައިގެންނެވިގޮތަށް ވަޑައިގެން، އެބޭކަލަކު އެނައު ފޫދުއްވައިލެއްވިއެވެ. އެތަން ފެނިވަޑައިގެން މޫސާގެފާނަށް ހިމޭނަކުން ނުހުންނެވުނެވެ. އަދި، އެނައު ފޫދުއްވައިލެއްވީ، އެނަވުންދަތުރުކުރާމީހުން ކަނޑަށް ޣަރަޤު ކުރައްވަންވެގެންތޯ މޫސާގެފާނަށް ސުއާލުކުރެއްވުނެވެ. އަދި އެކަލޭގެފާނު އެކުރެއްވީ، ބޮޑުވެގެންވާ ނުބައިކަމެއްކަމުގައިވެސް ދެންނެވިއެވެ. އެކަލޭގެފާނާ އެއްވެސް ސުއާލެއް ނުކުރެއްވުމަށް  ދެންނެވިފައިވާކަން، މޫސާގެފާނު ހަނދުމަފުޅެއް ނެތެވެ.

އެބޭކަލަކު، މޫސާގެފާނަށް ދެންނެވިއެވެ. ތިމަންކަލޭގެފާނާއެކުގައި ކަލޭގެފާނަށް ކެތްނުކުރެއްވޭނެކަމުގައި ތިމަންކަލޭގެފާނު ދެންނެވީމެއް ނޫންތޯއެވެ؟ އެއީ ކަލޭގެފާނަށް ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. މޫސާގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނު ހަނދުމަފުޅު ނެތުނީއެވެ. އެއީ ކަމަކަށް ނުހައްދަވާށެވެ! ޢިލްމު އުނގެނުމަށް ތިމަންކަލޭގެފާނު ބޭނުންފުޅު ވެއެވެ. އެކަމަށް ދަތިކަމެއް އަދި އުނދަގުލެއް ނުޖެއްސެވުން އެދިވަޑައިގަންނަވަމެވެ.

އަނެއްކާވެސް އެބޭކަލަކާއި މޫސާގެފާނު ކުރިޔަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. ކުރިޔަށް ވަޑައިގަންވަނިކޮށް، ކުޑަ ފިރިހެންކުއްޖަކާ ދިމާވެވަޑައިގަތެވެ. އެކުއްޖާ ފެނިވަޑައިގަތުމާއެކު، އެބޭކަލަކު ވަޑައިގެން، އެކުއްޖާ ޤަތުލުކުރައްވައިފިއެވެ. މިފަހަރުވެސް، މޫސާގެފާނަށް ހިމޭނަކުން ނުހުންނެވުނެވެ. އަދި ވިދާޅުވިއެވެ. ތިޔަކުރެއްވީ ވަރަށްބޮޑު ނުބައި ކަމެކެވެ. އެއީ އެކަކުވެސް މަރާފައިނުވާ ކުޑަ ކުއްޖެކެވެ. ކުށެއްނެތް ޠާހިރު ނަފުސެކެވެ. އެފަދަ ކުއްޖަކު، ކަލޭގެފާނު ތިޔަ ޤަތުލުކުރެއްވީތޯއެވެ؟

އެބޭކަލަކު، މޫސާގެފާނަށް ދެންނެވިއެވެ. ތިމަންކަލޭގެފާނާއެކުގައި ކަލޭގެފާނަށް ކެތްނުކުރެއްވޭނެކަމުގައި ތިމަންކަލޭގެފާނު ދެންނެވީމެއް ނޫންތޯއެވެ؟ އެއީ ކަލޭގެފާނަށް ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. މޫސާގެފާނު ދެންނެވިއެވެ. މީގެފަހުން، އެއްވެސް ކަމަކާމެދު، ތިމަންކަލޭގެފާނު ސުއާލެއް ނުކުރަވާނަމެވެ. ތިމަން ކަލޭގެފާނު ސުއާލުކުރައްވައިފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދެވިޔަސް އެންމެ ރަނގަޅެވެ. އެއީ ކަލޭގެފާނާއެކު، ތިމަންކަލޭގެފާނު ނުގެންދެވުމަށް އޮތް ޢުޒުރަކަށް ހައްދަވާށެވެ!

އަނެއްކާވެސް އެދެބޭކަލުން ކުރިޔަށް ވަޑައިގެން ހިންގަވަން ފައްޓަވައިފިއެވެ. އަދި ރަށެއްގެ އަހުލުވެރިބަޔަކާ ދިމާވެވަޑައިގަތެވެ.  އެއިރު، ދެބޭކަލުންވެސް ތިއްބެވީ ބަނޑުހައިފުޅުވެ ފެންފޮދު ހިއްޕެވުމަށް ބޭނުންފުޅު ވެފައެވެ. އެހެންކަމުން، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެދިވަޑައިގަތެވެ. އެކަމަކު، އެރަށުގެ މީހުން، އެބޭކަލުންނަށް މެހެމާންދާރީ އަދާކުރުމަށް ދެކޮޅު ހެދިއެވެ. ފެންފޮދެއްހާހިސާބުވެސް ނުއެރުވިއެވެ. އެރަށަށް ވަޑައިގަތްތަނުން، ވެއްޓެންކައިރިވެފައި ހުރި ބާ ފާރެއް އެދެބޭކަލުންނަށް ފެނިވަޑައިގަތެވެ. އަދި އެބޭކަލަކު ވަޑައިގެން ވަރަށް އުނދަގުލުން އެފާރު ތެދުކުރެއްވިއެވެ. އެވަގުތު މޫސާގެފާނަށް ވިދާޅުވެވުނެވެ. ކަލޭގެފާނު ބޭނުންފުޅިއްޔާ ތިޔަކުރެއްވި މަސައްކަތްޕުޅުގެ އަގަކަށް އެރަށުމީހުންގެ ކިބައިން ކަލޭގެފާނަށް އުޖޫރައެއް ހިއްޕެވިދާނެ ނޫންތޯއެވެ؟

އެބޭކަލަކު ދެންނެވިއެވެ. މިހިސާބުން މިނިމުނީއެވެ. މިއީ ތިމަންކަލޭގެފާނާއި ކަލޭގެފާނާ ވަކިވުމުގެ ވަގުތެވެ. އެހެންނަމަވެސް، ތިމަން ދެބޭކަލުން ވަކިވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނަށް ކެތްނުކުރެއްވިގެން ތިމަންކަލޭގެފާނާ ސުއާލުކުރެއްވި ކަންކަމުގެ ތަފްސީރު، ކަލޭގެފާނަށް ދަންނަވާނަމެވެ.

އެންމެ ފުރަތަމަ ދިމާވީ ނަވާ ނޫންތޯއެވެ؟ އެނަވަކީ، ކަނޑުދަތުރުކޮށްއުޅޭ މިސްކީނު ބަޔެއްގެ ނަވެކެވެ. އެނަވުގެ ފަހަތުން، ކަނޑުފޭރޭ ބަޔަކު ފާރަލަމުން އެބައާދެއެވެ. އެއީ ސަލާމަތުން ދަތުރުކުރާ ކޮންމެ ނަވެއް ޣަޞްބުން ފޭރިގަންނަ ރަސްކަލެއްގެ މީހުންނެވެ. އެނައު ތިމަންކަލޭގެފާނު ހަލާކުކޮށްލެއްވި ސަބަބަކީ އެއީއެވެ. ތިމަންކަލޭގެފާނު އެނައު ހަލާކުކޮށްނުލެއްވިނަމަ، އެނަވާއި ނަވުގެ އަހުލުވެރިންނާއި މުދާ ފޭރިގަނެވި، އެނަވުގެ އެންމެންގެ ދިރިއުޅުން ބަރުބާދުވެގެންދާނެއެވެ.

ދެން އޮތީ، އަޅުގަނޑު ޤަތުލުކުރި ފިރިހެންކުއްޖާގެ ވާހަކައެވެ. އެފިރިހެންކުއްޖާގެ މައިންބަފައިންނަކީ ޚުލްޤު ރަނގަޅު، ހެޔޮލަފާ މުއުމިނުންގެ ތެރެއިންވާ ބަޔެކެވެ. އެހެނަސް، އެދެމަފިރިން އުރެދި ކާފަރުވާ ދަރަޖަޔަށް، އެކުއްޖާގެ ފަރާތުން އަނިޔާއާއި ވޭންލިބި، އެދެމަފިރިން ދެދުނިޔެއިން ގެއްލި ހަލާކުވެގެން ހިނގައިދާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަތީއެވެ. އަދި ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެކުއްޖާގެ ބަދަލުގައި، އެކުއްޖާއަށްވުރެ ހެޔޮލަފާ ޞާލިޙު އަދި މައިންބަފައިންނަށް އޯގާތެރި އެހެންކުއްޖަކު، އެދެމީހުންގެވެރި ރަސްކަލާނގެ ޙަޟުރަތުން އެދެމަފިރިންނަށް ދެއްވުމެވެ.

ދެން އޮތީ ފާރުގެ ވާހަކައެވެ. އެފާރަކީ އެރަށުގައި ދިރިއުޅޭ ޔަތީމު ދެކުއްޖެއްގެ މިލްކުގައިވާ ފާރެކެވެ. އެފާރުގެ ދަށުގައި އެދެކުދިންނަށް ޙައްޤުވެގެންވާ ޚަޒާނާއެއް ވަޅުލެވިފައި ވެއެވެ. އެދެކުދިންގެ ބައްޕަޔަކީ ޞާލިޙު މީހެކެވެ. ކަލޭގެފާނުގެވެރި ރަސްކަލާނގެ އިރާދަކުރެއްވީ، އެދެކުދިން ބޮޑުވެ ފުރާފުރިހަމަވަންދެން، އެފާރުގެ ދަށުގައި އެޚަޒާނާ ރައްކައުތެރިކަމާއެކު ބޭއްވެވުމަށެވެ. އަދި އެހައިރުން އެކުދިންގެ ޙައްޤު އެކުދިންނަށް މިންވަރު ކުރެއްވުމަށެވެ. އެއީ އެކަލާނގެ ޙަޟުރަތުން އެކުދިންނަށްޓަކައި ލައްވާފައިވާ ރަޙުމަތެކެވެ. އަދި ދަންނަވަންތޯއެވެ ؟ ތިމަންކަލޭގެފާނު އެކަންކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ ރައުޔަކަށްނޫނެވެ. މިދެންނެވީ، ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރައްވަން ކުޅަދާނަފުޅުނުވި ކަންކަމުގެ ތަފްސީރާއި އެކަންކަމުގެ ޙަޤީޤަތެވެ.

މިހިސާބަށް ލިޔެވިފައި އެވަނީ ކަހުފު ސޫރަތުގެ 82 ވަނައާޔަތުގެ ނިޔަލަށް މިވާހަކަ ބަޔާންކުރައްވާފައިވާ ގޮތެވެ. ކަހުފު ސޫރަތުގެ 83 ވަނަ އާޔަތުންފެށިގެން، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައިވަނީ، ޛުލްޤަރުނައިނިއާ ބެހޭގޮތުން، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، މީސްތަކުން ސުއާލު ދެންނެވުމުން އެކަލޭގެފާނު ދެއްވަންވީ ޖަވާބާބެހޭގޮތުންނެވެ. ޛުލްޤަރުނައިނިއާބެހޭގޮތުން ކީރިތި ޤުރުއާނުގެ ކަހުފުސޫރަތުގެ 83 ވަނައާޔަތުން ފެށިގެން، 98 ވަނަ އާޔަތުގެ ނިޔަލަށް ތަފްޞީލުކޮށް ދެއްވާފައި ވެއެވެ. އެހެންނަމަވެސް، ކަހުފު ސޫރަތުގެ 60 ވަނައާޔަތުންފެށިގެން، 82 ވަނައާޔަތުގެ ނިޔަލަށް، މޫސާގެފާނާއި އެކަލޭގެފާނާ ދިމާވެވަޑައިގަންނަވާ ޚާއްޞަ ބޭކަލެއްގެ ވާހަކަ ބަޔާންކުރައްވާފައިވީނަމަވެސް، މިދެންނެވި ޚާއްޞަ ބޭކަލަކީ، ޛުލްޤަރުނައިނިކަން ކަނޑައެޅިގެން ބަޔާންކުރައްވާފައެއް ނުވެއެވެ.  ޛުލްޤަރުނައިނިއަކީ ކޮންބޭކަލެއްކަމާމެދު ޢިލްމުވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކަށް، ﷲ ގެ އިރާދަފުޅާއެކު، މިލިޔުމުގެ އެހެންބައިތަކުގައި އަލިއަޅުވާލާނަމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

  1. Varah rangalhu kiyaaahivvaaa liymeh

    ޝުކުރިއްޔާ. ތިޔަ ގެނެސްދެއްވި މައުލޫމަތަށް.

    ވަރަށް ބޮޑަށް އެދެން، އަންހެނުންގެ އައުރަ އާބެހޭގޮތުން ގުރުއާނުެ ދަލީލުތަކާއެކު ލިޔުމެއް ގެނެސްދިނުމަށް. / ހާއްސަކޮށް ނަމާދުގަ.
    ނަމާދުގަ އަންހެނުން ފައިތިލަ ނިވާކުރަން ޖެހޭކަމަށް ގުރުއާނުން އަހަންނަކަށް ސާފު ދަލީލެއް ނުފެނުނު. މިކަމުގަ އެހީތެރިވެދެއްވުމަށް އާޓިކަލްއެއް ގެނެސްދެއްވުން އެދެން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.